ވޯލްޑްކަޕް 2018 ގައި ބްރެޒީލާއި ސްވިޓްޒަރލޭންޑް އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު 1 ލަނޑު 1 ލަނޑުން އެއްވަރު ވެގެން ނިމިއްޖެއެވެ.
މި މެޗު ފެށިގެން ދިޔައީ އަވަސް ކުޅުމެއްގައެވެ. ބްރެޒީލް ކުރު އަވަސް ޕާސްތަކެއް ދެމުން ކުޅެމުން ދިޔައެވެ. ސްވިޓްޒަރލޭންޑް ގެންދިޔައީ ދިފާޢަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް ޖެހިލެވޭތޯ މަސައްކަތް ކުރަމުންނެވެ. ބްރެޒީލްގެ ކުޅުމަށް ބަލައިގެން ވަގުތު ހޯދަން ވިސްނައިގެންނެވެ. ފުރަތަމަ ހާފުގައި ބްރެޒީލްގެ މޮޅު ކުޅުން ފެނިގެން ދިޔައެވެ. ފުރަތަމަ ކުޅެމުން ދިޔައީ ނޭމާގެ ބޭނުން މާ ބޮޑަށް ހިފާ ގޮތަށް ވިސްނައިގެން ކަމަކަށް ނުފެނެއެވެ.
ބްރެޒީލްގެ ލަނޑު ޖެހީ 20 ވަނަ މިނިޓުގައި ކޯޓިނޯއެވެ. އޭގެ ފަހުންވެސް ބްރެޒީލްގެ ކުޅުން ވަރަށް ރަނގަޅެވެ.
އެހެންނަމަވެސް ދެވަނަ ހާފުގައި ބްރެޒީލްގެ ކުޅުން ތަންކޮޅެއް ދެރަ ވެގެން ދިޔައެވެ. ނޭމާވެސް އަމިއްލަ ކުޅުމެއްގެ ތެރެއަށް ވަންނާން މަސައްކަތް ކުރަން ފެށިއެވެ. ސްވިޓްޒަރލޭންޑުން ފުރުސަތުގެ ބޭނުން ކޮށްގެން ޕްރެޝަރު ކުރާން ފެށިއެވެ.
ސްވިޓްޒަރލޭންޑްގެ ލަނޑު 50 ވަނަ މިނިޓުގައި ޖެހީ ސްޓީވަން ޒުބޭރެވެ. ކޯނަރެއްގައި ބޮލުންނެވެ.
ސްވިސްގެ ލަނޑާއެކު ބްރެޒީލް ހަރަކާތަށް އައެވެ. ކުރިއަށްވުރެ ހަލުވިކަމާއެކު ކުޅެގަތެވެ. އެކަމަކު ސްވިސް ދިފާޢު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ސްވިސް ޓީމަކީ އާއްމު ގޮތެއްގައި ދިފާޢު ވަރުގަދަ ޓީމެކެވެ. މެޗު ނިމެމުން ދިޔަ ވަރަކަށް ބްރެޒީލްގެ ހަމަލާތައް ދިޔައީ ވަރުގަދަ ވަމުންނެވެ. ފަހު ދިހަ މިނިޓުގެ ތެރޭގައި ލަނޑު ޖަހާނެ އެތައް ފުރުސަތެއް ލިބުނެވެ. 68 ވަނަ މިނިޓުގައި ބްރެޒީލްގެ ލަނޑު ޖެހި ކޯޓިނޯ އަނެއްކާވެސް ގޯލާ ދިމާއަށް ނުރައްކާތެރި ބޯޅައެއް ފޮނުވައިލިއެވެ. އެކަމަކު އެ ބޯޅަ ދިޔައީ ބޭރަށެވެ. އެކަމަކުވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. 73 ވަނަ މިނިޓުގައި ބްރެޒީލުން ޖެހި ހިލޭ ޖެހުމެއްގައި ސުވިސް ކުޅުންތެރިއަކު ވަނީ ބްރެޒީލްގެ ކުޅުންތެރިއެއްގެ ގައިގައި ހިފައި ވައްޓައިލާފައެވެ. ބްރެޒީލް ޓީމުގެ ކުޅުންތެރިން އެއީ ޕެނަލްޓީއެއް ކަމަށް ކިޔަމުން ދިޔައެވެ. އެކަމަކު ރެފްރީ ވީއޭއާރްގެ ބޭނުމެއް ނުކުރެއެވެ. ވީއާރް ބޭނުން ކުރި ނަމަވެސް އެ ކުށަކީ ދެއަތުން ކުރެ ކޮންމެ އަތަކަށްވެސް ދިއުން އެކަށީގެންވާ ކުށެކެވެ.
މިރޭގެ މެޗުގައި ބްރެޒީލްގެ ކުޅުން ރަނގަޅު ނަމަވެސް ނޭމާގެ ކުޅުން އެހައި މޮޅަށް ފެނިގެންނެއް ނުދެއެވެ. އެއް ސަބަބަކީ ސްވިސް ޓީމުން އޭނާ ފާހަގަކޮށްގެން ތާށި ކުރަމުން ދިއުމެވެ. ނޭމާއަށް އެކަށީގެންވާ ގޮތަކަށް ކުޅުނަ ނުދިނުމަކީ ސްވިސް ޓީމުގެ ކާމިޔާބީއެއްގެ ގޮތުގައި ވަރަށް ގިނަ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ. މެޗު އެއްވަރު ވުމަކީ ސްވިސް ޓީމަށް ލިބުނު ކާމިޔާބީއެކެވެ. މޮޅު ނުވެވުމަކީ ބްރެޒީލް ބަލިވުން ފަދަ ކަމެކެވެ.