ލޭބޯފަނި (40) - އެންމެ ފަހުބައި

(3 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހަޔާތް ކުޑައީ ކަލޭގެ- އަހަރެން ދިރިހުއްޓާ މަރައިލީ މީހަކީ ކަލޭ- އަހަރެން ދިރިހުރި މައްޔިތަކަށް ހެދީ ކަލޭ- ކަލޭގެ މަކަރުވެރި ރޭވުމުން އަހަރެން އންހެނަކަށް ވުރެ ނިކަމެތި މީހަކަށް ހަދައިފި-" އަކްބަރު އޭނާޔާ ދިމާއަށް އަތްދިއްކޮށްލިއެވެ. "ދުވޭ- ފިލެން އޮތިއްޔާ ފިލާ- ފިލަން ވަންނާނީ ކޮން ތަނަކަށް-؟ ކަލޭގެ ގާނޫނީ ލިޔުންތައް ކޮބާ-؟ އޭގައި ލިޔެފައި އޮތީ މީހަކު ކަލޭ ގަތުލު ކޮށްފިއްޔާ ނުވަތަ ހާދިސާއެއްގައި މަރު ވެއްޖެއްޔާ އަކްބަރު ޢަލީ ޒިންމާ ވާން ޖެހޭނެއޭ-"

އޭނާ ދުއްވައިގަންނާން އުޅުނެވެ. ތިރީބުރީގެ ކޮންމެވެސް ކޮޓަރިއަކަށް ވަދެ ފިލިދާނެއެވެ. އެކަމަކު ސިޑީއާ ހަމައަށް ދެވުމުގެ ކުރިން އަކްބަރު އޭނާގެ އަތުގައި ހިފައި ދަމައިގެންފިއެވެ. އަދި އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖަހައިއެވެ. އޭނާ އަރި އަޅާލައިގެން ވެއްޓިއްޖެއެވެ.

އަކްބަރު ބުންޏެވެ. "ކަލޭގެ ގާނޫނީ ވަކީލުގެ އޮފީހަށްވެސް ފެންގަނޑު ވަންނާނެ- މިހާރު އޮންނާނީ ގާނޫނީ ލިޔުން އޮޔާ ގޮސްފައި- ކަލޭގެ ދިހަ ކެސެޓު ރޯލު ބާއްވާފައި އޮތް ލޮކަރަށްވެސް މިހާރު ފެން ވަދެދާނެ-" އޭނާ ބާރަށް ހީނގެންފިއެވެ. "ގުދުރަތުގެ އަޖައިބު ނިކަން ދެކިބަލަ- އަހަރެންގެ ކުށުގެ ހެކި ނައްތައިލީ ސީދާ ގުދުރަތުން- ގުދުރަތުން އަހަންނަށް އެހީތެރިވުމުގެ މާނައަކީ ކޮބައިކަން އެނގޭތަ-؟ މާނައަކީ ގުރުރަތުންވެސް ބުރަ ވަނީ ފިރިހެނުންގެ ފަޅިއަށޭ- އަންހެނުން ދުނިޔެއަށް ފޮނުއްވީ އަގުވެއްޓޭން- އެހެންވީމާ މުޅި އުމުރު ދުވަހު އުޅޭނީ އަގު ވެއްޓުމުގެ ތެރޭގައި- ނިކަމެތި ކަމުގެ ތެރޭގައި- ޕަންޖާބުގައި ބޭނުންކޮށް އުޅޭ ހަރުބަހެއް ކަލޭ އަޑު އެހިންތަ-؟ ފައިވާނާއި އަންހެނުން އެއި ހަމަހަމަ ދޭއްޗެއް- ހެޔޮވަރިއްޔާ އަރާނީ- އެހެން ނޫނީ އެއްލައިލާނީ-"

ފީރޯޒާ ބިންމަތިން ތެދުވަނީއެވެ. އަކްބަރު އަނެއްކާވެސް ބުނެލިއެވެ. "އަހަންނާ ދެކޮޅަށް ހުރި ހެކިތައް ނެތިގެން ހިނގައްޖެ ކަމުގެ ޔަގީންކަމުގައި ކަލޭ ދޫކޮށްލުމަކީވެސް އަހަންނަށް ކުރެވިދާނެ ކަމެއް- އެކަމަކު އެއީވެސް ޔަގީން ކަމެއް ނޫން- ފަހަރެއްގައި ހެކިތައް ހުރެވެސް ދާނެ- އެހެންވީމާ ކަލޭ މަރައިނުލައެއް ނުވާނެ-"

އަކްބަރު އޭނާގެ ގައިގައި ކޮޅުފައިން ޖަހައިފިއެވެ. އޭނާ ކުއްލިއަކަށް އަނެއް ފަރާތަށް ނޭނބުރުނު ނަމަ އެ އެތިފަހަރު އެރީހީ އޭނާގެ ބަނޑަށެވެ. އެތިފަހަރު އެރީ އޭނާގެ ބުރަކަށްޓަށެވެ. ނަސީބު ރަނގަޅު ކަމުން ދަރުފުޅު އެ އެތިފަހަރުން ސަލާމަތް ވެއްޖެއެވެ. އޭނާއަށް ރޮއި ގަނެވުނެވެ. އޭނާ ތެދުވަން މަސައްކަތް ކުރިއެވެ. އެކަމަކު ތެދުވުމުގެ ކުރިން އަކްބަރު އޭނާގެ ފައިގައި ހިފައި ދަމައިފައި ޓެރަހުގެ އަނެއް ފަރާތަށް ގެންގޮސްފިއެވެ. އަދި ކުއްލިއަކަށް ޓެރަސް މަތިން ބިންމައްޗަށް އޭނާ އެއްލައިލިއެވެ.

އޭނާ ހަޅޭއް ލެވިއެވެ. އެކަމަކު އެ ހަޅޭކުގެ އަޑު ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. އެނާ ގޮސް ޖެހުނީ ފެންގަނޑުގެ ތެރެއަށެވެ. އަކްބަރު ގުދުވެފައި ތިރިއަށް ބަލައިލިއެވެ. އޭނާއަކަށް މާ ސާފެއްކޮށެއް ނުފެނެއެވެ. އިވެނީ ސަލާމަތްކުރާށޭ ގޮވާ އަޑެވެ.

އަކްބަރު ބުންޏެވެ. "ހަޅޭއް ލަވާ- ތިޔަ ކަހަލަ އެތައް ހަޅޭކެއްގެ އަޑު އަހަރެން އަހައިފިން—ަލޭގެ މަރަކީ ގަތުލެއް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ-"

މިހެން ބުނެފައި އޭނާ ދެން އުޅެގަތީ ޓެރަސް މައްޗަށް ވެއްޓިފައި އޮތް އުށްބައްތި ފެނޭތޯއެވެ.

ފީރޯޒާ ގެނބެމުން ދަނީއެވެ. އޭނާއަކަސް ފަތާކަށް ނޭނގެއެވެ. ސަލާމަތްވޭތޯ އަތްފައި ތަޅުވަނީއެވެ. ގެނބިގެން މަރުވުމަކީ އޭނާގެ ތަގުދީރުކަމަށް ގަބޫލު ކުރެވެން ފަށައިފިއެވެ.

އެކަމަކު ގުދުރަތުގެ ރޭވުން އޮތީ މުޅިއަކުން އެހެންނެއް ނޫނެވެ. ކުއްލިއަކަށް މީހަކު ފުރަގަހުން އޭނާގެ އިސްތަށިގަނޑުގައި ހިފައިފިއެވެ. އިސްތަށިގަނޑު އަތަށް އޮޅައިލައިފިއެވެ. ވީ ތަދެއްގެ ބޮޑުކަމުން އޭނާއަށް ރޮއިގަނެވިއްޖެއެވެ. ހިނދުކޮޅަކަށް ފަހު މާނޭވާ ލެވެން ފަށައިފިއެވެ. އޭނާ ގެނބެނީއެއް ނޫނެވެ. ކޮންމެވެސް ބާރު ގަދަ އަތަކުން އޭނާ ފެންގަނޑުގެ ތެރޭގައި ދަމާފައި ގެންދަނީއެވެ.

ގޭގެ ފުރަގަހުގައި އަލިފާނުގެ ހާދިސާއެއ ދިމާވެއްޖެނަމަ ފައިބާ ސިޑިއެއް ހުރެއެވެ. އެ ސިޑި ހުންނަނީ ގޭގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް ފޭބޭ ގޮތަށެވެ. އެ މީހަކު އޭނާ ދަމާފައި ގެންދިޔައީ އެ ސިޑިއާ ހަމައަށެވެ. "ސިޑީގެ ޗެންޗޭނުގައި ހިފާ- ދެން މަޑުމަޑުން ސިޑިން މައްޗަށް އަރާ-"

އޭނާ ސިޑިން ދެތިން ހަރުފަތަކަށް އަރާފައި ދޮރު ހުޅުފާއި އެތެރެއަށް ވަދެއްޖެއެވެ. ކުއްލިއަކަށް އަލި ވެއްޖެއެވެ. އޭނާ ސަލާމަތް ކުރި މީހާ ޓޯޗު ބައްތިން އަލި ކުރީއެވެ. އޭނާ ލޯރިއެއްގެ ހަމެއް ބިންމަތީގައި ބާއްވަނީއެވެ. އޭނާ ފީރޯޒާ ސަލާމަތް ކުރީ އެ ހަމުގެ އެހީގައެވެ. އެއީ ޒުވާން ކުއްޖެކެވެ. "ދައްތާ- ދައްތަ ވެއްޓުނީ ކިހިނެއް-؟"

ފީރޯޒާ މައްޗަށް ބަލައިލިއެވެ. އަދި ކުރިއަށް ޖެހިލައި އެ ޒުވާނާގެ ގައިގައި ބައްދައިލިއެވެ. "ކޮއިފުޅާ- ކޮއިފުޅު ކަހަލަ ޒުވާނުންގެ ސަބަބުން ދައްތަމެން ސަލާމަތުން މި ތިބެނީ- ކޮއިފުޅު މިއަދު ތިޔަ ކޮށްދިނީ ކިހައި ބޮޑު ހެޔޮ ކަމެއްކަން އެބަ އެނގޭތަ-؟ ދުނިޔޭގައި ދުވަސްކޮޅަކު ހުރުމުގެ ފުރުސަތު ލިބިއްޖެއްޔާ ހަނދާން ހުރކަން އަންގައިލާނަން-"

"ދައްތަ ތިޔަ ކިޔަނީ ކީކޭ-؟ ދައްތަ ބަލީތަ-؟"

"ނޫނޭ- ބައްޔެއް ނޫން- އަދި އިތުރު ހެޔޮ ކަމެއް ކޮށްލަދީ- ތިޔަ ބައްތި ދައްތައަށް ދީ-"

"ބައްތި ގެންދޭ- އަހަރެންގެ އަތުގައި އިތުރު ބައްތިއެއް އެބައޮތް-"

ބައްތި އަތުލައިގެން ހިނގައިގަންނަމުން ފީރޯޒާ ބުންޏެވެ. "ދެން ދޭ- އަހަރެން ކޮށްލަން ޖެހޭ މުހިއްމު ކަމެއް އެބައޮތް-"

އެ ކުއްޖާ ހަން ހިފައިގެން ނުކުމެގެން ހިނގައްޖެއެވެ.

ފީރޯޒާ ދޮރު އެތެރެއިން ތަންޑު އަޅުވައިފިއެވެ. ބައްތި ނިއްވައިލައިފިއެވެ. އަލިކަމުގެ ބޭނުމެއް އަދިއެއް ނުޖެހެއެވެ. އެއީ ވަރަށް އަލި ގަދަ، ބޮޑު ޓޯޗު ބައްތިއެކެވެ. މިހާރު ދިއްލަައިގެން އުޅެގެންފިއްޔާ އަކްބަރު ތިރިއަށް އަންނައިރު އޭނާއަށް އަލި ފެނިދާނެއެވެ. ދުޝްމިނަށް ނާކާމިޔާބީގެ ޚަބަރު އަދި ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ގޭގެ ހުރިހައި ތަނެއް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އަނދިރީގެ ތެރޭގައި ހިނގަމުން ގޮސް ޓެރަހަށް އަރާ ސިޑިއާ ހަމައަށް އަތުވެއްޖެއެވެ. އަދި ވަރަށް މަޑުމަޑުން މައްޗަށް އަރައިފިއެވެ.

އަކްބަރަކަށް އުށްބައްތިެއް ނުފެނެއެވެ. އެހެންވީމާ އޭނާއަކަށް މާ ރަނގަޅަކަށް ތަންތަން ފާހަގައެއް ނުކުރެވެއެވެ. ބިންމަތީގައި އަތް ކާއްތަމުން ފިރުކިފައި ކަހަލަ ގޮތަކަށް އުޅެ ފަށައިފިއެވެ.

ކުއްލިއަކަށް ބައްތިއެއްގެ އަލި ޓެރަސް މައްޗަށް ފެތުރިއްޖެއެވެ. އަލި ގަދަ ބައްތިއެކެވެ. އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. "ކާކު-؟"

"ލޭބޯ ފަނި-!" ފިޜޯޒާގެ އަޑު އިވުނެވެ.

"ކަލޭ... ކަލޭ މަރެއް ނުވޭތަ-؟" އަކްބަރުގެ އަޑުގައި ބިރުވެރިކަމާއި ހައިރަންކަމުގެ އަސަރު ހުއްޓެވެ.

ފީރޯޒާ ބައްތިން އަކްބަރާ ދިމާއަށް އަލި ކޮށްލިއެވެ. އަކްބަރުގެ އަތުގައި އޮތީ ވަޅިއެކެވެ. މިހާރު ބައްތީގެ އަލި ހުރީ ސީދާ އޭނާގެ މޫނަށް އަޅުވައިފައެވެ. "ތިޔަ ބައްތި އެއް ފަރާތް ކުރޭ- ކަލެއަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތް- ތިޔަ އައީ ދެވަނަ ފަހަރަށް އަހަރެންގެ އަތުން މަރުވާން-"

އަކްބަރު ފަހަތަށް ޖެހެން ފަށައިފިއެވެ. އޭނާ ބޭނުން ވަނީ އެ އަލިން އެއް ފަރާތް ވާށެވެ. ފީރޯޒާ މަޑުމަޑުން ކުރިއަށް ހިނގަން ފަށައިފިއެވެ. "އާނ- އަހަރެން މި އައީ މަރުވާން- ކަލޭ އަހަންނަށްވެސް އަދި އަހަރެންގެ ދަރިއަށްވެސް ދުނިޔޭގައި އުޅުނަ ނުދޭނެކަން އަހަންނަށް ޔަގީން- އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ކަލެއާ އެކީ އަހަރެމެން ދެމައިންވެސް މަރުވުން-"

އަކްބަރު ފަހަތަށް ޖެހެމުން ޓެރަހުގެ އައްސޭރިއަށް އަތުވެއްޖެއެވެ. ދެން އަޅާ ފިޔަވަޅާއެކު ވެއްޓޭނެއެވެ. "އަހަރެން ވަޅި މި އެއްލަނީ ކަލެއާ ދިމާއަށް- ވަޅި ހިފައިގެން އައިސް އަހަރެން މަރައިލާ-"

އަކްބަރު ވަޅި މައްޗަށް އެއްލައިފިއެވެ. އެއީވެސް މަކަރެއް ހެދޭތޯ ކުރި ކަމެކެވެ. ފީރޯޒާގެ ސަމާލުކަން ވަޅީގެ މައްޗަށް އަނބުރައިލެވޭތޯ ކުރި ކަމެކެވެ. އެކަމަކު އެ މަޅީގައި ފީރޯޒާއެއް ނުޖެހުނެވެ. އޭނާ ކުއްލިއަކަށް ބާރަށް ދުވެފައި އައިސް އަކްބަރުގެ ގައިގައި ބާރަށް ބައްދައިގެންފިއެވެ. ފީރޯޒާގެ ބަރެއް އަކްބަރަކަށް ނުހިފެހެއްޓުނެވެ. ފުރަގަހަށް، މަގުމައްޗަށް ފެންގަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. ފީރޯޒާ އޮތީ އޭނާގެ ގައިމަތީގައެވެ. ބެއްދުނުހައި ބާރަކަށް އަކްބަރުގެ ދެ އަތާއެކީ ބައްދައި ތަގުޅިކޮށްގެންނެވެ.

އަކްބަރު އޭނާގެ އަތް ނައްޓައިލެވޭތޯ ތެޅިފޮޅުނެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. ލޭބޯ ފަންޏެްހެން އޭނާގެ ގައިގައި ތަތްކޮށްލީ ގޮތަކަށް ފީރޯޒާ ނައްޓައެއް ނުލިއެވެ. ފެތޭނީވެސް އަތް ސަލާމަތުން އޮވެގެންނެވެ. އަކްބަރުގެ ނޭވާ ހާސްވާން ފަށައިފިއެވެ. އަޑިއަށް ދާން ފަށައިފިއެވެ.

އެވަގުތު އޭނާ މައާފަށް އެދެންވެސް ބޭނުން ވިއެވެ. ފރުޢައުނުވެސް އެންމެ ފަހު ވަގުތު ތައުބާވާން އުޅުނޭ ކިޔައެއް ނޫން ހެއްޔެވެ؟ އެކަމަކު މައާފަކަށްވެސް އެދެވޭނޭ ފުރުސަތެއް ނުލިބުނެވެ. ލޭބޯފަނީގެ ދަށުވެ ނިމިގެން ދިޔައީއެވެ.

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.