އެމްޑީޕީ ސަރުކާރުން 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ މީހުންނަށް އެކަމުގެ ޙައްލު ހޯއްދަވައި ދެއްވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ އެކަމަށް ޙައްލު ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފުރިހަމަ ކުރެއްވުމަށް އެފަދަ މީހުންގެ ފުރިހަ މަޢުލޫމާތު ބޭނުންވާ ކަމަށެވެ.
އެގޮތުން ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ މީހުންނާއި، މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދެއްވައި ބިން ހަވާލުނުކުރެވިވާ މީހުން އެމީހުންގެ މަޢުލޫމާތު ހުށަހެޅުމަށް މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ.
އެ މަޢުލޫމާތު ހުށަހަޅުއްވާއިރު ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ އެ މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި ލިޔުންތައް މިއަދުން ފެށިގެން މާރިޗު 22 ވަނަ ދުވަހުގެ 2:00 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ހުށަހެޅުމަށް އެމިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ.