ޕީއެންސީގެ ވަގުތީ ރައީސާއި ނާއިބު ރައީސުން އިންތިޚާބުކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ވަގުތީ ރައީސާއި ނާއިބު ރައީސުން އިންތިޚާބުކޮށްފިއެވެ. އެބޭފުޅުން އިންތިޚާބުކޮށްފައިވަނީ އެޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި މިހާރު ހިނގަމުންދާ ޚާއްސަ ޖަލްސާގައި 357 މެމްބަރުންގެ ތާއީދާ އެކުގައެވެ.

ޕީއެންސީގެ ވަގުތީ ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ނާއިބު ރައީސުންނަށް އިންތިޚާބު ކޮށްފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. މިޖަލްސާގައިވަނީ ޕާޓީގެ ވަގުތީ އިންގާ ކޮމިޓީ ވެސް އެކުލަވާ ލައްވައިފައެވެ.

މީގެ އިތުރަށް މިރޭވަނީ ޕީއެންސީގެ ޢަސާސީ ޤަވާއިދު ވެސް ފާސްކޮށްފައެވެ. އެ ޤަވާޢިދު ފާސްކޮށްފައިވަނީ 357 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އޭގެ އިތުރަށް ޕާޓީގެ ނަމާއި ދިދައާއި، ކުލަވެސް ވަނީ ފާސްކޮށްފައެވެ. ޕާޓީނަމަކީ ޕީއެންސީ ކަމަށް ފާސްކޮށްފައިވަނީ 357 ވޯޓުންނެވެ. ޕާޓީގެ ކުލައަކީ ވިލު ނޫކަލަ ކަމަށް ފާސް ކޮށްފައިވަނީ 355 ވޯޓުންނެވެ. ދިދަ ފާސްކޮށްފައިވަނީ 357 މެމްބަރުންގެ ތާއީދާ އެކުގައެވެ.

މި ޖަލްސާގައި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީނާއި އެޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.