ލޭބޯފަނި (13)

(5 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަވީރު ވެގެން އައި އިރު ގޭތެރޭގެ މާހައުލު އޮތް ގޮތް ސަލްމާ ބަލައިލިއެވެ. މައިދައިތައާއި ބަފައިބެ ކޮޓަރީގައި ވާހަކަ ދައްކާން ތިއްބެވެ. އޭނާ ހަލުވި ފިޔަވަޅު ތަކެއް އަޅަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ކުޑަވަރެއްގެ ޕާރުސަލެއް ހިފައިގެން ގޮސް ފީރޯޒާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

"މިއީ ވޯކީޓޯކީއެއް- އަހަރެން ދަނީ- ކޮޓަރި އެތެރެއިން ތަޅުލާ- އަހަރެން ކޮޓަރިއަށް ގޮސް ވާހަކަ ދައްކާނަން-"

އޭނާ އައި ވަރަށްވުރެ ބާރަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ފީރޯޒާ ކޮޓަރި އެތެރެއިން ތަޅު ލައިފިއެވެ. ޕާރުސަލު ކަނޑައިގެން އޭގެ ތެރޭގައި އޮތް ވޯކީޓޯކީ ނަގައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެއިން ސިގުނަލު ލިބޭން ފަށައިފިއެވެ. ފިތަކަށް އޮބައިލުމަށް ފަހު އޭނާ ވާހަކަ ދައްކާން ފަށައިފިއެވެ. "ހަލޯ- މިއީ އަހަރެން..."

އަނެއް ކޮޅުން ސަލްމާގެ އަޑު އިވުނެވެ. "މިއީ ކަލޭގެ ރަޙްމަތްތެރިޔާ- މި އެއްޗެއް ހެދި މީހަކަށް ހާސް ފަށުން ޝުކުރު އަދާ ކުރަން ޖެހޭ- މީގެ ސަބަބުން ލޯބީގެ ސަކަރާތްގަނޑު ފަސޭހަ ވެގެން ހިނގައްޖެ- މުސްކުޅިން ކިތަންމެ ވަރަކަށް ފާރަ ލިޔަަސް، އެ މީހުންނަށް ހިލަމެއްވެސް ނވެ ލޯބިވެރިޔާ އާ މިހާރު ވާހަކަ ދެއްކިދާނެ-"

"އަހަރެންގެ ލޯބިވާ ފަހަރި- މިހާރު އަކްބަރާވެސް ވާހަކަ ދެއްކޭނެތަ-؟"

"އާނ- މީގެ އެތިގަނޑެއް އޭނާގެ އަތުގައިވެސް އޮންނާނެ- މި ގޭގެ ފުރަގަހުގައި މިހާރުވެސް އޭނާ އެބަހުރި- ދިހަވަރަކަށް މިނިޓު ފަހުން އޭނާ ވާހަކަ ދައްކާނެ-"

"ފަހަރިޔާ ދެން ވާހަކަ ދެއްކޭނީ ކޮން އިރަކުން-؟"

"އަހަންނާ އެއް ގޮތަކަށްވެސް ވާހަކަ ދައްކާނެ ކަމެއް ނެތް- އަހަރެމެން ދެ މީހުން ސިއްރު ކަންތައްގަނޑެއް ހިންގާކަން ކަލޭގެ ބޭބެއަށް އެނގިދާނެ- ދަަނޑިވަޅެއް ބަލާފައި އަހަރެން ވާހަކަ ދައްކާނަން-"

ގުޅުން ކެނޑިއްޖެއެވެ. އޭނާ ވޯކީޓޯކީ ނިއްވައިލިއެވެ. އަދި ދެ އަތުން އޭގައި ހިފައިފައި މޫނާ ކައިރިކޮށް، ފުންކޮށް ބަލައިލިއެވެ. ހީވަނީ އަކްބަރުގެ މޫނަށް ބަލައިލެވުނީހެންނެވެ. އޭނާގެ ސިކުނޑިގެ ތެރެއަށް ވަދެ، ލޯބީގެ ބަލި ެއްސި މީހާ އިސާހިތަކު އޭނާގެ އަޑުގެ ޖާދޫގައިވެސް ޖައްސައިފާނެއެވެ. ކުރިއަށް އޮތް ދިހަ މިނިޓު އޭނާއަށް އިހުސާސް ކުރެވެނީ ދިހަ އަހަރު ކަމުގައެވެ.

އޭނާ ގެންދިޔައީ ހިތުގެ އަޑީން ދުޢާ ކުރަމުންނެވެ. އޭނާގެ ވާހަކަ ނިމޭންދެން މަންމަ ޣާފިލުކަންމަތީ ލަހައްޓަވާތޯއެވެ. ދަރިފުޅުގެ މަތީން ހަމަ އެއް ގޮތަކަށްވެސް ހަނދާން ނުވާނޭ ގޮތެއް މެދުވެރި ކުރައްވާތޯއެވެ.

ދުޢާ ކުރުމުގެ ތެެޭގައި ދިހަ މިނިޓު ފާއިތު ވެގެން ހިނގައްޖެއެވެ. އޭނާ ވޯކީޓޯކީ ޖައްސައިލިއެވެ. އެޔަކުން އަޑެއް ނީވެއެވެ. އޭނާ މަޑުމަޑުން އެޔާ ވާހަކަ ދައްކާން ފަށައިފިއެވެ. "ވާހަކަ ދައްކަބަލަ- އަނގައިން ނުބުނެ ހުންނަނީ ކީއްވެގެން-؟"

އޭނާގެ އަޑު އިވުނީކަން ނޭނގެއެވެ. ކުއްލިއަކަށް އަކްބަރުގެ އަޑު އިވިއްޖެއެވެ. "ކޮބާ-؟ މިއީ އަހަންނޭ..."

އޭނާގެ އަޑު ކަންފަތުން ލާފައި ގޮސް ހިތުގައި ކޮއްޓައިލިއެވެ. "ލޯބިވާ... ފީރޯޒާ ތިޔަ ހުންނަނީ އެހެން ދުނިޔެއެއްގައި- އަހަރެން މުޅިން އެހެން ދުނިޔެއެއްގައި... މެދުގައި ލެވިފައިވާ އުސް ފާރުގެ ސަބަބުން ދެ މީހުން އެކަކު އަނެކަކަށް ނުފެނޭ- އިވެނީ ހަމައެކަނި އަޑު-"

ފީރޯޒާ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުނެލިއެވެ. "ވާހަކަ ދައްކާ... ތިޔަ ދައްކާ ވާހަކައަކީ ވާހަކައެއް ނޫނޭ، ފަންޑިތައިގެ ކިޔެވެލިގަނޑެެކޭވެސް ބައެއް ފަހަރު އެބަ ހިތަށް އަރާ- އަހަރެން ދުނިޔެ މުޅީން ބަދަލު ވެއްޖެ- މިހާރު އެހެން މީހަކު ނުއެއް ފެނޭ- އެހެން އަޑެއް ނުއެއް އިވޭ..."

"ފެންނާންވެސް އަހަރެން ބޭނުން- ކިތަންމެ ބޮޑަކަށް ފާރަލިޔަސް ފަރުވާލެއް ނެތް- ނިކަން އެއް ފަހަރު ބުނެބަލަ އަންނާށޭ- ފީރޯޒާގެ އިސްތަށިގަނޑުގެ މަޅީގައި ޖެހެން ދުވެފައި ދާނަން-"

"އަހަރެން މިއީ މަޅިގަނޑެއް ދޯ-؟"

"ތިޔަ މަޅިގަނޑުން ލިބެނީ އަރާމު- ފެންނަނީ ކުލަ ހުވަފެން- ތިޔަފަދަ މަޅިގަނޑަކުން ސަލާާމަތް ވުމަކީ މަރުވުން-"

ފީރޯޒާ ހިނިތުންވެލިއެވެ. "ދެންމެ ބުނީމެއްނު، އަހަރެން އަންނާށޭ ބުނެފިއްޔާ އަންނާނަމޭ-؟"

"އަންނާށޭ ނުބުންޏަސް ދާނަން- ތިޔައީ އަހަރެންގެ މިލްކެއް- އަހަރެން ބޭނުން ކޮންމެ ވަގުތަކު ދާނަން-"

"ތިޔައީ ހަމަ ތެދެއްތަ-؟'

"މިރޭ އަހަރެން ތިޔަ ކޮޓަރިއަށް ވަންނާނަން—"

"އަހަރެން އުފަލުން މަރުވެދާނެ- އެކަމަކު ތިޔަކަމަކީ ވާނޭ ކަމެއް ނޫން-"

"މިއީ ވާނޭ ކަމެއްކަން އަހަރެން ދައްކާނަން-"

"ތިޔަ ވާހަކަ ދައްކަނީ ވަރަށް ބޮޑު ޔަގީން ކަމަކާއެކު- އަންނާނޭ ގޮތެއް ނިކަން ބުނެބަލަ-"

"ފީރޯޒާގެ ބޭބެ އޮންނަނީ ގަދަ ނިދީގައި- ދައްތަ ގޭގެ ފުރަގަހު ދޮރު ހުޅުވައިދޭނެ- އެ ދޮރުން ފެށިގެން ފީރޯޒާގެ ކޮޓަރިއާ ދެމެދު ހުންނާނީ ހައެއްކަ ފޫޓު- ނޫންތަ-؟"

"ނޫނޭ އަކްބަރު- ތިޔަހެން ނުހަދާތި- ބޭބެގެ ނިދި ވަރަށް މަޑު ވާނެ- ހިލަމެއް ވިޔަސް ހޭލާނެ-"

"ބޭބެއަކީ ކޮންމެ ރެއަކު ކައި ނިމގެން ސައި ތަށްޓެއް ބޯ މީހެއްކަން ފީރޯޒާ ދަންނަމެއްނު-؟ އެ ސައި ތަށްޓައް ދައްތަ ނިދާ ބޭސް އަޅާނެ-"

ފީރޯޒާ ވިސްނައިލިއެވެ. އަކްބަރު އެހެރީ އޭނާޔާ ބައްދަލު ކުރާ ހިތުން މޮޔަ ވެފައެވެ. އެކަމަކު އޭނާގެ ބޭބެއަށް އެކަހަލަ ގޮތެއް ހެދުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއް ބާވައެވެ؟

އަކްބަރު އަހައިލިއެވެ. "ކިހިނެއްވީ-؟ އަނގައިން ނުބުނެ ހުރީ ކީއްވެގެން-؟"

"ތިޔަ ދައްކަނީކީ ރަނގަޅު ވާހަކައެއް ނޫން- ކުރަން ތިޔަ އުޅޭ ކަމަކީވެސް ރަނގަޅު ކަމެއް ނޫން- ތިޔަ އުޅެނީ އަހަރެންގެ ބޭބެ ހޭބަލި ކޮށްލަން- އެހެން ބުނީމާވެސް މެޔަށް ގޮތެއް އެބަވޭ-"

"ނާނާ ކިޔައިގެން ތުއްތު ކުދިން ނިންދެވުމާއި، ނިދި ނާންނަ މީހުންނަށް ބޭސް ދީގެން ނިންދެވުމަކީ ކުށެއް ނޫން- އަހަރެމެން ޅިޔަނު ހޭބަލި ކުރަނީކީއެއް ނޫން- ފީރޯޒާގެ ބޭބެއަކީ އަހަރެންގެ ޅިޔަނު- އަހަރެންވެސް އޭނާ ދެކެ ލޯބިވަން- އިހުތިރާމް ކުރަން- ދުވާލު ހަތަރު ދަމު މަސައްކަތުގައި އުޅެފައި ވަރުބަލި ވެގެން ގެއަށް އައީމާ ރަނގަޅަށް ނިދޭ ގޮތް ހެދުމަކީ ދައްތަގެ ވާޖިބެއް- އެއީ އަހަރެމެން ކުރާ ވިޔާނުދާ ކަމެއް ކަމަށް ފީރޯޒާއަށް ފެން ކަމަށް ވަންޏާ އަހަރެން ނުދާނަން-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.