(25 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޖަވާދު އެ ކަރުދާސްގަނޑު އަތުލައިގެން ކިޔާން ފަށައިފިއެވެ. ފީރޯޒާ އެ ލިޔުމުގެ ދެ ކޮޕީ ފައިލުން ނަގައި އެއް ކޮޕީ ސަލްމާއަށް، އަނެއް ކޮޕީ އަކްބަރުގެ އަތަށް ދީފިއެވެ. އެ ދެ މީހުންވެސް އެ ލިޔުން ކިޔާން ފަށައިފިއެވެ. އެއީ ޖެހެލަމް ވިމެންސް ލޯޔަރސް އެސޯސިއޭޝަންގެ ޗެއަރޕަރސަން، އެޑްވޮކޭޓް ބުޝްރާ ރައްބާނީ ތައްޔާރު ކުރި ލިޔުމެއްގެ ފޮޓޯ ކޮޕީއެވެ. އެ ލިޔުމަކީ ޗަވްދަރީ އަކްބަރު ޢަލީއާއި ޖަވާދު ޙުސައިންގެ ނަމުގައި ނެރެފައިވާ ގާނޫނީ ނޯޓިސް އެކެވެ.
އެ ލިޔުމުގައިވާ ގޮތުގައި ފީރޯޒާ ވަނީ އޭނާގެ ވަކީލެއްގެ ގޮތުގައި ބުޝްރާ ރައްބާނީ ހަމަޖައްސައި، އައްޔަން ކޮށްފައެވެ.
"ފީރޯޒާގެ ބަޔާނުގައިވާ ގޮތުގައި ޗަވްދަރީ އަކްބަރު ވަނީ އޭނާ ލޯބީގެ ދަލުގައި ޖައްސައިފައެވެ. ކާވެނި ކުރާން ވައުދު ވެފައެވެ. އޭނާ މިހާރު އިނީ އަކްބަރުގެ ދަރިއަކަށް ބަލިވެއެވެ. ބަނޑަށް މިހާރު ތިން މަހެވެ. މިހާރު އަކްބަރު ޢަލީގެ ނިޔަތް ބަދަލު ވެއްޖެއެވެ. ކާވެނި ކުރުމާ ދެކޮޅު ހަދައިފިއެވެ. ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން ބާރު އަޅަން ފަށައިފިއެވެ.
މި މައްސަލައިގައި ވަކީލު ފާހަގަ ކުރި ނުކުތާތައް ލިޔެފައި ވެއެވެ.
އަހަރެންގެ މުވައްކިލާ ވަނީ ލޯބީގައި ކުށް ކުރި ކަމަށް ލިޔުމުން އެއްބަސް ވެފައެވެ. އަކްބަރު ޢަލީ އަކީ އެ ކުށުގެ ބައިވެރިއެއްކަން ސާބިތު ކުރެވޭނޭ އަޑު ރިކޯޑު ކުރެވިފައި ހުރި ކެސެޓު ރޯލު ވަކީލަށް ލިބިފައި އެބަހުއްޓެވެ.
ޖެހެލަމް ވިމެންސް ލޯޔަރސް އެސޯސިއޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އަނިޔާ ލިބޭ އަންހެނުންނަށް އަވަސް މަގަކުން އިންސާފު ލިބޭނޭ ގޮތެއް ހޯދައިދޭށެވެ. ގޭތެރޭގައި ހިނގާ ލަދުވެތި އަމަލުތައް ކޯޓަށް ނުގެންގޮސް ވޭތޯ ބެލުމަކީ ޖަމްއިއްޔާގެ އަމާޒެކެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރަނީ މައްސަލަ އަމިއްލައަށް ހައްލު ކުރެވޭތޯއެވެ.
އެހެންވީމާ މި ޖަމްއިއްޔާގެ އެދުމަކީ ފީރޯޒާއަށް އިންސާފު ހޯދައިދިނުމަށްޓަކައި ޖަވާދު ޙުސައިންގެ ހަމްދަރްދީއާއި އެއްބާރު ލުމަށެވެ.
ޗަވްދަރީ އަކްބަރު ޢަލީގެ ކިބައިން އެދެނީ ދެކޮޅުވެރިކަން އިޚްތިޔާރު ނުކޮށް، ފީރޯޒާގެ ބަނޑުގައި އޮތް ދަރި ދުނިޔެއަށް އުފަން ކުރިޔަ ދޭށެވެ. އެ ކުއްޖާގެ ހަލާކުގެ ސަބަބަކަށް ނުވާށެވެ.
ފީރޯޒާ ދީފައިވާ ބަޔާނުން އެނގޭ ގޮތުގައި އަކްބަރު ޢަލީގެ ފަރާތުން އޭނާއަށާއި އޭނާގެ ދަރިފުޅަށް ނުރައްކަލެއް ކުރިމަތި ވުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންވީމާ އެ ދެމައިން ކުރެ މީހަކު ގުދުރަތީ މަރަކުން ނޫން ގޮތަކަށް މަރުވެއްޖެ ނަމަ މަރުގެ ޒިންމާ އުފުލަން ޖެހޭނީ އަކްބަރު ޢަލީ އަށެވެ.
ފީރޯޒާ މަރުވެއްޖެ ނަމަ އޭނާގެ މަރުވުމަށްފަހު އޭނާގެ ބޭންކް ލޮކަރު ހުޅުވައި އޭގައި ހުރި ހުރިހައި ކެސެޓު ރޯލަކާއި ލިޔުމެއް ތަހުގީގުގެ ބޭނުމަށްޓަކައި ބޭނުން ކުރުމުގެ އެންމެހައި އިޚްތިޔާރެއް ލިބިގެން ވަނީ ހަމައެކަނި އެޑްވޮކޭޓް ބުޝްރާ ރައްބާނީ އަށެވެ.
މި ލިޔުމުގައި މިވާ ހެކިތަކާއި ވާހަކަތަކަށް ފުރިހަމައަށް ބެލުމަށްފަހު ވަކި ގޮތެއް އިޚްތިޔާރު ކުރުމަކީ އަކްބަރު ޢަލީއަށް އޮތް ކަމެކެވެ.
މި ޖަމްއިއްޔާގެ މަޝްވަރާއަކީ މި ލިޔުން ލިބޭތާ ދެ ދުވަހުގެ ތެރޭގައި އަކްބަރު ޢަލީ ފީރޯޒާ އާ ކާވެނި ކުރުމެވެ. އަދި ފީރޯޒާގެ ފުރާނައާއި، ދިރިއުޅުމުގެ ރައްކާތެރިކަމުގެ ޒިންމާއާ ގާނޫނީ ގޮތުން ހަވާލު ވުމެވެ. މިފަދައިން އަމަލު ނުކޮށްފި ނަމަ ދެ ދުވަސް ފަހުން މި މައްސަލަ ޝަރީޢަތަށް ހުށަހަޅާނަމެވެ."
ތިން މީހުން ލިޔުން ކިޔަމުން ގޮސް އިށީނދެއްޖެއެވެ. ކިޔައި ނިމުމާއެކު ޖަވާދު ތެދުވެއްޖެއެވެ. "ކަލޭ އުޅުނީ މިއޮތް ހުރިހައި ދުވަހު ކަލޭގެ ކޮއްކޮގެ ވިޔާނުދާ އަމަލުތައް އަހަންނަށް ފޮރުވައިގެން- މި ލިޔުމަށް ފަހުވެސް ކަލޭ ކަލޭގެ މަކަރުވެރިކަމަށް އިންކާރު ކުރާނަންތަ-؟"
ސަލްމާ ބުންޏެވެ. "އަހަރެންގެ ހުރިހައިވެސް މީހަކީ ޖަވާދު- އަހަންނަށް ކުށް ކުރެވިއްޖެ- އޭގެ އަދަބެއްގެ ގޮތުން ޖަވާދު ބޭނުން ގޮތެއް ހަދާ- އެކަމަކު މި ވަގުތު ދައްކަން ޖެހެނީ އަހަރެމެންގެ އާއިލާގެ އަބުރު ރައްކާތެރި ކުރުމުގެ ވާހަކަ-"
އޭނާއަށްވެސް ސަލްމާގެ ވާހަކަ ގަބޫލު ކުރެވިއްޖެއެވެ. އެހެންވީމާ ފީރޯޒާއާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ކަލޭ ވަކީލެއްގެ ގާތަށް ދިޔައީ ކީއްކުރަން-؟ އަހަރެން މަރުވީތަ-؟ އަހަންނާ ވާހަކަ ނުދެއްކީ ކީއްވެގެން-؟"
ސަލްމާ ބުންޏެވެ. "ބޭބެއަކު ގާތު އަންހެން ކޮއްކޮއަކަށް ނުދެއްކޭނޭ ވާހަކަ ހުންނާނެ- އެކަހަލަ ވާހަކަތަކެއް އެކަކުވެސް ނުދައްކާނެ- ފުރަތަމަ ވިސްނާ- އެއަށްފަހު ވާހަކަ ދައްކާ- އަހަރެމެންގެ ފީރޯޒާ ކަންތައް ކުރީ ބުއްދީގެ ބޭނުން ކޮށްގެން ރަނގަޅަށް- މި މައްސަލަ ކޯޓަކަށް ނުގެންދޭ- ގާނޫނުގެ ބަހުރުވަ ބޭނުން ކޮށްގެން އަކްބަރަށް ވިސްނައި ދިނީ-"
އަކްބަރު އިސް ޖަހައިލައިގެން އިނީއެވެ. ފީރޯޒާގެ ކުރިމަތީގައި ބަލިވާން ޖެހުނީމާ ލަދު ގަނެއެވެ. ބޮޑަށް ލަދު ގަންނަނީ އަންހެނެއްގެ ކުރިމަތީގައި އެހައި ބޮޑަށް ދެރަ ވާން ޖެހުނީމައެވެ. އެއްވެސް ކަމެއްގައި އަންހެނަކަށްވުރެ ދެރަ ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހުރިހައި ކުށެއް ކުރީ އޭނާ ކަމަށް ވުމާއެކުވެސް އޭނާ ބޭނުން ވަނީ މޮޅު ވާށެވެ.
އޭނާ ސަލްމާއާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ދައްތާ- މި ކަންތައް އިތުރަކަށް ފުޅާ ވެގެންނެއް ނުދާނެ- މާދަމާ ހެނދުނު ދިހައެއް ޖަހާއިރު އަހަރެން ބައްޕަ ގޮވައިގެން މިގެއަށް އަންނާނަން- ގާޒީައަކުވެސް ގެންނާނަން- މާދަމައިން މާދަމައަށް ކާވެނީގެ ހުރިހައި ކަމެއް ނިންމާނަން- ފީރޯޒާ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ހަދާނަން-"
ފީރޯޒާ އަކްބަރާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. ލޯބިވެރިޔާ ހާސިލު ކުރެވޭތީ ވެފައިވާ އުފަލުގެ ހިނިތުންވުމެވެ. އެކަމަކު އަކްބަރަށް ހީވީ އޭނާ ބަލިވީމާ މަލާމާތް ކުރީ ކަމުގައެވެ. އެހެންވީމާ އައި ރުޅީގައި ތެދުވެގެން، އެގެއިން ނުކުމެގެން ހިނގައްޖެއެވެ.
އޭނާ ދިޔައީމާ ޖަވާދު ބުނެލިއެވެ. "އަހަރެންގެ ފަރުވާ ކުޑަ ކަމުން އަހަންނަށް ނޭނގި މި ގޭތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭނީ އަހަންނަށް- އެއީ އަހަރެން ލަދުން މަރުވާ ވަރުގެ ކަންތައްތަކެއް- މައްސަލަ އަބުރުވެރިކަމާއެކު ނިމިގެން ދާ ގޮތް ވާކަން ކިތަންމެހައިވެސް ރަނގަޅު-"
ސަލްމާ ފީރޯޒާގެ ބޮލުގައި ފިރުމައިލިއެވެ. "މިއަދު އަހަރެން ވަރަށް ބޮޑަށް އުފާ ވެއްޖެ- އަހަރެންގެ ފަހަރި ކާވެނި ކޮށްގެން މާދަމާ މިގެއިން ދާނެ-"
"ފަހަރި- އަހަރެންގެ ކާވެނި މާދަމާ ކުރިޔަސް އަހަރެން މިގެއަކުން ނުދާނަން-"
"އެކަމަކު މީހަކާ އިނީމާ އަންހެން ދަރިން އުޅޭނީ ފިރިންގެ ގޭގައި-"
"އެހެން ވަނީ އަންހެން ދަރިންނަށް ފިރިންގެ ގޭގެ ހާލަތު ރަނގަޅަށް ނޭނގޭތީ- އެކަމަކު އެ ގޭގެ ހާލަތު އަހަންނަށް އެނގޭ- އެ ގޭގައި އަހަރެންގެ ރަގީބަކާއި ދޮން ދަރިންގެ ދެ ދަރިން އެބަތިބި- ޗާލާކު ބަފައިބެއެއް އެބަހުރި- އެއީ ބިމާއި މުދާވެރިކަމަށްޓަކައި ޞަފޫރާފަދަ ކުއްޖަކާ އޭނާގެ ދަރި ދެވައިފައި އެ ފަކީރު ގޭގެ އެއް ކަނެއްގައި ކުނި ކޮތަޅެއްހެން ބާއްވައިގެން އުޅޭ ބަފައިބެއެއް- ޅީދަރިއަށް އެއްވެސް ތަނެއްގައި އެކަށީގެންވާ ގަދަރެއް ނުކުރާ ނުލަފާ ބަފައިބެއެއް- އެކަހަލަ މީހަކު އަހަންނާ މެދު ކަންތައް ކުރާނޭ ގޮތް އަހަންނަށް މިހާރުވެސް ސިފަ ކުރެވޭ- ދެން ހުރީ އަހަރެންގެ ވާން އުޅޭ ފިރިމީހާ- އޭނާގެ ކަންތައް އަހަރެން މިހިރީ އިނުމުގެ މާކުރިން ދަސްކޮށްގެން-"
(ނުނިމޭ)