މިހާރުގެ ކޯލިޝަނުން ވެސް ޖޭޕީއަށް ލިބެންޖެހޭ ހައްގު ނުލިބޭ: ގާސިމް އިބްރާހިމް

މިހާރުގެ ކޯލިޝަނުން ވެސް ޖޭޕީއަށް ލިބެންޖެހޭ ހައްގު ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވެރިކަން ހިންގަމުންދަނީ ކޯލިޝަން އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގައިވާ 90 ޕަސަންޓް ކަންކަން މި ސަރުކާރުން ފުއްދާފައި ނުވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ސިޔާސީ ވަޒީފާތަކުގެ 90 ޕަސަންޓު ދީފައިވަނީ އެމްޑީޕީއަށް އެކަނި ކަމަށެވެ.

އަންނައަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރެއްވުމާއި ގުޅޭގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް ޔާމީނަށް އެމަނިކުފާނު (ގާސިމް އިބްރާހިމް) ތާއީދު ނުކުރައްވާނެ ކަމަށާއި ޕާޓީގެ ބޭފުޅުން ކުރަންޏާ ކުރަންވީ ކަމަށެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަންނަ އަހަރަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމާ މެދު ވަކިގޮތެއް އަދިނުނިންމާ ކަމަށާއި ކޯލިޝަނަކާ ގުޅޭގޮތުން ވެސް މަޝްވަރާ ނުކުރާ ކަމަށެވެ.

އެހެންނަމަވެސް ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު، ޕީޕީއެމާއެކު، ޖޭޕީން ކޯލިޝަން ހެދިނަމަވެސް ވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވަނީސް ކޯލިޝަން ވަނީ ރޫޅިފައެވެ.

އޭގެ ފަހުން ގާސިމް މަސައްކަތްކުރެއްވީ މިހާރުގެ ކޯލިޝަނާއެކުގައެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ޔާމީންގެ ސަރުކާރުގައި ގާސިމް ވަނީ ޖަލަށް ވެސް ލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.