ލޭބޯފަނި (31)

(26 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސަލްމާ އަނގައިންވެސް ނުބުނެ އޭނާގެ ބައްޕައާއި ކޮއްކޮއާ ބެހޭ ގޮތުން ފީރޯޒާ ދެއްކި ވާހަކަތައް އަޑު އަހާން އިނީއެވެ. އެއީ އެ ދެމީހުންގެ އަބުރު ނަގައިލުންކަން އެނގޭ ހާލުގައެވެ. އޭނާއަށް ކުރެވޭނޭ އެހެން ކަމެއްވެސް ނެތެވެ. ފީރޯޒާ ބުންޏެވެ. އެހެންވީމާ ކާވެންޏަށް ފަހުވެސް އަހަރެން އުޅޭނީ މި ގޭގައި- މި ގެއިން އެހެން ތަނަކަށް ދާނީ އަކްބަރު އަހަރެން ގޮވައިގެން ދާނޭ ވަކި ގެއެއް ހޯދީމާ-"

މިހެން ބުނެފައި އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

އެރޭ ހަތަރުދަން ސަލްމާ ހޭދަކުރީ ފޯނު ކޮށްގެން އެއް ފަހަރު ބައްޕަޔާ، އަނެއް ފަހަރު ކޮއްކޮޔާ ވާހަކަ ދެއްކުމުގައެވެ. ފީރޯޒާ ކާވެންޏަށް ފަހު އެގެއިން ދާން ެއްބަސް ނުވާތީ އަވަހަށް އެހެން ގެއެއްގެ އިންތިޒާމު ހަމަޖައްސައިދޭށޭ އޭނާ ބައްޕަ ގާތު ބުންޏެވެ. އޭނާ ބޭނުން ވަނީ ވީހައިވެސް އަވަހަކަށް ފީރޯޒާ އެގެއިން ފޮނުވައިލާށެވެ. ގޭގެ ވެރިއަކަށް އަވަހަށް ވާށެވެ.

ފީރޯޒާ ހަމަ އެވަގުތު އޭނާގެ ކާވެނީގެ އުފާވެރި ޚަބަރު ބުޝްރާ ރައްބާނީއަށް ދިނެވެ. އަދި ޖަމްއިއްޔާއިން އޭނާގެ މައްސަލައިގައި އެހީތެރިވެ ދިން އެންމެންނަށް އޭނާގެ ކާވެނީގެ ހަފްލާއަށް ދައުވަތުވެސް ދިނެވެ.

އޭގެ އަނެއް ދުވަހުގެ ހެނދުނު ގެ ދިހަ ގަޑި ބަޔަށް ޖަމްއިއްޔާގެ މެންބަރުން ގޮވައިގެން ބުޝްރާ އަތުވެއްޖެއެވެ.

ޖަވާދު އޭނާގެ އާއިލާގެ ހައެއްކަ ބޮޑުންނަށް ދައުވަތު ދީގެން ގެނެސްފިއެވެ. ޗަވްދަރީ ޤާސިމް ޢަލީވެސް އައީ ފަސް މީހުން ގޮވައިގެންނެވެ. ކާވެނީގެ ރަސްމިއްޔާތު އޮތީ ގޭގެ ބޮޑު ކޮޓަރި ތެރޭގައެވެ. އެއް ފަރާތުގައި ތިބީ ހުރިހައި ފިރިހެނުންނެވެ. އަނެއް ފަރާތުގައި އަންހެނުންނެވެ.

އެންމެން ހަމަވީމާ ޤާސިމް ޢަލީ ތެދުވެ ވާހަކަ ދައްކާން ފަށައިފިއެވެ. "މި ރަށުގެ މަޝްހޫރު ގާނޫނީ ވަކީލު ބުޝްރާ ރައްބާނީ މިތާނގައި އިންނެވީތީ ފެނުނީމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާ ކޮށްފިން- އަޅުގަނޑަށް ފެންނަ ގޮތުގައި އެކަމަނާއަށް އަޅުގަނޑަށް ކުރިމަތި ވެގެން އުޅޭ މައްސަލަ ހައްލުކޮށް ދެއްވޭނެ- މިއަދު މި ކާވެނި ކުރުވަން އަޅުގަނޑު މި ތަނަށް ގެންނާން އުޅުނު ގާޒީ މި ތަނަށް އަންނާން ދެކޮޅު ހަދައިފި- މައްސަލައަކީ މިއީ-"

މުސްކުޅިއަކު އަހައިލިއެވެ. "އޭނާ ދެކޮޅު ހެދި ކީއްވެގެން-؟"

ޤާސިމް ބުންޏެވެ. "އޭނާ ބުނާ ގޮތުގައި ބަލިވެ އިން އަންހެނެއްގެ ކާވެނި ކޮށް ދިނުމަކީ ދީނުގައި ހުއްދަ ކަމެއް ނޫން-"

އޭނާ މިހެން ބުނުމާއެކު އެންމެން އެކީގައި ކަހަލަ ގޮތަކަށް ބުނި އަޑު އިވުނެވެ. "ބަލިވެ އިން އަންހެނެއް-؟ ކާވެނި-؟"

ހާޒިރުވެ ތިބި އެންމެން އެކަކު އަނެކަކާ ވާހަކަ ދައްކާން ފަށައިފިއެވެ. ބުޝްރާ ރައްބާނީ ވިސްނާން ފަށައިފިއެވެ. އަދި ފުން ނަޒަރަކުން ޤާސިމް ޢަލީއާ ދިމާއަށް ބަލަން ފަށައިފިއެވެ. މުސްކުޅިއަކު ތެދުވެ ރުޅިވެރިކަމާއެކު ބުނެލިއެވެ. "ކޮންފަދަ ވިޔާނުދާ ކަމެއް- ޝަރުޢީ ހަމަތަކާ ޚިލާފަށް ކާވެންޏެއް ކުރުވަން އުޅޭ ވާހަކަ ކުރިއަކުން ނުބުނަމެއްނު-؟"

ޤާސިމް ބުންޏެވެ. "އަޅުގަނޑަށް މަޖުބޫރުވީ- މި ރަށުގެ އެންމެ މޮޅު ވަކީލު އަޅުގަނޑަށް ނޯޓިހެއް ފޮނުވީ- އޭގައި އޮތީ ފީރޯޒާއާއި އަޅުގަނޑުގެ ދަރިފުޅު އަކްބަރާ ދެ މީހުން ދެ ދުވަހުގެ ތެރޭގައި ނުދެވައިފިއްޔާ މައްސަލަ ޝަރީޢަތަށް ގެންދާނަމޭ-"

އެންމެން ސުވާލުގެ ނަޒަރަކުން ބުޝްރާ ރައްބާނީއާ ދިމާއަށް ބަލަން ފަށައިފިއެވެ. ޤާސިމް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ބޭކަލުންނޭ- ވަކީލާ އަޅުގަނޑުމެންނާ ދެމެދު ދެކޮޅުވެރިކަމެއް އޮތީ ކަމަށް ހީނުކުރައްވާ- އޭނާ މަސައްކަތް ކުރެއްވީ އަޅުގަނޑުގެ ދަރިފުޅާއި ފީރޯޒާއާ ދެކުދިން ޝަރުޢީ މައްސަލައަކުން ސަލާމަތް ކުރައްވަން- މި ވަގުތު ކާވެނި ކުރެވިއްޖެއްޔާ އެ ދެކުދިން ގާނޫނުގެ ކުރިމަތީގައި ކުށްވެރިން ކަމުގައެއް ނުވާނެ-"

އެތަނުން މީހަކު ބުނެލިއެވެ. "ހަމަ ބުއްދީގައި ހުންނަވައިގެން ވާހަކަ ދައްކަވާ- ކަޅު ފޮތިގަނޑެއްގައި ހުދު ކުލަ ޖެއްސިޔަކަސް އެއީ ހުދު ފޮތިގަނޑެއް ކަމަކަށެއް ނުވާނެ- ކަޅު ކުލަ ހުންނާނެ- ހަމަ އެހެން ކާވެނި ކުރިޔަސް ފާފައެއް ނުފޮރުވޭނެ-"

އެހެން މީހަކު ބުނެލިއެވެ. "ތިޔަ ހުރިހައި ދަލީލެއްގެ ބޭނުމަކީ ކޮބާ-؟ ބަލިވެ އިން މީހަކު ނުވިހަނީސް ކާވެނި ކުރުމަކީ ހުއްދަ ކަމެއް ނޫންކަން އަހަރެމެން އެންމެންވެސް ދަންނަމު- އެހެންވީމާ މިކަހަލަ ނާޖާއިޒު ކަމެއްގައި އަހަރެމެން ބައިވެރިއެއް ނުވާނަން-"

ގިނަ މީހުން ބޭނުންވީ ނުކުމެގެން ދާށެވެ. ޖަވާދާއި އެހެން ދެ މީހަކު ވެގެން އެމީހުން ހުއްޓުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މަޑު ކުރާކަށް އެމީހުން ބޭނުމެއް ނުވިއެވެ. މަންޒަރު ބަލަން ހުރެފައި ބުޝްރާ ރައްބާނީ ކުއްލިއަކަށް ގޮސް ދޮރު ލައްޕައި އެތެރެއިން ތަޅު ލައިފިއެވެ. ބޭރަށް ނުކުމެވެން ހުރި ހަމައެކަނި ދޮރަކީ އެ މައި ދޮރެވެ. ނުކުންނާން އުޅުނު މީހުންގެ ތެރެއިން އެކަކު އަހައިފިއެވެ. "ތިޔަ ކުރީ ކީއް-؟ ދޮރު ހުޅުވާ-"

ބުޝްރާ ބުންޏެވެ. "އަޅުގަނޑުގެ ވާހަކަ ފުރަތަމަ އަޑު އައްސަވާ- އޭރުން ދޮރު ހުޅުވާނަން-"

ބުޝްރާ ދޮރު ތަޅުލީމާ ޖަމްއިއްޔާއިން އައިސް ތިބި އެހެން އަންހެނުންވެސް އައިސް އޭނާއާ ބައިވެރި ވެއްޖެއެވެ. އެޔާއެކު ފިރިހެނުން ފަހަތަށް ޖެހިއްޖެއެވެ. އެކަކު ބުންޏެވެ. "ކޮއިފުޅާ- ތިޔައީ ވަރަށް މޮޅު ވަކީލެއްކަން އަހަރެމެންނަށް ދަންނަން- އެކަމަކު ކަލޭ ޤާސިމަށް ފޮނުވި ލިޔުމުގައި އޮތީ ދީނާ ޚިލާފު ކަމެއްގެ ވާހަކަ- ދީނާ ޚިލާފު ކަމެއް ކުރާ ތަނެއްގައި އަހަރެމެން ނުތިބޭނަން- އެކަހަލަ ކަމަކަށް ތާއީދެއް ނުކުރާނަން-"

ބުޝްރާ ރައްބާނީ ބުންޏެވެ. "އިރާދަ ކުރެއްވީތީ އަޅުގަނޑަކީވެސް މުސްލިމެއް- ދީނާ ޚިލާފު ކަމެއް އަޅުގަނޑުވެސް ނުކުރާނަން- އަދި ކުރުވާކަށް ނުވެސް އުޅޭނަން- އަޅުގަނޑުގެ ސުވާލަކަށް ޖަވާބެއް ދެއްވާ- ﷲ ތަޢާލާ ފާފަވެރިންގެ ތައުބާ ގަބޫލު ކުރައްވާތޯ-؟"

އެންމެން އެކީގައި ކަހަލަ ގޮތަކަށް ބުންޏެވެ. "ތިޔައީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން- ފާފައިން ދުރުވެ، ހިތާމަކޮށް، ތައުބާ ވާ މީހުންގެ ތައުބާ ﷲ ގަބޫލު ކުރައްވާނެ-"

"އެހެންވީމާ ތައުބާއާއި މަޢާފަށް ފަހު ފީރޯޒާއާއި އަކްބަރާ ދެ މީހުންނަކީ ކުށްވެރިން ކަމުގައެއް ނުވާނެ- އެހެން ނޫންތޯ-؟ ތިޔަ ބޭފުޅުންވެސް އެ ދެ މީހުންނަށް މަޢާފް ކުރައްވާ- އެ މީހުންނަށް އައު ދިރިއުޅުމެއްގެ ފުރުސަތު ދެއްވާ- އެހެން ނޫނީ އެ މީހުންނަކަށް ދުވަހަކުވެސް އެނބުރިއެއް ނާދެވޭނެ- އިތުރު ފާފައިގެ ތެރެއަށް ގެނބިގެން ދާނީ- އެ މީހުންނަށް ކާވެނި ކުރިޔަ ދެއްވާފއި ހެޔޮ ދުޢާ ކޮށް ދެއްވާ-"

މުސްކުޅިއަކު ބުނެލިއެވެ. "ކޮއިފުޅާ- ތިޔަ ދައްކާ ވާހަކައަކީ ހިތަށް އަސަރު ކުރާ ކަހަލަ ވާހަކަ- އެކަމަކު އަހަރެމެންނަށް މަޢާފް ކުރޭ- ޝައިޠާނާވެސް ތިޔަ ކަހަލަ މަކަރުވެރި ވާހަކަ ދައްކާނެ- މިހާރު ކޮއިފުޅު ތިޔަ އުޅެނީ މާބަނޑު މީހަކުގެ ކާވެނި ހުއްދަ ކަމަށް ކޮންމެވެސް ހުއްޖަތެއް ނެރެން-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.