އިނގިރޭސިންގެ ހުވަފެންތައް ފެނަށް ހަދައިލުމަށް ފަހު ކްރޮއޭޝިއާ ވޯލްޑްކަޕް 2018 ގެ ފައިނަލަށް

ވޯލްޑްކަޕް 2018 ގެ ދެވަނަ ސެމީ ފައިނަލުގައި 2 ލަނޑު 1 ލަނޑުން އިންގްލަންޑް ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ ފައިނަލަށް ހިނގައްޖެއެވެ. މިއީ ކްރޮއޭޝިއާ ވޯލްޑްކަޕް މުބާރާތެއްގެ ފައިނަލަކަށް ދިޔަ ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފު ފެށިގެން އިންގްލަންޑުން މޮޅު ކުޅުމެއް ކުޅުނެވެ. ކްރޮއޭޝިއާއަށް ފުރަތަމަ ޖެހުނީ ދިފާޢު ކުރާށެވެ. ކުރިއަށް ދެމިގަނެވޭނޭ މަގެއް ނުފެނުނެވެ. ނަތީޖާއަކީ ފުރަތަމަ ފަސް މިނިޓުގެ ތެރޭގައި އިންގްލަންޑުން ލަނޑެއް ޖެހުމެވެ. މި ލަނޑު ޖެހީ ސީދާ ހިލޭ ޖެހުމަކުން ކިއެރަން ޓްރިޕިއަރއެވެ. ދިފާޢަށް އެތުރިގެން ތިބި ކްރޮއޭޝިއާ ކުޅުންތެރިންގެ ބޯމަތިން ގޮސް ގޯލަށް ވަން ބޯޅަ ދިޔައީ ގޯލްކީޕަރަށް އަތުވާ ވަރަށްވުރެ ތަންކޮޅެއް ދުރުން ގޯލިގެ އެތެރެއަށެވެ.

އިންގްލަންޑްގެ ލަނޑަށް ފަހު ކްރޮއޭޝިއާއިން ޙަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އިންގަލަންޑް މަސައްކަތް ކުރަމުން ދިޔައީ ރަނގަޅަށް ދިފާޢު ކުރުމަށް ފަހު ލިބޭ ކައުންޓަރ އެޓޭކްގައި ކުރިއަށް ދެމިގަނެ ލަނޑެއް ޖެހޭތޯއެވެ. އިންގްލަންޑްގެ ޓީމުން ކުރިއަށް އަރައި ޙަމަލާ ދިނުމުގެ ވިސްނުމެއް ނެތުމުގެ ސަބަބުން ކްރޮއޭޝިއާ ޓީމަށް ކުރިއަށް އަރާނޭ ފުރުސްތު ލިބޭން ފެށިއެވެ. އެހެންވީމާ އެ ޓީމުންވަރަށް ރަނގަޅަށް ކުޅެން ފެށިއެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނޭ ހަނި ދެ ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔައެވެ.

ދެވަނަ ހާފު ފެށިގެން އަނެއްކާވެސް ފެނުނީ އިންގްލަންޑުން ދިފާޢު ކުރަން ފެށި ތަނެވެ. ކްރޮއޭޝިއާ ސިއްސުވާލުމުގެ ވިސްނުމެއް ނެތެވެ. އެހެންވީމާ ކްރޮއޭޝިއާ ކުޅުމުގެ ތެރެއަށް ވަދެގަތެވެ. މެޗުގެ 68 ވަނަ މިނިޓުގައި އެއްވަރު ކުރި ލަނޑު ޖެހީ ޕެރިސިޗެވެ. ގޯލް ކުރިމައްޗަށް ހުރަސްވީ ބޯޅަ އޭނާ ޖެހީ ބޮލާ ހަމަޔަށް ފައި ދަމާލައިގެން، ފައިންނެވެ. މިއީ ކުށެއް ކަމަށް ބައެއް ކޮމެންޓޭޓަރުން ބުނަމުން ދިޔައެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އެއީ ރަނގަޅުލަނޑެއް ކަމަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެފައި އޮވެގެންނެވެ.

ދެން އޮތީ ފަނަރަ މިނިޓުގެ ދެ ހާފުގެ ކުޅުމެވެ. ފަނަރަ މިނިޓުގެ ފުރަތަމަ ހާފުވެސް ނިމިގެން ދިޔައީ ހަމަ މި ނަތީޖާގައެވެ. އިންގްލަންޑުން ކުޅުނީ ދިފާޢަށެވެ. ޕެނަލްޓީއަށް ވިސްނައިގެން ކުޅުނު ކަހަލަ ގޮތަކަށެވެ. ކްރޮއޭޝިއާވެސް ހިސާބަކަށް ދިފާޢަށް ވިސްނައިގެން ކުޅުނު ނަމަވެސް ޙަމަލާތައް އުފައްދަމުން ދިޔައެވެ. ކްރޮއޭޝިއާ މޮޅުވީ ލަނޑު ޖެހީ ފަނަރަ މިނިޓުގެ ދެވަނަ ހާފުގެ ނުވަ ވަނަ މިނިޓުގައި މަންޒުކިޗެވެ. ގޯލަށް ދިން ޙަމަލާއެއް ދިފާޢު ކުރުމުން އޭރިއާއިން ބޭރަށް އައި ވަގުތު ދެ ޓީމުގެ ކުޅުންތެރިންވެސް ގޯލާ ދުރަށް އެނބުރިލިއެވެ. އެވަގުތު މަތިން އައި ބޯޅަ ކްރޮއޭޝިއާގެ ކުޅުންތެރިއަކު ބޮލުން ފުރަގަހަށް، އިންގްލަންދްގެ ގޯލް އޭރިއާ ތެރެއަށް ފޮނުވައިލިއެވެ. އެ ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ކޮށްލީއިރު މަންޒުުކިޗް ހުރީ އިންގްލަންޑްގެ ދިފާޢުގެ މެދަށް ކުޅޭ ދެކުޅުންތެރިންގެ މެދުގައެވެ. ބޯޅަ އަންނަތަން ފެނިގެން އޭނާ އެނބުރިލީ ވަގުތު އިންގްލަންޑުގެ ދެކުޅުންތެރިންނަކަށް އެނބުރިއެއް  ނުލެވުނެވެ. އެ ދެމީހުންނަށް ލަސްވީ ފަޅި ސިކުންތެކެވެ. މަންޒުކިޗް ބޮލުން ގޯލުގެ ތެރެއަށް ބޯލަ ފޮނުވައިލިއެވެ.

މެޗު ނިމުނީ އިންގްލަންޑްގެ 52 އަހަރުވީ ހުވަފެން ފެނަށް ދުއްވައިލާފައެވެ.

ފައިންލުގައި ކްރޮއޭޝިއާ އަންނަ އާދީއްތަ ދުވަހުގެރޭ 8 ޖަހާއިރު އޮންނަ މެޗުގައި ބައްދަލުކުރާނީ ފްރާންސާއެވެ.

އިންގްލަން ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ ހަތެއް ޖަހާއިރު އޮންނަ މެޗުގައި ބެލްޖިއަމާއެވެ. އެއީ މުބާރާތުގެ ތިންވަނަ ހޮވާ މެޗެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.