(31 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިހާރު ސިންދުގެ ޠޫފާން ވަނީ މައިތިރި ވެފައެވެ. އެކަމަކު އެ ޠޫފާން ޕަންޖާބާ ދިމާއަށް ދަތުރު ކުރަނީއެވެ. ފެން ބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޖެހެލަމްގެ މީހުން ޓީވީ ދޮށުގައި ތިބެގެން ސިންދުގެ މަންޒަރު ބަލަނީއެވެ. އެ ޠޫފާން އެމީހުންގެ ބޯމައްޗަށް އަރަމުން އަންނަކަން ބައެއް މީހުންނަށް ނުވެސް އެނގޭ ކަހަލައެވެ.
ގަޑިއެއްހައި އިރު ފަހުން ބުޝްރާ އޭނާއަށް ގޮވައިފިއެވެ. އޭނާ އެ ކޮޓަރިން ނުކުމެގެން އައިސް ބުޝްރާގެ ކޮޓަރިއަށް ވަންއިރު އެތާނގެ ގޮނޑިއެއްގައި އަކްބަރު އިނެވެ. އޭނާ ފެނުމާއެކު އަކްބަރު ބުންޏެވެ. "އަހަންނަސް ގާނޫނީ ނޯޓިސް ފޮނުވީ ކީއްކުރަން-؟ ކަލޭ އަންގައިލިނަމަ އަންގައިލުމާއެކު އަހަރެން ވަގުތުން އައީމުސް-"
ފީރޯޒާ ހިނިތުން ވެލިއެވެ. "ރަނގަޅު ވާހަކައެއް- ޖެހެލަމް ކޯރުގެ އައްސޭރީގައި ހުރެގެން އަހަރެން ބާރަށް ގޮވައިނުލީ ކީއްވެގެން ދޯ-؟ އޭރުން އަކްބަރު ހަމަ ދުވެފައި އަންނާނެ- އަހަރެންގެ އަޑު މުއުޖިޒާތަކުން ޖާދާއާ ހަމަޔަށް ފޯރާނެ-"
"އަހަރެން ރޭ އަތުވެއްޖައިން- މިއަދު ފީރޯޒާއާ ބައްދަލު..."
އޭނާ އަކްބަރުގެ ވާހަކަ މެދުކަނޑައިލިއެވެ. "ރެއަކު ނޫން- މިދިޔަ ފަަނަރަ ދުވަހު އަކްބަރު އޮތީ ހަމަ މިރަށުގައި- ތިން މަސް ދުވަހުގެ ތެރޭގައި އެތައް ފަހަރަކު އަތުވެއްޖައީމު-"
އަކްބަރަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. "ކާވެނީގެ ކުރިން އަހަރެން އުޅޭހައި ތަނެއް ފީރޯޒާއަށް އަންގަން ޖެހެއެކޭ މުޢާހަދާއަކު ނެތް-"
"އެއީ މާ ބޮޑު ކަމެއް ނޫން- އައު މުޢާހަދާއެއް ލިޔެވިދާނެ- އަހަރެމެންގެ ނުއުފަންނަ ދަރިއާ ގުޅިގެން މިރަށުގައި ބޮޑު ވަބާއެއް ފެތުރެމުން އެބަދޭ- ވަކަރުގޭ ދަރިންނާއި ލުޓޭރުންނާއި ކުލީކާރާއި ރެކިސާ ދުއްވާ މީހުންނަށް ވަރަށް ބޮޑު އެއްޗެއް ކުއްލިއަކަށް އެނގިގެން އެބަ އުޅޭ- އެއީ އަހަރެން އިނީ މީހަކާ އިނދެގެން ނޫން ކަމާއި، އަހަރެންގެ ބަނޑުގައި މި އޮތީ ނަހަލާލު ދަރިއެއްކަން- އަހަރެންގެ ދުޝްމިނަކު އަހަރެން ދުނިޔެއިން މޮޔަކޮށްލަން ނޫނީ އަހަރެން އަމިއްލައަށް މަރުވާ ވަރު ކޮށްލަން އެބަ އުޅޭ- އެކަހަލަ މީހަކު އަކްބަރަށް އެނގޭތަ-؟"
"ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ-"
"ވިސްނާނެ ކަމެއް ނެތް- މުޅި ރަށަށް އަހަރެން ބަދުނާމު ވަނީ- އަކްބަރު އަހަރެން މި ބަދުނާމުން ސަލާމަތް ކޮށްދީ-"
"އަހަރެން ތިޔަކަން ކުރާނީ ކިހިނެއް-؟"
"އަކްބަރު އަހަންނާ އެކީ ރަށުގެ މަގުތައް މަތީގައި ހިނގައިލީމާ މީސްމީހުންގެ އަނގަ ބަންދު ވެދާނެ- މީސްމީހުން އަހަރެންގެ ކާވެންޏާއި ދަރިފުޅާ ބެހޭ ގޮތުން ސުވާލެއް ނުކުރާނެ- އަކްބަރު ކުރަން ޖެހޭ ކަމަކީ އަހަރެންގެ އަޚުލާގުގެ ލޭބަލަކަށް ވެގެން ހުރުން-"
"އަހަންނަކަށް ފީރޯޒާއާއެކު ނުދެވޭނެ- އަހަރެން މިއީ އަދި ހިލޭ ފިރިހެނެއްނު-؟"
"އެއީ މާ ބޮޑު ކަމެއް ނޫން- މަގުމަތީގައި ހިނގައިބިގައިވެ އުޅޭ އިރު އެތައް ހިލޭ ފިރިހެނަކާ ދިމާވޭ- އެއް ވަރެއްގައި ހިނގޭވެސްމެ- ބަހުގަޔާއި ރޭލުގަޔާއި ސިނަމާތަކުގައި ތިޔަ ބުނާ ހިލޭކަން މިހާރު އޮންނަނީ މުޅިން ކެނޑިފައި-"
"އެންމެ ރަނގަޅު- ހިނގާ އަހަރެން ފީރޯޒާ ގެއަށް ލައިދޭނަން-"
"ގޭގައި އަހަރެން އެކަނި ބައިންދާފައި ދިޔައީމާ ކުލީ އަންހެނުންނާއި ވަކަރުގޭ ދަރިން އައިސް އަހަންނާ ފޮށޭނެ-"
"އެއްވެސް މީހަކު ފޮށޭކަށް ނާންނާނެ-"
"އަކްބަރު އެމީހުންނަށް އެކަން މަނާ ކުރާނަން ދޯ-؟"
"އާނ... މަނާ..." އޭނާ ބުނަން އުޅެފައި ހުއްޓައިލިއެވެ. "އަހަރެން މަނާ ކުރީމާ ނާންނަން އެއީ އަހަރެންގެ ގާތް ތިމާގެ ބަޔަކީތަ-؟ ނޫނީ އަހަރެންގެ މުސާރަވެރިންތަ-؟"
"އެކަހަލަ ބަޔަކަށް ނުވާތީތާ އަހަރެން މި ބުނަނީ އެކަނި ގޭގައި ބައިންދާފައި ދާކަށް ނުވާނެއޭ- ހިލޭ ފިރިހެނަކަށް ވާތީ ގޭގެ މެހުމާނުން އުޅޭ ބައިގައި އަކްބަރު ހުރެވޭނޭ ގޮތް އަހަރެން ހަމަޖައްސާނަން-"
އޭނާ ކުރާނެ ކަމެއް ނެތިގެން އެއް ފަހަރު ފީރޯޒާއާ ދިމާއަށް، އަނެއް ފަހަރު ބުޝްރާއާ ދިމާއަށް ބަލަން ފަށައިފިއެވެ. ބުޝްރާ ނުރުހިފައި ބުނެލިއެވެ. "އަކްބަރު ޢަލީ- އަހަރެންގެ ވަގުތު ބޭކާރު ނުކުރޭ- އަކްބަރު މި ރަށުގައި އިންދި ބަދުނާމުގެ އޮށްޓަރުން ގޮވާން ކަނޑަން ދޭ- ފީރޯޒާ އަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިގެން ނުވާނެ- ދަރިފުޅުގެ ސިއްޔަތަށް އަސަރެއް ކުރާ ކަހަލަ ކަމެއް ވެގެން ނުވާނެ- އެކަން ރަނގަޅަށް ވާނީ އަކްބަރުގެ ބެލުމުގެ ދަށުގައި ފީރޯޒާ އިނީމާ-"
އަކްބަރު މުޅީން ބަލިވެ ނިކަމެތި ވެފައިވާ މީހެއް ފަދައިން މަޑުމަޑުން ކޮޅަށް ތެދުވެއްޖެއެވެ. މިހައިތަނަށް އޭނާއަކީ ވަރަށް ފަސޭހައިން ކެޔޮޅުކަން ކުރި މީހެކެވެ. ފާހިޝްކަމުގެ ކޯރަށް އޭނާ ނަނު އެއްލުމާއެކު ވަރަށް ފަސޭހައިން މަސް ގަނެއެވެ. މިހާރު ވެފައި މިއޮތީ މުޅިން އެހެން ގޮތެކެވެ. ކެޔޮޅު މީހާ ނަނުގައި ޖަހާ ބުޅި ކެޔޮޅުގެ ކަރުގައި ތާށިވެއްޖެއެވެ.
އޭނާ ބުޝްރާގެ އޮފީހުން ނުކުމެފައި ބުންޏެވެ. "އަހަންނަށް ކެތް ކުރެވޭ ވަރަށް ވުރެ ބޮޑަށް އަހަރެން ގުދު ކުރަން އުޅެފިއްޔާ ބިންދައިގެން ހިނގައިދާނެ- އަހަންނަކީ ޅަ ކުރިއެއް ނޫން- މާސިންގާ ގަހެއް- ބިންދައިގެން ވެއްޓިއްޖެއްޔާ ވެއްޓޭނީ ފީރޯޒާގެ ބޮލަށް- އެހެން ވެއްޖެއްޔާ ފީރޯޒާވެސް ސަލާމަތެއް ނުވާނެ-"
ފީރޯޒާ އޭނާޔާއެކު ދަމުން ބުންޏެވެ. "އަދިވެސް އަކްބަރަކަށް ނޭނގޭ ދޯ-؟ އަހަރެން މި އުޅެނީއަކީ ސަލާމަތުން ހުންނާކަށެއް ނޫން- އަހަރެން މި އުޅެނީ އަހަރެންގެ ކުށުގެ އަދު ލިބޭ އިރު އަކްބަރާ އެކީގައި ލިބިގަންނަން- މަރު ދެކެ ބިރުން އަހަންނާ ގުޅިގެން އުޅެން މަސައްކަތް ތިޔަ ކުރަނީ އަކްބަރު-"
"އާނ- އަހަރެން ބިރު ގަނޭ- ހަރާން މަރަކުން މަރުވާކަށް އަހަރެން ބޭނުމެއް ނުވޭ-"
"ދިރި ހުންނަން މަސައްކަތް ކުރާ ކަމަށް ވަންޏާ އަހަރެން އަކްބަރު ގުދު ކުރަނީ ކިހައި ވަރަކަށްތޯ ނުބަލާ- ކަލާނގެ ދެނެވޮޑިގެން ވާނެ- އަހަރެން އަކްބަރަށް މަޖުބޫރު ކޮށްގެން މި އުޅެނީއަކީ އަހަރެންގެ ވަކި ޖަހަލަ ޖަޒުބާތަކަށް ފެން ދޭކަށެއް ނޫން- އަދި ބަދަލެއް ހިފާކަށެއްވެސް ނޫން- އަކްބަރު ކުރާ އެއްވެސް ކަމެއްގެ ބަދަލުގައި އަހަރެން ވަކި ކަމެއް ވަކި އެއްޗެއް ބޭނުމެއް ނޫން- އަހަރެން މި އުޅެނީ އަކްބަރުގެ ދަރިއަށް ޖާއިޒު ދިރިއުޅުމެއް ހޯދައިދޭން- އަބުރުވެރި ނަމެއް ހޯދައިދޭން- އަކްބަރު މި ނޫނަސް ދަރިން ތިބުމަކީ އެކަށިގެންވާ ކަމެއް- ނުވެސް ދަންނަ ދަރިން އުޅޭ ކަމަށްވެސް ވެދާނެ- އަހަރެން މި އުޅެނީ ޖާއިޒު ދަރިއަކު އުފަން ކުރުވޭތޯ-"
ދެ މީހުން އެކީގައި އައިސް އޮފީހުގެ ގޯތިން ބޭރަށް ނުކުމެއްޖެއެވެ. ކާރުގެ ކައިރިއަށް އައިސް އަކްބަރު ބުންޏެވެ. "ޑްރައިވަރު ފޮނުވައިލާނީ- އޭނާ ހުއްޓާ ދެ މީހުންނަކަށް ވާހަކައެއް ނުދެއްކޭނެ-"
ފީރޯޒާ ޗާދަރު އޮޅައިގެން ހުރި ގޮތް ބަދަލު ކޮށްލިއެވެ. މިހާރު އޭނާގެ ބަނޑު ސާފުކޮށް އެނގެއެވެ. "އަހަރެން އަކްބަރާއެކީ ހިނގާފައި ދާނީއޭ ބުނީމެއްނު-؟"
"ވަރުބަލި ވާނެ- ގެ ހުންނަނީ މިތަނުން ގާތްގަނޑަކަށް ހަތަރު މޭލު ދުރުގައި-"
"ޑްރައިވަރު ގާތު ބުނޭ މަޑުމަޑުން ފަހަތުން އަންނާށޭ- އަހަރެން ވަރުބަލި ވެއްޖެއްޔާ ކާރަށް އަރާނީ-"
(ނުނިމޭ)