ލޭބޯފަނި (7)

(4 އޮކްޓޯބަރު 2017 ގައި ޝާއިއުކުރި ބަޔާ ގުޅޭ)


މިވާހަކަ މެދުކެނޑިފައި ވަރަށް ވަރަށް ގިނަ ދުވަސް ވެފައި ވާތީ އެކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ. އިރާދަ ކުރެއްވިއްޔާ މީގެ ފަހުން ކޮންމެ ހޮނިހިރު ދުވަހަކު މި ވާހަކަ ގަވާއިދުން ޝާއިއު ކުރަމުން ގެންދާނަމެވެ.


ޗަވްދަރީ އަކްބަރް ޢަލީ ފޯނުން ފީރޯޒާ އާ ވާހަކަ ދައްކަނީއެވެ. ގެއިން ބޭރު ކޮންމެވެސް ތަނެއްގައި އޭނާޔާ ބައްދަލު ކުރޭތޯ އެދި ލޯބިން ފުރިފައިވާ ރާގެއްގައި އާދޭސް ކުރަނީއެވެ. ފޯނުން ނުދެއްކޭ ކިތަންމެ ވާހަކައެއް ބައްދަލު ވެގެން ދެއްކޭނެއޭ ކިޔައިގެން އޮޅުވާލަން މަސައްކަތް ކުރަނީއެވެ. އެހެން ނަމަވެސް ފީރޯޒާ އާނއެކޭވެސް އަދި ނޫނެކޭވެސް ނުބުންޏެވެ. އެންމެ ފަހުން ޖެހުނީ ފޯނު ބާއްވާށެވެ.

އެ ވަގުތުން ފެށިގެން އަކްބަރް ޢަލީގެ ބޭގަރާރުކަން ބޮޑު ވާން ފަށައިފިއެވެ. ފީރޯޒާގެ ފަރުވާ ކުޑަ ކަމަށްޓަކައި ރުޅިވެސް އާދެއެވެ. މިހައި ތަނަށް އޭނާ ބޭނުންވީ ކޮންމެ ކަމެއް އައީ ކުރަމުންނެވެ. އޭނާ ބޭނުން ކުއްޖަކު އޭނާގެ ފަރާތަށް ލަންބައިލައެވެ. ޤުދުރަތުން އޭނާއަށް ދެއްވަިއފައިވަނީ އެހައިވެސް ފުރިހަމަ ފިރިހެންވަންތަ ރީތި ކަމެކެވެ. ފިޔާ ކޮށާއިރު އިނގިލި ކޮށައިލާން އަންހެން ކުދިންނަށް ޖެހޭ ފަދަ ރީތި ކަމެކެވެ. އޭނާގެ ރީތި ކަމުގެ ޖާދޫގައި ނުޖެހި އުޅެނީ ހަމައެކަނި ފީރޯޒާއެވެ. ޖެހުނު ކަމުގައި ވިޔަސް އެހެން ކުދިންހެން ލަނެއް ނެތް އަހެއްހެން ހޫރެމުން ދުއްވައެއް ނުގަތެވެ. އަބުރާއި ޢިއްޒަތް ސަލާމަތް ކޮށްގެން އުޅެން އާދަވެފައި ވަނީކަން ނޭނގެއެވެ.

އަކްބަރް ޢަލީ އަކީ ކެތްތެރި ވާން ދަންނަ މީހެއް ނޫނެވެ. ކުޑަ އިރުއްސުރެ އޭނާގެ ކޮންމެ އެދުމެއް ދިޔައީ ފުރިހަމަ ކޮށް ދެވެމުންނެވެ. ރަށުގެ ގޭގޭގައި ދޮންވެ ފައްކާވާ "ޒުވާން މޭވާ" ކާން އެންމެ ފުރަތަމަ ލިބެނީ އޭނާ އަށެވެ. ފީރޯޒާއޭ ކިޔުނު މޭވާ އަރު ތެރޭގައި ތާށި ވެއްޖެއެވެ. ދިރުވައެއް ނުލެވުނެވެ. ދިރުވައި ނުލެވޭނެ ކަމަށް ބަލާފައި ބޭރަށް ވައްޓައިލާކަށް އޭނާގެ ހިތެއް ނުރުހެއެވެ.

އަނެއް ކޮޅުން ފީރޯޒާއަކީ އާދައިގެ ޢާއިލާއެއްގެ ކުއްޖެއް ނޫނެވެ. ޤަދަރުވެރި، ބާރުގަދަ ޢާއިލާއެއްގެ ކުއްޖެކެވެ. އޭނާގެ އަނބި ޞަފޫރާ ފޮރުވައިގެން، ބަޔަކަށް ނުދައްކައި ގެންގުޅޭ ގޮތަކަށް ފީރޯޒާއެއް ނުގެންގުޅެވޭނެއެވެ. އެފަދަ ކަމެއް ކުރަން އޮތް އަނެއް ހުރަހަކީ ސަލްމާ ދައްތައެވެ. އެ ގޭ މީހަކާ ދައްތަ އިނދެގެން އުޅޭ އުޅުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ.

ފީރޯޒާއަށް އަކްބަރްގެ ފުރަތަމަ ކާވެނީގެ ވާހަކަ އެނގުނީމާ އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅި އައެވެ. އެކަމެއް އަކްބަރްގެ ހަނދާނަކުން ނުފިލައެވެ. ފީރޯޒާގެ ރުޅީގެ ސަބަބުން އޭނާ ވަނީ ރޮދި ކެނދީފައިވާ ގުޑިއަކަށް ވެފައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ވައިގެ ތެރޭގައި ހޫރެނީއެވެ. މަޑީގައި ހިފަން އަތް ހޫރުވުމަކުން ކުރާ ފައިދާއެއް ނެތެވެ.

އެ ދުވަހު އޭނާ ސަލްމާއަށް ފޯނު ކޮށްފައި ސުވާލު ކުރިއެވެ. "އަހަންނާ ބެހޭ ގޮތުން ފީރޯޒާ އެއްވެސް ވާހަކައެއް ދެއްކިތަ-؟"

"ނުދައްކާ- މިހާރު އޭނާ އަހަރެންގެ ކޮޓަރިއަކަށް ނުވެސް އާދޭ- ކަލޭގެ ކާވެނީގެ ވާހަކަ ނޭނގޭ އިރު އަބަދު އޮންނަނީ އަހަރެންގެ ކޮޓަރީގައި- ކަލޭގެ ވާހަކަ އޭރު ވަރަށް ގިނައިން ދައްކާ-"

"ދައްތާ- އެ ދުވަސް އަލުން ގެނެސްދީ-"

"ކިހިނެއް އަހަރެން އެ ދުވަސް ގެންނާނީ-"

"އަހަރެން ދައްތައަށް ޓަކައި ބޮޑެތި ޤުރުބާނީތައް އެބަ ވަން- އަހަންނަށްޓަކައި ދައްތައަށް އެވަރުގެ ކަމެއްވެސް ކޮށެއް ނުދެވޭނެތަ-؟"

"ދޮގު ނުހަދާ- އަހަންނަށްޓަކައި ކަލޭ ވީ ކޮން ޤުރުބާނީއެއް-؟"

"މިހާރުވެސް މި އުޅެނީ ދައްތަގެ އުމުރަކީ ފަންސަވީސް ކަމަށް ހަދާފައި، އަހަރެންގެ އުމުރަކީ ސައްބީސް ކަމަށް ހަދައިގެން- އެއީ ދައްތަ ޅަ ކުރަން އަހަރެން ވީ ޤުރުބާނީއެއް ނޫންތަ-؟"

ސަލްމާ އަޑުލާ ކަހަލަ ރާގަކަށް ބުނެލިއެވެ. "ވިޔާނުދާ ވާހަކަ ނުދައްކާ- ތިޔައީ ފޯނުން ދައްކާ ކަހަލަ ވާހަކަތަ-؟"

ޖޯޝުގައި ނަށާ ސާމަރާ ދޫންޏަށްވެސް އެ ސޮރުގެ އުމުރުން ދުވަސްވީކަން އެނގެނީ ނެށުމުގެ ތެރޭގައި އަމިއްލަ ފަޔަށް ބަލައިލެވުނީމައެވެ. ޖަވާދާ އިނދެވޭ ގޮތް ވީ މީހަކާ އިނުމުގެ އުއްމީދުގައި ސަލްމާ އިންތާ ތިރީސް އަހަރު ފަހުންނެވެ. ކާވެނީގެ ރަސްމިއްޔާތުގައި އޭނާގެ އުމުރު ކަމަށް ލިޔުއްވީ ފަންސަވީސް އަހަރެވެ. އެކަމަކު އޭނާ ޖަވާދަށް ވުރެ ހަ އަހަރު ދޮށްޓެވެ.

ސަލްމާ އަކީ މައިދައިތައަށް ކަމުދާ މީހަކަށް ނުވިއެވެ. އެހެން ނަމަވެސް ދަރިފުޅު ހިތާ ވެގެން އިންނަ މީހަކަށް ވާތީ އަނގައިން ނުބުނީއެވެ. ސަލްމާ އަކީ ޢުމުރުން ދުވަސް ވެފައިވާ މީހެއްކަން ޖަވާދުގެ ބައްޕައަށްވެސް އެނގެއެވެ. އެކަމަކު އޭނާވެސް ދަރިފުޅަށްޓަކައި ހިމޭނުން ހުރީއެވެ. ސަލްމާ އައީ ފަންސަވީސް ލައްކަ ރުފިޔާ ހިފައިގެންނެވެ. އަދި އޭނާގެ ޙިއްސާ އަށްވާ ބިންވެސް ހިފައިގެންނެވެ. ޖަވާދު ހުންނަނީ އޭނާޔާ ހެދި ހޭބަލި ވެފައި ކަމަށް ވާތީ، ކަންތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގޭގައި އޭނާގެ ބާރު ވަރަށް ގަދައެވެ. ގޭގައި ނުފޫޒު އޮތަސް، އުމުރުން ދޮށީ ވާހަކަ ދެއްކީމާ މިހާރުވެސް އޭނާ ގާތަށް ރުޅި އާދެއެވެ.

އޭނާ ބުންޏެވެ. "އަކްބަރު- ކަމާ ނުބެހޭ ވާހަކަ ނުދައްކާ- ކަލޭގެ ނަން ގަންނަ އަޑު އަހާކަށްވެސް އޭނާ ބޭނުމެއް ނުވޭ- އެވަރުގެ މީހަކު ކަލެޔާ ރުހޭ ގޮތް ހަދާނީ ކިހިނެއް-؟"

"ދައްތަ ބޭނުމިއްޔާ އަހަރެމެން ދެ މީހުން ބައްދަލު ކުރުވިދާނެ-"

"ތިޔަ އުޅެނީ އަހަރެން މިގެއިން ބޭރަށް ލާ ގޮތް ހަދަންތަ-؟"

"ދައްތަ އަކަށް އެއްވެސް ކަމެއް ނުވާނެ- ދައްތަ ދުރުގައި ހުރެގެން މަގު ފަހި ކޮށް ދޭނީ- އެހެން ކަމެއް ކުރާކަށް ނުޖެހޭމެ-"

"ކަލޭ އޭނާގެ ފަހަތުން ހަމަ ރަނގަޅަށް އަޅައިގަތީ ދޯ-؟ އެކަހަލަ އެތައް ކުދިންނެއް ލިބިދާނެއެއްނު-؟"

"އާނ- ލިބިދާނެ- އެކަމަކު ހިތް އެދެނީ އޭނާއަށް-"

"އެންމެ ރަނގަޅު- އަހަރެން ހަދަން ވީ ގޮތެއް ބުނޭ-"

"ފީރޯޒާގެ އިމްތިޙާން ނިމެނީ ކޮން ދުވަހަކު-؟"

"އިމްތިޙާން މިހާރު ނިމިއްޖެ- އެންމެ ފަހުގެ ޕޭޕަރު ހެދީ އިއްޔެ- ދެން ނަތީޖާ ލިބެންދެން އިންނާނީ ގޭގައި- ބޭރަކަށް ނުދާނެ- އެހެންވީމާ ބަހަނާ ދައްކައިގެން ކަލެޔާ ބައްދަލު ކުރާކަށް ނުދެވޭނެ-"

"އަހަރެން ބޭނުންވަނީވެސް އޭނާ ގެއިން ނުނުކުމެ އިންނަން- އޭނާގެ ބައްޕަ ގެއިން ބޭރަށް ދަނީ ހެނދުނު ނުވައެއް ޖަހާއިރުނު-؟ ދެން ހުރަހަކަށް ހުންނާނީ މަންމަ- ކޮންމްވެސް ގޮތެއް ހަދާފައި އޭނާ ދެތިން ގަޑި އިރަށް ތަނަކަށް ފޮނުވާލަދީ- އޭރުން ދައްތަގެ މަސައްކަތް ނިމުނީ-"

"މަންމަ ބޭރަށް ދަންޏާ ދާނީ ފީރޯޒާ ގޮވައިގެން-"

"އޭނާ އެކަނި ވާނެ ގޮތެއް ރާވާ-"

"ކިތަންމެ ވަރަކަށް ރޭވިޔަސް އޭނާ އެކަނިވާ ގޮތެއް ނުހެދޭނެ- މަންމަ ނެތަސް އަހަރެން ގޭގައި އުޅޭނަން- އަހަރެން ގޭގައި އުޅެނިކޮށް ކަލޭމެން ދެމީހުން ބައްދަލު ކޮށްފިއްޔާ ހުރިހައި އިލްޒާމެއް އެޅޭނީ އަހަރެންގެ ބޮލުގައި-"

އަކްބަރު އިރުކޮޅަކު ވިސްނައިލާފައި ބުނެލިއެވެ. "ދައްތާ- އަހަރެން މިހާރު މި ދުއްވާ ހޮންޑާ ކާރުގެ އަގަކީ ބާރަ ލައްކަ ރުފިޔާ- ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަހަރެން އާ ކާރެއް ގަންނާނަން- އެ ކާރުގެ އަގަކީ ވިހި ލައްކަ ރުފިޔާ- އަހަރެން ބާރަ ލައްކަ ރުފިޔާގެ ކާރު ވިއްކައެއް ނުލާނަން- އެ ކާރު ދޭނީ ދައްތައަށް-"

ސަލްމާ އުފަލުން ފޮޅިއްޖެއެވެ. ފުން ނޭވައެއް ލައިފައި އަހައިލިއެވެ. "ހަމަ ތެދެއްތަ-؟"

"ދޮގެކޭ ހީވަނީތަ-؟ ދައްތަ ކާވެނި ކުރި ދުވަހު އަހަރެނއް ތިން ލައްކަ ރުފިޔާގެ ހާރެއް ނުދެންތަ-؟ އަހަންނާއި ފީރޯޒާގެ ކާވެނީގެ ތާރީޚު ކަނޑައަޅާ ދުވަހު އެ ކާރު ދައްތައަށް ދޭނަން-"

ސަލްމާ ވިސްނަން ފަށައިފިއެވެ.

އަކްބަރު ސުވާލު ކޮށްލިއެވެ. "އަހަރެން މި ބުނާ އެއްޗެއް ދައްތައަށް ވިސްނޭތަ-؟"

"އާނ- ކަލޭ އަހަރެންގެ ކަރަށް ތިޔަ މަހައިލީ ބާރަ ލައްކަ ރުފިޔާގެ މަޅިގަނޑެއް- އަހަރެންގެ ނޭވާ އުފުރެން ފަށައިފި- ކޮންމެވެސް ހިންތާއެއް އެބަ ރާވަން-"

"އަވަހަށް ކޮންމެވެސް ގޮތެއް ހަމަ ޖައްސާ- އަވަސްވީ ވަރަކަށް ކާރު ލިބުން އަވަސް ވާނެ-"

"މާދަމާ ހެނދުނު މި ގެއަށް އާދޭ- އަހަރެން ކޮންމެވެސް ތަދުބީރެއް ކުރާނަން- އެންމެ ބުރަ ކަމަކަށް އޮތީ ފީރޯޒާގެ ރުހުން ހޯދުން- އޭނާ ރުހިއްޖެއްޔާ އެ އޮތީ ނިމިފައި-"

އޭނާ ފޯނު ބާއްވައިފިއެވެ. އޭނާގެ ހިތުގައި މިހާރު އޮތީ ނީލަމެއްގެ މާޙަވްލެވެ. ފަހަރި ގެނެސް ކޮއްކޮގެ އުނގަށް ލެވުމާއެކު އޭނާއަށް ބާރަ ލައްކަ ރުފިޔާގެ އަގު ހުރި ކާރެއް ލިބުނީއެވެ. ކާރު އޮންނާނީ ގޭ ދޮރުމަތީގައެވެ. ފަހަރި ހުންނަނީ އޭނާގެ ގޭގައެވެ. އެންމެ ފިޔަވަޅަކުން މި ދެ ކަންތައްވެސް ފުރިހަމަ ވެ ނިމޭނެއެވެ.

އޭނާ ވިސްނައިލާފައި ފީރޯޒާގެ ކޮޓަރިއަށް ހިނގައްޖެއެވެ. އެންމެ ފުރަތަމަ އޮތީ ފީރޯޒާ ގޯނި ފުލަށް ލުމެވެ. އޭނާ އިނީ ގޮނޑިއެއްގައި އިށީނދެގެން ފިލްމެއް ބަލާށެވެ. ސަލްމާ އައިސް އޭނާގެ ކައިރީގައި އިށީނދެފައި އަހައިލިއެވެ. "ކޮން ފިލްމެއް-؟"

ފިލްމުގެ ރީތި މަންޒަރެއްގެ ތެރެއަށް ގެއްލިފައި އިނދެގެން ފީރޯޒާ ބުނެލިއެވެ. "ދިލް ހޭ ކެ މާންތާ ނެހީނ"

"ކަލޭގެ ހިތް ރުހެނީ ކޮން ދުވަހަކު، ފީރޯޒާ-؟"

އޭނާ ސިއްސައިގެން ގޮސްފައި ފަހަރިއާ ދިމާއަށް ބަލައިލިއެވެ. އަދި ނޭނގޭ ކަމަށް ހަދައިލާފައި ބުނެލިއެވެ. "ފަހަރީ- އަހަރެން މި ބުނީ ފިލްމުގެ ނަން-"

ސަލްމާ ރިމޯޓު ކޮންޓްރޯލަރ ނަގައި، ޓީވީ ނިއްވައިލުމަށް ފަހު ބުންޏެވެ. "މި ފިލްމު މިހާރު އަހަންނާ އެކީ އެތައް ފަހަރަކު ބަލައިފީމެއްނު-؟ މިހާރު އަނެއްކާ ތިޔަ ފިލްމު ބަލަނީ ފިލްމުގައި އުޅޭ އަންހެން ކުއްޖާޔާ ކަލެޔާ ގުޅޭތީ- ފިރިހެން ކުއްޖާ އުޅެނީ އަންހެން ކުއްޖާ ރުއްސަން- ހިތުގައި އޮތީ ރުހުން ކަމަށް ވިޔަސް އަންހެން ކުއްޖާ އުޅެނީ އެކަން ފާޅު ނުކޮށް، ނުރުހޭ ކަމަށް ދައްކަން-"

"އަޅުގަނޑު ފަހަރީގެ ކޮއްކޮއަކާ ރުހިގެންނެއް ނޫޅެން-"

"ތިޔައީ ބޮޑު ދޮގެއް- އަމިއްލަ ނަފްސަށްވެސް ތިޔަ ހަދަނީ މަކަރު- އަހަރެން ދިޔައީމާ އަނެއްކާވެސް ވަރަށް ފަރުވާތެރިކަމާއެކު ފިލްމު ބަލައިލާތި- ފިލްމުގައި އުޅޭ އަންހެން ކުއްޖާ ގެންދަނީ އެންމެ ފަހު ވަގުތާ ހަމައަށްވެސް އިންކާރު ކުރަމުން- އެކަމަކު އެ އިންކާރު ކުރުމަކީ އޭނާގެ ހިތް ގަބޫލު ކުރާ އިންކާރު ކުރުމަކަށް ނުވި- ހިތް ގަބޫލު ނުކުރީމާ އެންމެ ފަހުން ވީ ކިހިނެއް-؟ ލޯބީގައި މަޖުބޫރުވީ- ޕޫޖާ އެންމެ ފަހުން ޢާމިރް ޚާންގެ އަތު ތެރެއަށް ވަންނަނީ- އަހަރެންގެ ސުވާލަކީ ކަލޭގެ ހިތް ރުހޭނީ ކޮން ދުވަހަކުންހޭ- އަހަރެންގެ ކޮއްކޮ އަމިއްލައަށް މަރުވީމާތަ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.