ސަރުކާރުން ފަށައިފައިވާ ހިޔާ މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް ފާގަތި ދިރިއުޅުމެއް ފަހި ކޮށްދެއްވަން ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަވެސް 7000 ފުލެޓް އަޅައި އެތަންތަން އާންމުންގެ މުސާރައާ އެކަށީގެންވާ އަގެއްގައި ދިނުމުން އެމީހުންގެ ދިރިއުޅުމުގެ ހާސްކަން ކެނޑި އާއިލާއާއެކު ހޭދަކޮށްލާނެ ވަގުތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލޭގައި ކުއްޔަށް މިއުޅެނީ ބޮޑު އަގުގައި. އެހެން ކަމުން ދެމަފިރިންވެސް ދެތިން ވަޒީފާ އަދާނުކޮށް ކުލި ދައްކައިގެން އެހެން ކަމެއް ކުރެވޭ ވަރެއްނުވޭ. ކޮންމެ މީހަކުވެސް ރަސްމީ ވަޒީފާ އަދާކޮށްފައި ބާކީ އޮންނަ ވަގުތުގައި އިތުރު ވަޒީފާއެއް ނުވަތަ ވަޒީފާތަކެއް އަދާކޮށްގެން އުޅެވޭ ވަރުވަނީ. އެކަމަކު ރައީސްގެ ސިޔާސަތަކީ އެކަންކަން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ހަމަޖެހުން ގެނެސް ދެއްވުން،" އޭނާ ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މިފަހަރު ފުލެޓުދޭނެ ގޮތް ގިންތި ކުރެއްވި ގޮތުންވެސް އެކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ސިވިލް ސާވަންޓުންނަށާއި، ޓީޗަރުންނަށާއި، ޑޮކްޓަރުންނާއި ނަރުހުންނާއި ދަފްތަރުގައި ތިބި މީހުންނާއި މާލޭ މާފަންނު ކޮޅުގައި ވަކިސަރަހައްދެއްގައި ވަރަށް ކުދިކުދި ތަންތަނުގައި އުޅެމުންދާ މީހުންނަށްވެސް ފުލެޓް ޚާއްސަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޔޫ ވިދާޅުވީ އެއީ ފާއިތުވި ސަރުކާރުތަކުން އެއްގޮތަކަށްވެސް ވިސްނާފައިވާ ދިމަދިމާއެއް ނޫން ކަމަށެވެ.
ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި އަޅާ 7000 ފުލެޓުގެ ތެރެއިން ސިވިލް ސާވަންޓުންނަށް 1000 ފުލެޓް ޚާއްސަ ކޮށްފައިވެއެވެ. މާލޭ ރަށްވެރިހިންނަށް 1000 ފުލެޓް ޚާއްސަކޮށްފައިވެއެވެ. އޭގެ އިތުރަށް ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފުލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓް، ޓީޗަރުންނަށް 625 ފުލެޓް، ފުލުހުންނަށް 300 ފުލެޓް، ސިފައިންނަށް 300 ފުލެޓް، ކައިވެނިކޮށްގެން އުޅޭ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް 1000 ފުލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 400 ފުލެޓު، ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންގެ އައީލާތަކަށް 200 ފުލެޓް، ގުޅީފަޅުން ފުލެޓަށް ފައިސާ ދައްކައި އެ ފުލެޓް ނުލިބިފައިވާ މީހުންނަށް 300 ފުލެޓް، މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅެމުންދާ ބަޔަކަށް 256 ފުލެޓެވެ.
ފުލެޓަށް އެދި އެންމެފަހުން ހުޅުވާލި ފުރުސަތުގައި ވެސް މިހާތަނަށް ވަނީ ފަންސާސް ހާސް މީހުން ފޯމު ނަގައިފައެވެ. އަދިވެސް ގެންދަނީ ފޯމު ދޫކުރަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.