ވޯލްޑްކަޕް 2018 ގައި ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ މެޗު ނިމުނީ ޑެންމާކާއި އޮސްޓްރޭލިއާ 1 ލަނޑު 1 ލަނޑުން އެއްވަރު ވެގެންނެވެ.
ފުރަތަމަ ހާފުގެ ކުރީ ކޮޅު ޑެންމާކް ވަރަށް ރަނގަޅަށް ކުޅުނެވެ. އެކަމަކު އޭގެ ފަހުން މެޗު ކޮންޓްރޯލް ކުރަމުން ގެންދިޔައީ އޮސްޓްރޭލިއާއިންނެވެ. ފުރަތަމަ ހާފަށް ވުރެ ފަހު ހާފުގައި އޮސްޓްރޭލިއާގެ ކުޅުން މާ ބޮޑަށްވެސް ރަނގަޅެވެ.
މެޗުގެ 7 ވަނަ މިނިޓުގައި ޑެންމާކުން ލަނޑު ޖެހީ ކްރިސްޓިއަން އެރިކްސަން އެވެ.
އޮސްޓްރޭލިއާގެ ލަނޑު ޖެހީ 37 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ލަނޑަށް ފަހު އޮސްޓްރޭލިއާގެ ކުޅުން ތަންކޮޅެއް ރަނގަޅުވިއެވެ. އެކަމަކު 41 ވަނަ މިނިޓުގައި އަނެއްކާވެސް ލަނޑެއް ޖަހާނޭ ފުރުސަތު ޑެންމާކަށް ލިބުނެވެ. އެއީ ތިރިތިރިން އެރިކްސަން ޖެހި ހިލޭ ޖެހުމަކުންނެވެ. އެކަމަކު ހަމަލާ ބޭކާރު ވެގެން ދިޔައީއެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ޑެންމާކަށް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔައެވެ. އެޔަށް ފަހު އަނެއްކާވެސް އޮސްޓްރޭލިއާ ހިންދެމިލިއެވެ. ކުޅުން ތަންކޮޅެއް ހަލުވި ކޮށްލިއެވެ. ޑެމްނާކްގެ މެދުތެރެ ތަންކޮޅެއް ބަލިކަށި ވެގެން ދިއުމާއެކު އެކަމުގެ ފައިދާ ނަގަން ފެށިއެވެ. އޮސްޓްރޭލިއާގެ ހާފަށް ވަންނަ ބައެއް ބޯޅަ ވަރަށް ރީތިކޮށް ކުޅެގެން ހަމަލާއެއް އުފެއްދޭތޯ ޑެންމާކްވެސް ދިޮޔައީ މަސައްކަތް ކުރަމުންނެވެ. އެކަމަކު މެދު ތެރެއިން އެކަށީގެންވާ ބާރެއް ނުލެވޭތީ، ބޯޅަ ހާފުން ނައްޓާލުމާއެކު ޑެންމާކަށް ބާރު ބޮޑު ވެގެން ދާތަން ފެނުނެވެ.
ފަހު ހާފުގެ ފަހު ފަނަރަ ވަރަކަށް މިނިޓަށް ވުމާއެކު ޑެންމާކުގެ ކުޅުންވެސް ތަންކޮޅެއް ރަނގަޅު ވެގެން ދިޔައެވެ. މިއީ ހާފުގައި އެންމެ ރަނގަޅަށް ޑެންމާކުން ކުޅުނު ވަގުތުކޮޅެވެ. އެކަމަކު މެޗު ނިމިގެން ދިޔައީ ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗާއެކު އޮސްޓްރޭލިއާއަށް ލިބުނީ ދެ މެޗުން އެންމެ ޕޮއިންޓެކެވެ. ޑެންމާކަށް ހަތަރު ޕޮއިންޓެވެ.
"އެ ޓީމު އޮތީ ބިރުން. ޚާއްސަކޮށް ދެވަނަ ހާފުގައި. ޓީމު ރަނގަޅަށް ކުޅުނު. މޮޅުވާން ޖެހޭ މެޗެއް. އަޅުގަނޑުމެން ކުޅުނީ ދުނިޔޭގެ ބާރަ ވަނަ ޓީމާ." މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޮސްޓްރޭލިއާގެ ކޯޗު ބުންޏެވެ.