(24 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަކްބަރު ޢަލީ އޭނާގެ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާގެ ބިޔަ ގޭގެ އެކި ފެންޑާތަކުން ހިނގާފައި އައިސް ބައްޕަގެ ކޮޓަރީގައި ޓަކި ޖަހައިފިއެވެ. ކުޑަ އިރުކޮޅަކު އިންތިޒާރަށް ފަހު ރީތި، ލޫޅާފަތި ކަނީޒަކު ދޮރު ހުޅުވައިފިއެވެ. އަދި ކުޑަކޮށް ގުދުވެލައިފައި އޭނާއަށް ސަލާން ކުރިއެވެ.
އޭނާ އެތެރެއަށް ވަދެއްޖެއެވެ. އޭނާގެ ބައްޕަ ބޮޑު ރަސްކަލެއްހެން ގޮނޑިއެއްގައި ޝާހީ ވައްތަރަކަށް ވެޑުވިގެން އޮތެވެ. އެހެން ކަނީޒަކު ބައްޕަގެ ފައި މޮޑެ ދޭން އިނެވެ. ދަރިފުޅު ފެނުމާއެކު ބުންޏެވެ. "ބައްޕަގެ ފުރާނަޔާ- އާދޭ- ކިހިނެއްވީ-؟"
އޭނާ ކައިރިއަށް އައިސް ބުންޏެވެ. "ބައްޕާ- އަޅުގަނޑު ވަރަށް ބޮޑު މައްސަލައެއްގައި ބެދިއްޖެ- ހީވަނީ ޝަރުޢީ ހައްދެއްގެ ތެރެއަށް ވަންނާން ޖެހޭނެހެން-"
"ކިހިނެއްވީ-؟"
އޭނާ ފީރޯޒާއާއި އޭނާގެ ގުޅުމުގެ ވާހަކަ ވަރަށް ތަފުސީލުކޮށް ބައްޕައަށް ކިޔައިދީފިއެވެ. ޗަވްދަރީ ޤާސިމް ޢަލީ ރައްޔިތެއްގެ ފަރިޔާދު ރަސްކަލަކު އަހާ ފަދައިން އަޑުއަހަން އޮތެވެ. ހޫނ ކިޔާލަ ކިޔާލައެވެ. ވާހަކަ ނިމުނީމާ ބޯ ޖަހައިލައިފައި ބުންޏެވެ. "ކަލޭ ތިޔަ މަޅީގައި ބެދުނީ ސަލްމާގެ ފިރިމީހާގެ ގޭގައި ތިޔަ ސަކަރާތް ޖެހީތީ- އެއީ ކަލޭގެ ދައްތަ- ކަލޭ ހަމަ އެކަނި ޢައްޔާޝީ އަމަލެއް ކޫރީކީއެއް ނޫން- މީހަކު މަރައިވެސްލީ- އެހެން ގެއެއް ނަމަ މަންމއަށްފަހު ދަރިފުޅުގެ ދުވަސް ދުއްވާލައިގެން މައްސަލަ ނިންމައިލެވުނީސް- އެކަމަކު މި މައްސަލައިގައި ކަލެއާ ދެކޮޅަށް ދެކަމެއް އެބައޮތް-"
އޭނާ އިރުކޮޅަކު އަނގައިން ނުބުނެ އޮވެފައި ވާހަކަ ދައްކާން ފެއްޓިއެވެ. "އެއް ކަމަކީ ފީރޯޒާ ކަލެއަށްވުރެ މާ ހުސިޔާރު ވެފައި ހަލުވި ވުން- އޭނާ ގަސްތު ކުރި ގޮތަށް ލަސް ނުކޮށް އަމަލުވެސް ކޮށްފި- އޭނާ އެ ބުނާހެން ލޮކަރުގައި އޮތް ދިހަ ކެސެޓު ރޯލު ނޫން އެހެން އެއްޗެއް ނެތްކަމުގެ ޔަގީން ކަމެއް ނެތް- ލިޔެފައި އޮތް ބަޔާނެއްވެސް އޮވެދާނެ- އަދި އެއަށްވުރެ ގިނަ ރޯލު އެހެން ތަނެއްގައިވެސް ހުރެދާނެ- ކަލޭ އޭނާ މަރައިލާނޭ ކަމުގެ އިންޒާރުވެސް ދީފީމު- އެހެންވީމާ އޭނާ ގުުދުރަތީ ނޫން މަރަކުން މަރު ވެއްޖެއްޔާ ކަލޭގެ ބޮލުގައި ނޭޅިއެއް ނުދާނެ-"
އަކްބަރު ބުންޏެވެ. "އާދެ- އަދި އެޑްވޮކޭޓް ބުޝްރާ ރައްބާނީ އޭނާއަށް އެހެން އުކުޅުތަކެއް ދަސްކޮށް ދީފައިވެސް އޮވެދާނެ-"
ޤާސިމް ޢަލީ ބުންޏެވެ. "ދެވަނަ ކަމަކަށް އޮތީ ކަލޭގެ ފިޔަވަޅެއްގެ ސަބަބުން އަހަރެންގެ ދަރިފުޅު ސަލްމާގެ ބަރުބާދީ ކަށަވަރުވުން- އޭނާ މިހާރު އެހެރީ އެތައް ކުރޯޑު ރުފިޔާއެއްގެ ވެރިއަކަށް ވެފައި- ގޭގެ ވެރިޔަކަށް ވެފައި- —ަރެމެން ދެބަފައިން ފީރޯޒާ އާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިއްޔާ ސަލްމާ އިއްޒަތުގެ ތަޚުތުން ވެއްޓި ބިމުގެ ވެއްޔާ މޮޑެވިދާނެ-"
"ބައްޕާ- މިހާރު އަޅުގަނޑަށް ފެންނަ ހަމައެކަނި މަގަކީ ފީރޯޒާއާ އިނުން-"
ޤާސިމް ޢަލީ އޭނާޔާ ދިމާއަށް ކަޅި އަޅައިލީމާ އޭނާ އަވަސް އަވަހަށް ބުނެލިއެވެ. "ބައްޕަގެ ޅީދަރިއަކަށް އޭނާ ހަދާކަށް އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ- އަޅުގަނޑު ހިނގަނީ ބައްޕަގެ މަގުން- ނީނދެވެސް ބުނިހައި ގޮތެއް ހަދައިގެން ހުންނާން އެއްބަސްވާ މީހަކާ އިންނާނީ މޮޔައެއް-"
"ހޫނ- ކަލޭ ސަލްމާގެ ގެއަށް ދޭ- ފީރޯޒާ ކަލެއާ އެގެއިން ބައްދަލު ކުރާނެތާ- އޭނާ ދައްކާ ވާހަކައެއް އަޑުއަހައިލާ- ކަލޭގެ ބަސް އަހައިގެން ދަރި ވައްޓައިލާން އެއްބަސްވޭތޯ ބަލާ- އޭނާ އެއްބަސް ނުވިއްޔާ، އަދި ގާނޫނީ ގޮތުން އޭނާގެ ކޮޅަށް ބަރު ކަމަށް ފެންނަންޏާ އޭނާއާ އިންނާން އެއްބަސްވޭ-"
"ހަމަ އެހެން ހަދަންވީތޯ-؟"
"އާނ- އަހަރެން މާދަމާ އެގެއަށް ދާނަން- އެކަމަކު ކާވެންޏަކާ ހަމައަކަށް ނުދާނެ- އެކަމާ ކަންބޮޑު ނުވޭ-"
"ބައްޕަ ފީރޯޒާ..."
"ނޫން- އެއްވެސް މީހަކު މަރައެއް ނުލާނަން- ކަންތައް ވާ ގޮތް މާދަމާ ބަލަން ހުރޭ- މިހާރު އަވަހަށް ދޭ-"
ބައްޕައާ ސަލާން ކޮށްފައި އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ވިސްނާން ފަށައިފިއެވެ. ބައްޕަ އެ އުޅެނީ ކީއްކުރަން ބާވައެވެ؟ ކާވެނީގެ ވާހަކަ ދައްކާފައި ކާވެނި ނުކޮށް ވާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަގެ ބާރާއި ރޭވުމަށް އޭނާ ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ލޭ ނުއޮހޮރުވައި ކަންތައް ހަމަޖައްސާން ބައްޕަ ދަންނާނޭކަން އޭނާއަށް އެނގެއެވެ.
އޭނާ ދެގަޑި އިރު ކޮށްފައި ފީރޯޒާ އާ ބައްދަލު ކުރާން ހިނގައްޖެއެވެ. ދޮރުގެ ރަނގަބީލު ޖަހައިލީމާ ހުޅުވީ ސަލްމާއެވެ. އޭނާ އެތެރެއަށް ވަނީމާ ބުންޏެވެ. "ޖަވާދު ކޮޓަރީގައި އެބައުޅޭ- މިތާނގައި ހުރެގެން އަހަންނާ ވާހަކަ ދައްކާ- ފީރޯޒާއާ ބައްދަލުވިތަ-؟ ކަލޭ ހަދަން އުޅެނީ ކިހިނެއް-؟"
"އެޑްވޮކޭޓް ބުޝްރާއާ ފޯނުން ވާހަކަ ދައްކައިފިން- އޭނާ ބުނީ ދެގަޑިއިރު ފަހުން މިގެއިން ފީރޯޒާއާ ބައްދަލު ވާނެއޭ- މިއައީ އެހެން ވެގެން-"
"އޭނާ އަދިއެއް ނާދޭ- އެނބުރެނީ ކޮންތާކުކަމެއް ނޭނގޭ-"
"ހާސްނުވޭ ދައްތާ- ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ-"
"ކޮން ކަމެއް ހަމައަކަށް އެޅެނީ-؟ އަހަރެންގެ ދިރިއުޅުން ހަލާކުވާން އުޅެނީ- އަހަރެންގެ ފިރިމީހާ ގެއްލެން އުޅެނީ- އެ އަންހެން ކުއްޖާ އޭނާގެ އާއިލާގެ އަބުރަކަށްވެސް ބަލައެއް ނުލާ- އޭނާ ކޯޓުގައި އަހަރެމެން އެންމެން އޮރިޔާން ކޮށްލާނެ- އަހަރެން އާދޭސް ކޮށްފައި މިބުނަނީ- ހަމަ މިހާރު މިގެއަށް ގާޒީއަކު ގެނެސްގެން އޭނާއާ އިނދޭ- އަދި އޭނާގެ ދަރިފުޅަކީ ކަލޭގެ ދަރިއެއް ކަމަށް ބަލައިގަނޭ- ކަލޭ، ކަލޭގެ ގޭގައި އުފަލުގައި އުޅޭ- އަހަރެމެންނަށް، އަހަރެމެންގެ ގޭގައި އުފަލުގައި އުޅުނަދީ-"
އޭނާ ދައްތަގެ ބޮލުގައި އަތް ބާއްވައިލިއެވެ. "އަހަރެމެން އެންމެންވެސް އުޅޭނީ އުފަލުގައި- ބައްޕަ ކޮންމެވެސް ފިޔަވަޅުތަކެއް އެބަ އަޅުއްވާ- މިހާރު ކުރަން ޖެހޭ ކަމަކީ އަހަރެމެންނާ ދެކޮޅަށް ފީރޯޒާ ކުރަން އުޅެނީ ކޮން ކަމެއްތޯ ބެލުން-"
އެވަގުތު ދޮރުގެ ރަނގަބީލުގެ އަޑު އިވިއްޖެއެވެ. އަކްބަރު ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ފީރޯޒާއެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އަކްބަރު އެއް ފަރާތަކަށް ޖެހިލީމާ ފީރޯޒާ އެތެރެއަށް ވަދެއްޖެއެވެ. ސަލްމާ އޭނާގެ ގައިގައި ބައްދައިލާނަމޭ ހިތައި ދެއަތް ފުޅާ ކޮށްގެން ކުރިއަށް ޖެހިލިއެވެ. "އަހަރެންގެ ލޯބިވާ ކޮއްކޯ- ކޮން ތަނަކަށްތަ ދިޔައީ-؟ އަހަރެން އިންތިޒާރުގައި އިންނަތާ ކޮން އިރެއް-؟"
ފީރޯޒާ އަތް ހިއްލައިލިއެވެ. "ދުރުގައި ހުރެގެން ވާހަކަ ދައްކާ- ކަރާކަރު ޖައްސައި ސަލާން ކޮށްފައި ކަރު ބުރިކޮށްލާ އާދައަކީ އަހަރެން ނުދަންނަ އާދައެއް ނޫން- ކަލޭމެންގެ ގޮތް މިހާރު އަހަންނަށް އެނގޭ-"
ޖަވާދު ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ. "އަހާާނ- އަކްބަރު އައީތަ-؟" މިހެން އަހައިފައި ފީރޯޒާއާ ދިމާއަށް ބަލައިލިއެވެ. "ފީރޯޒާ ދިޔައީ ކޮން ތަނަކަށް-؟ އަހަންނާ އެކީ އާދޭ- އަހަރެން އެކަނި ދައްކަން ޖެހޭ މުހިއްމު ވާހަކައެއް އެބައޮތް-"
ފީރޯޒާގެ އަތުގައި ފައިލެއް އޮތެވެ. އޭނާ ފައިލުން ކަރުދާސްގަނޑެއް ނަގައި ބޭބެގެ އަތަށް ދިއްކޮށްފައި ބުންޏެވެ. "އިހަށް ބޭބެ މި ކިޔައިލާ- އޭގެ ފަހުން ބޭބެއާ ވާހަކަ ދައްކަން ދާނަން-"
(ނުނިމޭ)