ލޭބޯފަނި (35)

(30 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފީރޯޒާ ރުޅި ނައިސް ވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. "ތިޔައީ ރަނގަޅު ވާހަކައެއް- މިއީ ވަރަށް ބަރު ކުއްޖެއް- މި ކުއްޖާގެ މަންމައަށް ނޫނީ ނުއެއް އުފުލޭނެ-" ދެން ކުއްލިއަކަށް ރުޅި އައިސްފައި އަހައިލިއެވެ. "މިއީ ނަހަލާލު ކުއްޖެކޭ ކަލޭ ގާތު ބުނީ ކާކު-؟"

އޭނާ ހުންގާނުގައި އަތުން ޖަހައިލާފައި ބުންޏެވެ. "އެއީ... އެ އުޅޭ މުންޝީ ރަ..."

އޭނާ ކުއްލިއަކަށް ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ބުނެވެން އުޅުނު ނަން ފޮރުވާން މަސައްކަތް ފަށައިފިއެވެ. "އަހަރެން ގާތު ބުނާނީ ކާކު-؟ އަހަރެން ރެކިސާ ދުއްވާތާ ދިހަ އަހަރު ވެއްޖެ- ތިޔަ ކަހަލަ އަންހެނުން އެއް ތަނުން އަނެއް ތަނަށް ގެންގޮސް ދިނުމަކީ އަހަރެންގެ މަސައްކަތް- ކަލޭ ހަރަކާތްތައް ހުރި ގޮތުން އަހަންނަށް އެނގިއްޖެ މުދާ އުފުލާ އޮޑިއެއްކަން-"

ފީރޯޒާ ދަތްކުނޑި ވިކައިލިއެވެ. "ކުއްތާ-! ކަލޭގެ އަމާވެސް ކަލޭ ބަނޑުގައި ބާއްވައިގެން ނުވަ މަސް ދުވަހު ބުރަ އުފުލި- އެއީވެސް މުދާ އުފުލާ އޮޑިއެއްތަ-؟"

"ޚަބަރުދާރު- އަހަރެންގެ މަންމަޔާ ނުބެހޭތި- ތަނގަނޑު މީހުން އެއްކޮށްގެން ކަލޭގެ ހަގީގަތް ކިޔައިދީފާނަން-"

"ކަލޭގެ ބަފަޔަކަށްވެސް އަހަންނަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެ- ކަލޭގެ އަނގައިން މުންޝީ ރަޙީމުއްދީނުގެ ނަމުގެ އެއްބައި ނުކުތީމާ ހުރިހައި ކަމެއް އަހަންނަށް ރަނގަޅަށް އެނގިއްޖެ-"

"ކޮން ކަމެއް އެނގުނީ-؟ ތިޔަ ކިޔަނީ ކީކޭ-؟"

"އަހަރެން މީހަކާ ނީންނަ ކަމާއި އަހަރެން މި އުފުލަކީ މީހެއްގެ ބުރައެއް ކަން މި ރަށުގެ ރެކިސާ ދުއްވާ މީހުންނަށާއި ވަކަރުގޭ ދަރިންނަށް އެނގުނީ ކިހިނެއް-؟ އަކްބަރު ޢަލީގެ އެކައުންޓަންޓް މުންޝީ ރަޙީމުއްދީން ކަލޭ ކަހަލަ މީސްމީހުންނަށް ފައިސާ ދީގެން އަހަންނަށް އުނދަގޫކޮށް ފޮށި ހަދަން އަންގާފައި އޮތީނު-؟ ބޭނުމަކީ އަހަރެން މޮޔަ ކޮށްލުން- ނޫނީ އަމިއްލައަށް މަރުވާ ވަރު ކޮށްލުން-"

"ކަލޭ ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނޭނގޭ- އަހަރެން ތިޔަ ކިޔާ މުންޝީއެއް ނުދަންނަން- އަހަރެން ރެކިސާއިން ފައިބާ-"ކަލޭމެންގެ ތިޔަ ކުޅިގަނޑުގެ ވާހަކަ އަހަރެން އަކްބަރު ޢަލީ ގާތު ބުނެފިއްޔާ މީހުން ފޮނުވައިގެން އޭނާ ކަލޭ މަރާލާނެކަން ގައިމު-"

އޭނާ ހާސް ވެއްޖެއެވެ.

ފީރޯޒާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަންނާ ފޮށެން އެންގީ އަކްބަރު ކަމަށްވެސް ވެދާނެ- އޭނާ އަންގާފައި އޮތީ އަހަރެން ފުލުހުަށް ދާ ވަރު ނުކުރާށޭ ދޯ-؟ އެހެން ވެއްޖެއްޔާ އަހަންނާއެކު އޭނާވެސް ހައްޔަރު ކޮށްފާނެ- ނޫންތަ-؟"

އޭނާ އިސް ޖަހައިލިއެވެ. ވާހަކަ ދެއްކުން ކުއްލިއަކަށް ރީތި ވެއްޖެއެވެ. "އެތެރޭގެ ރޭވުން އޮތް ގޮތެއް އަޅުގަނޑަކަށް ނޭނގޭ- އަޅުގަނޑަށް އަންގާފައި އޮތީ ފީރޯޒާއާ ފޮށެން- އެކަމަކު މީހުން އެއްވާ ގޮތް ނުހަދަންވެސް އޮތީ އަންގާފައި- އަކްބަރު ޢަލީގެ ވާހަކަ ނޫނީ މުންޝީގެ ވާހަކަ ދައްކައިފިއްޔާ އަޅުގަނޑު މަރައިލާނެ-"

"އަހަރެން ކަލޭ މަރައިލިޔަކަ ނުދޭނަން- ކަލެއަކަށް އެއްވެސް ގެއްލުމެއް ނުވާނެ- އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް- ކަލެއަށް ޖެހޭނީ މިހާރު އަކްބަރު ޢަލީ ވީ ތަނެއް އަހަރެން ގާތު ބުނަން-"

"ދަންނަވައިފިއްޔާ އަޅުގަނޑު މަރުވާނެ-"

"މަރެއް ނުވާނެ- އެކަމަކު ނުބުނިއްޔާ މަރު ވާނެ-"

އޭނާ ޖެހިލުންވެ ހުރެގެން ބުންޏެވެ. "އަޅުގަނޑަކީ ރެކިސާ ދުއްވާ މީހަކީމެއް ނޫން- އަޅުގަނޑަކީ އަކްބަރު ޢަލީގެ ނޯކަރަކީން- ރެކިސާގައި އައިސް ފީރޯޒާއަށް އުނދަގޫކޮށްފައި އަންނާށޭ އަޅުގަނޑު ގާތު ބުނީ މުންޝީ-"

އެނާގެ ވާހަކައިން އެނގުނު ގޮތުގައި މަގުމަތިން ދިމާވެ އޭނާޔާ ފޮށި އުޅޭ އެންމެންނަކީ އަކްބަރު ފައިސާ ދީގެން ކުއްޔަށް ހިފާފައި ތިބި މީހުންނެވެ. މިހާރު އަކްބަރު އުޅެނީ މި ރަށުގެ ހުޅަނގުގައި އޮންނަ ޖާދާ އޭ ނަމަކަށް ކިޔާ އަވަށެއްގައެވެ. އެ އަވަށުގައި އޭނާގެ ބޮޑު ގެއެއް ހުރެއެވެ.

ރެކިސާ ދުއްވާ މީހާ އޭނާ ގެނެސް ބުޝްރާ ރައްބާނީގެ އޮފީހަށް ލައިފިއެވެ. އޭނާ ރެކިސާއިން ފައިބައިގެން ދަމުން ބުންޏެވެ. "އަހަރެން ނުބުނަނީސް މިތަނުން ގޮސްގެން ނުވާނެ- އަހަރެން އަންނާންދެން ހުންނާތި- އަހަރެން ބުނާ ގޮތަށް ހަދައިފިއްޔާ އަކްބަރަކަށް އެއްވެސް ކަމެއް ނުކުރެވޭނެ-"

އޭނާ ރެކިސާ ދުއްވާ މީހާއަށް އިންޒާރުވެސް ކޮށްފިއެވެ. އަދި ރައްކާތެރިކަމުގެ ޔަގީންކަންވެސް ދީފިއެވެ.

ފީރޯޒާ ވަނީމާ ބުޝްރާ އޭނާއަށް އިހްތިރާމު އަދާ ކުރިއެވެ. ގޮނޑިއެއްގައި ބައިންދާފައި ހާލުއަހުވާލު އޮޅުން ފިލުވިއެވެ. އޭނާ ހުރިހައި ވާހަކައެއް ވަރަށް ތަފުސީލުކޮށް ބުޝްރާއަށް ކިޔައި ދީފިއެވެ. އެއަށްފަހު ބުންޏެވެ. "މިހާރު އަކްބަރު އުޅެނީ ޖާދާގެ ގެއެއްގައި- އަހަރެން އެގެއަށް ނުދާނެކަން އޭނާ ރަނގަޅަށް ދަންނާނެ- އެއީއަހރެން ދަންނަ ގެއެއްވެސް ނޫން- އެތާނގައި ފިލައި ހުރެގެން އަހަންނަށް ދުއްތުރާ ކުރުވަނީ- އަހަރެންގެ ގޭ ދޮށުގައިވެސް ފެންނަ އިރަށް ފޮށިގަންނަ ދެތިން އަންހެނުން އެބައުޅޭ- އެއީވެސް އަކްބަރު ކުއްޔަށް ހިފާފައި ތިބި މީހުންކަން ޔަގީން-"

ބުޝްރާ ބުންޏެވެ. "ފީރޯޒާ ބަދުނާމު ކުރަން އަކްބަރު އެ ކުރަމުން ގެންދާ މަސައްކަތަކީ ކާމިޔާބު މަސައްކަތަކަށް އެބަވޭ- އޭނާޔާ ދެކޮޅަށް އެއްވެސް ކަހަލަ ހެއްކެއް ފެންނާނެ ގޮތެއް ނުހަދާ- އޭނާ ބޭނުންވަނީ ފީރޯޒާ ދުނިޔޭން މޮޔަ ކޮށްލަން- އެހެން ނޫނީ އަމިއްލައަށް މަރުވާން މަޖުބޫރު ކުރަން- އެކަމަކުވެސް ފީރޯޒާ އަދިވެސް އޭނާގެ ފަރާތުން ވަފާތެރިކަމެއް ފެނިދާނެ ކަމަށް އުއްމީދު ކުރަންތަ-؟"

"އޭނާގެ ފަރާތުން ވަފާތެރިކަމުގެ އަސަރެއް ފެނިދާނެ ކަމަށް ކުރި އުއްމީދު މަރުވީތާ ކިތަންމެ ދުވަހެއް- ގަދަކަމުން އޭނާ ވަފާތެރިކަންމަތީ ދަމަހައްޓަނީ ދަރިފުޅަށްޓަކައި- އޭނާ އެންމެ ގަޑިއެއްހައި އިރުގެ ތެރޭގައި މިތަނަށް ބުޝްރާގެ އޮފީހަށް އަންނާން މަޖުބޫރުވާ ކަހަލަ އަމުރެއް ކޯޓުން ހޯދިދާނެތަ-؟ ނޫނީ އެކަހަލަ އަމުރެއް ބުޝްރާއަށް ނެރެވިދާނެތަ-؟ ގަޑިއެއްހައި އިރުގެ ތެރޭގައި ނައިއްޔާ ކޯޓަށް ގެންދާނެ ކަމުގެ އިންޒާރު ދެވުދާނެތަ-؟"

"ތިޔައީކީ މާ ބޮޑު ކަމެއް ނޫން- އޭނާ އުޅޭ ގޭގެ އެޑްރެސް ގެނޭ- އަހަރެން ހަމަ މިހާރު ލިޔުމަކާއެކީ މިތަނުން މީހަކު ފޮނުވައިލާނަން- އޭނާ ގޮސް އަކްބަރު ގޮވައިގެން އަތުވެދާނެ-"

"ބޭރުގައި އަކްބަރުގެ ނޯކަރަކު އެބަހުރި- އޭނާ މިތަނުންދާ މީހާ ގޮވައިގެން ގޮސް އެގެ ދުރުން ދައްކައިފާނެ-"

"އެންމެ ރަނގަޅު- ފީރޯޒާ އެހެރަ ކޮޓަރީގައި މަޑުކޮށްލާ-"

އޭނާ ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ. އެ ކޮޓަރީގައި ދެ އަންހެނަކު ޓީވީ ބަަލަން ތިއްބެވެ. ފީރޯޒާވެސް އެތަނުން ގޮނޑިއެއްގައި އިށިނދެއްޖެއެވެ. ޓީވީން ދައްކަނީ ސިންދުގައި ފެން ބޮޑު ވެގެން ލިބުނު ގެއްލުމުގެ މައްޗަށް ހަދާފައި އޮތް ޕްރޮގްރާމެކެވެ. ފެން ބޮޑުވުމުގެ ސަބަބުން ފަނަރަ ހާހަށްވުރެ ގިނަ ދަނޑު ވަނީ ފަނާވެ ގޮސްފައެވެ. ދެ ލައްކައަށް ވުރެ ގިނަ މީހުން މަރު ވެއްޖެއެވެ. ކަރިއި އަވަށްއަވަށުގައި ފެން ބޮޑުވެ ހާލުގައި ޖެހުނު މީހުންގެ އަދަދެއް ނުވެސް އެނގެއެވެ. ރޭލު ދަތުރުތައް ވަނީ ހުއްޓިފައެވެ. އެތައް ދާލަމެއް ވެއްޓިއްޖެއެވެ. އެތައް މަގެއް ހަލާކު ވެއްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.