ފުޓްބޯޅައަށް ލޯބިކުރާ އެތައް މިލިއަން މުސްލިމުން، ވޯލްޑް ކަޕް ފެށުމުގެ ކުރިން އެމީހުންގެ ބަޠަލެއްގެ ގޮތުގައި ބަލައިގެންފައި ވަނީ މިސްރު ޓީމުގެ ކުރިއަށް ކުޅޭ މުޙައްމަދު ޞަލާޙެވެ. އިންގްލިޝް ޕްރިމިއަރ ލީގުގައި ޞަލާޙު ދެއްކި މޮޅު ކުޅުމާއި ޖެހި ގިނަ ގޯލާއި ހޯދި ރަން ބޫޓުގެ ސަބަބުން ތަރިއެއްގެ ގޮތުގައި އޭނާ ދަނީ މެދުއުޑުގައި ފިޔަޖަހަމުންނެވެ. އަދި މެސީއާއި ރޮނާލްޑޯގެ ވިދުން ފަނޑުވެ ޞަލާޙުގެ ވިދުވަރު ގަދަވެގެންދާނޭކަމަށް ގަބޫލު ކުރެވުނެވެ.
ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރިއަލް މެޑްރިޑާއި ލިވަޕޫލް ބައްދަލު ކުރިމެޗުގައި ރިއަލް މެޑުރިޑްގެ ސާޖިއޯ ރާމޯސް ގަސްދުގައި ޞަލާޙަށް ދިން ވަރުގަދަ "ހަމަލާ"އަކާ ގުޅިގެން ޞަލާޙަށް ޖެހުނީ ކުޅުން ކުރިއަށް ގެންދެވޭވަރު ނުވެގެން ކަރުނަ އަޅަމުން ދަނޑުން ފައިބާށެވެ. ޞަލާޙަށް ހަމަލާދިން ރާމޯސްއަކީ ފުޓްބޯޅައިގެ ތާރީޚަށް ބަލާއިރު އެންމެ ގިނައިން އެންމެ ބޮތި ކުށް ކޮށްފައިވާ ކުޅުންތެރިޔާއެވެ.
ޗެމްޕިއަންސް ލީގު ފައިނަލް މެޗަށްފަހު ޞަލާޙަށް ދަނީ ފަރުވާކުރަމުންނެވެ.
"މިރޭގެ މެޗުގައި ޞަލާޙު ކުޅޭނެ." މިސްރު ޓީމުގެ ކޯޗު ހެކްޓަ ކޫޕާ ބުންޏެވެ. "ޞަލާޙުއަކީ މިހާރު ހަމައެކަނި މިސްރުގެ ކުޅުންތެރިއެއް ނޫން. އޭނާއަކީ ފުޓްބޯޅައަށް ލޯބިކުރާ އެތައް ގައުމެއްގެ އެތައް މިލިއަން މީހުންގެ ތައުރީފާއި ލޯބި ހޯދާފައިވާ ކުޅުންތެރިއެއް. އޭނާގެ ކުޅުން ދުނިޔެއަށް ދައްކަން އެބަޖެހޭ."
މިސްރު ޓީމު 28 އަހަރަށް ފަހު ވޯލްޑް ކަޕްގެ މެޗެއް ކުޅެން މިދިޔަ ހަފުތާގައި ދަނޑަށް ނިކުތް ވަގުތު އެތައް މިލިއަން ބަޔަކަށް މާޔޫސްކަން ލިބިގެންދިޔައީ ޓީމުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަދި މިވަގުތު ދުނިޔޭގައި ތިިބި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު ޞަލާޙު ފުރަތަމަ 11 ގައި ހިމެނިގެން ދަނޑަށް ނުނިކުތުމުންނެވެ.
ކޯޗު ހެކްޓަ ކޫޕާ އެ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޞަލާޙުގެ އުފަން ދުވަހުގައި ކުޅޭ މެޗަށް އޭނާ ނިކުންނާނޭކަމަށެވެ. އެކަމަކު ޞަލާޙު ދަނޑަކަށް ނުނިކުމެއެވެ. އޭނާ އިނީ ބަދަލުކުޅުންގެތެރޭގައި ބެންޗުގައެވެ. އެކަމާ ގުޅިގެން ކޯޗަށް ވަރަށް ގިނަ ފާޑުކިއުންތަކާ ކުރިމަތިލާންޖެހުނެވެ.
އެމެޗު ފެށިގެން ކުރިއަށް ދިޔަވަރަކަށް ޞަލާޙު ނެތުމުގެ އުނިކަން މިސްރަށް ކުރަމުންދިޔައެވެ. ދުނިޔޭގެ އެންމެ ހުނަރުވެރި ފޯވަޑުންގެ ތެރޭގައި ހިމެނޭ ލުއިސް ސުއަރޭޒާއި އެޑިސަން ކަވާނީގެ ހަމަލާތައް މަތަކުރަމުން ދިޔައީ މިސްރުގެ ޒުވާން އަދި އިސްކޮޅުން ދިގު ކީޕަރ މުޙައްމަދު އައްޝާނަވީއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނިޓަކަށް ވެފައި ވަނިކޮށް މިސްރުގެ ދުވަސް ދުއްވާލީ ޔުރުގުއޭގެ ދިފާއީ ކުޅުންތެރިޔާ ހޯސޭ ގިމެނޭޒް ބޮލުންޖެހި ލަނޑުންނެވެ. ހިލޭޖެހުމަކުން ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލުތެރެއަށް ވަދެގެންދިޔައިރު މުޅިމެޗުގައި މޮޅު ކުޅުމެއްދައްކައި ބެލުންތެރިންގެ ތައުރީފު ހޯދި ކީޕަރަށް ހުރެވުނީ ހަރަކާތެއް ވެސް ކުރަން ނޭނގިފައެވެ.
އެ ލަނޑަށް ފަހު ވެސް ޞަލާޙު ނެތުމުގެ އުނިކަން މިސްރު ޓީމުން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.
ވޯލްޑް ކަޕްގެ އެއްވެސް މެޗަކުން މޮޅުވެފައި ނުވާ މިސްރު ޓީމަށް ޔަގީންކަމާއެކު ދެވަނަ ބުރަށް ދެވޭނީ ގްރޫޕުގައި މިރޭ ރަޝިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ސައުދީ އަރަބިޔާ ބަލިކޮށްގެންނެވެ.
އެތައް މިލިއަން މުސްލިމުންގެ ބަޠަލަކަށް ވެފައިވާ މިސްރުގެ މުޙައްމަދު ޞަލާހަކީ މިސްރަށް ވޯލްޑް ކަޕުން ޖާގައެއް ހޯދައި ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.
މުބާރާތް ބާއްވާ ގައުމުގެ ބެލުންތެރިންގެ ތަރުހީބާއެކު ކުޅޭ ރަޝިޔާގެ އިސްކޮޅުން ދިގު ވަރުގަދަ ކުޅުންތެރިން ބަލިކުރެވޭނީ މިސްރުން އާދަޔާ ޚިލާފު ކުޅުމެއް ކުޅެގެންނެވެ.
މެޗު ފަށާނީ މިރޭ 11 ޖަހާއިރެވެ.