(2 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އާނ- އަކްބަރު ވާހަކަ ދައްކަނީ- ދައްތަ ކޮބާ-؟"
"ސަލްމާއާއި އެގޭ އެންމެން ޕިންޑީއަށް ފޮނުވާލައިފިން- ގޭގެ އެންމެ ތިރީ ބުރީގައި ހުރި ހުރިހައި އަގު ބޮޑުނއެއްޗެހި މިހާރު ހުންނާނީ މައްޗަށް ބަދަލު ކުރުވާފައި- މިހާރު އަހަރެން މިހިރީ މަންގްލާ އޮފީހުގައި-"
"ގޭ މީހުން ޕިންޑީއަށް ފޮނުވީ ކީއްކުރަން-؟ ކިހިނެއްވީ-؟"
"ފެންބޮޑުވުމުގެ ބިރު އެބައޮތް- މިހާރު މައުލޫމާތު ލިބޭ ގޮތުގައި ވަރަށް ބޮޑު ޠޫފާނެއް އެބައާދޭ- ސަރުކރުން އަދި އިއުލާނު ނުކޮށްގެން އުޅެނީ މީހުންގެ މެދުގައި މާ ކުރިން ބިރުވެރިކަން ފެތުރިދާނެތީ-"
"ސަލާމަތީ ފިޔަވަޅު އަޅަން މީހުންނަށް އެންގިދާނެނު-؟ ނާންގާ ތިބިއްޔާ މީހުންގެ ފުރާނައަށާއި ތަކެއްޗަށް މާ ބޮޑަށް ގެއްލުން ވެދާނެ-"
"ގިނަ ފަހަރަށް މޫސުމާ ބެހޭ އިދާރާގެ ލަފާކުރުންތައް ދިމައެއް ނުވޭ- ފެން ބޮޑު ނުވިޔަސް މީހުންގެ ވަހުމުތައް ފިލައިގެންނެއް ނުދާނެ- ދެން ސަރުކާރަށާއި މޫސުމާ ބެހޭ އިދާރާއަށް ބަވާނީ- އެހެްވީމާ ސީދާ ޔަގީން މައުލޫމާތި ލިބުނީމާ ނޫނީ އިއުލާނު ނުކުރަން ވެގެން އުޅެނީ- އަހަރެން މި ގުޅީ ފީރޯޒާ ގޮވައިގެން އަވަހަށް އެހެން ތަނަކަށް ދާށޭ ބުނަން ވެގެން- ކުރިއަށް އޮތް ސައުވީސް ގަޑި އިރުގެ ތެރޭގައި ކަންތައް ވެގެން ދާނޭ ގޮތެއް ލަފާ ކުރަންވެސް ނޭނގޭެ-"
"އެންމެ ރަނގަޅު- އަހަރެމެން ދެ މީހުން އެހެން ރަށަކަށް ދާނީ-"
ފޯނު ބާއްވާފައި ކަންތައް ވެގެން އުޅޭ ގޮތް ކިޔައިދޭން ފީރޯޒާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އެކަމަކު ކުއްލިއަކަށް ހުއްޓިއްޖެއެވެ. އެ ވަގުތު އޭނާގެ ސިކުނޑިއަސް ޝައިޠާނީ ޚިޔާލެއް ވަދެއްޖެއެވެ. ފެންބޮޑު ވެގެން ދިމާވާ ކަމެއްގައި ފީރޯޒާ މަރު ވެއްޖެއްޔާ، ނުވަތަ ގެނބިއްޖެއްޔާ ހުރިހައި މުސީބާތަކުން ސަލާމަތް ވީއެވެ.
ސިކުނޑި ދެގުނަ އަވަހަށް މަސައްކަތް ކުރާން ފަށައިފިއެވެ. ހަށީގަނޑުގައި ހިނގާ ލޭ ހޫނުވާން ފަށައިފިއެވެ. ލިޔުމުގައި އޮތް ގޮތުން ވިއްޔާ ގުދުރަތީ ނޫން މަރަކުން މަރު ވެއްޖެ ނަމަ ޒިންމާވާން ޖެހޭނީ އަކްބަރު ޢަލީއެވެ. ގެނބިގެން މަރުވުމަކީގުދުރަތީ މަރެކެވެ. ބެހިގެން ދިއުމަކީ ގުދުރަތީ ކަމެކެވެ. ގެނބޭ މީހުން ގެނބުނީ ކިހިނެއްތޯ ނުވަތަ ބެހިގެން ދިޔަ ބަޔަކު ބެހިގެން ދިޔައީ ކިހިނެއްތޯ ބަލާކަށް އެއްވެސް ބަޔަކު ތަހުގީގެއް ނުކުރާނެއެވެ.
ޠޫފާނުގެ އިންޒާރުގެ ނިޒާމު ހަލާކުވީ ހެއްޔެވެ؟
ޢާއްމުންނަށް ދުރާލައި ނާންގައި މަންގްލާ ޑޭމްގެ ދޮރު ހުޅުވައިލީ ހެއްޔެވެ؟
އިދާރާތަކުގެ ފަރުވާ ކުޑަކަމުން ވީ ކަމެއް ހެއްޔެވެ؟
އަކްބަރު ޢަލީ އޭނާގެ ކުށުގެ ޖާޑި ފެނުގެ ތެރެއަށް ޣަރަގު ކޮށްލީ ހެއްޔެވެ؟
މިއިން ސުވާލެއް ކުރާނޭ މީހަކު ނޫޅޭނެއެވެ.
ގުދުރަތުން އަނެއްކާވެސް އޭނާގެ މަގަށް އަލިކުރީ ކަހަލައެވެ. ދެން އޭނާ ވިސްނާން ފެށީ ފެން ބޮޑު ވެގެން ޚުދު އޭނާއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯއެވެ.
ޖަވާދުގެ ފަރާތުން އޭނާއަށް ނުރައްކަލުގެ އިންޒާރު ލިބިއްޖެއެވެ. އެހެންވީމާ ސަލާމަތްވާނޭ ތަދުބީރެއް ކުރެވިދާނެއެވެ. ފީރޯޒާއަކަށް އަދި އެއްވެސް ޚަބަރެއް ނުވެއެވެ. އަކްބަރު ކަނޑައެޅީ އޭނާއަށް އެއްވެސް ކަމެއް ނުވެސް އަންގާށެވެ. އޭނާއަށް ފައިދާވާނޭ އެހެން ކަމެއްވެސް އެބައޮތެވެ. އޭނާ ފަތަން ދަނެއެވެ. ފީރޯޒާއަކަށް ފަތާކަށް ނޭނގެއެވެ.
ކުއްލިއަކަށް އޭނާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ފީރޯޒާގެ އަޑަށެވެ. ފީރޯޒާ ތައްޔާރު ވެގެން އައިސް އަހައިލިއެވެ. "ކޮން ޚިޔާލެއްގައި-؟ ގޮސްގެން ތިޔަ އުޅެނީ ކޮން ދުނިޔެއަކަށް-؟"
އަކްބަރު ހިނިތުންވެލިއެވެ. "އަހަންނަށް ކުރެވިފައި ހުރި ކުށާ މެދު ވިސްނައިލީ- ފީރޯޒާގެ އަގު ވަޒަން މި ކުރެވެނީ ކައިރީގައި އުޅެވުނީމާ- ކައިރީގައި އުޅުނީމާ ލޯބި އިތުރު ވާނެއޭ ބުނަނީ އެހެން ވެގެން ކަމަށް ވެދާނެ-"
ފީރޯޒާ އެ ވާހަކައަކަށް ސަމާލުކަމެއް ނުދިނެވެ. ހިނިތުން ވެލައިފައި ހިނގައިގެންފިއެވެ. ދޮރާށްޓާ ހަމައަށް އައިސްފައި އަހައިލިއެވެ. "ދާން އުޅެނީ ކޮން ތަނަކަށް-؟"
"ކޯރުގެ އައްސޭރިއަށް ހިނގާ-"
"އެހެން ވެއްޖެއްޔާ ދާނީ ހިނގާފައި- މާ ދުރެއްވެސް ނޫނެއްނު-؟"
ދެ މީހުން ނުކުތީ ގޭގެ ފުރަގަހު ދޮރުންނެވެ. ފުރަގަހުގައި އޮތް ގޯޅިން ހިނގައިގެންފިއެވެ. ހިސާބުގަނޑުގެ ބައެއް އަންހެނުން ގޭގެ ބެލްކަނީގައި ބަލަހައްޓައިގެން ތިއްބެވެ. އެމީހުން ފެނުނީމާ ފީރޯޒާ ފުއްޕައިލިއެވެ. އޭނާއަކީ ބޮޑާ މީހެއް ނޫނެވެ. އެކަމަކު ފިރިމީހާއާއެކު ދެވޭތީ ފަޚުރުވެރި ވިއެވެ. ދަރިފޔޅަށް ބައްޕަގެ ނަން ދެވޭނޭ ކަމުގެ އިހުސާސް ކުރެވުނެވެ.
މީގެ ކުރިން އޭނާއާ ފޮށި އުޅުނު މީސްމީހުންވެސް އަނގަޔަކުން ނުބުނެއެވެ. ފީރޯޒާ ބުންޏެވެ. "ފިރިހެނުންވެސް މިއީ ހައިރާންވާ ފަދަ ބައެއް- އަހަރެމެން ބަދުނާމު ކުރަނީވެސް އެ މީހުން- އަދި ރީތި ނަމެއް ލިބެނީވެސް އެ މީހުންގެ ފުށުން- މިހާރު ދުނިޔޭގެ އަނގަ ބަންދު ވެއްޖެ-"
އަކްބަރު ބުންޏެވެ. "ތިޔަ ލިބޭ ރީތި ނަމަީ އަހަރެން ދީގެން ލިބޭ ނަމެއް ނޫން- ފީރޯޒާގެ ވަރުގަދަ ލޯބީގެ ސަބަބުން ލިބޭ ނަމެއް-"
"އަކްބަރު- މިހާރު އަހަންނަށް އެބަ ވިސްނޭ- ލޯބީގައި ހައްދުން ނެއްޓުމަކީ އަންހެން ކުދިން ކޮށްގެން ވާނޭ ކަމެއް ނޫން- އަހަރެން ކުޑައިރު ފީރޯޒާއަކާއި ޝޭރޫއެއްގެ ލީބީގެ ވާހަކަ ކިޔާތީ އަޑު އަހަން- އެ ވާހަކައިގައި އުޅެނީ ފީރޯޒާއެއް ކަމަށް ވާތީ އަހަރެން ވަރަށް ރަނގަޅަށް ހަނދާން ހުރޭ- އޭނާހެން އަހަރެންވެސް ޅެންވެރިކަމަށް ލޯބި ކުރަން- އަކްބަރު ދެނަހުރިންތަ-؟ އޭނާ ޝޭރޫގެ ލޯބީގައި ޅެން ފޮތުގެ އެގާރަ ފޮތް ލިޔުނު ކަމަށް ބުނޭ-"
"އާނ- އަހަރެން ދެނަހުރިން- ޖެހެލަމްގެ ވާދީގައި މިހާރުވެސް އެ ދެމީހުންގެ ލޯބީގެ ވާހަކަތައް ކިޔައިއުޅޭ- ޝޭރޫގެ ދެކޮޅުވެރިން އޭނާ މަރައިލީ އަލަތު ކާވެނީގެ ރޭ-"
ފީރޯޒާ ފިނި ނޭވައެއް ލިއެވެ. "ލޯބީގެ އިންތިހާއަށް ދާ މީހުން ނުމަރުން މަރުވަނީ ކީއްވެގެން ބާވައޭ އަހަރެންގެ ހިތަށް އަރާ-"
އަކްބަރު ބުންޏެވެ. "ފީރޯޒާވެސް ތިޔަ ވަނީ ލޯބިވެރިޔާ ގެންގުޅޭނޭ މުޅީން އައު ގޮތެއް ހޯދާފައި- ލޯބީގެ އިންތިހާއަށް އަރާފައި-"
"ތެދުވެރި ލޯބި އަބަދުވެސް ނިމިގެން ދަނީ ސަލީބަށް އެރުވިގެން- ނޫނީ ގެނބިގެން- އަހަރެންގެ ނިމުން އަންނާނޭ ގޮތް ދެނެވޮޑިގެން ވަނީ ކަލާނގެ-"
(ނުނިމޭ)