(28 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މަރަކީ އަހަރެމެން ތަދުބީރު ކުރާހައި ގޮތަކަށް އަންނަ އެއްޗެއް ނޫނެވެ. އެއީ ކާރުކާރުގައި ތިބެގެން ވާހަކަ ދައްކައިގެން ހަމަޖައްސާ ކަމެއް ނޫނެވެ. އެކަން ހަމަޖެހެނީ އުޑުގައެވެ. ﷲ ގެ ބައްލަވައިވޮޑިގަތުމާއި އިރާދަފުޅުގެ ދަށުންނެވެ. ޤުދުރަތަކީ ފިލާވަޅު ލިއްބައިދޭ އެއްޗެކެވެ. ހަރުފައިގެ އަނގަިއިގައި ވިހަ ލައްވައިފައި ވެއެވެ. އެކަމަކު އެ ސޮރު އަހަރެމެންގެ ގަޔަށް ވިހަ ލުމުގެ ކުރިން މަރުއްވައެވެ. ޗަވްދަރީ ޤާސިމް ޢަލީއާއި އޭނާގެ ހަތަރު ބޮޑުން މަރުވެގެން ދިޔައީ އެސްފިޔައެއް ޖަހާހައި ހަލުވިކަމާއެކު ކުއްލިއަކަށެވެ.
އަކްބަރަށް ލޯ ހުޅުވައި ލެވުމާއެކު އެންމެ ފުރަތަމަވެސް ފެނުނީ ފީރޯޒާއެވެ. އޭނާ ހިނިތުން ވަނީއެވެ. ބަލިމީހާއަށް ހިތްހަމަ ޖެހުން ގެނެސް ދިނުމަށްޓަކައި ހިނިތުން ވުމަކީ މުހިއްމު ކަމެކެވެ. އެކަމަކު މި ވަގުތު އަކްބަރަށް އެ ހިނިތުންވުން ވެގެން ދިޔައީ ވިހައަކަށެވެ. މި އަންހެން ކުއްޖާ އޭނާގެ ހުރިހައި ރޭވުމެއް ފަނުފުލުން ދުއްވައިލައިފިއެވެ. އޭނާގެ ސިކުނޑިއަށް ވެރިވެގެންފިއެވެ. ބުއްދީގެ މައްޗަށް ގަދަވެގެންފިއެވެ. މި ސުންޕާ ކުއްޖާގެ ސަބަބުން އޭނާގެ ބައްޕަ...
އޭނާ ސިހިފައި އަހައިލިއެވެ. "ބައްޕަގެ ހާލު ރަނގަޅުތަ-؟"
ފީރޯޒާ އިސް ޖަހައިލައިފައި ބޯ ހޫރައިލިއެވެ.
އޭނާ އަހައިލިއެވެ. "އޮތީ މި ހަސްފަތާލުގައިތަ-؟"
ފީރޯޒާ އަނެއްކާވެސް ބޯ ހޫރައިލިއެވެ.
އޭނާ ރުޅި އައިސްފައި ބާރަށް ބުނެލިއެވެ. "އަނގައިން އެއްޗެކޭ ބުނެބަލަ-!"
ފީރޯޒާ ހަަމަ އެ ހުރި ގޮތަށް އިސް ޖަހައިލައިގެން ހުރެ ބުންޏެވެ. "ކެތް ކުރޭ- ބައްޕައަށް ރަޙްމަތް ލައްވާތޯ ދުޢާކުރޭ-"
އޭނާއަށް ހީވީ ކަރަންޓުގައި ޖެހެވުނީ ކަމުގައެވެ. އެ ވާހަކަ ގަބޫލު ކުރަން ދަތިވިއެވެ. ހޭނެތުމުގެ ކުރިން އޭނާ އިނީ ބައްޕަޔާ ޖެހިގެން އިށީނދެގެންނެވެ. އެއީ ހަމަ ދާދި ދެންްމެއަކު ހިނގި ކަމެއް ކަހަލައެވެ. މަރުގެ ރޭވުން ރޭވި މީހުން މިހާރަކު ދުނިޔެއަކު ނެތެވެ. އެ ކުޑަ ކުއްޖާ އަދިވެސް ދިރި އެބައޮތެވެ.
އޭނާ ފީރޯޒާގެ ބަނޑާ ދިމާއަށް ބަލަން ފަށައިފިއެވެ. އާދަމުގެ ދަރިޔާ ނަސޭހަތުގެ ވަސީލަތާ ދިމާއަށް ވިސްނުންތެރިކަމާއެކު ބަލަން ފަށައިފިއްޔާ ނަސޭހަތުގެ ފައިދާ ކުރެއެވެ. އެކަމަކު ހަމައެކަނި ކަޅި އެޅުމަކީ ރުޅި ގަދަވާ ކަމެކެވެ. އޭނާ ރުޅި އައިސްގެން ފުފިފައި ހުރެގެން ތެދުވެއްޖެއެވެ. "ބައްޕަގެ ގަބުރު އޮތީ ގޭގައި- ކަލޭ އަހަރެން ތިޔަ ގެނައީ މިތަނަށް-"
"އަހަންނަށް ކުލަވަރު ނުދައްކާ- އަކްބަރު މިތަނަށް ގެނައީ އަކްބަރުގެ މީހުން- އަހަރެން މިއައީ އަހަރެންގެ ވާޖިބު އަދާ ކުރަން ވެގެން- ޚިދުމަތް ކުރަން-"
އޭނާ އެއްވެސް ޖަވާބެއް ނުދީ އެތަނުން ނުކުމެއްޖެއެވެ. ދިޔައީ ސީދާ ގެއަށެވެ. އޭރު ގެއަށް ވެރިވެފައި އޮތީ ހިތާމައެވެ. އިވެނީ ރުއިމުގެ އަޑެވެ. މަރުވީ އަނެއް ހަތަރު މީހުންވެސް ގެނައީ އެ ގެއަށެވެ. އޭނާ އައުމާއެކު ސުވާލު ކުރަން ފަށައިފިއެވެ. ހާާދިސާ ހިނގީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެ ހާލަތުގައި އަކްބަރަކަށް ވާހަކައެއް ނުދެއްކުނެވެ. އެ މީހުން ދިޔައީ އޭނާގެ އައު އަނބިމީހާ ބަލައެވެ. އެނބުރި ގެއަށް އެ އައީ އެމީހުންގެ ގަބުރެވެ.
ޖާހިލު އަންހެނުން ކިޔަމުން ދެއެވެ. "ފީރޯޒާއަކީ ސުންޕާ ކުއްޖެއް- ވާން އުޅޭ ފިރިމީހާ ސަލާމަތް ވެފައި އެހެން މީހުން އެ މަރުވީ ފީރޯޒާ ހެދި ސިހުރަކުން- އޭނާ ބޭނުން ވަނީ ގޭގެ ވެރިކަން-"
ސިހުރު ގަބޫލު ނުކުރާ މީހުންވެސް ވިސްނަމުން ދިޔައީ ފީރޯޒާ އާ ދެކޮޅަށެވެ. އަކްބަރު ދެކޭ ގޮތުގައި ފީރޯޒާ ލޭބޯ ފަންޏަކަށް ވީއެވެ. އެ ފަނި ގެންދަނީ އޭނާގެ އާއިލާގެ މީހުންގެ ލޭ ބޮމުންނެވެ. ތަތްކޮށްލީ ގޮތަކަށް ނުވެސް ނެއްޓުނެވެ.
ފީރޯޒާ އޭގެ އަނެއް ދުވަހު އަކްބަރަށް ފޯނު ކޮށްފިއެވެ. "އަކްބަރު- ފޯނު ކަނޑައިނުލާތި- އިއްޔެ އަކްބަރު އަހަންނަށް ތައުޒިޔާ ކިޔާނޭ ވަގުތެއްވެސް ނުދިން- އެހެންވީމާ..."
"ޝަޓްއަޕް-!" އަކްބަރު ފޯނު ބާއްވައިފިއެވެ.
ފީރޯޒާ އަނެއްކާވެސް ފޯނު ކޮށްފިއެވެ.
އަކްބަރު އަހައިލިއެވެ. "ކާކު-؟"
އޭނާ ބުންޏެވެ. "މިއީ އޯޑިއޯ ކެސެޓް- ކެސެޓް ރޯލަކުން ވެގެން ދިޔަ ގޮތް ނިކަން ދެކިބަލަ-"
"އާނ- އަހަންނަށް އެބަ އެނގޭ- ރިކޯޑު ކުރުމުގެ ހީލަތް ކަލޭ ދަސްކުރީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގޭ- އެކަމަކު މިހާރު އެ ރޯލުގެ ބޭނުން ކޮށްގެން ލޭބޯފަންޏަކަށް ވެގެން އަހަރެންގެ ގައިގައި ތަތްކޮށްލައިފީމު-"
"ލޭބޯ ފަންޏަކަށް ވާން އަހަރެން ދަސް ކުރީ އަކްބަރު ގާތުން- އަމިއްލަ ނަފްސަށް ނިކަން ބަލައިލަބަލަ- އަކްބަރު ގެންދިޔައީ ލޯބީގެ ނަމުގައި އަހަރެންގެ ލޭ ބިމުން- އަހަރެން ބަލައިގެން ހުރީ ތިޔައީ ލޯބިވެރިއެއް ކަމަށް- އަކްބަރު ދިޔައީ ލޭބޯ ފަންޏަކަށް ވަމުން- އަހަރެން ދިޔައީ އަކްބަރަށް ދެވި ހިފަމުން- އަހަރެން ރަނގަޅަށް ދެވި ހިފީމާ އަކްބަރު ކާވެނީގެ ވާހަކަ ނުދައްކައި ހުއްޓައިލީ- ބޭނުންވީ އަހަރެން ގޭގައި ބައިންދައިގެން ބޭނުން ހާސިލު ކުރަމުން-"
"އާނ- އަހަރެން ގެންދިޔައީ ކަލޭގެ ޒުވާންކަމުގެ ލޭ ބޮމުން—ިހާރު ކަލޭ ތިޔަ ގެންދަނީ އަހަރެންގެ ފިރިހެންވަންތަކަމާއި ބޮޑުކަމުގެ ލޭ ބޮމުން- ފުރުސަތު ލިބޭ ގޮތް ބަދަލު ވެގެން ދިޔައީ- އަހަރެންގެ ފުރުސަތު އަދި އަންނާނެ- އެ ދުވަހަކުން އަދި ކުޅި ދައްކައިލާނަން-"
ފީރޯޒާ ހިނިތުންވެލިއެވެ. "އަކްބަރު- ސިއްރު ވާހަކައެއް ބުނަންތަ-؟ އަހަރެންގެ ފޯނު މިހިރީ ޓޭޕް ރިކޯޑަރަށް ގުޅާފައި- މިހާރު ތިޔަ ދައްކާ ވާހަކަވެސް ރިކޯޑު ވެއްޖެ- އަނެއްކާވެސް އެއް ރޯލު ތައްޔާރުވަނީ-"
އަކްބަރު ހާސް ވެއްޖެއެވެ. "ކީކޭ..؟ ކީކޭ ތިޔަ ބުނީ-؟ އަހަ... އަހަރެން އެއްވެސް ވާހަކައެއް ނުދައްކަން- މުޢާހަދާއާ އެއްގޮތަށް އަހަރެން ފީރޯޒާއާ އިންނާނަން- ހުރިހައި ހައްގެއް ދޭނަން- އަހަރެން ފީރޯޒާ ދެކެ ނުލާހިކު ބޮޑަށް ލޯބިވޭ-"
"ލޯތްބެއް ނުވޭ- ތިޔައީ އަހަރެން ދައްކާ ކަހަލަ ވާހަކަ-"
"ނޫނޭ- ލޯބިވޭ-"
"ވަފާތެރި އަންހެނަކަށް ލިބޭނޭ އެންމެ ބޮޑު ދެރައަކީ ކޮބައިކަން އެނގޭތަ-؟ އެއީ މީހަކު ބިރުން އޭނާ ދެކެ ލޯބިވުން- ދެންމެ އަހަރެން ހެދީ ދޮގެއް- މި ފޯނަކާ ރިކޯޑަރެއް ގުޅާފައެއް ނެތް- އަހަރެން އެއްވެސް އެއްޗެއް ރިކޯޑެއް ނުކުރަން-"
(ނުނިމޭ)
ވަރަށް ރީތި ވާހަކަ ތަންކޮޅެއް ދިގުކޮށް ނެކްސްޓް ޕާޓް