އިދިކޮޅު ކެންޑިޑޭޓުގެ ބަދަލުވީ ނަންކަމަށާއި އިބުރާހީމް މުހައްދު ސާލިހު (އިބޫ) ވެސް ގެންގުޅުއްވާނީ ރައީސް ނަޝީދުގެ އޫސޫލުތައް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރެއްވި ކަމަކީ ރައީސް ނަޝީދުގެ ނަން އިބޫގެ ނަމަށް ބަދަލު ކުރެއްވުން ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ވެސް އިބޫ ވިދާޅުވެފައިވަނީ ދޮޅު އަހަރުގެ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށެވެ. އެހެންނަމަވެސް ވެރިއަކު އިންތިޚާބު ކުރަނީ ފަސް އަހަރަށް ކަމަށާއި އިރުއިރުކޮޅާ ސަރުކާރު ބަދަލު ކުރަން ނޫން ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވިޔަސް އިބޫ ވިދާޅުވެފައިވަނީ އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ބަދަލުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ކަނޑައެޅީ އއ. އުކުޅަހުގައި އިއްޔެ ބޭއްވި އެޕާޓީގެ ކޮންގްރެސްއިންނެވެ. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވޭނެކަން އެނގިވަޑައިގެން އެމަނިކުފާނު އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވުމުންނެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ކޮންމެ މީހަކު އިންތިޚާބަށް ނުކުތަސް އެބޭފުޅެއްގެ މައްޗަށް ރައީސް ނަޝީދު ބާރު ހިންގާނެ ކަމަށެވެ.
"މިއިންތިޚާބުގައި އަޅުގަނޑުމެން ޖެހިލުންވާވަރުގެ ކެންޑިޑޭޓަކު ވާދައެއް ނުކުރައްވާނެ. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން މިތިބީ ރައްޔިތުންނާއެކުގައި މިމަސައްކަތް ނުކުމެ. އިދިކޮޅު ކެންޑިޑޭޓުގެ ނަން ބަދަލުވީ ކަންބަދަލެއްނުވޭ. ފުރަތަމަ އެއޮތީ ވިދާޅުވެފައި ދޮޅުއަހަރުގެ ސަރުކާރެކޭ އެކުލަވާލާނީ. މިއީ ދޮޅުއަހަރުން ދެ އަހަރުން ފަސްމަހުން ހަ މަހުން ސަރުކާރު ހަދާކަށް ނޫން ރައްޔިތުން ބޭނުންވަނީއެއް. ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށްދާން އިނގޭތޯ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އިބޫއަށް ވެސް އިތުބާރު ނުކުރައްވާ ކަމަށެވެ. އިބޫއަށް ވެރިކަމަށް ވަޑައިގަނެވިއްޖެނަމަ ފުރަތަމަ ކުރައްވަން ޖެހޭ ކަމަކީ ރައީސް ނަޝީދު މިނިވަން ކުރެއްވުމަށްފަހު އިންތިޚާބެއް ބާއްވައި ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަންނަވާނެ ގޮތަކަށް ކަންކަން ފަހި ކުރެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.