ލޭބޯފަނި (39)

(2 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެ މީހުން ހިނގަމުން ގޮސް ކޯރުގެ އައްސޭރިއަށް ނުކުމެއްޖެއެވެ. ރަށުގެ ވަރަށް ގިނަ މީހުން އޭރު އައްސޭރިއަށް ނުކުންނަމުން ދެއެވެ. ކޯރުގެ ފެންދަނޑު އޭރުވެސް ވަނީ ވަރަށް ބޮޑު ވެފައެވެ. މީހުން އަންނަނީ ޚަބަރު ބަލައިލާށެވެ. ފެންގަނޑު ހުރި ހިސާބެއް ބަލައިލާށެވެ. އެ ވަގުތަށް ބަލާއިރު ދިޔަވަރު ހުރީ ނުރައްކާތެރި ހިސާބަށް ވުރެ ތިރީގައެވެ.

އިންސާނާ މަކަރުގެ ދަލުގައި ޖެހެނީ ނޭނގުމުގެ ސަބަބުންނެވެ. ނޭނގުމުގެ ސަބަބުން މަރުވެސް ވެދެއެވެ. މަންޒަރު ބަލަން ތިބި މީހުންނަކަށް ވާނުވާއެއް ރަނގަޅަކަށް ނޭނގެއެވެ. މިހާރުވެސް މަންގްލާ ޑޭމްގެ އެންމެ ވޭލެއް ހުޅުވައިލިޔަސް ފެންގަނޑު ސިކުންތުކޮޅެއްގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ބޮޑުވެދާނެއެވެ. އެހެން ދިމާވެއްޖެ ނަމަ ޑޭމް އިންޖިނޭރުންނާއި އޮފްސަރުން މޫސުމާ ބެހޭ އިދާރާއަށް ބަވާނީއެވެ. އިލްޒާމު އަޅުވާނީއެވެ. މިއިން އެއްވެސް ކަމަކުން އަސްލު މައްސަލައެއް ނޭނގޭނެއެވެ. މަރުވާ މީހުންގެ އަދަދެއް މީހަކު ނުބަލާނެއެވެ. އެންމެ ފަހުން ގުދުރަތީ ކާރިސާއެއްގެ ނަމުގައި މައްސަލަ ފައިލުކޮށް ނިންމައިލާނެއެވެ.

ދެމީހުން އައްސޭރިން އަރަން ހިނގައިގެންފިއެވެ. އިރުއޮއްސި ހަތެއް ޖަހައިފިއެވެ. އެ ވަގުތު ކައުންސިލްގެ ޖިޕަކުން އިއުލާނެއް ގޮވަމުން ދުއްވައެވެ. "ފެން ބޮޑު ވުމަކީ އެކަށިގެންވާ ކަމެއް- ގޭގޭގައި ހުރިއްޔާ ހުރި އެއްޗެއް އުސް ތަނަކަށް އަރުވާ- އަންހެނުންނާއި ކުޑަކުދިން ރައްކާތެރި ތަނަކަށް ގެންދޭ-"

އެއީ ސަރުކާރުގެ އިއުލާނެއް ނޫނެވެ. މީހުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ދެކިގެން ކައުންސިލަރުގެ އެންގުމަކަށް ގޮވާ އިޢުލާނެކެވެ. އެ އިއުލާނާ ގުޅިގެންވެސް ސަރުކާރުން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ފެން ބޮޑު ވަމުން އަންނަ ނިސްބަތަށް ބަލާއިރު ނުރައްކާތެރި ހާލަތަކަށް ވެއްޓޭނޭ އިރެއްވެސް މޫސުމާ ބެހޭ އިދާރާއަށް ލަފާ ކުރެވެން ވާނެއެވެ. އެކި ދިމަދިމާއިން އަންނަ ރިޕޯޓުތައް ބަލައި ދިރާސާ ކުރުމާއި ހޭލުންތެރި ކުރުމުގެ ޒިންމާއަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ޒިންމާއެކެވެ. އެކަމަކު ގިނަ ފަހަރަށް ފެންނަނީ އެ ޒިންމާ އަދާ ނުކުރެވޭ މަންޒަރެވެ. ޒިންމާ އަދާ ނުކުރެވުމުގެ ގެއްލުން އެންމެ ބޮޑަށް ލިބެން އުޅޭ ތަނަކީ ޖެހެލަމް ކަމުގައި ވަނީއެވެ.

ފީރޯޒާ ގެއަށް އައިސް ސީދާ ދިޔައީ ބަދިގެއަށެވެ. ކޮންމެވެސް ކާ އެއްޗެއް ތައްޔާރު ކުރާށެވެ. އަކްބަރު އައިސް އިށީނީ ފޯނު ދޮށުގައެވެ. ޑެޕިއުޓީ ކައުންސިލަރަކީ އޭނާގެ ބައްޕަގެ ރައްޓެއްސެކެވެ. އޭނާ އެގެއަށް ފޯނު ކޮށްފިއެވެ. ފޯނު ނެގީ ނީކަރެކެވެ. "ޑީސީ އެބައުޅުއްވާތަ-؟"

"ނޫން- ބޭފުޅުން އިސްލާމްއާބާދަށް ފުރުވައިލައްވާން ވަޑައިގެންފި- އިރުކޮޅަކުން އެނބުރި ވަޑައިގަންނަވާނެ- ތިޔައީ ކޮން ބޭފުޅެއްތޯ-؟"

އޭނާ އެއްވެސް ޖަވާބެއް ނުދީ ފޯނު ބާއްވައިފިއެވެ. އޭނާ ބޭނުންވީ މޫސުމާ ބެހޭ މައުލޫމާތު އޮޅުންފިލުވާށެވެ. ފެން ބޮޑު ނުވިއްޔާ ފީރޯޒާ ގަންބައިލެވޭނޭ ގޮތެއް ނުވާނެއެވެ. އެހެން ވެގެން ކަންބޮޑުވީއެވެ. އޭނާ ހިތުގެ އަޑިން ދުޢާ ކުރިއެވެ. ފެންބޑޫވާނޭ ގޮތް މެދުވެރި ކުރައްވައިފާނދޭވެ. ހަމަ މިހާރު އަންނާނޭ ގޮތް ހައްދަވައި ދެއްވާނދޭވެ.

ކޮންމެ މީހަކުވެސް ދުޢާ ކުރަނީ އެމީހެއްގެ ފައިދާއަށެވެ. ބަދު ދުޢާ ކުރަނީވެސް ހަމަ އެހެންނެވެ.

ރަށަށް ބަލިމަޑުކަމެއް ފެތުރިއްޖެ ނަމަ ރަށުގެ އަހުލުވެރިންނަށް ބޮޑު ވަބާއަކަށް ވެދެއެވެ. އެކަމަކު ޑަކްޓަރުންނަށް އެކަން ވެގެން ދަނީ ރަޙުމަތަކަށެވެ.

މުއްސަނދިންގެ ގެތައް ހުންނަނީ ބުރިބުރިއަށް ހަދާފައެވެ. އެއް ބުރިއަށް ހުންނަ ގޭގެވެސް ހުންނަނީ ފެންވަރު ރަނގަޅުކޮށް ހަދާފައެވެ. ފެންބޮޑުވުން ފަދަ ކަމަކުން އެ ގެތަކަށް ގެއްލުން ވެއްޖެނަމަ މަރާމާތު ކުރަން ޖެހެއެވެ. އެހެންވީމާ ފެންބޮޑުވުންވެސް ބައެއް މީހުންނަށް ރަހުމަތަކަށް ވެދެއެވެ.

ފެންބޮޑު ވުމަށް އެދި އަކްބަރު ކުރި ދުޢާ އަކީ އޭނާގެ ވިޔާނުދާކަން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ.

ރޭގަނޑު ދިހައެއް ޖެހިތަނާ ގޭގެއަށް ފެންގަނޑު ވަންނާން ފަށައިފިއެވެ. ފުރަތަމަ ވަނީ މަރުކަޒީ ބާޒާރުގެ ފިހާރަތަކަށާއިއެ ހިސާބުގަނޑުގެ ގޭގެއަށެވެ. ފެން ބޮޑުވަމުން ދިޔައީ ހަލުވި ކަމާއެކީގައެވެ. ފުރަތަމަ ތަނބިކަށްޓާ ހަމައިގައެވެ. އޭގެ ފަހުން ކަކުލާ ހަމައަށެވެ. މާ ގިނަ އިރުތަކެއް ނުވެ އުނަގަޑާ ހަމައަށެވެ.

ކުއްލިއަކަށް ކަރަންޓު ހިނގައްޖެއެވެ. ރަށުތެރެއަށް ބިރުވެރިކަން ފެތުރިއްޖެއެވެ. އަންހެނުންނާއި ކުޑަކުދިން ރޯ އަޑު ރަށު ތެރެއިން އިވޭން ފަށައިފިއެވެ. އުސް ތަންތަނަށް އަރައިގެން ފުރާނަ ސަލާމަތް ކުރެވޭތޯ ބަލާ މީހުންނާއި އަނބިދަރިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާ މީހުން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. މީސްމީހުންނާއި ތަކެތި ބެހިގެންވެސް ދަނީއެވެ. ބއެއް މީސްމީހުން ބޮއްކުރާ ފަހަރާއި ކަނދުފަތިތަކުގައި ސަލާމަތް ވާށާއި ސަލާމަތް ކޮށްދޭން މަސައްކަތް ކުރަނީއެވެ.

ފެން ބޮޑު ވަމުން ގޮސް ދިހަ ބާރަ ފޫޓަށް އަރައިފިއެވެ. މަގުތަކުގައި ފެންގަނޑު ދެމެމުން ދަނީ ހިފަހައްޓަން އުނދަގޫވާ ވަރުގެ ބާރު އޮއިވަރަކާ އެކީގައެވެ. އެއްވެސް މީހަކަށް އެހެން މީހެއްގެ ޚަބަރު ބަލައިލާން ނޫޅެވޭ ފެންވަރަށް ކަންތައް ހިނގައްޖެއެވެ. ގަސްގަހާއި ރުއްރުކުގެ ކުރިއަށް މީހުން އަރާތަންވެސް ފެނެއެވެ.

ޠޫފާނުގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު މަންޒަރުވެސް ފެންނަމުން ދިޔައެވެ. ބައެއް ޒުވާނުން އަމއްލަ ނަފުސަކަށް ބެލުމެއް ނެތި މުސްކުޅިންނާއި ކުޑަކުދިން ސަލާމަތް ކުރަން މަސައްކަތް ކުރާ ތަނެވެ. މީސްމީހުން ރައްކާތެރި ތަންތަނަށް ގެންދާ މަންޒަރެވެ.

ބޭރުގައި ހިނގާ ކަންތައްތައް އެ ދެމީހުންނަކަށް މާ ރަނގަޅަކަށް ނޭނގެއެވެ. ފެންބޮޑުވެގެން އައިސް ގޭގެ ފުރަތަމަ ބުރިއާ ހަމައަށް އެރިކަން އެނގެއެވެ. އަކްބަރު ބުންޏެވެ. "ފުރަތަމަ ބުރިވެސް ރައްކާތެރިއެއް ނޫން- ހިނގާ މައްޗަށް، ޓެރަހަށް އަރަމާ-"

ބޮޑޫވަމުން އަންނަ ފެންގަނޑު ފެނުނީމާ ފީރޯޒާ ޖެހިލުންވިއެވެ. އޭނާ މަރު ދެކެ ބިރެއް ނުގަނެއެވެ. އެކަމަކު ދިރިއުޅުން ދެކެ ލޯބިވެސް ވެއެވެ. މިކަހަލަ ޠޫފާނެއް އޭނާ ފިލްމަކުންވެސް ނުދެކެއެވެ. މުޅި ގެ ފުރިގެން އެހެރަގެން އަންނަނީ އޭނާ ބަލަން ހުއްޓައެވެ. ހުރިހައި ތަނެއް ފެންނަނީ ދެތިން އުއްބައްތީގެ އަލީގައެވެ. ބިރުވެރި ގޮތަކަށެވެ. ދުވާލުގެ ވަގުތެއް ނަމަ ތަންކޮޅެއް ދުރު ފެނުނީހެވެ. އެކަމަކު މިހާރަކު މާ ދުރެއް ނުފެނެއެވެ. ގިނަ ތަންތަން ފެންނަނީ ހިޔަނީގެ ގޮތުގައެވެ.

އޭނާ އުއްބައްތި ހިފައިގެން ސިޑިން އަރައިގެން އަކްބަރުގެ ފަހަތުން ހިނގައިގެންފިއެވެ. މައްޗަށް، ޓެރަހަށް އެރި އިރު ވަރަށް ބާރަށް ވައި ޖެހެއެވެ. އެރުމާއެކު އުއްބައްތި ނިވިއްޖެއެވެ. ދެން އިވުނީ އަކްބަރުގެ އަޑެވެ. "އިންސާނާގެ ދިރިއުޅުމަކީވެސް އިތުބާރެއް އޮންނަ އެއްޗެއް ނޫން- އެންމެ ވައި ރޯޅިއަކުން ދިރިއުޅުންވެސް ނިމިގެން ހިނގައިދާނެ-"

އޭރުވެސް ފެންގަނޑު ބޮޑުވުމެއް ނުހުއްޓެއެވެ. ގޭތެރެ ފުރެމުން އަންނަނީއެވެ. އޭނާ ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. އަކްބަރު ކުރިއަށް ޖެހިލިއެވެ. "މައްޗަށް އަންނާށޭ އަހަރެން ކިޔާތާ ކިހާ އިރެއް- ނާންނަންވެގެން އުޅުނީ އަހަރެންގެ މަގުސަދު އެނގިގެންތަ-؟"

ފީރޯޒާ ހަރުކަށި ރާގަކަށް އަހައިލިއެވެ. "ކޮން މަގުސަދެއް-؟"

އަކްބަރު ހީނގަތެވެ. "އަހަރެން ބޭނުން ވަނީ ގޭތެރޭގައި ބޮޑުވަމުން އެ އަންނަ ފެންގަނޑުގެ ތެރެއަށް ކަލޭ ވައްޓައިލާން- އެކަމަކު އެތަނުން ކަލޭ ސަލާމަތް ވުމުގެ ފުރުސަތު އޮންނާނެ- ސަލާމަތް ވެއްޖެއްޔާ ދެން ކަލޭ މަރައިލާކަށް ފަސޭހައެއް ނުވާނެ-"

"މަރައިލާށޭ...؟" އޭނާ އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އެޅިއެވެ. "ކަލޭ ތިޔަ އުޅެނީ އަހަރެން މަރައިލަންތަ-؟ ކަލޭގެ ހަޔާތްކުޑަކަން އަނެއްކާވެސް ހޭލީތަ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.