ހަސްފަތާލަކީ ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތައް ހިނގާ ތަނެކެވެ. އެކި ބަލި ބަލީގެ މީހުން އައިސް، އެ މީހުންގެ އެހީތެރިންގެ ގޮތުގައި އެކި މިޒާޖުގެ މީހުން އައިސް ގޮސް ވާ ތަނަކަށް ވާތީ ބައެއް ފަހަރަށް މުނިފޫހި ފިލުވައިލާން ދާން ރަނގަޅު ތަނަކަށްވެސް ހަސްފަތާލު ވެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމެވެ. އެއް ދުވަހަކު އަޅުގަނޑު ހަސްފަތާލެއްގައި ހުއްޓާ ރައްޓެހި އަންހެނަކު ބަނޑުގައި ރިއްސާތީ ގެނެސްފިއެވެ. ގެނައި ގޮތަށް ވެއްދީ ވިއްސާ ކޮޓަރި އަށެވެ. އޭނާގެ ފިރިމީހާއަކީ ވެސް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަންހެންމީހާ އަކީ އޭގެ ކުރިންވެސް ދެތިން ކުދިން ވިހާފައި އިން އަންހެނެކެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަހަލަ މައްސަލަ އަކާ ކުރިމަތިލާން ޖެހޭކަން އަޅުގަނޑަށް އޮތީ އެނގިފައެވެ. އެކަމަކު އެ މައްސަލަ ތަކަކީ ކޮބައި ކަމެއް އެނގިފައެއް ނެތެވެ.
އަޅުގަނޑު މަސައްކަތް ކުރީ ހާސް ވެފައި ހުރި ފިރިމީހާގެ ހިތް ހަމަ ޖައްސައި ދެވޭތޯއެވެ. "މާ ބޮޑަށް ފިކުރު ކުރަން ނުހަދާ- ހުރިހައި ކަމެއްވެސް ވާނީ ރަނގަޅަށް- އިރާދަ ކުރެއްވިއްޔާ ގެއްލުމެއް ނުލިބޭނެ-" އަޅުގަނޑު އޭނާގެ ކޮނޑުގައި ޖަހައިލީމެވެ.
އޭނާ ހިނިތުން ވެލިއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ.
ކުއްލިއަކަށް ވިއްސާ ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. ފިރިމީހާ އަށް ގޮވައިލައިފައި ނަރުހަކު ކޮންމެވެސް ވާހަކައެއް ބުނެލައިފައި ދޮރު ލައްޕައިފިއެވެ. އޭނާ އެނބުރި ކުރިން ހުރި ތަނަށް އައީމާ ވީ ކިހިނެއްތޯ އޮޅުން ފިލުވުމުގެ ގޮތުން އަޅުގަނޑު ސުވާލު ކޮށްލީމެވެ. "ހުރިހައި ކަމެއް ރަނގަޅުތަ-؟"
އޭނާ ބޯ ހޫރައިލިއެވެ. "މި ފަހަރުވެސް ޖެހެނީ ފަޅައިލަން- އޭނާ އެ ބުނީ ފަޅާ ކޮޓަރިއަށް ގެންދަން ޖެހޭ ވާހަކަ-"
މާ ގިނަ އިރު ތަކެއް ނުވެ އަންހެންމީހާ ނެރެފިއެވެ. ގެންގޮސް ވެއްދީ ބަލި މީހުން ގެންދާ ލިފްޓަށެވެ. އަޅުގަނޑުވެސް އެ މީހުންނާ އެކީ ގޮސް ލިފްޓަށް އަރައިފީމެވެ. ނަރުހުންގެ ދެ މީހުން އެހީތެރިންގެ ގޮތުގައި އައެވެ. ކުއްލިއަކަށް އަންހެންމީހާ ކުކުރަން ފަށައިފިއެވެ. ނަރުސް ކުއްޖަކު ފޮތިގަނޑު ހިއްލާ ބަލައިލާފައި ބުނެލިއެވެ. "ވިހަނީ-!"
އަނެއް ނަރުސް ކުއްޖާ އެނދުގައި އޮތް އަންހެން މީހާގެ އަތުގައި ފިރުމައިލައިފައި ބުނެލިއެވެ. "ހާސް ނުވޭ- ލިފްޓު ތެރޭގައި ވިހެއި ކަމުގައި ވިޔަސް އަހަރެމެން ފަރުވާ ކުޑަ ކޮށެއް ނުލާނަން- ލިފްޓުގައި ވިހަން ޖެހޭތީ ލަދު ގަންނާނެ ކަމެއް ނެތް- މި ދިޔަ އަހަރު މި ހަސްފަތާލުގެ ދޮރުމައްޗަށްވެސް ދިވެއްސަކު ވިހެއި-"
ލިފްޓުގެ ދޮރު ހުޅުވިއްޖެއެވެ. އެނދު ނެރުނު ވަގުތު އަންހެންމީހާ އަޅުގަނޑުގެ އަތުގައި ކޮށްޓައިލައިފައި މަޑު މަޑުން ކޮންމެވެސް އެއްޗެކޭ ބުނިހެން ހީވެގެން އަޅުގަނޑު ކަންފަތް ކައިރިކޮށްލީމެވެ.
އޭނާ ވައިއަޑުން، އުނދަގުލާ އެކު ބުނެލިއެވެ. "އޭނާ އެ ބުނާ ދޮރުމައްޗަށް ވިހެއި މީހަކީވެސް އަހަރެން-!"