ލޭބޯފަނި (27)

(22 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖަވާދު ފީރޯޒާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ސަލްމާ ފަހަތުން ހިނގައިގަންނަމުން ބުންޏެވެ. "ސިކުނޑި ތަންކޮޅެއް ފިނިކޮށް ބަހައްޓައިގެން އުޅޭތި- އެތެރޭގެ ވާހަކަތައް ބޭރަށް ނުކުމެގެން ނުވާނެ-"

ދެ މީހުން އެކީގައި އެ ކޮޓަރި ދޮށަށް އަތުވެއްޖެއެވެ. ޖަވާދު ދޮރުގައި ޓަކި ޖަހައިލުމަށް ފަހު މަޑުމައިތިރިކަމާއެކު ބުންޏެވެ. "ފީރޯޒާ- ނިކަން ނުކުމެބަލަ-"

ސަލްމާ ދޮރު ކުޑަކޮށް ކޮއްޕައިލިއެވެ. ހުރީ ތަޅުލާފައެއް ނޫނެވެ. އޭނާ ދޮރު މުޅީން ހުޅުވައިލިއެވެ. ދެ މީހުން އެތެރެއަށް ވަދެ ބަލައިލިއެވެ. ކޮޓަރި ތެރެއަކުން ފީރޯޒާއެއް ނުފެނުނެވެ. ސަލްމާ ގޮސް ފާޚާނާ ބަލައިފިއެވެ. އެތާކުވެސް ނެތެވެ.

އޭނާ އެނބުރި ހިނގައިގަތްތަނާ އެނދުމަތީގައި، ބާލީހުގެ ކައިރީގައި ކުޑަ ކެސެޓް ރެކޯޑަރަކާއި ދެ ރޯލު އޮތެވެ. ފުރަތަމަ އެ ފެނުނީ ޖަވާދަށެވެ. އޭނާ ރުޅި އައިސްފައި ބުންޏެވެ. "ލަދު ހަޔާތްކިޑަ- މި ތާނގައި އެކަނި އޮވެގެން ފިލްމީ ލަވަ އަޑުއަހަނީތާ... މިހާރު ވަނީ ކޮން ތަނަކަށް..."

ޖަވާދު ހުރީ އެނދާ ތަންކޮޅެއް ދުރުގައެވެ. ސަލްމާ ހުރީ ކައިރީގައެވެ. އޭނާވެސް އެ ދިމާއަށް ބަލައިލިއެވެ. އެ ވަގުރު ކެސެޓު ރޯލު ފެނުނީމާ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ރޯލުގެ ބޭރުގައި ލިޔެފައި އޮތެވެ. "އަހަރެންގެ ލޯބިވާ އަކްބަރު"

އޭނާ އަވަސް އަވަހަށް ޖަވާދާ ކައިރިއަށް ޖެހިލިއެވެ. އަދި އަތުގައި ހިފައިގެން ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. "ޖަވާދު ކޮޓަރިއަށް ގޮސް ހެދުން ބަދަލު ކޮށްލާ- އަހަރެން މި ކޮޓަރި ކުޑަކޮށް ފާސް ކޮށްލާނަން- އޭނާގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން އެނގޭ ކަހަލަ އެއްޗެއް ފަހަރެއްގައި މި ތަނުން ފެނިވެސް ދާނެ-"

ޖަވާދު ބުންޏެވެ. "އެހެންވެއްޖެއްޔާ އަހަރެންވެސް ފާސް ކުރުމުގައި އެހީތެރިވާން ހުންނާނަން-"

"އަހަނ... ހުންނާނެ ކަމެއް ނެތް- ފަހަރެއްގައި ބޭބެއަކު ބަލަން އެކަށީގެން ނުވާ އެއްޗެއްވެސް ފެނިދާނެ-"

ޖަވާދު އެއްބަސް ވެއްޖެއެވެ. ސަލްމާ އޭނާ ގޮވައިގެން ގޮސް ކޮޓަރިއަށް ލާފައި، އެނބުރި ފީރޯޒާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. ކޮޓަރި އެތެރެއިން ތަޅު ލުމަށްފަހު އައިސް އެތަނުން އެއް ރޯލު ރެކޯޑަރަށް ލައްވައިފިއެވެ. އެއަށްފަހު ރެކޯަރު ޖައްސައިފިއެވެ. އަޑު ހުރީ މަޑުކޮށްފައެވެ. ބޭރަށް ކުޑަކޮށްވެސް އިވިދާނެތީ އޭނާ ބިރުގަނެއެވެ.

އޭނާ ރެކޯޑަރު ކަންފަތުގައި ޖައްސައިލިއެވެ. ފީރޯޒާ ވާހަކަދައްކާ އަޑު އިވުނެވެ. "ހެލޯ ފަހަރި- ފަހަރީގެ ގޮތް އަހަންނަށް މިހާރު ވަރަށް ރަނގަޅަށް އެނގޭ- ފަހަރީގެ ކޮއްކޮއާ ދެކޮޅަށް އަހަރެން ދެއްކި ވާހަކައަށް ފަހު ފަހަރި މި ކޮޓަރިއަށް އަންނާނެކަން އަހަންނަށް އެނގޭ- ދެ ރޯލުގައި އަކްބަރުގެ ނަން ޖަހާފައި ބޭއްވީ އެހެން ވެގެން- މިހާރު ހުންނާނީ ޝައްކުން ފުރިފައިކަންވެސް އަހަންނަށް ޔަގީން- މިހާރު އަޑު އަހަނީކަންވެސް އެނގޭ-"

ކުޑައިރުކޮޅަކަށް އަޑު ކެނޑުމަށް ފަހު އަނެއްކާވެސް އަޑު އިވުނެވެ. "އަޑު އަހާ- މީގެ ފަހުން ހުރި ވާހަކަތައް ޝަރުޢީ ކޯޓުންވެސް އަޑު އަހާނެ- މީގެ ދިހަ ކޮޕީ އަހަރެން ހަދައިފިން- އަސްލު އޮންނާނީ އަހަރެންގެ ބޭންކު ލޮކަރުގައި- މިހާރު އަހަރެން މި ދަނީ ޖެހެލަމް ވުމަންސް ލޯޔަރސް އެސޯސިއޭޝަންގެ އޮފީހަށް- އަހަރެން އަންނާން ވާއިރަށް ކެސެޓު އެކީގައި އަޑު އަހައި ނިންމައިލާ-"

ފީރޯޒާގެ މި ވާހަކަކޮޅު ނިމުމާއެކު ދެން އިވުނީ ގުރުރާ އަޑެވެ. ވާރޭ ވެހޭ އަޑެވެ. ދެން އިވުނީ އަކްބަރާއި ފީރޯޒާ އާ ދެމީހުން ވާހަކަ ދައްކާ އަޑެވެ. ސަލްމާ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އަކްބަރު ހުރަސްތައް ގިރާ ކޮށްފައި ވާރެޔާ ތެމިގެން އެރޭ ފީރޯޒާގެ ކޮޓަރިއަށް އައިކަން އެ ވާހަކަ ތަކުން ވަރަށް ރަނގަޅަށް ސާބިތު ވެއެވެ. އަދި އަކްބަރު ތެމޭނެކަން އެނގޭތީ ސަލްމާ މެދުވެރިކޮށް އޭނާގެ ބޭބެގެ ހެދުމެއް ފީރޯޒާ ހޯދިކަންވެސް ފިސާރި ރަނގަޅަށް އެނގެއެވެ.

ކުށާއި ފާފައިގެ ތެރެއަށް ދެ މީހުންވެސް ތިބީ ރަނގަޅަށް ގެނބިފައި ކަމާއި، އެ ދެމީހުންގެ ގުޅުމަށް ސަލްމާ ފުރިހަމައަށް އެހީތެރިވެދީ، މަގުފަހި ކޮށްދީފައިވާކަންވެސް ވަރަށް ރަނގަޅަށް ވާހަކަތަކުން އެނގެއެވެ. އަކްބަރު އެ ކޮޓަރިއަށް އަންނަނީ ސަލްމާގެ ކޮޓަރިއަށް ވަދެގެންކަންވެސް ސާބިތު ވެއެވެ.

އެ ރޯލުގައި ލޯބީގެ ވާހަކަޔާއި ލަވަޔާއި ޅެމުގެ ވާހަކަވެސް ހުއްޓެވެ. އަދި ހުތުރު ވާހަކަވެސް ހުއްޓެވެ. އެ ވާހަކަތކުން އެނގޭ ގޮތުގައި އަކްބަރާއި ފީރޯޒާ އާ ދެމީހުން އެ ތިބީ ރަނގަޅަށް ކުށާއި ފާފައަށް އަރައިގެންފައެވެ. ދެމީހުން ކުށްވެރިވާނޭ ކަހަލަ އެތައް ވާހަކައެއް އޭގައި އެބަހުއްޓެވެ.

ސަލްމާ ކަން ބޮޑުވީ އެހެން ކަމެއްވެސް އެބައޮތެވެ. މައިދައިތަ މަރުވީ ރޭ އެ ގެއަށް އެއްވެސް މީހަކު ނާންނަ ކަމަށް ސަލްމާ އޮތީ ފުލުހުންނަށް ބަޔާން ދީފައެވެ. ގުގުރާ އަޑާއި ވާރޭ ވެހޭ އަޑު ރޯލުން އިވެއެވެ. ނުކުންނާން އުޅުނު ވަގުތު ފީރޯޒާ ބުނާ އަޑު އިވެއެވެ. "އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލާ- ފަހަރެއްގައި ވާރޭ ތުނިވެސް ކޮށްފާނެ-"

އަކްބަރު ބުނާ އަޑު އިވުނެވެ. "މިހާރު މެންދަމުން އަލިވެ ތިނެއް ޖަހައިފި- ވާރޭ ހުއްޓައިލާނޭ ކަމަށް މަޑު ކޮށްފިއްޔާ އިރު އަރާއިރުވެސް ނުދެވިފައި ހުންނާން ޖެހިދާނެ-"

މި ނޫން ވާހަކަވެސް ހުއްޓެވެ. އެކަމަކު ހަމައެކަނި ވާހަކައިންވެސް އެނގޭ ގޮތުގައި އަކްބަރުއެގެއިން ނުކުތީ ރޭގަނޑު ތިނެއް ޖެހިފަހުންކަން އެނގެއެވެ. ޑަކްޓަރުންގެ ރިޕޯޓން އެނގޭ ގޮތުގައި މައިދައިތަ މަރައިލާފައި ވަނީ ރޭގަނޑު ތިނަކާއި ހަތަރަކާ ދެމެދުގެ ވަގުތެއްގައެވެ.

ސަލްމާ ރިކޯޑަރު ނިއްވައިލިއެވެ. އޭނާ އަނބުރައިގެންފިއެވެ. މުޅި ކޮޓަރިވެސް އެނބުރެނީ ކަހަލައެވެ. އަކްބަރާއި ފީރޯޒާއަށް މަރުގެ އަދަބު ލިބޭނެއެވެ. އޭނާއަށް މަރުގެ އަދަބު ނުލިބުނަސް ސަލާމަތް ނުވާނެކަން އެނގެއެވެ. މީހަކު މަރައިުމުގައި އެހީތެރިވުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަދަބެއް ލިބޭނެއެވެ. ޖަލަށް ވަންނާން ޖެހޭނެކަން ގައިމެވެ. މަންމަގެ ގާތިލަށް އެއްބާރުލުން ދިން މީހަކާ އިނދެގެން ޖަވާދެއް ނުހުންނާނެއެވެ. އޭނާ ވަގުތުން ވަރިކޮށްލާނެއެވެ.

ފީރޯޒާ އެއް ލަކިން އޭނާއަށް އުޑުގައި ހުރި ތަރިތައް ރޯމާ ދުވާލު ފެންނަ ވަރު ކޮށްލައިފިއެވެ. މައިދައިތައާއި ބަފައިބެ މަރުވީމާ ބޮޑު މުއްސަންޖަކަށްވެ އރާމުގައި ދިރިއުޅެވޭނޭ ކަމަށް އޭނާ ހީކުރިއެވެ. އެކަމަކު އެ ހުރިހައި އުއްމީދެއް ފެނަށް ވަނީއެވެ. ވަރިވުމަށްފަހު މުޖުތަމައުގައިވެސް ބާކީ ވާނީއެވެ. ޖަލަށް ވަނީމާ ކުށްވެރިއެއްގެ ލައް ޖެހުނީއެވެ. ދަރިފުޅުވެސް ލިބޭނީ ޖަވާދަށެވެ. ފަހަރީގެ ދަރި މަރައިލާން އުޅުނު މީހާއަށް އެންމެ ފަހުން މި ޖެހެނީ އަމިއްލަ ދަރިފުޅާ ވަކިވާށެވެ. ފީރޯޒާ އޭނާ އަތުކޮޅަށް ނަގައި ބިންމައްޗަށް ޖެހިހައި ބާރަށް ވަރުގަދަ ފަހުލަވާނަކު އަނެއް ފަހުލަވާނަކު ނަގައި ބިންމައްޗަށް ޖެހި ހެންނެއް ހިޔެއް ނުވެއެވެ.

އޭނާގެ ސިކުނޑި ހަރު އަޑުން ގޮވަމުން ދަނީ އެކައްޗެކެވެ. އަވަހަށް ސަލާމަތް ވާނޭ މަގެއް ހޯދާށެވެ. އެހެން ނޫނީ ބިމުގެ ވެއްޔާ އެކުވެގެން ދިއުން ގާތް ވެއްޖެއެވެ.

އޭނާ ދެ ކެސެޓު ލައިގެން އިން ހެދުމުގެ ތެރޭގައި ފޮރުވައިފިއެވެ. އަދި ފީރޯޒާ އެ ބުނާ ދިހަ ކެސެޓު ފެނޭތޯ ކޮޓަރީގެ އެތަންމިތަން ހޯދާން ފަށައިފިއެވެ. ރޯލު ބަހައްޓާ ތަނުގައި ހުރި ރޯލުތައް ނަގައިގެން ފަހަރަކު ރޯލެއް އަޑު އަހާން ފަށައިފިއެވެ. އެ ރޯލުތަކުގައި ލަވަ ނޫން އެހެން އެއްޗެއް ނެތެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.