އިސްލާމްދީނުގައި ބަލިކަށި މީހުންނާއި ބަލިކަށި ގިންތިތަކުގެ ޙައްޤުތައް (2)

(1 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޔަތީމުންނަށް ހެޔޮކޮށްހިތުމާއި އެމީހުންގެ ޙައްޤުތައް

އިޞްޠިލާޙުގައި ޔަތީމުންނެވެ ކިޔެނީ ބައްޕަގެ ހިޔާވަހިކަމުން މަޙްރޫމުވެފައިވާ ބާލިޣުނުވާ ތުއްތުކުދީންނަށެވެ. ހަމައެފަދައިން މައިންގެ ލޯބީގެ އުނގުން މަޙްރޫމުވެފައިވާ ތަޞައްރުފު ނުފުދޭ ކުޑަކުދީންނަށްވެސް ބަހަވީގޮތުން ޔަތީމުންނެވެ ކިއިދާނެއެވެ. ޔަތީމުވުމަކީ ކުޑަކުއްޖަކަށް ކުރިމަތިވެދާނެ އެންމެބޮޑު ކާރިޘާއެވެ. މައިންބަފައިން ނެތުމުން އެ ކުދީން އެވަނީ އެންމެގާތް ޙަޤީޤީ ބަލަދުވެރީންގެ އެހީތެރިކަމާއި އަޅައިލުމާއި ބެލެހެއްޓުމުން މަޙްރޫމުވެފައެވެ.

ޔަތީމުން އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވަނީ ތަޢުލީމުގެ ވަސީލަތްތައް ހޯދުމަށާއި އާމްދަނީގެ މަގުތައް ކޮށުމަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. އޭނާ ދިރިދުނިޔޭގައި ހުރުމަށްޓަކައިވެސްމެއެވެ. ޔަތީމުންނަށް ބޭނުންވަނީ ތިމާމެންގެ އަމިއްލަ ދަރީން ފަދައިން އެ ކުދީން ބަލައި ބޮޑުކުރާނެ ފަރާތެކެވެ. ތަޢުލީމާއި ތަރުބިޔަތުގެ ބުރަ އުފުލާނެ ފަރާތެކެވެ. އެ ކުދީންގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން ހޯދައިދޭނެ ފަރާތެކެވެ. މި އުނދަގޫ މަސައްކަތް ފުރިހަމަކޮށްދޭ މީހުންނަށް ވަނީ ޤިޔާމަތް ދުވަހުގައި އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އަރިހުގައިވުމުގެ އުފާވެރި ޚަބަރު ލިބިގެންނެވެ. سهل بن سعد رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.

"أَنَا وَكَافِلُ الْيَتِيمِ فِى الْجَنَّةِ هَكَذَا، وَقَالَ بِإِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى" (بخارى، كتاب الأدب،باب فضل من يعول يتيما)               

މާނައީ: "އަހުރެންނާއި، ޔަތީމުކުދީން ބަލައިބޮޑުކުރާ މީހާ ސުވަރުގެގޭގައި ވާނީ މިހައި ކައިރީގައެވެ. އިތުރު ސާހިބާ މިހެން ޙަދީޘްކުރެއްވުމަށްފަހު އެކަލޭގެފާނުގެ ޝަހާދަތްއިނގިލިފުޅަށާއި މެދުއިނގިލިފުޅަށް އިޝާރަތްކުރެއްވިއެވެ."

ޔަތީމުކުދީން ބަލައިބޮޑުކޮށް ތަރުބިޔަތުކުރުމުގައި ގާތްތިމާގެ މީހުންގެ ޙައްޤަށް ވަނީ އިސްކަން ލިބިގެންނެވެ. އެ ކުދީންގެ ގާތްތިމާގެ މީހުން އެކަން ކުރުމުން އެމީހުންނަށް ދަރުމައާއި ޘަވާބު އިތުރުވެއެވެ. ނަމަވެސް ގާތްތިމާގެ ނޫން މީހަކު އެކަން ކުރިޔަސް އެމީހަކަށްވެސް އެ ކުދީންގެ ގާތްތިމާގެ މީހުންނަށް ލިބޭވަރަށް ޘަވާބާއި ދަރުމަ ދެއްވާނެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އެފަދަ މީސްމީހުންނަށްވެސް ވަނީ ސުވަރުގޭގައި އެމާތްސާހިބާގެ އަރިހުގައި ވެވުމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. އިސްވެ ދެންނެވިފައިވާ ޙަދީޘްފުޅުގެ ރިވާޔަތް ތިރީގައި މިދަންނަވާ ޢިބާރާތުންވެސް ވަނީ ނަޤުލުވެފައެވެ.

"كَافِلُ الْيَتِيمِ لَهُ أَوْ لِغَيْرِهِ أَنَا وَهُوَ كَهَاتَيْنِ فِي الْجَنَّةِ" (مسلم، كتاب الزهد،باب فضل الاحسان الى الارملة)               

މާނައީ: "ޔަތީމުން ބަލަހައްޓާ މީހަކީ އެ ކުއްޖާގެ (ތިމާގެ) މީހެއް ކަމުގައި ވިޔަސް ނުވަތަ އެހެން މީހެއް (ތިމާގެ ނޫން މީހެއް) ކަމުގައި ވިޔަސް އެމީހަކާ އަހުރެންނާ ސުވަރުގޭގައި ވާނީ މިހައި ކައިރީގައެވެ. (މި ދެއިނގިލިހައި ކައިރީގައެވެ.)"

الإمام النووى رحمه اللّه ވިދާޅުވާ ގޮތުގައި ޔަތީމުން ބެލެހެއްޓުމުގެ މަޠުލަބަކީ އެ ކުދީންގެ އުނުފޭރާމާއި ކެއިންބުއިމާއި ތަޢުލީމާއި އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދޭނެގޮތް އިންތިޒާމުކުރުމެވެ. އެހެންކަމުން އެމީހެއްގެ ފައިސާއިން އެ ޚިދުމަތް ހަޖައްސައިދޭ މީހަކަށްވެސް، އަދި އިސްލާމީ ޝަރީޢަތުގައިވާ ހެޔޮގޮތުގެމަތީން ޔަތީމުކުއްޖެއްގެ މުދާ ހޭދަކޮށްގެން އެ ކުއްޖަކަށް އެ ޚިދުމަތް ލިބިދޭ މީހަކަށްވެސް އެ ދަރުމައާއި ޘަވާބު ޙައްޤުވާނެއެވެ. (نووى، شرح مسلم)

مالك بن الحارث رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އިރުޝާދު ދެއްވާތީ އެކަލޭގެފާނު އަޑުއައްސަވައިފައިވެއެވެ.

"مَنْ ضَمَّ يَتِيْمًا بَيْنَ أَبَوَيْنِ مُسْلِمَيْنِ إِلَى طَعَامِهِ وَشَرَابِهِ حَتَّى يَسْتَغْنَي عَنْه وَجَبَتُ لَهُ الجَنَّةَ" (مسند أحمد، 4/344) 

"މުސްލިމު ބައްޕަޔަކާއި މަންމައެއްގެ ޔަތީމުކުއްޖަކު ބޮޑުވެ އެ ކުއްޖަކު އެކަމުގެ ބޭނުން ކެނޑިއްޖައުމަށް ދާންދެން އެމީހެއްގެ ކެއިންބުއިމުގައި އެ ކުއްޖަކު ބައިވެރިކޮށްފި މީހަކަށް ސުވަރުގެ ވާޖިބުވެއްޖެއެވެ."

މިކަމާ ބެހޭގޮތުން عبد اللّه بن عباس رضى اللّه عنهما ގެ އަރިހުން އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ.

"مَنْ عَالَ ثَلَاثَةً مِنَ الْأَيْتَامِ ، كَانَ كَمَنْ قَامَ لَيْلَهُ ، وَصَامَ نَهَارَهُ ، وَغَدَا وَرَاحَ شَاهِرًا سَيْفَهُ فِي سَبِيلِ اللَّهِ ، وَكُنْتُ أَنَا وَهُوَ فِي الْجَنَّةِ أَخَوَيْنِ كَهَاتَيْنِ أُخْتَانِ"، وَأَلْصَقَ إِصْبَعَيْهِ السَّبَّابَةَ وَالْوُسْطَى" (ابن ماجه، كتاب الادب، باب حقّ اليتيم)

"ޔަތީމު ތިން ކުދީން ބަލައިބޮޑުކޮށްފި މީހާ ރޭގަނޑު އަޅުކަންކޮށް ދުވާލު ރޯދަޔަށް ހުރެ ހެނދުނާއި ހަވީރު އެމީހެއްގެ ކަނޑި ހިފައިގެން މާތް اللّه ގެ މަގުގައި ޖިހާދުކުރަމުން ގެންދިޔަ މީހަކު ފަދައެވެ. އެމީހަކާ އަހުރެންނާ ސުވަރުގޭގައި ވާނީ މި ދެއިނގިލިހައިވެސް ކައިރީގައެވެ. އިތުރު ސާހިބާ މިހެން ޙަދީޘްކުރެއްވުމަށްފަހު އެކަލޭގެފާނުގެ ޝަހާދަތްއިނގިލިފުޅާއި މެދުއިނގިލިފުޅު ކައިރިކޮށްލެއްވިއެވެ."

އަންހެނުންނާއި ޔަތީމުންނަށް އެއްވެސް ބާވަތެއްގެ އިހާނެތިކަމެއްކޮށް އަނިޔާވެރިވުން ވަނީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އަންނަނިވި ޢިބާރާތުން މަނާކުރައްވައިފައެވެ.

"اَلَّلهُمَّ إِنِّي أَحْرُجُ حَقَّ الضَّعِيفَيْنِ: الْيَتِيمِ وَالْمَرْأَةِ" (أحمد، إبن ماجه، نسائى)

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ބަލިކަށި ދެމީހުން - ޔަތީމުންނާއި އަންހެނުން - ގެ ޙައްޤަށް އަރައިގެންފި މީހަކީ ފާފަވެރި މުޖުރިމެއް ކަމުގައި ތިމަންކަލޭގެފާނު ކަނޑައަޅުއްވަމެވެ. (އެކަމުން ރައްކާތެރިވުމަށް ބާރުއަޅުއްވަމެވެ.)"

أبو هريرة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ.

"خَيْرُ بَيْتٍ فِي الْمُسْلِمِينَ بَيْتٌ فِيهِ يَتِيمٌ يُحْسَنُ إِلَيْهِ ، وَشَرُّ بَيْتٍ فِي الْمُسْلِمِينَ بَيْتٌ فِيهِ يَتِيمٌ يُسَاءُ إِلَيْهِ" (إبن ماجه، كتاب الادب)

"މުސްލިމުންގެ ގެތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑު ގެއަކީ އެ ގެއެއްގައި ޔަތީމުކުއްޖަކަށް ހެޔޮކޮށް ހިތެވެމުންދާ ގެއެކެވެ. މުސްލިމުންގެ ގެތަކުގެ ތެރެއިން އެންމެ ނުބައިކަންބޮޑު ގެއަކީ އެ ގެއެއްގައި ޔަތީމުކުއްޖަކަށް އިހާނެތިކޮށް ހިތެވެމުންދާ ގެއެކެވެ."

ޔަތީމުކުދީންނަކީ ތަޖުރިބާކުޑަ ބަޔެކެވެ. އެ ކުދީންގެ މަންފާއާއި ލާބަ އެ ކުދީންނަށް ފުރިހަމައަކަށް އިޙްސާސެއް ނުވެއެވެ. އެހެންކަމުން ނުހަނު ފަސޭހަކަމާއެކު އެ ކުދީންގެ ޙައްޤުތައް ނިގުޅައިގަނެވިދާނެއެވެ. އެ ކުދީންނަށް ގެއްލުން ދެވިދާނެއެވެ. އިސްލާމްދީން ވަނީ ވަރަށް ވަރުގަދަޔަށް އެކަން މަނާކޮށްފައެވެ. އިސްލާމްދީން އިރުޝާދުދެނީ ޔަތީމުކުދީންގެ ތެރޭގައި ހިމެނޭ މުއްސަނދި ކުދީންގެ މުދާ ޙިމާޔަތްކުރުމަށެވެ. އެ މުދާ އިތުރުކުރުމަށް މަސައްކަތްކުރުމަށެވެ. އެ މުދަލުން އެއްވެސް ބާވަތެއްގެ ހުއްދަނޫން ފައިދާއެއް ލިބިނުގަތުމަށެވެ. އެ ކުދީންގެ މުދަލުން ތަޞައްރުފުކުރާނަމަ ޝަރީޢަތުގައިވާ މަޢުރޫފު ގޮތުގެމަތީން އެކަން ކުރުމަށެވެ. އެ ކުދީންގެ މުދާ ސުންނާފަތިކުރުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރުމެވެ. ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.

وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ (الأنعام: ١٥٢)

މާނައީ: "ރަނގަޅު ގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެ ކުދީން ބޮޑުވެ تصرّف ފުދިއްޖައުމަށް ދާންދެނެވެ."

ޔަތީމުންގެ މުދާ ކާ މީހުންނަށް ވަނީ އަންނަނިވި ޢިބާރާތުން ނަރަކައިގެ ވަޢީދުގެ ޚަބަރު ދެއްވައިފައެވެ.

إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا وَسَيَصْلَوْنَ سَعِيرًا (النّساء: ١٠)    

މާނައީ: "ހަމަކަށަވަރުން، އަނިޔާވެރިކަމުގެ ގޮތުން يتيم ންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދައަނދާ ހުންނަ ނަރަކަޔަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ."

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ހަތް ފާފަޔަކަށް ވަނީ "مُوْبِقَات" ގެ ނަން (ހަލާކުކޮށްލަނިވި ފާފަތަކުގެ ނަން) ދެއްވައިފައެވެ. އޭގެތެރެއިން އެއްކަމަކީ ޔަތީމުންގެ މުދާ ކެއުމެވެ. (بخارى، كتاب الحدود، مسلم، كتاب الإيمان)

عبد اللّه بن عباس رضى اللّه عنهما ވިދާޅުވެފައިވާ ގޮތުގައި ޔަތީމުންގެ މުދާ ކެއުމުގެ ނުބައިކަން މިހާވަރުގަދަޔަށް އެންގެވުމުގެ ނަތީޖާއެއްގެ ގޮތުން މުސްލިމުން އެކަމަށް ވަރަށްބޮޑަށް ރައްކައުތެރިވިއެވެ. ޔަތީމުކުދީންގެ ބެލެނިވެރީން އެ ކުދީންގެ ކެއިންބުއިމުގެ އިންތިޒާމުވެސް ވަކިން ހަމަޖައްސަން ފެށިއެވެ. އެފަދަ އިންތިޒާމުތައް ޢާއިލާގެ އެންމެން އެކުގައި ހަމަޖައްސާނަމަ ކިތަންމެބޮޑަށް ރައްކާތެރިވެގެން އުޅުނު ކަމުގައި ވިޔަސް ޔަތީމުކުއްޖެއްގެ އެއްޗެއް ނުވަތަ އެ ކުއްޖެއްގެ މުދަލެއްގެ ކޮންމެވެސް މިންވަރެއް ބޭނުންކުރެވި ޔަތީމުންގެ މުދާ ކާ ގިންތީގައި ހިމެނިދާނެ ކަމުގެ ބިރުންނެވެ. އެކަމަށް ރައްކާތެރިވާލެއް ބޮޑުކަމުން ޔަތީމުކުދީންގެ އިރުކޮއްތުގެ ބާކީވެސް ރައްކާކޮށްފައި ބަހައްޓަން ފެށިއެވެ. އެ ކުއްޖާ އަލުން އެތަކެތި ކެއުމަށްޓަކައެވެ. އެގޮތަށް ބަހައްޓާ ތަކެތި ހަލާކުވެގެންދާއިރުވެސް ޔަތީމުކުދީންގެ ބެލެނިވެރީން އެ ކާއެއްޗެއްވެސް އެބައިމީހުންނަށް ހުއްދަ ކަމަކަށް ނުބަލައެވެ. މިގޮތުން ޔަތީމުކުދީންނާއި އެ ކުދީންގެ މުދާ ބެލެހެއްޓުން ނުލާހިކު އުނދަގޫ ކަމަކަށްވިއެވެ. އެހައިތަނުން އަންނަނިވި އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތް ބާވައިލެއްވުމުން ޔަތީމުކުދީންގެ ބެލެނިވެރީން އެބައިމީހުންނާއި އެ ކުދީންގެ އިރުކޮއްތު އެކުގައި ތައްޔާރުކުރަން އަލުން ފެށިއެވެ.

فِي الدُّنْيَا وَالْآَخِرَةِ وَيَسْأَلُونَكَ عَنِ الْيَتَامَى قُلْ إِصْلَاحٌ لَهُمْ خَيْرٌ وَإِنْ تُخَالِطُوهُمْ فَإِخْوَانُكُمْ وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ وَلَوْ شَاءَ اللَّهُ لَأَعْنَتَكُمْ إِنَّ اللَّهَ عَزِيزٌ حَكِيمٌ (البقرة: ٢٢٠)

މާނައީ: "އަދި يتيم ންނާ މެދުގައި އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ ކަންތައްތައް إصلاح ކުރުމީ ހެޔޮކަންބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުން އެއުރެންނާ ގުޅިގެން އުޅޭނަމަ އެއުރެންނީވެސް ތިޔަބައިމީހުންގެ أخ ންނެވެ. އަދި إصلاح ކުރާ މީހުންނާއި ފަސާދަކުރާ މީހުން، اللّه ދެނެވޮޑިގެންވެއެވެ. اللّه އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް ދަތިކުރައްވައިފީހެވެ. ހަމަކަށަވަރުން اللّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ."

އިސްވެދިޔަ އާޔަތުގައި ބާރުއަޅުއްވައިފައިވަނީ ޔަތީމުންގެ މުދަލާމެދު މުޢާމަލާކުރާއިރު ޔަތީމުންނަށް އެންމެރަނގަޅު، އެންމެފައިދާހުރި ގޮތް ޚިޔާރުކުރުމަށެވެ. އިސްލާމްދީނުގެ ފިޤުހުވެރީން އެކަމުގެ ތަފްޞީލު ލިޔުއްވައިފައިވާ ފަދައިން އެތައް ގޮތްތަކަކަށް އެކަން ކުރެވިދާނެއެވެ. އެއްގޮތަކީ ޔަތީމުންގެ މުދާ ކޮންމެވެސް ރަނގަޅު ވިޔަފާރިއެއްގައި އިންވެސްޓްކުރުމެވެ. އަނެއް ގޮތަކީ ލިބޭ މަންފާއިން ބައިދޭގޮތަށް ކޮންމެވެސް ތަޖުރިބާކާރު ހިންގުންތެރިޔަކާ އެ މުދާ ޙަވާލުކުރުމެވެ. ނުވަތަ ޚުދު ބެލެނިވެރިޔާ އެ މުދަލުން ވިޔަފާރިކުރުމެވެ.

ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި ޔަތީމުންގެ ބެލެނިވެރީންނާ މުޚާޠަބުކުރައްވައި އަންގަވައިފައިވަނީ އެބައިމީހުންނަކީ ޔަތީމުންގެ މުދާ ރައްކާތެރިކޮށް ބަލަހައްޓާ މީހުން ކަމުގައެވެ. ބެލެނިވެރީންގެ މަސްއޫލިއްޔަތަކީ ޔަތީމުންގެ މުދަލަށް ރައްކާތެރިވުން ކަމުގައެވެ. އެކުދީން ބޮޑެތިވެ ތަޞައްރަފު ފުދުމުން އެކުދީންގެ މުދާ އެ ކުދީންނާ ޙަވާލުކުރުމެވެ. އެ ކުދީން ބޮޑެތިވެ ތަޞައްރުފު ފުދުމުގެ ކުރިން އެ ކުދީންގެ މުދާ ކައިބޮއި ހުސްކޮށްނުލުމަށެވެ. މާތް اللّه ތަނަވަސްކަން ދެއްވައިފައިވާނަމަ، ރަނގަޅު ގޮތަކީ އަގެއް ނުވަތަ ބަދަލެއް އަތުލުމަކާ ނުލައި އެ ކުދީންނަށް ޚިދުމަތްކުރުން ކަމުގައެވެ. އަތްމަތިދަތި ނިކަމެތީން ކަމުގައިވާނަމަ، ހަމަތަކާ އެއްގޮތަށް އުޖޫރައެއް ހޯދިދާނެކަމަށާއި، ނަމަވެސް ޔަތީމުންގެ މުދާ ކައި ދުމަށްހަދައިލެވިގެން ނުވާނެކަމަށެވެ. އާދެ، ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

وَابْتَلُوا الْيَتَامَى حَتَّى إِذَا بَلَغُوا النِّكَاحَ فَإِنْ آَنَسْتُمْ مِنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ وَلَا تَأْكُلُوهَا إِسْرَافًا وَبِدَارًا أَنْ يَكْبَرُوا وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ وَمَنْ كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَالَهُمْ فَأَشْهِدُوا عَلَيْهِمْ وَكَفَى بِاللَّهِ حَسِيبًا (النّساء: ٦)

"އަދި، ތިޔަބައިމީހުން يتيم ކުދީންގެ ގޮތް ބަލާށެވެ! އެ ކުދީން ކާވެނިފުރާވަރަށް ދާންދެނެވެ. ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ! އަދި، إسراف ގެ ގޮތުންނާއި، އެކުދީން ބޮޑެތިވެދާނެތީ (ބިރުން) އަވަސްވެގަނެގެން، ތިޔަބައިމީހުން އެ މުދާ ނުކާށެވެ! މުއްސަންޖަކު ކަމުގައި ވެއްޖެމީހާ، عفّة ތެރިވާހުށިކަމެވެ! (އެބަހީ: އެ މުދަލުގައި ނުޖެހޭހުށިކަމެވެ!) އަދި، فقير އަކު ކަމުގައި ވެއްޖެ މީހާ، ހެޔޮ ރަނގަޅު ގޮތުގައި (އެ މުދަލުން) ކާހުށިކަމެވެ!"

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އަރިހުގައި މީހަކު ދެންނެވިއެވެ. އަޅުގަނޑަކީ އެއްވެސް ފަދައެއްނެތް ފަޤީރު މީހަކީމެވެ. އަޅުގަނޑުގެ އަތުގައި އެއްވެސް އެއްޗެއް ނުވެއެވެ. ޝައްކެއްނެތެވެ. ޔަތީމުކުއްޖަކު އެބަބަލަހައްޓަމެވެ. އޭނާގެ މުދަލުން އަޅުގަނޑަށް އެއްވެސް ފައިދާއެއް ލިބިގަނެވިދާނެތޯއެވެ؟ އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ.

"مِنْ مَالِ اليَتِيْمِ غَيْرَ مُسْرِفٍ وَلاَ مُبَذِّرٍ وَلاَ مَتَأَثِلٌ" (أبوداؤد، كتاب الوصايا)

"ޔަތީމުންގެ މުދަލުން ކަލެއަށް ކައިބޮއިހެދިދާނެއެވެ. ނަމަވެސް މިނަށްވުރެ ގިނައެއްކޮށެއް ނޫނެވެ. އަވަސްއަވަހަކަށް ނޫނެވެ. އެ ކުއްޖާގެ މުދާ ހުސްކޮށްލާ ގޮތަކަށްވެސް ނޫނެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.