(23 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މާޔޫސީއާ ކުރިމަތިލާން ޖެހުނީމާ އޭނާ ވިސްނާން ފަށައިފިއެވެ. މިފަދަ ހާލަތެއްގައި ކަންތައް ކުރާން އޮންނަ އެންމެ ރަނގަޅު ގޮތަކީ ކޮބައިހެއްޔެވެ؟ އޭނާ ރެކޯޑަރު ހިފައިގެން ކޮޓަރިން ނުކުމެއްޖެއެވެ. އޭނާގެ ކޮޓަރިއާ ދިމާއަށް ބަލައިލިއެވެ. ޖަވާދު މިހާރު އޭނާގެ އިންތިޒާރުގައި ކޮޓަރީގައި ހުންނާނެއެވެ. އަކްބަރަށް ފޯނު ކޮށްފައި ވެގެން އުޅޭ ގޮތް ކިޔައިދޭން އެބަ ޖެހެއެވެ. އެކަމަކު ޖަވާދު ހުއްޓައެއް އެކަމެއް ނުކުރެވޭނެއެވެ.
އޭނާ ބާރަށް ހިނގާފައި ގޮސް މައިދައިތަގެ ކޮޓަރިއަށް ވަދެ އެތެރެއިން ތަޅު ލައިފިއެވެ. އެ ކޮޓަރީގައި ވަކި ފޯނެއް ހުރެއެވެ. ކެސެޓް ރެކޯޑަރަށް ރޯލެއް ލެއްވުމަށް ފަހު އޭނާ އަކްބަރަށް ފޯނު ކޮށްފިއެވެ.
"ހަލޯ- ދައްތާ- ކަންތައް ދިޔައީ ކިހިނެއް-؟"
"އަހަރެންގެ ބަރުބާދީގެ ހުރިހައި ކަމެއް ރޭވި ނިމިއްޖެ- މޮޔަ ފިޔަވަޅުތަކެއްގެ ސަބަބުން ކަލޭވެސް މަރުގެ އަދަބަށް ތައްޔާރުވޭ-"
"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް-؟ ކޮން މަރުގެ އަދަބެއް-؟ އަހަރެން އެޅީ ކޮން މޮޔަ ފިޔަވަޅެއް-؟"
"ކަލޭ ފީރޯޒާ އާ އެކަނި ބައްދަލު ކުރާ ކޮންމެ ރެޔަކު އޭނާ ކަލޭމެން ދެމީހުންގެ ހުރިހައި ވާހަކައެއް ރިކޯޑު ކުރޭ-"
"ތިޔައީ ދޮގެއް- ފީރޯޒާގެ ކޮޓަރިއަކުން އަހަރެން ރެކޯޑަރެއް ނުދެކެން- އޭނާ ރިކޯޑު ކުރާނީ ކިހިނެއް-؟"
ކަލެއަށް ގަބޫލު ނުކުރެވެންޏާ އަޑު އަހައިލާ- އޭނާ ކޮންމެ ރެއަކު ރިކޯޑު ކުރޭ-"
އޭނާ އަތްގަނޑުގައި ރެކޯޑަރު ޖައްސައިލުމަށް ފަހު ފިތަކަށް އޮބައިލިއެވެ. ދިހަ ވަރަކަށް މިނިޓު އަޑު އިއްވުމަށް ފަހު އަތްގަނޑު ކަންފަތުގައި ޖައްސައިލުމަށްފަހު އަހައިލިއެވެ. "އަޑު އިވިއްޖެތަ-؟ އަހަރެން މިކިޔާ އެއްޗެއް ވިސްނިއްޖެތަ-؟"
"ވިސްނިއްޖެ- ތިޔަ ކެސެޓުން އަހަރެން ބަރާބަރަށް ކުށްވެރި އެބަވޭ-"
"މުޅި ރޯލު އަޑު އެހީމާ އެނގޭނެ އަހަރެންވެސް ކަލޭގެ ކުށުގައި ބައިވެރިވާކަން- އަދި ފީރޯޒާގެ މަންމަ މަރުވީ ރޭ ކަލޭ އޭނާގެ ކޮޓަރީގައި މެންދަމުން އަލިވެ ތިނެއް ޖަހަންދެން އުޅުނުކަންވެސް ސާބިތުވޭ- އަދި ކަލޭ އެ ގެއިން ނުކުތީ ތިނެއް ޖެހި އިރުކަންވެސް އެނގޭ- ޑަކްޓަރުން ބުނާ ގޮތުގައި މައިދައިތަ މަރުވީ އެރޭގެ ތިނަކާ ހަތަރަކާ ދެމެދުގެ ވަގުތެއްގައި—
"ޔާރައްބީ- އޭނާ އެ އުޅެނީ އަހަރެމެން ރަނގަޅަށް މަޅީގައި ޖައްސަން ދޯ-؟"
"އުޅެނީކީއެއް ނޫން- ޖައްސައި ނިމިއްޖެ- މިހާރު އޭނާ ވީ ޖެހެލަމް ވިމެންސް ލޯޔަރސް އެސޯސިއޭޝަންގެ އޮފީހުގައި- އޭނާ އަހަރެމެން ކޯޓަށް ގެންދިއުމުގެ ކުރިން މައްސަލަ ހައްލު ކުރޭ- ލޯބިން ހަމަޖެއްސޭތޯ ބަލާ- އެހެން ނޫނީ ކޯޓުގައި އަހަރެމެން ސަލާމަތް ވާނޭ މަގެއް ހޯދާ-"
"ތެދު ވާހަކައެއް- މިހާރު މިއޮތީ ސަލާމަތްވާން ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވެފައި- އަހަރެން މި ދަނީ އޭނާޔާ ބައްދަލު ކުރަން-"
ފޯނު ބޭއްވުމަށް ފަހު އަކްބަރު އެންމެ ފުރަތަމަ ކުރި ކަމަކީ އެޑްވޮކޭޓް ބުޝްރާ ރައްބާނީގެ ނަންބަރު ހޯދުމެވެ. އެއަށްފަހު އެނަންބަރަށް ގުޅައިފިއެވެ. ފޯނު ނެގީ އަންހެނެކެވެ. "އެޑްވޮކޭޓް ބުޝްރާ ރައްބާނީއާ ގުޅިދާނެތޯ-؟"
ކުޑައިރުކޮޅަކަށް ފަހު އެހެން މީހަކުގެ އަޑު އިވުނެވެ. "ހަލޯ- މި ވާހަކަ ދައްކަނީ ބުޝްރާ ރައްބާނީ- ކޮން ބޭފުޅެއްތޯ-؟
"ޗަވްދަރީ އަކްބަރު ޢަލީ-"
"ތިޔައީ ހަމަ ހަގީގަތުގައިވެސް ޗަވްދަރީ ޢަލީތޯ-؟"
"އާދެ- މިއީ ހަމަ އަކްބަރު ޢަލީ-"
"ތިޔަހައި އަވަހަށް ތެޅިގަތީމާ އަޅުގަނޑު މި ހުންނަނީ ހައިރާން ވެފައި- މިހާރު އަޅުގަނޑު މި ގެންދަނީ ކޯޓަށް ހުށަހަޅާނޭ ލިޔުންތައް ތައްޔާރު ކުރަމުން-"
އޭނާ ހާސް ވެއްޖެއެވެ. "މައްސަލަ އޮތް ހިސާބުގައި ބާއްވަވައިދެއްވާ- މައްސަލަ ކޯޓަށް ނުގެންދަވައި އަޅުގަނޑަށް ފީރޯޒާ އާ ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދަން ފުރުސަތު ދެއްވާ-"
"ކޮން ކަހަލަ ސުލްހައެއްތޯ ކުރައްވަން ތިޔަ އުޅުއްވަނީ-؟"
"އަޅުގަނޑަށް ތިޔަ ސުވާލުގެ ޖަވާބު އެރުވޭނީ އޭނާޔާ އެއް ފަހަރު ބައްދަލުކޮށް ވާހަކަ ދައްކާފައި-"
"މަޑުކޮށްލައްވާ-"
އިރުކޮޅަކަށް ހިމޭންކަން ފެތުރިފައި އޮތުމަށް ފަހު އަނެއްކާވެސް އިވުނީ ބުޝްރާގެ އަޑެވެ. "އަކްބަރު ޢަލީ- ދެގަޑިއިރު ފަހުން ފީރޯޒާގެ ގެއަށް ދުރުވެ އޭނާގެ ބޭބެއާއި ފަހަރިއާ ބައްދަލު ކުރައްވާ- ފީރޯޒާވެސް ހުންނާނެ- ވާހަކަ ދައްކާނީ އެ ގޭގައި-"
"އަޅުގަނޑު ބޭނުން ވަނީ ފީރޯޒާއާ އެކަނިބައްދަލު ކޮށްލަން-"
"މިކަމުގައި ދެނަ ދައްކާނޭ އިތުރު ވާހަކައެއް ނެތް-"
ފޯނު ކަނޑާލައިފިއެވެ. އަކްބަރު ދެތިން ފަހަރަކު ހަލޯ އޭ ގޮވައިލިއެވެ. އެކަމަކު ގުޅުމެއް ނެތް ފޯނަކުން އިވޭނީ ކޮން އަޑެއް ހެއްޔެވެ؟ އޭނާ ރުޅި އައިސްގެން ފޯނު ބާއްވާފައި ތެދުވެ ދެކޮޅަށް ކުރުކާލި ކަނޑަން ފަށައިފިއެވެ.
އޭނާ ވިސްނަމުން ދިޔައެވެ. "ފީރޯޒާއަކީ ވިސްނުން ތޫނު ގޮތް ދޫނުކުރާ ކުއްޖެކެވެ. އެކަމަކު މިހާރު އެދައްކާ ކަހަލަ ޗާލާކުކަން ދެއްކޭ ވަރުގެ ކުއްޖެއް ކަމެއް ކުރިއަކުން ނުދެނަހުރީމެވެ. އަހަންނަށް ސިއްރުން ކޮޓަރީގެ ވާހަކަތައް ރިކޯޑުވެސް ކުރީއެވެ. މަކަރުވެރި އަންހެނެކެވެ."
* * *
ހަގީގަތުގައި ފީރޯޒާ ޗާލާކީއެއް ނޫނެވެ. މަކަރުވެރީއެއްވެސް ނޫނެވެ. އޭނާ ކުރި ކަމެއް ކުރީ ދެކޮޅުވެރިކަމުގެ ނިޔަތެއްގައެއް ނޫނެވެ. އޭނާއަކީ ތަބީއަތުގައި ލޯބިވެތި ގޮތެއްހުންނަ ޖަޒުބާތީ ކުއްޖެކެވެ. އާއްމު ގޮތެއްގައި ލޯބިވެރިޔާ ހަނދާން ކުރުމަށްޓަކައި އަންހެން ކުދިން ގެންގުޅެނީ ސިޓީއެއް ނުވަތަ ރުމާލެއް ފަދަ އެއްޗެކެވެ. ފީރޯޒާ ބޭނުންވީ ޒަމާނީ ތަރައްގީގެ ވަސީލަތެއް ބޭނުންކޮށްގެން އޭނާގެ ލޯބިވެރިޔާގެ ހަނދާން ދަމަހައްޓާށެވެ. ރިކޯޑު ކޮށްފައިވާ ލޯބީގެ ވާހަކަތަކުގެ ވާހަކަ އޭނާ އަކްބަރަށް ނާންގައި ހުރީ ލަދުންނެވެ. އެހެން އެއްވެސް ސަބަބެއް އޮވެގެންނެއް ނޫނެވެ.
އަންހެނުންނަކީ މާމުއި ކުޅަނދުރު ފަދަ ބައެކެވެ. ގޯނާ ނުކުރިއްޔާ މާމުއި ދޭނެއެވެ. ގޯނާ ކޮށްފިއްޔާ ވިހަ ކަށި ޖަހާނެއެވެ. އެއީ ލަދާއެކު ދިރިއުޅޭ ލަދުން މަރުވާ ކަހަލަ ކުއްޖެކެވެ. އޭނާގެ ކިބައިން އެ ލަދުވެތިކަން ނިގުޅައިގެންފިނަމަ، އެއްވެސް ޖެހިލުމެއް ނެތި ލަދު ހަޔާތުގެ ފަރުދާ ކަހައިލާފައި ނުކުންނަ ކަހަލަ ކުއްޖެކެވެ. އޭނާ އެ ރޯލުތައް އޭނާގެ ލޯބިވެރިޔާއަށް ނުދައްކައި ރައްކައުކޮށްގެން ގެންގުޅުނީ ލަދުންނެވެ. އެކަމަކު އެ ރޯލުތައް އާއްމު ކުރާކަށް މިހާރަކު އޭނާ ލަދެއް ނުގަނެއެވެ. އޭނާއަށް ހިތްވަރު ލިބެނީ އެއީ އޭނާގެ ދަރިފުޅުގެ ސަލާމަތަށްޓަކައި ކުރާ ކަމެއްކަން އެނގޭތީއެވެ.
(ނުނިމޭ)