އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ގައުމީ މަޖިލީހަށް

އެއްވެސް ހާލަތެއް މެދުވެރިވެގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚަބުގައި ވާދަނުކުރެވޭ ގޮތްވެއްޖެނަމަ އަލުން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ގައުމީމަޖިލީހާއި ކޮންގްރެސްއަށް ލިބިދޭ ގޮތަށް އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

އެގޮތަށް އެ ޕާޓީން ނިންމީ އއ. އުކުޅަހުގައި މިހާރު ހިނގަމުންދާ ކޮންގްރެސް އަށް ހުށަހަޅައިގެން ފާސްކޮށްގެންނެވެ. އެގޮތަށް ނިންމެވި އިސްލާހު ކޮންގްރެސްއަށް ހުށަހެޅުއްވީ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒެވެ.

މި އިސްލާހު މިގޮތަށް ފާސްކުރެއްވި އިރުވެސް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވަނީ ޕްރައިމަރީއެއް ބާއްވައިގެން ހޮވައިފައެވެ. ރިޔާސީ ކެންޑިޑޭޓް ހޮވައިފައިވަނިކޮށް އެ ބޭފުޅަކު އިންތިޚާބުގައި ބައިވެރިނުވާން ނިންމެވުމުން ނުވަތަ ބައިވެރި ނުވެވޭ ހާލަތެއް މެދުވެރި ވެއްޖެނަމަ ދެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ ކޮންގްރެސްއިން ކަމަށާއި، ކޮންގްރެސް ބާއްވާނެ ވަގިތު ނެތް ކަމަށްވަނަމަ ނުވަތަ ބޭއްވޭ ގޮތެއްނުވެއްޖެނަމަ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ގައުމީ މަޖިލިހަށް މިއިސްލާހުން ވަނީ ލިބިދީފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިގެން ރިޔާސީ ކެންޑިޑޭޓަކަށް ހޮވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ޖަލުހުކުމެއް އޮތުމުން އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ތަކުރާރުކޮށް އިލެކްޝަންސް ކމިޝަނާއި ސަރުކާރުން ވިދާޅުވާން ފެއްޓެވުމުން އެމަނިކުފާނު ވަނީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފައެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ 679 މަންދޫބުންގެ ވޯޓުންނެވެ. އެއާ ދެކޮޅަށް 144 މަންދޫބުން ވަނީ ވޯޓު ދީފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.