ގޭގެއިން އެއްޗެހި ގެނެސްގެން ބޭނުން ކުރުމަކީ ބައެއް މީހުންގެ ކިބައިގައި ހުންނަ އާދައެކެވެ. މިއީ ނުބައި އާދައެކޭ ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް ބައެއް ފަހަރަށް އެއީ އުނދަގޫވާ ފަދަ ކަމަކަށް ވެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.
ބައެއް މީހުން ބުނާ ގޮތުގައި އެހެން ކަންތައްތައް އޮތުމަކީ ގާތްކަން ބަދަހިވާ ކަމެކެވެ. ބަތް ތަވާ ކައްކަން އުދާފައި ޖެހިގެން ހުރި ގެއަށް ގޮސް ފުރެއްދެ ލޮނުކޮޅެއް ހޯދައިގެން އައުމަކީ އެ ދެ ގޭގެ މީހުންގެ ގާތްކަން ބޮޑު ވެގެން ދާ ކަމެކެވެ.
އަޅުގަނޑަށްވެސް މި ކަހަލަ ކަމެއް ތަޖުރިބާ ކުރެވުނެވެ. ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގެ ކޮންމެވެސް ރަށެއްގެ ކޮންމެވެސް ގެއެކެވެ. އަޅުގަނޑު އެ ގޭގައި ދިގު މުއްދަތަކަށް ހުރި ދުވަސްވަރެކެވެ. އެ ގެޔާ ޖެހިގެން ހުރި ގޭގައި އުޅެނީ މުސްކުޅި އަންހެނަކާއި ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެ ދެ ކުދިންނަކީ މި ދެންނެވުނު މުސްކުޅި އަންހެންމީހާގެ މާމަ ދަރިންނެވެ.
ކޮންމެވެސް އެއްޗެއް ބަލައި އެ ގެއިން މީހަކު ނާންނަ ދުވަހެއް ވަރަށް މަދެވެ. ކާ އެއްޗިއްސާއި ހިފައި ގެންގުޅޭ ތަކެއްޗާއި ބައެއް ހަރު މުދަލަށް ދާންދެން އޭނާ ގެންދެއެވެ. ބައެއް ފަހަރަށް ގެންދާ އެއްޗެއް އަނބުރައި ހޯދާން ވަރަށް ބޮޑަށް މަސައްކަތްވެސް ކުރާން ޖެހެއެވެ.
މި ކަމާ ކަން ބޮޑު ވެގެން ގޭގެ ވެރިމީހާ އަޅުގަނޑާ މި ވާހަކަ ދައްކައިފިއެވެ.
އަޅުގަނޑު ބުނެލީމެވެ. "ތިޔަ ކަންތައް ހަމަ ޖައްސާނޭ ގޮތެއް އަހަރެން ބުނެދީފާނަމެވެ."
އޭނާ އަހައިފިއެވެ. "އެއީ ކޮން ގޮތެއް ހެއްޔެވެ؟"
އަޅުގަނޑު ބުނީމެވެ. "މާދަމާ ހެނދުނު އިރު އެރީއްސުރެ މިގޭ އެންމެން ވަރަށް އަވަދިނެތި މަސައްކަތް ކުރާ ކަމަށް ދައްކާނީއެވެ. އޭނާ ބަލައި އަންނަ ކޮންމެ އެއްޗަކީ އެ ވަގުތު ބޭނުން ކުރާ އެއްޗެއް ކަމަށް ބުނާނީއެވެ. އެހެން ދެ ދުވަހަކު ހަދައިލީމާ ދެނެއް ނާންނާނެއެވެ."
އަޅުގަނޑުގެ ބުއްދި ރަނގަޅު ކަމަށް އެ މީހުންނަށް ގަބޫލު ކުރެވިއްޖެއެވެ. އަދި އަޅުގަނޑުގެ ސިކުނޑި ރަނގަޅު ކަމުން ތާރީފުވެސް ކޮށްފިއެވެ.
އަނެއް ދުވަހު ގޭގެ އެންމެން މަސައްކަތުގައި އުޅެނިކޮށް އެއްކަލަ މާމަ އަތުވެއްޖެއެވެ. "މިއަދު އެންމެން މާ ބުރަ މަސައްކަތެއްގައި އުޅޭ ދުވަހެއް ދޯއެވެ؟" އޭނާ އަހައިލިއެވެ.
އަޅުގަނޑު ބުނެލީމެވެ. "އާނއެކެވެ. މިއަދު ވެފައި މިވަނީ މާ ބުރަ ދުވަހަކަށެވެ."
އޭނާ އަހައިލިއެވެ. "އެހެން ވެއްޖެއްޔާ މިއަދު އެކަކުވެސް މަސައްކަތް ހުއްޓައިލައިފައި ބޭރަކަށް ނުދާނެތާއެވެ؟'
މި ފަހަރު ޖަވާބު ދިނީ ގޭގެ ވެރިމީހާއެވެ. "އާނއެކެވެ. އެކަކުވެސް ބޭރަކަށް ނުދާނެއެވެ. އެންމެންވެސް މި ތިބީ މަސައްކަތުގައެވެ. މިރޭ އިރު އަރާއިރުވެސް އެކަކުވެސް އަވަދި ވާނޭ ހެންނެއް ހިއެއް ނުވެއެވެ."
މާމަ ބުންޏެވެ. "އަހަންނަށް ތިޔަކަން އެނގެއެވެ. ތިޔަވީ މާ ރަނގަޅަށެވެ. މިއައީވެސް އެހެން ވެގެންނެވެ. އަހަރެންގެ ސޮރު ޖެހިގެން މި އޮތް ރަށަށް ޖައްސައިލާފައި އަންނާން މި ގޭ މޮޓަރު ސައިކަލު ހޯދާލަން ވެގެންނެވެ!"