ބޯހިޔާވަހިކަމާ ބެހޭ ތިން ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޯހިޔާވަހިކަމާ ބެހޭ ތިން ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތަޢާރަފްކުރައްވައި ފުރަތަމަ ކިޔުން އިއްވައިފައެވެ. މިތިން ޤަރާރަކީވެސް ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހުށަހަޅާ ޤަރާރުތަކެކެވެ.

މި ޤަރާރުތަކުގެ ތެރޭގައި ހިމެނެނީ ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ރަށްރަށުން ގޯތި ދިނުމަށް ގޮވާލާ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤަރާރަކާއި އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލާ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ޤަރާރެކެވެ. މީގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ،ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރެއް ހިމެނެއެވެ.

ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގައި ވަނީ ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށަށް ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ހައްޤުން މަހްރޫމްވެ، އެކަމުގެ ސަބަބުން ގިނަ އާއިލާތައް ބިކަވެ، ހާލުގައި ޖެހެމުންދާ ކަމަށެވެ. އެހެންކަމުން އެކަމަކީ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ޖެހޭ މައްސަލައެއް ކަމަށް ޤަރާރު ބުނެފައި ވެއެވެ.

ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ، ދިރިއުޅުމަށް ނުކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެއްކަން ޤަރާރުގައި ފާހަގަ ކުރައްވައިފައި ވެއެވެ. ގޯތި ގެދޮރު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށްރަށުގެ ތެރެއިން ގޯތިދެވޭ ވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ މީހުންނަށް ގޯތި ދޫކުރުން ލާޒިމްކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި ދިވެހިންނަށް ހައްގުވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް ގަރާރު ބަޔާންކޮށްފައިވެއެވެ. ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މިކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލިހުން ގޮވާލާ ކަމަށް ބާރަށު ދާއިރާގެ މެމްބަރުގެ ޤަރާރުގައި ވެއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހެޅި ޤަރާރުގައި ވަނީ ކުރީގެ ސަރުކާރުތަކުން އަތޮޅުތައް ތަރައްގީކުރަން ގެންގުޅުނު އުސޫލުތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަން ފާހަގަ ކުރައްވައިފައެވެ. މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ތޮއްޖެހި، ގެދޮރުގެ ދަތިކަމާއި ކުލި ބޮޑުވުމުގެ މައްސަލަ ދިމާވާ ކަން ވަނީ ފާހަގަ ކުރައްވައިފއެވެ. ކުދިކުދި ތަންކޮޅުގައި ދިރިއުޅޭ އެތައް ބަޔަކަށް އެކަށިގެންވާ ވަރުގެ ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ނެތުމުން އެކަމަށް އަވަސް މުއްދަތެއްގައި ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ވެސް ސަލީމްގެ ޤަރާރުގައި ގޮވާލައްވައިފައިވެއެވެ. މައިގަނޑު ހަތަރު ކަމަކަށް ރިޢާޔަތްކުރައްވައިގެން މިމައްސަލަ ޙައްލުކުރެއްވުމަށް ޤަރާރުގައި ވަނީ ގޮވާލައްވައިފައެވެ. އެއީ ހައުސިން ނީޑްސް އަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އަވަސްކުރުމާއި ބިން ދަތިވެ، ބިން ހިއްކޭނެ ފަޅު ވެސް ނެތް ރަށްރަށުގައި، އެ ރަށްރަށާ ގާތުގައިވާ އެހެން ރަށްރަށާއިި ގުޅުވާލައި ބިން ބޮޑުކުރުމުގެ މަސައްކަތް ހިންގާނެ އުސޫލުތައް ކަނޑައެޅުއްވުމާއި، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދކުދި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، މާލެ އާއި އެހެން ރަށްރަށާ ތަފާތު ކުރުމެއް ނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ލުއި ލޯނު ލިބޭނެގޮތް ފަހިކޮށްދިނުމެވެ.

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ،ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރުގައި ބުނެފައިވަނީ ގުޅިފަޅުން ގޯތި ގަނެފައިވާ ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާތީ އެކަން މަޖިލީހުގެ ސަމާލުކަމަށްގެންނަވާކަމުގައެވެ. އަދި އެމައްސަލައަށް ޤާނޫނީ ޙައްލެއް ހޯއްދުމަށްޓަކައި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް އެ ޤަރާރު ހުށަހެޅުއްވީ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.