ކުރީގެ ރައީސުންނަށް ދޭ ހަދިޔާއަކީ ޖަލުގޮޅި ނޫންކަމަށް ހަދަން ވެއްޖެ: ޢަބްދުﷲ ޝާހިދު

ރާއްޖޭގައި ވެރިކަން ކުރައްވައިފައިވާ ބޭފުޅުން ނުވަތަ ރައީސުންގެ ވެރިކަމަށް ފަހު އެބޭފުޅުން ޖަލަށް ވަޑައިގަންނަވަން ޖެހުމަކީ އެކަމާ ރާއްޖެ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ރައީސް މައުމޫން ސަރުކާރުގެ ފޮރިން މިނިސްޓަރުކަން  ކުރެއްވި ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ފިޔަވައި އެހެން ވެރިކަމުގައި މިކަން ހިނގަމުން އަންނަނީ މިއުސޫލުން ކަމަށެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވެސް މިހާރު އެ ހުންނެވީ ޖަލަށް ހުކުމް ކުރައްވައި ޖަލުގައި ބަންދު ކުރައްވައިފައި ކަމަށާއި އިތުރު ހުކުމްތަކެއް އައުމަކީ ދުރުކަމެއް ނޫންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ސަބަބަކީ އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފާލާފައި ވުމެވެ.

"ރައީސް މައުމޫން ގިނިކަންޏާއެއް ނޫން، ރައީސް ނަޝީދުވެސް އެހުންނެވީ ޖަލު ހުކުމެއްގައި. ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ވެރިއަކާ ދޭތެރޭގައި ދެން އަންނަ ސަރުކާރަކުން މި އަމަލު ކުރަމުން ގެންދާ ގޮތް (ރައީސް ނަޝީދުގެ ވެރިކަން ފިޔަވައި) އެއީ ރާއްޖެ އެކަމާ ލަދުގަންނަންޖެހޭ ފަދަ ޙާލަތެއް،" ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމުގައި ވެރިކަން ކުރައްވާ ބޭފުޅަކު ކަމަށްވާނަމަ ވެރިކަން ކުރައްވާފައި މިޖެހެނީ ރާއްޖެ ދޫކުރައްވައިފައި ފިއްލަވަން. ނުވަތަ ޖަލަށް ނުވަތަ އެބޭފުޅަކު ދުނިޔެއާ ވަކިކޮށްލާ. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހޭ އެނޫން ގޮތަކަށް ބަދަލު ކޮށްލަން. އަޅުގަނޑުމެން އެބަޖެހޭ ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި އިއްޒަތްތެރިން އެބޭފުޅުން އެކޮށްދެއްވި ޚިދުމަތުގެ ބަދަލުގައި ރައްޔިތުންދޭ ހަދިޔާއަކީ ނުވަތަ ރައްޔިތުން އަރުވާ އިއްޒަތަކީ ޖަލުގެގޮޅި ނޫންކަމުގައި ހަދާނެ ސަގާފަތެއް ބިނާކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ. މިއީ  ދިވެހިން ބަލައިގަންނަން ޖެހޭ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ރައީސް މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނަށް ޖަލު ހުކުމެއް ކުރައްވައިފައި ނުވެއެވެ. އެމަނިކުފާނާ ދޭތެރޭ "ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ކަންކުރައްވާފައިވަނީ ވެސް ރާއްޖޭގެ ތާރީޚުގައި މިފަހަކަށް އައިސް ނުފެންނަ ގޮތަކަށް،" ޝާހިދު ވިދާޅުވިއެވެ.

ރައީސް މައުމޫން ޖަލަށް ލެއްވިއިރު އެމަންޒަރުތައް ބަލަން ދުނިޔޭގެ ގައުމުތަކުން ތިބީ ބަލަން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި، އެމެރިކާއި، އިންޑިއާ އަދި އދ. ގެ އިތުރަށް އެހެން ގައުމުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މަންޒަރު ބެއްލެވުމަށްފަހު "ރައީސް މައުމޫނާ ދޭތެރޭގައި މިއަދުގެ ސަރުކާރުން ކަންކުރައްވަމުން ގެންދަވަނީ ރަނގަޅަށް ނޫންކަމަށް ވިދާޅުވެ ވަރަށް ސާފު އިބާރާތުން އެވަނީ ބަޔާންތައް ނެރުއްވައިފައި،" ޝާހިދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.