ވޯލްޑްކަޕް ހުޅުވާ މެޗު މިރޭ އަށެއްޖަހާއިރު

ދުނިޔޭގެ އެންމެ މަގުބޫލު ފުޓުބޯޅަ މުބާރާތް ކަމަށްވާ ވޯލްކަޕްގެ ފުރަތަމަ މެޗު މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު ކުޅޭނެއެވެ. މިމެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝީއާއާއި، ސައުދީއަރަބިއްޔާއެވެ. މިރޭގެ މެޗު ކުޅޭނީ ރަޝިއާގެ ގައުމީ ސްޓޭޑިއަމް ކަމަށްވާ ލުޒްނިކީ ސްޓޭޑިއަމްގައެވެ. 

މި މެޗު ފެށުމުގެ 30 މިނިޓް ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުގެ ލަވަކިއުންތެރިއާ، ދުނިޔެއަށް މަޝްހޫރު ރޮބީ ވިލިއަމްސް ލަވަކިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ރަސްމިއްޔާތުގެ ތެރެއިން ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯވެސް ފެނިގެންދާނެއެވެ.

ހުކުރު ދުވަހު މުބާރާތުގެ ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ކުޅޭނީ އުރުގުއޭ އާއި މިޞްރެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު ފަހެއް ޖަހާއިރުއެވެ. ދެވަނަ މެޗު އޮންނާނީ ރޭގަނޑު އަށެއް ޖަހާއިރުއެވެ. ބައްދަލު ކުރާނީ މޮރޮކޯއާއި އީރާނެވެ. ތިންވަނަ މެޗު ކުޅޭނީ ރޭގަނޑު އެގާރަ ޖަހާއިރުއެވެ. އެއީ ސްޕެއިންއާއި ޕޯޗުގަލް ބައްދަލުކުރާ މެޗެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.