ރޮނާލްޑޯގެ ހެޓްޓްރިކާއެކު ސްޕެއިން، ޕޯޗުގަލް މެޗު އެއްވަރު ވެގެން ނިމިއްޖެ

ވޯލްޑްކަޕް 2018 ގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ސްޕެއިންއާއި ޕޯޗުގަލް 3 ލަނޑު 3 ލަނޑުން އެއްވަރު ވެގެން ނިމިއްޖެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ މެޗުގެ ތިންވަނަ މިނިޓުގައެވެ. ޕޯޗުގަލްއަށް ޕެނަލްޓީ ލިބުނީ ރޮނާލްޑޯ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަން ވަގުތު ސްޕެއިންގެ ނެޗޯ ފެނާންޑެސް އޭނާ ވައްޓާލުމާ ގުޅިގެންނެވެ.

ސްޕެއިން އެއްވަރު ކުރި ލަނޑު ޖެހީ 25 ވަނަ މިނިޓުގައި ޑިއޭގޯ ކޮސްޓާއެވެ. މިއީ ވަރަށް ވަރަށް ރީތި ލަނޑެކެވެ. އޭގެ ފަހުން މޮޅަށް ކުޅެމުން ދިޔައީ ސްޕެއިންއެވެ. ދޭތެރެ ދޭތެރެއިން ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވަމުން ގެންދިޔައެވެ.

ޕޯޗުގަލްގެ ދެވަނަ ލަނޑު ޖެހީ އަނެއްކާވެސް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑު ވަނީ ސްޕެއިންގެ ގޯލްކީޕަރުގެ ފަރުވާ ކުޑަ ކަމުންނެވެ. ބާރަށް ދިޔަ ބޯޅައެއް ހިފަން އުޅުމުގެ ސަބަބުން އަތުގައި ޖެހިފައި ގޮސް ގޯލަށް ވަނީއެވެ. ގޯލްކީޕަރުގެ ފަރުވާ ކުޑަކަމުން ވަން ނަމަވެސް މި ލަނޑުންވެސް ރޮނާލްޑޯގެ ހުނަރު ވަރަށް ރީތިކޮށް ފެނިގެން ދިޔައެވެ.

ސްޕެއިން އެއްވަރު ކުރީ އަނެއްކާވެސް ކޮސްޓާ ޖެހި ލަނޑަކުންނެވެ. މިއީވެސް ވަރަށް ރީތި ކުރު ޕާސްތަކަކާއެކު ރޭވބިގެން ދިން ހަމަލާއެއްގައި ކޮސްޓާ ޖެހި ލަނޑެކެވެ. މި ލަނޑަށް ފަހުވެސް ސްޕެއިންގެ ކުޅުން ވަރުގަދަ ވެގެން ދިޔައެވެ. ސްޕެއިން އަށް ކުރި ލިބުނު ލަނޑު ޖެހީ ޕެނަލްޓީ ލިބުމުގެ ސަބަބަކަށް ވެގެން ދިޔަ ފެނާންޑިސް އެވެ. އޭރިއާގެ ބޭރުން އޭނާ ވަރަށް ރީތިކޮށް ފޮނުވައިލީ ބޯޅައެއް ގޯލުގެ އެއް ދަނޑީގެ އެތެރެ ފަރާތުގައި ޖެހިފައި ގޮސް ގޯލަށް ވަނީއެވެ. މި ލަނޑަށް ފަހު ކުޑަ އިރުކޮޅަކަށް ޕޯޗުގަލް ޓީމުގެ ރުޅި ގަދަވާ ގޮތްވިއެވެ.

ސްޕެއިން ޓީމުން އިނިއެސްޓާއާއި ކޮސްޓާ ބޭލި ފަހުން ޕޯޗުގަލްގެ ހަމަލާތައް ވަރުގަދަ ވެގެން ދިޔައެވެ.

ޕޯޗުގަލް އެއްވަރު ކުރި ލަނޑަކީ މި މެޗުގައި ޖެހި އެންމެ ރީތި ލަނޑެވެ. ރޮނާލްޑޯ ހިލޭ ޖެހުމަކުން ޖެހި ލަނޑެކެވެ. ގޯލްކީޕަރަށްވެސް ހެދޭނޭ އެއްވެސް ގޮތެއް ނެތެވެ. ސްޕެއިންގެ ކުޅުންތެރިންގެ ފާރުގެ އެއް ފަރާތުން މަތިން ގޮސް ގޯލުގެ މަތީ ކަނަށް ބޯޅަ ވަނީއެވެ. މިއީ ރޮނާލްޑޯގެ ބައިނަލްއަގުވާނީ 51 ވަނަ ހެޓްޓްރިކެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގެ އެއް ވަނައިގައި އޮންނާނީ 3 ޕޮއިންޓާއެކު އީރާނެވެ.

ވޯލްޑްކަޕްގައި މާދަމާ ހަތަރު މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗު އޮންނާނީ މާލޭ ގަޑިން މެންދުރުން އަނބުރައި ތިނެއް ޖަހާއިރުއެވެ. ބައްދަލު ކުރާނީ ފްރާންސާއި އޮސްޓްރޭލިއާއެވެ. ދެވަން މެޗުގައި އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލު ކުރާނީ އާޖެންޓީނާއާއި އައިސްލޭންޑެވެ. ތިން ވަނަ މެޗުގައި ބައްދަލު ކުރާނީ ޕެރޫއާއި ޑެންމާކެވެ. މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރުއެވެ. ހަތަރުވަނަ މެޗުގައި ރޭގަނޑު 12 ޖަހާއިރު ބައްދަލު ކުރާނީ ކްރޮއޭޝިއާއާއި ނައިޖީރިއާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.