އަޅުގަނޑު އާއްމު ގޮތެއްގައި ހުޅުމާލެއަށް ދަނީ ބަހުގައެވެ. ދުވާލަކު ދެތިން ފަހަރު ދާން ޖެހޭތީ އެ ނޫން ގޮތަކަށް ހެދެން ނޯންނަނީއެވެ. ކުލީކާރެއްގައި ދިޔައީމާ ޖީބަށް ކުރާ ބާރު ބޮޑީއެވެ. އޭގެ އިތުރަށް ކުލީކާރު ދުއްވާ މީހުންގެ ސުލޫކާމެދުވެސް ހިތްހަމަ ނުޖެހެނީއެވެ. ސަރުކާރުން ވަކި އަގުތަކެއް ކަނޑައަޅައިފައި އޮތަސް ބައެއް މީހުން ނަގަނީ ނަގާނެ ވަރެކެވެ. އެކަމާ ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނެފިއްޔާ ބުނި މީހަކާ ދިމާއަށް ހިތަށް އައިހައި އެއްޗެއް ގޮވައިލާ މީހުނާވެސް ދިމާވެއެވެ.
ބަހުގައި ދަތުރުކުރުމަކީ އެކި މިޒާޖުގެ އެކި ކަހަލަ މީހުނާ ދިމާވެސްވާ ކަމެކެވެ. އެއް ދުވަހަކު އަޅުގަނޑު ހުޅުމާލޭ ދެވަނަ ފިޔަވަހިން ބަހަށް އެރި އިރު ބަހުގައި ހުރީ ހުސް އެންމެ ގޮނޑިއެކެވެ. އެ ގޮނޑިމަތީގައި ދަބަހެއް އޮތެވެ. އެއީ ޖެހިގެން ހުރި ގޮނޑީގައި އިން މީހާގެ ދަބަހެކެވެ. އަޅުގަނޑު ގޮސް ކައިރީގައި ހުއްޓިގެން ހުރެއްޖައީމެވެ. އޭނާ ދަބަހެއް ނުނެގިއެވެ. ބަހުގެ އެހީތެރިޔާއަށް މި މަންޒަރު ފެނިގެން އައިސް ދައްތާއޭ ދަބަސް ނަގާށޭ ބުނީމާވެސް އަޅައެއް ނުލިއެވެ. އެހީތެރިޔާ ދަބަސް ނަގަން އުޅުނީމާ ނުރުހިފައި އޭނާގެ އަތުގައި ޖަހައިފިއެވެ.
ގިނަ ފަހަރަށް ދަތުރުމަތިން ދިމާވަނީ ވަރަށް ހިތްހެޔޮ ރަނގަޅު މީހުނާއެވެ. އެއް ދުވަހަކު އުމުރުން ގާތްގަނޑަކަށް ހަތްދިހަ ވަރަކަށް އަހަރުވީ އަންހެނަކާ ދިމާވެއްޖެއެވެ. އެމީހާ ކުރެން އަޅުގަނޑު ފުރަތަމަވެސް އެހީ އެކަނި ދަނީ ކޮން ތަނަކަށްތޯއެވެ. އެމީހާ ބުންޏެވެ. "ދައްތަ އެރީ ބަސް ދުއްވައިލާ ހިތުން. ވަކި ތަނަކަށް ދާކަށް ނޫން. ބަސް އެނބުރި ގޮސް އައި ތަނަށް ހުއްޓީމާ ދައްތަ ފައިބާނަން. މި ގޮތަށް ކޮންމެ ދުވަހަކުވެސް ދެތިން ދަތުރުކޮށްލަން."
އެ ދައްތަ އިނީ އަޅުގަނޑު އިން ގޮނޑީގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.
"ދައްތަގެ އާއިލާގެ އެހެން މީހަކު ނެތީތަ؟ އެކަނި ދަނީ ކީއްވެގެން؟" އަޅުގަނޑު އަހައިލީމެވެ.
"އާއިލާގެ އެތައް ބަޔަކު އެބައުޅޭ. އެކަމަކު ދައްތައަށް ހިގައި އުޅެވެންޏާ އެމީހުންނަށް އުނދަގޫ ކުރަނީ ކީއްކުރަން؟ ހިނގައިބިގައިވެ ނޫޅެވޭ ދުވަހު އެމީހުން ބަލަހައްޓާނެތާ."
ބަސް ދުއްވައިލައިފިއެވެ. ދައްތަގެ ވާހަކަވެސް އިރުކޮޅަކަށް ކުރިއަށް ދިޔައެވެ. އެޔަށް ފަހުން ހިމޭން ވެއްޖެއެވެ.
ކުޑައިރުކޮޅަކަށް ފަހު ދައްތަ އަހަންނާ ދިމާއަށް އަތްދިއްކޮށްލިއެވެ. މުށްހުރީ ކަވައިފައެވެ. އަޅުގަނޑަށް އެއްޗެއް ދެނީކަން އެނގުނީމާ އަޅުގަނޑުވެސް އަތް ދިއްކޮށްލައިފީމެވެ. ދައްތަ އަޅުގަނޑުގެ އަތަށް ލީ ބަދަންކޮޅެކެވެ. ދިހަވަރަކަށް ބަދަނެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ބުނެފައި ބަދަންކޮޅު ކައިލައިފީމެވެ.
ފަސް މިނިޓެއްހައި އިރު ފަހުން އަނެއްކާވެސް ހަމަ އެގޮތަށް ބަދަންކޮޅެއް ދީފިއެވެ. އެ ބަދަންކޮޅުވެސް އަޅުގަނޑު ކައިލައިފީމެވެ.
އޭގެ ފަސް މިނިޓެއްހައި އިރު ފަހުން އަނެއްކާވެސް އަތް ދިއްކޮށްލައިފިއެވެ. މި ފަހަރު ބަދަންކޮޅު އަތުލައިފައި އަޅުގަނޑު ބުނެފީމެވެ. "ދައްތަ ނުކައި ހުރިހައި ބަދަނެއް އަހަންނަށް ދެނީ ކީއްވެގެން؟ ބަދަން ނުބައިތަ؟"
ދައްތަ ވަރަށް ހަމަޖެހިލައިފައި ބުނެލިއެވެ. "ކޮއްކޮ މިހާރު ދައްތަޔާ ވަރަށް ވާހަކަދައްކައިފީމު. ދައްތަގެ އަނގައިގައި ދަތެއް ނެތްކަން ރަނގަޅަށް ފާހަގަވެސް ކުރެވިދާނެ. އެހެންވީމާ ބަދަން ނުކެވެނީ. ދައްތައަށް ކުރެވޭ ވަރެއް އެބަކުރަން. އެއީ ބަދަނުގެ ބޭރުގައި ހުރި ޗޮކުލެޓުކޮޅު ލޮވެލުން!"