ލޭބޯފަނި (26)

(21 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ރުޅި އައިސް ރަތް ވެއްޖެއެވެ. އެކަމަކު އޮފީސް ކަމަށް ވާތީ ރުޅި ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ދަތްކުނޑި ވިކައިލިއެވެ. "ފޯނު ކޮށްގެން ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް-؟"

"މިއީ ވިޔާނުދާ ވާހަކައެއް ނަމަ ޖަވާދު ގެއަށް އަންނާންދެން އަހަރެން އިންތިޒާރު ކުރީމުސް- އެކަމަކު ތެދު ވާހަކައެއް ބުނަން ޖެހޭތީ އިންތިޒާރު ނުކުރީ- ހަވީރު ޖަވާދު ގެއަށް އަންނާން ވާއިރަށް ގޭގެ ބަދުނާމުގެ ވާހަކަ ފެތުރޭނީ ކިހައި ވަރަކަށް ކަމެއް ނޭނގޭ- އެހެންވީމާ ހަމަ މި ވަގުތު އާދޭ-"

"އަހަރެން މިހާރު މި އަންނަނީ-"

އޭނާ ފޯނު ބާއްވައިފިއެވެ.

އެގެއަށް ވަރުގަދަ ޠޫފާނެއް އަންނާން އުޅޭކަން އޭނާއަށް އެނގެއެވެ. ފީރޯޒާ އަކްބަރު ދުލެއް ނުކުރާނެއެވެ. ޖަވާދު ފީރޯޒާ ގެއިން ނެރެލާނެއެވެ. ގާނޫނުގެ އަތްދަށު ވާނޭކަން ނުވަތަ ބަދުނާމު ވާނޭކަން އަކްބަރަށް ޔަގީންވީމާ މަންމަ މަރައިލީ ގޮތަށް ދަރިފުޅު މަރައިލާކަށްވެސް އޭނާ ޖެހިލުމެއް ނުވާނެއެވެ.

ކޮންމެ ގޮތަކަށް ކަންތައް ހިނގިޔަސް ހުރިހައި ފައިދާއެއް އޮތީ ސަލްމާ އަށެވެ. އޭނާގެ ގެއިން ފަހަރީގެ އުނދަގޫ ފިލައިގެން ހިނގައިދާނެއެވެ. އޭނާ ސިއްސައިގެން ދިޔައީ ފޯނުގެ ރަނގަބީލުގެ އަޑަށެވެ.

"ހަލޯ-"

"ދައްތާ- އަކްބަރު ވާހަކަ ދައްކަނީ- އޭރު އަހަރެން އައީ ރުޅި އައިސްގެން- ކަންތައް ކުރާނޭ ގޮތް މިހާރު ވިސްނިއްޖެ- ޅިޔަންބެއަށް ވަސްވާސް ދީގެން ފީރޯޒާގެ ދަރި ވައްޓުވައިލެވިދާނެ-"

"ލަހުން ވިޔަސް ކަލެއަށް ވިސްނިއްޖެތާ- އަހަރެން މިހާރު ޖަވާދަށް ތިޔަ ބުނާ އިންޖިކުސަން ޖަހައިފިން- އޭނާ ރުޅި އައިސްގެން ގެއަށް އެބަ އާދޭ-"

"ދައްތަ ހާދަހާ ވާ މޮޅޭ- އަދި އެއް ހެޔޮކަން ކޮށްލަދީ- ފީރޯޒާގެ ބަނޑުގައި އޮތީ އަހަރެންގެ ދަރިއެއްކަން ޅިޔަންބެއަށް ނަމަނަމަ ނާންގާތި- އަދި އަހަރެން އެކަނި ދުވަހަކުވެސް ފީރޯޒާއާ ބައްދަލު ކުރިކަންވެސް ނާންގާތި-"

"ތިޔަ ކަހަލަ ވާހަކަ ދައްކަން އަހަރެން މިއީ މޮޔައެއްތަ-؟ އެ ވާހަކަ ބުނެފިއްޔާ އަހަރެންވެސް ބެދޭނެ- ކަލޭ އޭނާގެ ގާތަށް ވަންނަނީ އަހަރެންގެ ކޮޓަރިން ލާފައި ގޮހެއްނު-؟"

"ޅިޔަންބެ ގާތު ބުނާނޭ ވާހަކަ އޮންނާން ވާނީ ރޭވިފައި- ދެމީހުންގެ ވާހަކަ އެއްގޮތް ވާންވާނެ-"

ދެ މީހުން މަޝްވަރާކޮށްގެން ދައްކާނޭ ވާހަކަ ހަމަޖައްސާން ފަށައިފިއެވެ. ފީރޯޒާ ޖަޒުބާތުގެ ތެރެއަށް ވެއްޓުނީ ދަރިފުޅުގެ ސަބަބުންކަން ދެ މީހުންނަށްވެސް އެނގެއެވެ. ދަރިފުޅު ނެތިގެން ދިޔައީމާ އެ ޖަޒުބާތުވެސް މަޑުމަޑުން ހިނދިދާނެއެވެ. މޮޔަކަން ފިލައިދާނެއެވެ.

ޖަވާދު ވާ ވައްދާނޭ ގޮތް ދެބެއިން ވެގެން ވަރަށް މޮޅަށް ރާވައިލައިފިއެވެ. އެންމެ ފަހުން އަކްބަރު ބުންޏެވެ. "އަހަރެން ގޭގައި އެބަ އުޅެން- ފޯނުން ވާހަކަ ދައްކާ ހިސާބަށް ދިޔައީމާ އަހަރެން ފަށާނަން-"

ފޯނު ކަނޑައިލައިފިއެވެ.

އިރުކޮޅަކުން ޖަވާދު ގެއަށް އަތުވެއްޖެއެވެ. ގޭތެރެއަށް ވަނުމާއެކު ގޮވައިލިއެވެ. "ފީރޯޒާ- ފީރޯޒާ- ކޮބާ-؟ ހުރިތަނަކުން ނުކުމެގެން އާދޭ-"

ސަލްމާ ބިރުން ހުރެ ބުނެފިއެވެ. "ތިޔަހައި ބާރަށް ތިޔަ ގޮވަނީ ގޭގެ ވާހަކަ ބޭރަށް ދާނޭ ގޮތް ހަދަންތަ-؟"

"ކަލޭ ހިމޭނުން ހުރޭ- މިއަދު އޭނާ މަރައިލާނަން- އަހަރެންގެ ލޭ ކެކެނީ-"

"ޖަވާދުގެ ލޭ އަހަރެންގެ ބަނޑުގައިވެސް އެބައޮތް- އޭނާ މަރައިލާފައި ގޮސް ޖަލަށް ވަނީމާ އަހަރެމެންގެ ދަރިއަށް ވާނީ ކިހިނެއް-؟"

ޖަވާދު ކުޑަކޮށް މައިތިރި ވެއްޖެއެވެ.

ސަލްމާ އަނެއްކާވެސް ބުންޏެވެ. "ފާފަވެރިއަކު މަރައިލާފައި އަދަބު ލިބިގަތުމާއި، ތިމާގެ އަމިއްލަ އަނބިމީހާއާއި ދަރިފުޅު ބަރުބާދު ކޮށްލުމަކީ މޮޔަ ކަމެއް-"

"ދެން އަހަރެން ހަދާނީ ކިހިނެއް-؟"

"ބުއްދީގެ ބޭނުން ކުރޭ- ގޭގެ ވާހަކަ ބޭރަށް ނުކުމެގެން ގޮސް ބަދުނާމު ވުމުގެ ކުރިން ބަދުނާމު ވާން މެދުވެރިވާ މައްސަލަ ނައްތައިލާ- މައްސަލަ އަދި އޮތީ ގޭގެ ހަތަރު ފާރުން އެތެރޭގައި- ދަރިފުޅު ނެތިގެން ދިޔައީމާ ބަދުނާމު ވާން އޮތް ހުރިހައި ދޮރެއް ބަންދުވީެދާނެ-"

"އެއީ ކޮން ޝައިޠާނެއްގެ ދަރިއެއް-؟"

"އަހަރެން ތިޔަ ސުވާލު ކުރިން- އޭނާ ބަދުނާމު ކުރަނީ އަހަރެމެންގެ އާއިލާ- ބުނަނީ އެއީ އަހަރެންގެ ކޮއްކޮ އަކްބަރުގެ ދަރިއެކޭ-"

"އެއީ ދޮގެއްކަން ސަލްމާއަށް އެނގެނީ ކިހިނެއް-؟ އަކްބަރަކީ މައުސޫމު މަލާއިކަތެއް ނޫނެއްނު-؟ އޭނާ ފީރޯޒާއާ ގަޔާވާ ވާހަކަ އެއް ފަހަރަކު ސަލްމާ ބުނީމެއްނު-؟ އަދި އޭނާ ފީރޯޒާއާ އިންނަން ބޭނުން ވެގެން އުޅޭ ވާހަކަވެސް ބުނީމެއްނު-؟"

"އެ ވާހަކަ ތަކުން އެނގެނީ ކޮން ކަމެއް-؟ އަހަރެމެންގެ ނިޔަތުގެ ސާފުކަން- ނޫންތަ-؟ ފާފަ ކުރަން ބޭނުންވާ މީހުން ކާވެނީގެ ވާހަކައެއް ނުދައްކާނެ- އަނެއްކޮޅުން އަހަރެންގެ ކޮއްކޮ އެކަހަލަ ކަތި ފިޔަވަޅެއް އަޅާނޭ ސަބަބެއްވެސް ނެތް—ަވާދުގެ މަންމަވެސް އިނީ އެ ކާވެންޏާ ރުހިގެން- އެކަން ކުރުވާ ގޮތަށް-"

ސަލްމާގެ ހުއްޖަތާއި ދަލީލުގެ އަޑު އިވުނީމާ ޖަވާދު ގޮނޑިއެއްގެ މައްޗަށް ވެއްޓިގެންފިއެވެ. އަދި ބލުގައި ދެއަތް އަޅައިގެން އޮވެ ވިސްނާން ފަށައިފިއެވެ. ސަލްމާ ކައިރީގައި އިށީނދެ އޭނާގެ ކޮނޑުގައި އަތް އަޅައިލިއެވެ. "މިހާރު މިއީ އަހަރެންގެ ގެ- މިގޭގެ ވާރިސުން އުފަން ކުރާނީ އަހަރެން- އެހެންވީމާ ގޭގެ އަބުރު ރައްކާތެރި ކުރަން އެ ހާލަތުގައިވެސް އަކްބަރާ އޭނާ ދެވަން އަހަރެން މިހިރީ ތައްޔާރަށް-"

އިހުސާންތެރިކަން ގަބޫލު ކުރާ ކަހަލަ ގޮތަކަށް ޖަވާދު އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެ ފާފަޔާ އެކު އަކްބަރު އޭނާ ބަލައިގަންނާނެތަ-؟"

"އަހަރެން މިއީ އޭނާގެ ދައްތަ- އަހަރެންގެ އަމުރަކާ އޭނާ ދެކޮޅެއް ނުހަދާނެ- އޭނާ ދެކޭ ގޮތުގައި ޖަވާދަކީ އޭނާގެ ޅިޔަނެއް ނޫން- އޭނާގެ ބޭބެ- ޖަވާދު ބުނީމާ ބުނި ގޮތަކަށް އޭނާ ހަދާނެ-"

"ސަލްމާ ތިޔައީ ހަމަ ހަގީގަތުގައިވެސް ވަރަށް ބަރާބަރު އަނތްބެއް- ގޭގެ އިއްޒަތާއި އަބުރު ދަަމަހައްޓަނީ ތިޔަ ކަހަލަ އަނބިން-"

"އެކަމަކު އަހަރެމެންގެ އާއިލާގެ ބޮޑެތި މީހުންނަށް އެއްވެސް ކަމެއް އެނގިގެން ނުވާނެ- ކާވެނީގެ ކުރިން ފީރޯޒާ އިނީ ބަލިވެކަން އެކަކަށްވެސް އަންގައިގެން ނުވާނެ-"

"އެއް ގޮތަކަށްވެސް ނޭނގޭނެ- އަހަރެމެން އެކަން މުޅި ދުނިޔެއަށް ފޮރުވާނީ-"

"ފޮރުވޭނީ ސިއްރު ސިއްރުން ފީރޯޒާގެ ދަރި ވައްޓާލައިގެން- އެކަމަކު އޭނާ އެ ކަމަކަށް އެއްބަހެއް ނުވޭ-"

ޖަވާދު ރުޅި އައިސްގެން ތެދުވެއްޖެއެވެ. "އެއްބަހެއް ނުވެއޭ-؟ އޭނާއަށް ޖެހޭނީ އެއްބަސްވާން- ކޮބާ އޭނާ-؟"

"ކޮޓަރީގައި އެބަ އުޅޭ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.