އާޖެންޓީނާ ނުގެނބި ސަލާމަތް ވެއްޖެ - ނައިޖީރިއާ ކަރުނައިގައި

86 ވަނަ މިނިޓުގައި މާކޯސް ރޯހޯ ޖެހި ލަނޑާއެކު އާޖެންޓީނާ ވޯލްޑްކަޕް 2018 ގެ ފުރަތަމަ ބުރުން ނުކަޓައި ސަލާމަތް ވެއްޖެއެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީއާޖެންޓީނާއެވެ. މިރޭ ފެނުނީ މެސީވެސް އާ ރޫޙެއްގައި ކުޅުނު ތަނެވެ. ފުރަތަމަ ދެ މެޗާ ޚިލާފަށް ވަރަށް ރަނގަޅަށް ކުޅުނެވެ. އޭނާ ހިފެހެއްޓޭތޯ ނައިޖީރިއާގެ ހަތަރު ކުލުންތެރިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. މެޗުގެ 14 ވަނަ މިނިޓުގައި މެސީ ލަނޑެއް ޖަހައި ކުރި ހޯދިއެވެ.

ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 0 ލަނޑުން އާޖެންޓީނާ މޮޅުވެފައި އޮވެގެންނެވެ. މެސީގެ ލަނޑަށް ފަހު ނައިޖީރިއާ ތަންކޮޅެއް ރަނގަޅަށް ކުޅެން ފެށިއެވެ.

ފުރަތަމަ ހާފު ނިމުނުއިރު ގުރޫޕް ޑީގެ އަނެއް މެޗު އޮތީ 1 ލަނޑު 1 ލަނޑުން އެއްވަރު ވެފައެވެ. އެހެންވީމާ އާޖެންޓީނާ ކެޓުމުގެ ބިރު އޮތެވެ.

ދެވަނަ ހާފު ފެށިގެން އާޖެންޓީނާ މަސައްކަތް ކުރަމުން ދިޔައީ ލަނޑެއް ޖަހާށެވެ. މެޗުގެ ކުޅުމަކީ އާޖެންޓީނާގެ ފެންވަރު ނޫން ކަމުގައި ވިޔަސް ހަމަލާތައް ފުލުފުލުގައި ދެމުން ގެންދިޔައެވެ. އަނެއްކޮޅުން ނައިޖީރިއާވެސް ކައުންޓަރ އެޓޭކްގައި ހަމަލާ ދެމުން ދިޔައެވެ.

ނައިޖީރިއާ ލަނޑު ޖެހީ ދެވަނަ ހާފުފެށުނުތާ އެންމެ ފަސް މިނިޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. ލަނޑު ޖެހީ ވިކްޓަރ މޯސަސް އެވެ.

މި ލަނޑަށް ފަހު  އާޖެންޓީނާގެ ކުޅުން ކުރިއަށްވުރެ ވަރުގަދަ ވެގެން ދިޔައެވެ. ނައިޖީރިއާ މަސައްކަތް ކުރީ ހަމަ ކުރިއެކޭ އެއްގޮތަށް ދިފާޢު ކޮށްފައި ކައުންޓަރ އެޓޭކުގައި ލަނޑެއް ޖެހޭތޯއެވެ.

އާޖެންޓީނާ މޮޅުވީ ލަނޑު ޖެހީ 86 ވަނަ މިނިޓުގައި މާކޯސް ރޯހޯއެވެ. މެޗުގެ ފައިނަލް ނަތީޖާއަކީ 2 ލަނޑު 1 ލަނޑުން އާޖެންޓީނާ މޮޅު ވުމެވެ.

މި މެޗުގައި ނައިޖީރިއާ ޕެންލްޓީއަކަށް އެޕީލް ކުރިއެވެ. އެކަމަކު ރީޕްލޭ ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

އާޖެންޓީނާ ދެވަނަ ބުރަށް ދިޔައީ އައިސްލޭންޑް މޮޅު ނުވީމައެވެ. އައިސްލޭންޑް ކްރޮއޭޝިއާ މެޗު ނިމުނީ 2 ލަނޑު 1 ލަނޑުން ކްރޮއޭޝިއާ މޮޅު ވެގެންނެވެ.

ގްރޫޕް ސީގައި ރޭ ދެ މެޗު ކުޅުނެވެ.  އޮސްޓްރޭލިއާ ޕެރޫ މެޗު ނިމުނީ 2 ލަނޑު 0 ލަނޑުން ޕެރޫ މޮޅު ވެގެންނެވެ. ފްރާންސް ޑެންމާކް މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ. ވުމާއެކު އެ ގްރޫޕުން ދެވަނަ ބުރަށް ދިޔައީ ފްރާންސާއި ޑެންމާކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.