އިންޑިޔާއަށް ވެލީގެ ޠޫފާންތަކެއް އަރައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އާގަރާގައި ހުންނަ ތާޖުމަަހަލް ކައިރީގައި ގަސްތަކެއް ވެއްޓިފައި

އުތުރު އިންޑިޔާގެ އުއްތަރު ޕްރަދޭޝް އާއި ރާޖަސްތާން ސްޓޭޓްތަކަށް އެރި ބާރުގަދަ ވެލީގެ ޠޫފާންތަކެއްގެ ސަބަބުން މަދުވެެގެން 127 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަަޚަމްވެއްޖެއެވެ. ޠޫފާންތައް ދަތުރުކުރި ސަރަހައްދުތަކުގައި ގެތައް ބިމާ ހަމަވެ، ގަސްތައް ވެއްޓި، ކަރަންޓު ކޭބަލްތައް ބުރިވެފައި ވެއެވެ.
ގިނަ ބަޔަކު މަރުވެފައި ވަނީ އެމީހުންގެ ގެތަކުގައި ތިއްބައި އެމީހުންގެ މައްޗަށް ގެތައް ވެއްޓިގެންނެވެ. އަވަށްތަކުގައި ކިސަޑުން އަޅާފައިވާ ގެތައް ބިމާ ހަމަވެފައިވާއިރު، ކޮންކްރީޓް ގެތަކަށްވެސް ބޮޑެތި ގެއްލުން ލިބިިފައިވެއެވެ. ފުރަތަމަ ގަދަ ވަޔާއެކު ވެލީގެ ޠޫފާން އައުމަށް ފަހު، ދެން ހޮނުއެޅުމާއެކު ބޯ ވާރޭވެސް ވެހިފައި ވެއެވެ.
އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ވެލީގެ ޠޫފަންތައް އުފެދިފައިވަނީ ހަރިޔާނާ ސްޓޭޓާ ދިމާއަށް އުފެދިފައިވާ ޠޫފާނެއްގެ ސަބަބުންނެވެ.
އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އުއްތަރު ޕްރަދޭޝްގައެވެ. އެ ސްޓޭޓުން 73 މީހުން މަރުވެފައި ވެއެވެ. އެ ސްޓޭޓުގައިވެސް އެންމެ ބޮޑު ގެއްލުމެއްވީ މަޝްހޫރު ތާޖުމަހަލް ހުންނަ ރަށް ކަމުގައިވާ އާގަރާއަށެވެ. އާގަރާ ޑިސްޓްރިކްޓުން އެކަނި 46 މީހުން މަރުވެފައި ވެއެވެ.
ގަޑިއަކު 132 ކިލޯމީޓަރު ބާރުމިނުގައި ޖެހުނު ވަޔާއެކު އިއްޔެ އައި ވެލީގެ ޠޫފާންތަކަކީ އިންޑިޔާގައި އުފެދުނު އެންމެ ގެއްލުން ބޮޑު ޠޫފާންތަަކެވެ. މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނެފައި ވަނީ ޠޫފާންތަކުގެ ނުރައްކާ ބޮޑުވީ ވަޔާއެކު މައްޗަށް އަރައި އުދުހެމުން ދިޔަ ބޮޑެތި އެތިއެތިގަނޑުގެ ސަބަބުނެވެ.
"އަހަރެން މިއޮފީހުގައި މަސައްކަތްކުރާތާ ވިހި އަހަރުވެއްޖެ. މިއީ އަހަންނަށް ފެނުނު އެންމެ ގެއްލުން ބޮޑު ޠޫފާން" ރާޖަސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެކެރެޓަރީ ހެމަންތު ގެރާ ބުނެފައި ވެއެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓްވީޓެއްގައި ގިނަ ބަޔަކު މަރުވި ކަމަށްޓަކައި ހިތާކުރައްވާ ކަމަށާއި، ގެއްލުންވި ސްޓޭޓްތަކުގެ ކަމާ ބެހޭ ފަރާތްތަކަށް ކަންކުރަންވީ ގޮތުގެ އިރުޝާދު ދެއްވާފައިވާ ކަަމަށް ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.