ހުދުމާ ހޮޓަލަކީ މާލޭގެ ވަރަށް މަޝްހޫރު ހޮޓަލެކެވެ. (މި ލިޔުމުގައި ބޭނުން ކޮށްފައި މިވަނީ ހޮޓަލުގެ އަސްލު ނަމެއް ނޫނެވެ.) އެ ހޮޓަލުގެ ގޮފިތައް މާލޭގެ ވަރަށް ގިނަ ތަންތާނގައި ހުރެއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ހުދުމާ ހޮޓާ ޢާންމުންގެ މެދުގައި މަގުބޫލު ވެގެން ގޮސްފައިވާ ސަބަބަކީ އެ ހޮޓަލުގެ ކާ އެއްޗެހީގެ ފެންވަރު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމެވެ. ކާ އެއްޗެތީގެ ފެންވަރު އެއް ވަރެއްގައި ހިފެހެއްޓުމަށް ޓަކައި ޚުދު ހޮޓަލުގެ ވެރިޔާ ބަދިގެއަށް ވަންނަވައި އެއްޗެތީގެ ރަހަ ބައްލަވައި ހައްދަވާ ކަމަށް ވެއެވެ.
މުޙައްމަދު ފަހުމީ (އަޞްލު ނަމެއް ނޫން) އަކީ ހުދުމާ ހޮޓަލަށް ވަރަށް ގިނައިން ވަޑައިގަންނަވާ، މާލޭގެ ވަރަށް ގަދަރުވެރި ޢާއިލާއެއްގެ ބޭފުޅެކެވެ. ހޮޓަލުގައި މީހުން ގިނަ ކަމުން ބައެއް ފަހަރު ހޮޓަލުގައި އިންނަވައިގެން ސައިފޮދު ހިއްޕެވޭ ގޮތް ނުވުމުގެ ސަބަބުން ފަހުމީ ހައްދަވާ ގޮތަކީ ހެދިކާ ނުވަތަ ބޭނުންފުޅުވާ އެއްޗެއް ގެއަށް ގެންދަވައިގެން ފަރީއްކުޅުއްވަނީއެވެ. ހޮޓާ ހުންނަނީ ފަހުމީގެ ގެޔާ ވަރަށް ކައިރީގައެވެ. އެހެންވީމާ އޯޑަރު ދެއްވުމާއެކު ހުދުމާ ހޮޓަލުން އެ އެއްޗެއް ގެއަށް ފޮނުވައި ދެއެވެ. ކުރިންވެސް ދެންނެވި ފަދައިން ފަހުމީ އަކީ ހޮޓަލުގެ [ދާއިމީ މެމްބަރަ]ކަށް ވުމުގެ ސަބަބުން ވިދާޅުވި ގޮތަކަށް ހަދައި ދިނުމަކީ ހޮޓަލުގެ މުވައްޒަފުންނަށް ލިބޭ އުފަލަކަށް އޮންނަނީ ވެފައެވެ. އަދި ހޮޓަލުގެ ވެރިޔާ ފަހުމީއަށް ކުރައްވާ ޤަދަރަކީ އެއްވެސް މުވައްޒަފަކަށް ވަންހަނާ ވެފައި އޮންނަ ކަމަކަށް ނުވާތީ ހޮޓަލުގައި މަސައްކަތް ކުރާ ބިދޭސީންވެސް ފަހުމީ އަށް އިޙްތިރާމް ކުރެއެވެ.
އެއް ރެއަކު ޢިޝާ ނަމާދުން ފޭބިތަނާ ފަހުމީ ހުދުމާ ހޮޓަލަށް ވަޑައިގެންފިއެވެ. ހުންނެވީ ރަސްމީ ހެދުމުގައި ކޮންމެވެސް ތަނަކަށް ވަޑައިގަންނަވާން ތައްޔާރުވެ ވަޑައިގެންނެވެ. ފުރަތަމަ ސުވާލު ކުރެއްވީ ހޮޓަލުގެ ވެރިމީހާ އުޅުއްވާތޯއެވެ. އޭނާ ނެތޭ ކޮންމެވެސް މީހަކު ދެންނެވީމާ ވިދާޅު ވެއްޖެއެވެ.
"އަހަރެން މި ދަނީ ޖަލްސާއަކަށް- ޖަލްސާ ނިމޭނީ އެގާރަ ޖަހާ އިރު- އަހަރެން އަންނަން ވާއިރަށް ދެ ރޯސް ފައި ގެއަށް ފޮނުވާލަ ދޭތި-"
ހޮޓަލުގެ މެނޭޖަރު ވަރަށް އަދަބު ވެރިކަމާއެކު އާދޭހޭ ދަންނަވައިފިއެވެ. އެރޭ ހޮޓަލުގައި މެނޭޖަރަކަށް ހުރީ އާ މީހެކެވެ. އެކަމަކު އޭނާއަކަށްވެސް ފަހުމީއެއް ނޯޅެއެވެ. އެއީ ކޮން ބޭފުޅެއްކަން ވަރަށް ރަނގަޅަށް އޭނާވެސް ދަނެއެވެ. ފަހުމީ ރޯސް ފައޭ އެ ވިދާޅުވީ ރޯސް ކޮށްފައި ހުންނަ ކުކުޅު ފައިގެ ވާހަކައެވެ. އެއީ ފަހުމީ ވަރަށް ގިނައިން ފަރީއްކުޅުއްވާ އެއްޗެކެވެ.
ހޮޓަލުގެ މީހުން ފަހުމީ ވިދާޅުވި ގޮތަށް ވަރަށް ބަރާބަރަށް ކަންތައް ކުރިއެވެ.
އެގާރަ ގަޑި ސާޅީސް ފަހެއް ވީތަނާ އަނެއްކާވެސް ފަހުމީ ހުދުމާ ހޮޓަލަށް ވަޑައިގެންފިއެވެ. އަތްޕުޅުގައި ކޮތަޅެއް އޮތެވެ. ހުންނެވީ ވަރަށް ބޮޑަށް ކޯފާ ވެފައެވެ. ހޮޓަލަށް ވެންނެވުމާއެކު ވިދާޅުވިއެވެ. "އަހަރެން މިއީ މި ހޮޓަލުން ގަވައިދުން ކާއެއްޗެހި ގެންދާ މީހެއް- ދުވަހަކުވެސް ފައިސާ ނުދީއެއް ނޯންނާނެ- މި ވަރުގެ ޖެއްސުމެއް އަހަރެންނަށް ކުރަން ޖެހުނީ ކީއްވެގެން-؟ ރޯސް ކޮށްފައި ހުރި ކުކުޅު ފައޭ ބުނީމާ ފޮނުވާފައި މިހިރީ ކޮން އެއްޗެއް-؟" މިހެން ވިދާޅުވުމާއެކު މެނޭޖަރާ ދިމާއަށް ކޮތަޅު އެއްލަވައިފިއެވެ.
ކޮތަޅުގައި އޮތީ ޅޮސް ފަތުގެ ދެ ފަތެވެ.