ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރުމަކީ ގައުމީ ވާޖިބެއް: މިނިސްޓަރ ސައީދު

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަކީ ގައުމީ ވާޖިބެއްކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ލ. ގަމުގައި މިހާރު ކުރިއަށްދާ "މިތިބޫ ރައީސް ޔާމީނާއެކު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ ބެހޭ ގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ފާއިތުވި 4 އަހަރު ތެރޭގައި ރާއްޖޭގެ ރިޒާވްގައި 720 މިލިއަން އެމެރިކާ ޑޮލަރު ޖަމާވެފައިވާ ކަމަށެވެ.

އެއާއެކު މި ވެރިކަމުގައި އިގުތިސާދު ރަނގަޅުވެ ފާއިތުވި 4 އަހަރު ތެރޭ ރައީސް ޔާމީން ވަނީ ލ. އަތޮޅުގެ މީހުންގެ ތެރެއިން ކޮންމެ މީހަކަށް ނުވަތަ ބޮލަކަށް ދެލައްކަ ސާޅީސް ފަސްހާސް ރުފިޔާ އިންވެސްޓް ކޮށްދެއްވައިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގެ ކުރިން އައި ދެ ސަރުކާރުގައި އެއަދަދު ހުރީ އެންމެ އަށާރަ ހާސް ރުފިޔާގައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ. "އެ ހަތަރު އަހަރު ހައްދުންމަތީ ރައްޔިތުންގެ ކޮންމެ ބޮލަކަށް އެންމެ އަށާރަހާސް ރުފިޔާ އިންވެސްޓް ކޮށްފައިވާއިރު އަނެއް ހަތަރު އަހަރުގައި އެއަދަދު ދެ ލައްކަ ސާޅީސް ފަސްހާސް ރުފިޔާއަށް މިވަނީ އިތުރުކޮށްދެއްވާފައި. އެއީ ރައީސް ޔާމީންގެ ތަފާތަކީ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަބަބުތަކަށްޓަކައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވައި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަކީ ގައުމީ ވާޖީބެއް ކަމަށެވެ. "ރައީސް ޔާމީން ދެހާސް އަށާރައިގައި ހޮވުމަކީ ގައުމީ ވާޖިބެއް. ހުރިހާ ދިވެހިން ކުރާނެ ކަމެއް، ކުރަންވާނެވެސް ކަމެއް. ކީއްވެގެންތޯ ކުރަންވާނީ؟ ދިވެހިންގެ ހުރިހާ އަސާސްތަކަށް ގޮންޖަހަން ފެށީމައި ދެން ކުރަންޖެހޭނެ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ވެރިއެއްގެ ގައިގައި ހުންނަންޖެހޭނެ ހުރިހާ "ކޮލިޓީއެއް" ހުރި ލީޑަރެއް ކަމަށެވެ. އެފަދަ ލީޑަރަކީ ބޭރުގެ ފަރާތްތަކާއި ގައުމުގެ އަދުއްވުން އެދޭހާ ގޮތަކަށް ދީލައިލަވާނެ ބޭފުޅެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.