ވޯލްޑްކަޕް 2018 ގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ނޮކްއައުޓް މެޗުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލި ކުރުމަށް ފަހު ރަޝިއާ ކުއާޓަރ ފައިނަލަށް ހިނގައްޖެއެވެ. މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަތީޖާއެކެވެ.
މެޗު ފެށީއްސުރެ ރަޝިއާ ގެންދިޔައީ ދިފާޢު ކުރަމުންނެވެ. ރަޝިއާއިން ކުޅުނީ ޕެނަލްޓީއަށް ކަން ރީތިކޮށް އެނގެއެވެ. އެކަމަކު ހައިރާންވާން ޖެހުނު ކަމަކީ ސްޕެއިންއަށް ރަނގަޅަށް ނުކުޅެވުނު ކަމެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ސްޕެއިންއެވެ. އެކަމަކު ބަޔަކު ގަޔާވާ ކަހަލަ ރީތި ކުޅުމެއް ނުކުޅެވުނެވެ. ސަބަބަކަށްވީ ރަޝިއާއިން އެމީހުންނަށް ކުޅުމުގެ ތެރެއަށް ވަދެގެން ކުޅުނަ ނުދިނުމުގައި ކާމިޔާބީ ހޯދުމެވެ.
މެޗުގެ ފުރަތަމަ ލަނޑަކީ ބައިކޮޅަށް ޖެހި ލަނޑެކެވެ. އެއީ 11 ވަނަ މިނިޓްގައި ރަޝިއާގެ އިގްނާސެވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރަޝިއާގެ ދިފާޢީ ސަފުން އެޅުނު ޅައެއްޗެކެވެ.
ރަޝިއާގެ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ލަނޑު ޖެހީ 40 ވަނަ މިނިޓުގައި ޒޫބާއެވެ.
މެޗުގައި މުޅިންވެސް ކުޅުނީ ސްޕެއިންއެވެ. ރަޝިއާއިން މަސައްކަތް ކުރަމުން ދިޔައީ މުޅި ޓީމު ތިރިއަށް ފައިބައި ދިފާޢޫ ކުރުމަށް ފަހު ލިބޭ ބޯޅައިން ކައުންޓަރ އެޓޭކެއްގައި ލަނޑެއް ޖެހޭތޯ ބަލާށެވެ. އެހެން ނުވެއްޖެ ނަމަ ޕެންލްޓީ ޖެހުމާ ހަމައަށް މެޗު ގެންދާށެވެ.
މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރު ވެގެންނެވެ. ޕެނަލްޓީ ޖަހައިގެން މެޗުުން މޮޅުވީ ކަމަށް ނިމުނީ ރަޝިއާއެވެ. އެއީ 4 ލަނޑު 3 ލަނޑުންނެވެ.
މިއީ މިހާރުގެ ރަޝިއާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތުގައި އަދި މި ނޫނީ ޕެނަލްޓީ ޖަހައިގެން މެޗުގެ ނަތީޖާ ނެރެފައެއް ނެތެވެ. ރަޝިއާގެ ގޯލްކީޕަރު ވަނީ 2 ޕެނަލްޓީ މަތަކޮށްފައެވެ.