ސަރުކާރާއި އެސްޓީއޯ އިން މިފްކޯއަށް 571 މިލިއަން ރުފިޔާ

Photo: MIFCO official website

މިފްކޯ ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރާއި އެސްޓޯއޯއިން 571 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރޭ ބޭއްވި ގައުމީ އިނާމު ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އެ ފައިސާ މިފްކޯއަށް ދެއްވާން ޖެހިވަޑައިގަތީ މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަ ނުދިނުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރެވެ. މި ދިޔަ އަހަރު ވަނީ މިފްކޯއަށް، މަސްވެރިންގެ އަތުން 48494 ޓަނުގެ މަސް ގެންފައެވެ. މިފްކޯގެ މުޅި ޙަޔާތުގައިވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ 903.7 މިލިއަން ރުފިޔާ އެވެ.

"އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައި. މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން." ރަސީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަހެވެ. 2019 ވަނަ އަހަރު 9000 ޓަނުގެ މަސް، އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.