އިސްލާމްދީނުގައި ބަލިކަށި މީހުންނާއި ބަލިކަށި ގިންތިތަކުގެ ޙައްޤުތައް (1)

ޖިސްމާނީ ގޮތުންނާއި ވިސްނުންތެރިކަމުގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބަލިކަށި މީހުންނާއި ބަލިކަށި ގިންތިތަކުގެ މީހުން އިހުއްސުރެ މުޖުތަމަޢުތަކުގައި ދިރިއުޅެމުން ދެއެވެ. މިއަދުވެސް އެކަން އޮތީ އެގޮތަށެވެ. ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގައިވެސް ހުރިހައި ޤައުމުތަކެއްގައިވެސް މެއެވެ. އަބަދުވެސް މިކަން އޮންނަނީ މިގޮތަށެވެ. ނިކަމެތިންނާއި ބަލިކަށި މީހުންގެ ތާރީޚަކީ އެބައިމީހުންގެ ޙައްޤުތައް ނިގުޅައިގަތުމުގެ ތާރީޚެކެވެ. އެބައިމީހުން ދިރިއުޅެމުންގެންދަނީ އަނިޔާއާއި ބޭއިންސާފުގެ ޙިޞާރުގައެވެ. ނުފޫޒުގަދަ އަނިޔާވެރި ފަރާތްތަކުން ގެންދަނީ ފަޤީރުންނާއި މިސްކީނުންނާއި ނުކުޅެދޭ މީހުންނާއި މުޖުތަމަޢުގެ އާރެއްބާރެއްނެތް މީހުން އަނިޔާވެރިކަމުގެ އުޑީގައި ފިސްފިސްކުރަމުންނެވެ. އިންސާނީ އަސާސީ ޙައްޤުތަކުންވެސް މަޙްރޫމުކުރަމުންނެވެ. އިސްލާމްދީން އެންމެ ފުރަތަމަ ދުވަހުއްސުރެ އެކަމާ ދެކޮޅަށް އަޑުއުފުލިއެވެ. އެބައިމީހުންގެ ޙައްޤުތަކުގެ ދިދަ އުފުލިއެވެ. އެމީހުންނަށް ޙިމާޔަތްދޭ ފަރާތެއްގެ ޙައިޘިއްޔަތުން ކުރިޔަށް ނިކުތެވެ.

ކީރިތި ޤުރްއާނުގައި އަނިޔާވެރި ޖައްބާރުންނަށް ވަރަށް ވަރުގަދަޔަށް ތަންޤީދުކުރައްވައިފައިވެއެވެ. އެބައިމީހުންގެ އަނިޔާވެރިކަމަށް އާޚިރަތުގެ ވަޢީދުގެ ބިރުވެރި ޚަބަރު ދެއްވައިފައިވެއެވެ. ހަމައެއާއެކު ބަލިކަށި މީހުންނާއި އާރެއްބާރެއްނެތް ގިންތިތަކަށް ލިބެންޖެހޭ ޙައްޤުތައް ޞަރީޙުކޮށް ބަޔާންކޮށްދެއްވައިފައިވެއެވެ. ފަޤީރުކަމާއި ނުކުޅެދުންތެރިކަމާ ހުރެ މުޖުތަމަޢުގައި ތުނޑުސުފުރާއަށް އަތްހަމަނުވާ ކަމުގައި ބެލެވެމުންދިޔަ ފަރާތްތަކަށް އެހެން މީހުންނާ ހަމަހަމަކަމުގެ ދަރަޖަ ދެއްވައިފައިވެއެވެ. ތިރީގައި މި ބަލައިލަނީ އޭގެތެރެއިން ޚާއްޞަ ބައެއް ކަންކަމުގެ މައްޗަށެވެ.

އަންހެނުންގެ ޙައްޤުތައް

ތާރީޚުގެ ހުރިހައި ދައުރުތަކެއްގައިވެސް އަންހެނުންނަށް އަނިޔާ ލިބެމުން ދިޔައެވެ. ފިރިހެނުން އެބައިމީހުންނާ ހަމަހަމަ ޙައިޘިއްޔަތެއް އަންހެނުންނަކަށް ނުދެއެވެ. ފިރިހެނުން އަންހެނުންނާ ދިމާޔަށް ބަލަމުން އައީ ނިކަމެތިކަމުގެ ލޮލަކުންނެވެ. ފިރިހެނުން ދިޔައީ އަންހެނުންގެ ޙައްޤުތައް ނިގުޅައިގަންނަމުންނެވެ. އަޚްލާޤިއްޔާތާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް އަންހެނުންނާމެދު ހިންގަމުންނެވެ. އަންހެނުން އައީ އެބައިމީހުންގެ ޠަބީޢީ ނާޒުކުކަމުގެ ސަބަބުން އެ ހުރިހާ ކަމެއް ބަރުދާސްތުކުރަމުންނެވެ. އަންހެނުންނަށް އެކަންކަމާ ދެކޮޅަށް ފާޅުގައި ތެދުވެ އަޑުއުފުލާކަށެއްވެސް ނުކެރެއެވެ.

އެޒަމާނުގެ ދުނިޔޭގައި އަންހެނުންނާމެދު އެންމެ އިހާނެތިކޮށް ހިތެވެމުން އައި އެއް މުޖުތަމަޢަކީ ޢަރަބި މުޖުތަމަޢެވެ. ޢަރަބި މުޖުތަމަޢުގައި އަންހެންދަރީންނާމެދު ބެލެވެމުން އައީ ލަދުގަންނަންޖެހޭ ސަބަބެއް ކަމުގައެވެ. ނިކަމެތިކަމެއްގެ ގޮތުގައެވެ. ބައެއް ފަހަރަށް އެ ކުދީން ދިރިތިއްބައި ވަޅުލައި މަރައިލެވެއެވެ. އެ ކުދީން ދިރިތިބުމަކީ މަރައިލުމަށްވުރެ މާނިކަމެތިކަމެކެވެ. އެ ކުދީން ބަލައިބޮޑުކުރިޔަސް ކުރަނީ ބޮލުގައި އެޅިފައި އޮންނަ ބަރެއް ކަމުގައި ބަލައިގެންނެވެ. އަންހެނުންގެ މިދެންނެވި ޙައިޘިއްޔަތާ ދެކޮޅަށްވެސް އެންމެ ފުރަތަމަ އަޑުއުފުލީ އިސްލާމްދީނެވެ.

އިސްލާމްދީން އަންހެނުންނަށް މުޖުމަތަޢުން ހަމަހަމަކަން ހޯދައި ދިނެވެ. އަންހެނުންގެ ޙައްޤުތަކަށް އަރައިގަނެވޭ ކޮންމެ އަރައިގަތުމަކީ ފާފައެއް ކަމުގައި އިޢުލާންކުރިއެވެ. ޢާއިލާގެ މުދަލުން އެބައިމީހުންނަށް ބައެއް އަޅައިދިނެވެ. އެބައިމީހުންނަށް ލިބޭންޖެހޭ ޙައްޤުތައް ޢައްޔަންކުރިއެވެ. ކާވެނީގެ ދިރިއުޅުމުގައި އަންހެނުންނާއި ފިރިހެނުންގެ ޙައްޤުތަކާއި ވާޖިބުތައް ޢައްޔަންކޮށް މަސައްކަތްތައް ބަހައިލަދީ އިންތައް ފާހަގަކޮށްދިނެވެ.

މުޖުތަމަޢުގައި އެބައިމީހުންނާ އެކަށޭނަ ރޯލެއް އަދާކުރުމުގެ ފުރުޞަތު ހޯދައިދިނެވެ. އިސްލާމްދީން އަންހެނުންނާމެދު ކަނޑައެޅީ ފިރިހެނުންގެ މައްޗަށް ބުރަވެގެންވާ ޟަމީމާއެއް ކަމަކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމްދީން އަންހެނުންގެ އިންފިރާދިއްޔަތު އިޢުލާންކުރިއެވެ. ދެބައިމީހުންނަކީވެސް މާތް اللّه ގެ އަޅުންކަމާއި، އެކަލާނގެ ޙަޟްރަތުގައި ދެބައިމީހުންވެސް އެއްޙައިޘިއްޔަތަކުން ޖަވާބުދާރީވާން ޖެހޭނެކަން ބަޔާންކުރިއެވެ. އިސްލާމްދީން އިޢުލާންކުރަނީ އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ހެޔޮޢަމަލުގެ ރައުސުލްމާލާއިގެން އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ މީހަކީ ކާމިޔާބުގެ ތަޝްރީފުތައް ލިބޭނެ މީހެއްކަމެވެ. ހެޔޮޢަމަލުތަކުގެ ބަޔާނެއް ކަމުގައިވާ ފަތަކާ ނުލައި ހާޒިރުވާ މީހަކީ ހުސްއަތާ އެނބުރި ދާން ޖެހޭނެ މީހެއްކަމެވެ.

އަނބިމީހާގެ ޙައްޤުތައް

ފިރިމީހާއާއި އަނބިމީހާގެ ގުޅުމަކީ އިންސާނުގެ މެދުގައިވާ އެންމެމާތް ގުޅުމެވެ. ޢާއިލާތަކުގެ ބިންގަލެވެ. އިސްލާމްދީން އިރުޝާދުދީފައިވަނީ އެ ގުޅުމަށް އިޙްތިރާމްކުރުމަށެވެ. އެ ގުޅުން އާރާސްތުކޮށް ވަރުގަދަކުރުމަށެވެ. ފިރިހެނުންނަށް ނަސޭހަތްދީފައިވަނީ އަނބިމީހާގެ ކިބައިން ނުރުހެވޭ ޒާތުގެ ކަމެއް ފެނުނު ކަމުގައި ވިޔަސް އެކަމެއް މާބޮޑުކަމަކަށް ނަހަދައި އަނބިމީހާއާ ދޭތެރޭ ރަނގަޅަށް ކަންތައްކުރުމަށެވެ. އެގޮތަށް ޢަމަލުކުރުމަކީ ހެޔޮކަމެއް ކަމުގައި ވަނީ އަންގައިފައެވެ. ކޮންމެ ތަހުޒީބީ މާތް މީހަކު އެއީ އެންމެ ބުއްދިވެރިގޮތް ކަމުގައި ދެކޭނެކަން ކަށަވަރެވެ. އެގޮތަށް ޢަމަލުކުރުމަކީ މުޖުތަމަޢު ރުހުމުގެ ލޮލަކުން ދެކޭނެ ކަމެއްކަން ޔަޤީނެވެ.

ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا (النّساء: ١٩)

މާނައީ: "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ."

معاوية قشيرى رضى اللّه عنه އަނބީންގެ ޙައްޤުތަކަކީ ކޮބައިތޯ އިތުރު ސާހިބާގެ އަރިހުގައި ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.

"أَنْ تُطْعِمَهَا إِذَا طَعِمْتَ، وَتَكْسُوَهَا إِذَا اكْتَسَيْتَ، أَوْ اكْتَسَبْتَ، وَلَا تَضْرِبْ الْوَجْهَ، وَلَا تُقَبِّحْ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ" (أبو داؤد، كتاب النكاح، باب قى حقّ المرأة على زوجها)

މާނައީ: "ކަލޭ ކާއިރު (އެ ކާފަދައަކުން) އޭނާއަށްވެސް ކާންދޭށެވެ. ކަލޭގެ އަންނައުނު ލާއިރު އޭނާއަށްވެސް (އެ ފެންވަރުން) އަންނައުނު ދޭށެވެ. (ރުޅިމަތަނުވެގެން) އޭނާގެ މޫނުގައި ނުތަޅާށެވެ. އޭނާއަށް ހުތުރުބަހުން އެއްޗެހި ނުގޮވާށެވެ! (އޭނާއާ ދުރުހެލިވާން ބޭނުންވިޔަސް އޭނާ ގެއިން ނެރެނުލާށެވެ. އަދި ކިއެއްތަ؟) ގޭގައި ބައިންދައިގެން އޭނާއާ ދުރުހެލިވާށެވެ."

ހަމަ މި ރިވާޔަތް އަންނަނިވި ލަފުޒުތަކުންވެސް ވާރިދުވެފައި ވެއެވެ.

"أَطْعِمُوْهُن مِمَّا تَأْكُلوْنَوَاكْسُوْهُن مِمَّا تَلْبِسُوْنَ وَلاَ تَضْرِبُوْهُن وَلاَ تَقْبَحُوْهُن" (أبو داؤد، كتاب النكاح، باب قى حقّ المرأة على زوجها)

މާނައީ: "ކަލޭ ކައިއުޅޭ އެއްޗެއް އޭނާއަށްވެސް ކާންދޭށެވެ. ކަލޭގެ ލައިއުޅޭ ފެންވަރެއްގެ ފޭރާން އޭނާއަށްވެސް ދޭށެވެ. އޭނާގެ ގައިގައި ތަޅައި އަނިޔާ ނުކުރާށެވެ. އޭނާއަށް ހުތުރު އެއްޗެހި ނުގޮވާށެވެ."

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އިސްވެދެންނެވުނު އިރުޝާދުތަކުގައި ދެކަމެއް ބަޔާންވެފައިވެއެވެ. އެއްކަމަކީ ކެއިންބުއިމާއި އުނުފޭރާމުގައި ފިރިމީހާވެސް ގެންގުޅޭ މިންގަނޑެއްގައި އަނބިމީހާވެސް ގެންގުޅެން ޖެހޭނެކަމެވެ. ޚުދު ފިރިމީހާ މަތީފެންވަރުގެ ދިރިއުޅުމެއް އުޅެފައި އެއަށްވުރެ ދަށް ފެންވަރެއްގައި އަނބިމީހާ ގެންގުޅެގެން ނުވާނެކަމެވެ. ދެވަނަ ކަމަކީ އަނބިމީހާއާމެދު މުޢާމަލާތުކުރަންވާނީ މާތް މީހުންގެ ގޮތުގައިކަމެވެ. ޚުލްޤުނުބައި ދަށުދަރަޖައިގެ މީހެއްގެ ގޮތުގައި މުޢާމަލާތުކޮށްގެން ނުވާނެކަމެވެ. ތަންދޮރުނުދަންނަ، ޖާހިލު އަނިޔާވެރީންގެ ގޮތްފޮތް ޚިޔާރުކޮށްގެން ނުވާނެކަމެވެ.

މާތް اللّه ރުއްސުންލެއްވި أبو هريرة رضى اللّه عنه ވިދާޅުވެފައި ވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.

"أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ" (ترمذى، ابواب الرضاع، ما جاء فى حقّ المرأة على زوجها)       

މާނައީ: "އީމާންކަމުގެ އަހުލުވެރީންކުރެ އެމީހެއްގެ އީމާންކަން އެންމެ ފުރިހަމަ މީހަކީ އެމީހެއްގެ އަޚްލާޤު އެންމެ ރަނގަޅު މީހެކެވެ. ތިޔަބައިމީހުންކުރެ އެންމެ ހެޔޮކަންބޮޑު މީހަކީ އެމީހެއްގެ އަނބީންނަށް އެންމެ ހެޔޮ މީހާއެވެ."

މި ބަސްފުޅުން އެނގޭ ގޮތުގައި އީމާންކަމުގެ އެންމެ މަތީ ދަރަޖަ ޙާޞިލުވާނީ އަޚްލާޤު މަތިވެރިވެގެންނެވެ. މުޖުތަމަޢުގެ އެންމެ ހެޔޮކަންބޮޑު މީހުންނަކީ އެބަޔެއްގެ ގޭގެ އަހުލުވެރީންގެ ޙައްޤުގައި އެންމެ ރަނގަޅު މީހުންނެވެ.

ހުވަފަތުންނަށް ހެޔޮކޮށްހިތުމާއި އެމީހުންގެ ޙައްޤުތައް

ބައެއް ފިރީންވެސް ވަނީ އަނބީންނަށް އިހާނެތިކޮށްހިތައި އަނިޔާވެރިވެފައެވެ. އެހެންކަމަށް ވުމާއެކުވެސް އަނބީންނާމެދު ފިރީންގެ ހިތްތަކުގައި އަބަދުވެސް ކުލުނުވެރިކަމުގެ ކަނެއް ހުރެއެވެ. ދެމަފިރިއެއްގެ ގުޅުމަކީ ވަރަށްވެސް ޖަޒުބާތީ ގުޅުމެކެވެ. އެހެންކަމުން ދެމަފިރީންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނާއި އޯގާވެރިކަމުގެ ގުޅުމަކީވެސް މިސާލީ ގުޅުމެކެވެ. އެ ދެމީހުންގެ މަޞްލަޙަތުތައް އޮންނާނީ އެކަކު އަނެކަކާ ގުޅިފައެވެ. ލާމެހިފައެވެ. އަނބިމީހާއަކީ ފިރިމީހާގެ ދަރީންގެ މަންމައެވެ. ފިރިމީހާގެ ގޭގެ ހިންގުންތެރިޔާއެވެ. ފިރިމީހާއަކީ އަނބިމީހާގެ ފުރާނަޔާއި މުދަލާއި އޭނާގެ ޢިއްޒަތާއި އަބުރު ރައްކާތެރިކޮށް ޙިމާޔަތްކުރާ މީހާއެވެ. އަންހެނަކަށް ޖަޒުބާތީ ގޮތުން އެންމެ މުހިންމު ކަމަކީ އޭނާގެ ފިރިމީހާއާމެދު އޮންނަ ގުޅުން ކަމުގައި ބެލެވެނީ އެ ސަބަބާ ހުރެއެވެ. ޙަޔާތުގެ ދަތުރުގައި އެންމެ މުހިންމު ކަމަކީ ފިރިމީހާއާ އޮންނަ ގުޅުން ކަމުގައި އަންހެނުން ބަލަނީ އެހެންވެގެންނެވެ. އަންހެނާއަކީ ޠަބީޢީ ގޮތުންވެސް ނާޒުކު ޖިންސެކެވެ. އެހެންކަމުން ފިރިމީހާގެ ހިޔާވަހިކަމާއި ރައްކާތެރިކަން އޭނާއަށް ބީވެއްޖެނަމަ އޭނާގެ ޙައިޘިއްޔަތު ވަރަށްބޮޑަށް ޒަޚަމުވެއެވެ. ފިރިމީހާ މަރުވެއްޖެނަމަ އަނބިމީހާ އޭނާގެ ފާރަވެރިޔާގެ ރައްކާތެރިކަމާއި ޙިމާޔަތުން މަޙްރޫމުވެ ހުރިހާ ފަރާތްތަކަކުން އަންނަ އިހާނެތިކަމާއި ބޭއިންސާފުގެ ޙަމަލާތަކަށް ހުރަހޮޅިދެއެވެ.

އަންހެނަކު ހުވަފަތްވުމަކީ އޭނާ ފުށުން ވެވޭ ކުށެއްގެ ނަތީޖާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ މާތް اللّه ގެ ކުޅަދުންވަންކަމާއި ޙިކުމަތްވަންތަކަމުގެ ތެރެއިން ހިނގާ ކަމެކެވެ. ނަމަވެސް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކެއްގައި އަންހެނަކު ހުވަފަތްވުމަކީ އޭނާއަށް ލިބޭ ހުތުރެކެވެ. އޭނާގެ ސާފުތާހިރުކަމުގެ ދާވަނީގައި ޖެހޭ ހުތުރު ލައްގަނޑެކެވެ. އޭނާއަކީ ސުންޕާ މީހެއް ކަމުގައްޔާއި ބަދުނަސީބު މީހެއް ކަމުގައި ބެލެވެއެވެ. އޭނާއާމެދު ފޫހިކަމާއި ނިކަމެތިކަމާއި ނަފުރަތުގެ ލޮލަކުން ބަލަން ފަށައެވެ. މުޖުތަމަޢުގައި އޭނާގެ ޤަދަރެއް ނޯވެއެވެ. އަގެއް ޙުރުމަތެއް ނުހުރެއެވެ. އޭނާގެ އަބުރާއި ޢިއްޒަތް ނެތިގެން ހިނގައިދެއެވެ. ނަތީޖާއެއްގެ ގޮތުން ޚުދު އޭނާގެ ކިބައިގައިވެސް ތިމާގެ ނަސީބުދެރަކަމާއި ނުފޯރާކަމުގެ ވަރަށް ވަރުގަދަ އިޙްސާސެއް އުފެދެއެވެ. އެ އިޙްސާސުގެ ސަބަބުން ބައެއް ފަހަރަށް އަމިއްލަޔަށް މަރުވެއެވެ. ދިރިތިއްބަސް ތިބެނީ އެފަދަ ދިރިތިބުމަކަށްވުރެ މަރުވުމަށް އެދުންވެރިވެފައިވާ ޙާލުގައެވެ. މިޒަމާނުގައިވެސް މިއީ ވަރަށް ގިނަ މުޖުތަމަޢުތަކެއްގައި ހުވަފަތުންގެ ޙާލު ހުރި ގޮތެވެ. އެހެންކަމުން ހުވަފަތްވުމަކީ އަންހެނަކަށް ކުރިމަތިވާ އިޖުތިމާޢީ އަދި ނަފުސާނީ ކާރިޘާއެކެވެ. ނަމަވެސް އަންހެނަކަށް މި ކާރިޘާ ކުރިމަތިވެއްޖެނަމަ ކޮންމެ އަންހެނަކާމެދުވެސް އިސްލާމްދީނުގެ އިރުޝާދަކީ އެމީހަކީ މުސްލިމުން އެންމެބޮޑަށް އަޅާލައި ހެޔޮކޮށްހިތުން ޙައްޤު މީހެއްކަމުގެ އިރުޝާދެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ވަނީ ހުވަފަތްވެފައި ތިބޭ އަންހެނުންނާއި މިސްކީނުންނަށް އެހީތެރިވެދީ ޚިދުމަތްކޮށް ދިނުމުގެ ގޮތުން ކުރެވޭ މަސައްކަތް މާތް اللّه ގެ މަގުގައި ޖިހާދުކުރުމާއި ރޭގަނޑާއި ދުވާލު ކުރެވޭ ސުންނަތް އަޅުކަމާ އެއްވަރު ކަމުގައި ޙަދީޘްކުރައްވައިފައެވެ. أبو هريرة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.

"ﺍﻟﺴَّﺎﻋِﻲ ﻋَﻠَﻰ ﺍلأَﺭْﻣَﻠَﺔِ ﻭَﺍﻟْﻤِﺴْﻜِﻴﻦِ ﻛَﺎﻟْﻤُﺠَﺎﻫِﺪِ ﻓِﻲ ﺳَﺒِﻴﻞِ ﺍﻟﻠَّﻪِ وَلاَ احْسِبُهُ قَالَ وكَالْقَائِمِ لاَ يَفْتَرو كَالصَّائِمِ لاَ يَفْطِرُ" (بخارى، كتاب الأدب،باب الساعى على المسكين، مسلم، كتاب الزهد، باب فضل الاحسان الى الارملة)

މާނައީ: "ހުވަފަތުންނާއި މިސްކީނުންނަށް އެހީތެރިވެދިނުމުގެ ގޮތުން ޙަރަކާތްތެރިވާ މީހާ މާތް اللّه ގެ މަގުގައި ޖިހާދުކުރުމުގައި ޙަރަކަތްތެރިވާ މީހާ ފަދައެވެ. ރާވީ ވިދާޅުވިއެވެ. އަހަންނަށް ހީވާ ގޮތުގައި އިތުރު ސާހިބާ މިފަދައިންވެސް ޙަދީޘްކުރެއްވިއެވެ. އެމީހާ މާތް اللّه ގެ ރަސްކަންފުޅު ހަނދާންކުރުމަށްޓަކައި މެދުކެނޑުމެއްނެތި ކޮޅަށް ހުންނަ މީހާ (ނަމާދުކުރާ މީހާ) އާއި މެދުކެނޑުމެއްނެތި ރޯދަޔަށް ހުންނަ މީހާ ފަދައެވެ."

އިސްލާމީ ޤާނޫނުގައިވާ ގޮތުން ހުވަފަތްވުމަކީ އަންހެނަކަށް ލިބިގެންވާ ޤާނޫނީ އެއްވެސް ޙައްޤަކުން އޭނާ މަޙްރޫމުވާނޭ ކަމެއް ނޫނެވެ. ފިރިމީހާގެ ތަރިކައިން އޭނާއަށް ލިބެންޖެހޭ ބައި ވަނީ އެކަށައެޅި ބަޔާންވެފައެވެ. އޭނާއަށް އާމްދަނީ ލިބޭ ވަސީލަތެއް ނެތްނަމަ އޭނާގެ ދަރީންނާއި މައިންބަފައިން އޭނާއަށް ނަފަޤާތްދީ ބަލަހައްޓަން ޖެހެއެވެ. އެފަދަ ފަރާތެއް ނެތްނަމަ އިސްލާމީ ސަރުކާރުތައް އޭނާގެ ޒިންމާ އުފުލަން ޖެހެއެވެ. އިސްލާމީ ޤާނޫނުގައި ވަކިން ޚާއްޞަ ގޮތެއްގައި އޭނާއަށް ލިބިގެންވާ ޙައްޤެއް އެބައޮތެވެ. އެއީ އަލުން ދިރިއުޅުމެއް ފަށައިގަތުމުގެ ޙައްޤެވެ. ބައެއް އެހެން ދީންތަކުގައި އޮންނަ ފަދައިން ފިރިމީހާއާއެކު އޭނާ އަންދައިލާކަށެއް ނުވަތަ ވަޅުލާކަށެއް ނުޖެހެއެވެ. އޭނާއަށް އޭނާގެ އިޚްތިޔާރުގައި އެހެން މީހަކާ އިނދެވިދާނެއެވެ. ހުވަފަތުން މީހުނާ ކާވެނިކުރުމަކީ އިސްލާމީ މުޖުތަމަޢުގެ ޢާންމު އާދައެކެވެ. ހުވަފަތުން މީހުންނާ ކައިވެނިކުރުވުމަކީ އިސްލާމްދީނުގައި ޘަވާބު ކަނޑައެޅިފައިވާ ކަމެކެވެ. ޝައްކެއްނެތް ގޮތުގައި އަލުން ޒަވާޖީ ޙަޔާތެއް ފެށޭގޮތްވުމަކީ އޭނާގެ ގިނަގުނަ މައްސަލަތަކެއްގެ ޙައްލެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.