(15 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބޭނުންތައް ޖެހިފައިވާ މީހުންނާއި މިސްކީނުންނަށް ހެޔޮކޮށްހިތުމާއި އެމީހުންގެ ޙައްޤުތައް
ކީރިތި ޤުރްއާނުގައި ތަކުރާރުކުރައްވައި ވަނީ މިސްކީނުންނާއި އެކިއެކި ބޭނުންތައް ނުފުދިފައި ތިބޭ މީހުންނަށް އެހީވުމަށް ހިތްވަރުދެއްވައި ބާރުއަޅުއްވައިފައެވެ. އެފަދަ މީހުންނާމެދު ފަރުވާކުޑަކުރުމާއި އެފަދަ މީހުންނަށް އަނިޔާވެރިވެ ބޭއިންސާފުން ކަންތައްކުރުން މަނާކުރައްވައިފައެވެ. (އަލްބަލަދު: 16) ހެޔޮކޮށްހިތުމަށް އަމުރުކުރެއްވުމުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއެކު ޢާންމުކޮށް މިސްކީނުންގެ ވާހަކަވެސް ވަނީ ބަޔާންކުރައްވައިފައެވެ. (އައްނިސާއު: 26) ވާރުތަމުދާ ބަހާއިރު އެ މުދަލުން ބައިނުލިބޭ ތިމާގެމީހުންނާއި ޔަތީމުންނާއި މިސްކީނުންގެ މަތިން ހަނދުމަކުރުމަށްވެސް (އެފަދަ މީހުންނަށް އެތިކޮޅެއް ދިނުމަށް) ވަނީ އަމުރު ކުރައްވައިފައެވެ. (އައްނިސާއު: 8) މިސްކީނުންނާއި އެކި ބޭނުންތައް ޖެހިފައިވާ މީހުންނާއި، ފަޤީރުންނާއި ހައިހޫނުކަމުގައި ތިބޭ މީހުންނާމެދު ޚިޔާލުކޮށް އެފަދަ މީހުންނާމެދު ހަމްދަރުދީވެ އެހީތެރިވުމުގެ ގޮތްތައް ނުގެންގުޅޭ މީހުންނަށް ވަރަށްބޮޑަށް އިންޒާރުކުރައްވައިފައިވެއެވެ. (އަލްޙާއްޤާ: 34، އަލްފަޖުރު: 14، އަލްމާޢޫން: 3)
ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘްފުޅުތަކުގައި އެތައް ޢިބާރާތްތަކަކުން ވަނީ ބޭނުންތައް ޖެހިފައިވާ މީހުންނަށާއި މިސްކީނުންނަށް ހެޔޮކޮށްހިތުމަށް ބާރުއަޅުއްވައި ޝައުޤުވެރިކުރައްވައިފައެވެ. މިގޮތުން އިތުރު ސާހިބާ ދެއްވައިފައިވާ އިރުޝާދުތަކުގެ ތެރެއިން أنسގެފާނު ރިވާކުރައްވައިފައިވާ ޙަދީޘްގައި ވެއެވެ.
"مَنْ أَغَاثَ مَلْهُوفًا كَتَبَ اللَّهُ لَهُ ثَلاثًا وَسَبْعِينَ حَسَنَةً ، وَاحِدَةً مِنْهَا صَلَحُ أَمْرُه دُنْيَاهُ كُلُّه، وَثِنْتَيْنِ وَسَبْعِينَ لَهُ دَرَجَات يَوْمَ القِيَامَة" (مشكوة المصابيح، كتاب الآذان، بحواله بيهقى)
"މުޞީބާތެއް ކުރިމަތިވެފައިވާ މީހަކަށް އެހީތެރިވެއްޖެ މީހެއްގެ ޢަމަލުތަކުގެ ފަތުގައި އަރަހުށި މާތް اللّه ހަތްދިހަތިން މަޣުފިރަތު ލިޔުއްވައި ދެއްވާނެއެވެ. އޭގެތެރެއިން އެއްކަމެއް (ގެ ނަތީޖާއިން) އެމީހެއްގެ މިދުނިޔެމަތީގެ ހުރިހާކަމެއް ރަނގަޅުވެގެން ދާނެއެވެ. ދެން އޮތް ހަތްދިހަދެ މަޣުފިރަތު ވަނީ ޤިޔާމަތްދުވަހުން އެމީހެއްގެ ދަރަޖަ މަތިވެރިވުމުގެ ސަބަބެއް ކަމުގައެވެ."
أبو هريرة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އަރިހުގައި މީހަކު އޭނާގެ ހިތްހަރުކަމުގެ ޝަކުވާކުރިއެވެ. އެކަމުގެ ފަރުވާއަކީ ކޮބައިތޯ ދެންނެވިއެވެ. އިތުރު ސާހިބާ އޭނާއަށް ޖަވާބުދެއްވިއެވެ.
"إِطْعِمُ الْمِسْكِينَ وَامْسَحْ رَأْسَ الْيَتِيم " (مسند أحمد: 6/139)
"މިސްކީނުންނަށް ކާންދޭށެވެ. ޔަތީމުންގެ ބޮލުގައި އަތްފިރުމާށެވެ."
ކައުސާހިބާގެ ބަސްފުޅުތަކުގައި ފަޤީރުންނާއި މިސްކީނުން ދެކެ ލޯބިވުމަށްވެސް ވަނީ އަމުރުކުރައްވައިފައެވެ. އެހެނީ ލޯބިނުވާ ފަރާތަކަށް ޚިދުމަތްކޮށެއް ނުދެވޭނެއެވެ. ފަޤީރުންނާއި މިސްކީނުންނަށް ހެޔޮކޮށްހިތައި ޚިދުމަތްކޮށްދެވޭނީ އެބައިމީހުން ދެކެ ލޯބިވާ މީހަކަށެވެ. أبو ذرّ رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
"أَمَرَنِى خَلِيلِى صلى الله عليه وسلم بِسَبْعٍ أَمَرَنِى بِحُبِ الْمَسَاكِينِ وَالدُّنُوِ مِنْهُمْ " (مسند أحمد: 5/159)
"އަހަރެމެންގެ ލޮބުވެތި رسول اللّه صلّى اللّه عليه وسلّم އަހަންނަށް ހަތްކަމަކަށް އިރުޝާދު ދެއްވިއެވެ. (އޭގެ ތެރެއިން އެއްކަމަކީ) އެކަލޭގެފާނު އަހަންނަށް އަމުރުކުރެއްވިއެވެ. މިސްކީނުން ދެކެ ލޯބިވާށެވެ. އެބައިމީހުންނާ ގާތްކަން އިޚްތިޔާރުކުރާށެވެ."
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ވެސް މިސްކީނުން ދެކެ ނުހަނު ލޯބިފުޅުވެއެވެ. އެބައިމީހުންނާމެދު ހަމްދަރުދީވެވަޑައިގަންނަވައެވެ. އެބައިމީހުންގެމަތީން ހަނދުމަފުޅު ބަހައްޓަވައެވެ. އެކަލޭގެފާނު ކުރައްވައިއުޅުއްވާ ދުޢާފުޅަކުން އެކަން ހާމަވެއެވެ. އާދެ، އިތުރު ސާހިބާ ދުޢާފުޅު ކުރައްވައެވެ.
"اَللَّهُمَّ أَحْيِنِيْ مِسْكِيْنًا، وَأَمِتْنِي مِسْكِيْنًا، وَاحْشُرُنِي فِي زُمْرَةِ الْمَسَاكِيْن"
"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ މިސްކީނެއްގެ ގޮތުގައި ދުނިޔޭގައި ލަހައްޓަވާނދޭވެ! މިސްކީނެއްގެ ގޮތުގައި މަރުގަންނަވާނދޭވެ! މިސްކީނުންގެ ތެރޭގައި މަޙްޝަރުކުރައްވާނދޭވެ!"
أمّ المؤمنين السّيّدة عائشة رضى اللّه عنها މި ދުޢާފުޅުގެ ސަބަބާ ބެހޭގޮތުން ސުވާލުކުރެއްވުމުން ޙަދީޘްކުރެއްވިއެވެ. މުއްސަދީންނަށްވުރެ ސާޅީސްއަހަރު ކުރިން މިސްކީނުން ސުވަރުގެ ވަންނާނެއެވެ. އިތުރު ސާހިބާ މިހެން ޙަދީޘްކުރެއްވުމަށްފަހު أمّ المؤمنين އަށް ނަސޭހަތްޕުޅު އެރުއްވިއެވެ.
"يَاعَائِشَةُ لاَ تَرُدِّى الْمِسْكِينَ وَقَرِّبِيهِمْ فَإِنَّ اللَّهَ يُقَرِّبُكِ يَوْمَ الْقِيَامَةِ" (مشكوة المصابيح، كتاب الرقاق، بحواله ترمذى وبيهقى)
"އޭ عائشة އެވެ. މިސްކީނުންނަށް ލޯބިކުރައްވާށެވެ. ކަމަނާ އެއުރެން ގާތްކުރައްވާށެވެ. އޭރުން ޤިޔާމަތް ދުވަހުން އަރަހުށި މާތް اللّه ކަމަނާ އެކަލާނގެ ރަސްކަންފުޅާ ކުއްތަންކުރައްވާނެއެވެ."
އިސްލާމްދީނުގެ އިސްވެދެންނެވި އަޚްލާޤީ އިރުޝާދުތަކާއެކު މިސްކީނުންނާއި ބޭނުންތައް ޖެހިފައިވާ މީހުންގެ މަންފާއަށްޓަކައި ނުހަނު ހަރުދަނާ ބައެއް އެހެނިހެން ކަންތައްތަކެއްވެސް ވަނީ ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި:
- ބައެއް އަޅުކަމުގައި އަންނަ އުނިކަން ނުވަތަ ކުރެވޭ ކުށެއްގެ ބަދަލުގައި ފިދުޔަ ދިނުން ލާޒިމުކޮށްފައިވެއެވެ. މިގޮތުން އެކި ކަންކަމުގައި ކަނޑައެޅޭ ޢަދަދަކަށް މިސްކީނުންނަށް ކާންދިނުން ވަނީ ހަމަޖައްސައިފައެވެ. ހަމައެފަދައިން ކުރެވޭ ކުށްކުށުގެ ކައްފާރާއެއްގެ ގޮތުންވެސް މިސްކީނުންނަށް ކާންދިނުމަށް އަމުރުކޮށްފައިވެއެވެ.
- މިސްކީނުންނަށާއި އެކިއެކި ބޭނުންތައް ޖެހިފައިވާ މީހުންނަށް ޣަނީމާ މުދަލުން ވަނީ ބައެއް ޚާއްޞަކޮށްފައެވެ. (އަންފާލު: 41)
- ޒަކާތުގެ ބެހެނިވެރީންނަށް ކަނޑައެޅިފައިވާ ބައިތަކުގެ ތެރެއިން އެންމެ ފުރަތަމަ ބަޔަކީ ފަޤީރުންނާއި މިސްކީނުންގެ ބައެވެ. (އައްތައުބާ: 60)
ފަޤީރުންނާއި މިސްކީނުން އިޤްތިޞާދީ ގޮތުން ހަރުދަނާކުރުމަށް އިސްލާމްދީނުގައި ދީފައިވާ އިރުޝާދުތަކާއި އެކަމަށްޓަކައި ކޮށްފައިވާ އެހެނިހެން އިންތިޒާމުތަކުގެ އިތުރުން އިސްލާމްދީން ކަނޑައަޅައިފައިވާ ވަރަށް މުހިންމު އެހެން ކަމެއްވެސް އެބައޮތެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އިރުޝާދު ދެއްވައިފައިވާ ގޮތުގައި ބެލެނިވެރިޔަކު ނެތް ކޮންމެ މީހެއްގެ ބެލެނިވެރިޔަކީ އަދި ބަލަދުވެރިޔަކީ އިސްލާމީ ދައުލަތުގެ ރަސްގެފާނު ނުވަތަ ވަލިއްޔުލްއަމްރެވެ.
ބަލިކަށި މީހުންނަށް ހެޔޮކޮށްހިތުމާއި އެމީހުންގެ ޙައްޤުތައް
ޖިސްމާނީ ގޮތުން ބަލިކަށި މީހުންނަކީ ޢާންމު ގޮތެއްގައި އިޤްތިޞާދީ ރޭހުގައި ފަހަތަށް ފޭދޭ ބަޔެކެވެ. އެހެންމީހުންގެ އެހީތެރިކަމަށް މުހުތާދުވާ ބަޔެކެވެ. ނަމަވެސް ގިނަމީހުން ހިތުންރުހުމަކުން ނިކަމެތިންނަކަށް ޚިދުމަތްކޮށެއް ނުދެއެވެ. އަދި ކީއްތޯއެވެ. ގިނަމީހުން ދެކެނީ އެފަދަ އެހީތަކަކީ އުފުލަންޖެހޭ ބަރެއް ކަމުގައެވެ. ތަކުލީފެއް ކަމުގައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ވަނީ އެފަދަ މީހުންގެ ވިސްނުން އިޞްލާޙުކުރައްވަން މަސައްކަތްޕުޅު ކުރައްވައިފައެވެ. އިތުރު ސާހިބާ ވިދާޅުވެފައިވާ ގޮތުގައި މިދުނިޔޭގައި ލިބޭ ތަނަވަސްކަމާއި މަންފާތަކަކީ ބަލިކަށި ނިކަމެތި މީހުންގެ ސަބަބުން ލިބޭ ލިބުންތަކެކެވެ. އެހެންކަމުން ނިކަމެތީންނަށް ވެވޭ އެހީތެރިކަމާމެދު ދެކެން ޖެހޭނީ ތިމާއަށް ވެވޭ އިޙްސާންތެރިކަމެއްގެ ގޮތުގައެއް ނޫނެވެ. އެފަދަ ޚިދުމަތްތަކުގެ ތައުފީޤު ދެއްވިކަމަށްޓަކައި ޖެހޭނީ މާތް اللّه އަށް ޝުކުރުއަދާކުރާށެވެ. އަރަހުށި މާތް اللّه އެދިވޮޑިގަންނަވަނީ ޙަޤީޤަތުގައި އެ ނިކަމެތިންނަށާއި ބަލިކަށި މީހުންނަށް ރިޒުޤު ފޮނުއްވުމަށެވެ. ނަމަވެސް އެކަލާނގެ ޙިކުމަތްވަންތަކަމާއި ޚާއްޞަ އިލާހީ މަޞްލަޙަތުގެ ސަބަބުން އެކަމުގައި މެދުވެރިކުރައްވައިފައިވަނީ ތަނަވަސްކަމުގެ އަހުލުވެރީންނެވެ. އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރީން ނިކަމެތި ބަލިކަށި މީހުންނަށް އެހީތެރީވުމުގައި ޣާފިލުވެ ފަރުވާކުޑަކުރާނަމަ، އެފަދަ މީހުންނަށް ދެއްވައިފައިވާ މެދުވެރީންގެ ދައުރު ނިމުމަކަށް ގެންނަވައިފާނެއެވެ. އެހެން ބަޔަކު އެ ޚިދުމަތުގެ މެދުވެރީން ކަމުގައި ޚިޔާރުކުރައްވައިފާނެއެވެ.
سعد بن أبى وقاص رضى اللّه عنه އަކީ ދީލަތިފުޅުކަމާއި ހިތްވަރުފުޅުގަދަކަމުގައި މަޝްހޫރު ޞަޙާބީއެކެވެ. އެކަލޭގެފާނުގެ ދަރިކަލުން معصب بن سعد ވިދާޅުވެފައިވެއެވެ. އެހެން މީހުންނާ އަޅާބަލާއިރު ޚާއްޞަ އިލްތިޒާމެއް އެކަލޭގެފާނަށް ލިބވަޑައިގެންފައިވާކަމަށް سعد ގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. އެކަލޭގެފާނުގެ ޚިދުމަތުގެ ސަބަބުން ޣަނީމާ މުދަލުން އެހެން މީހުންނަށްވުރެ އިތުރަށް އެކަލޭގެފާނަށް ލިބިވަޑައިގަންނަވަން ޖެހޭކަމަށްވެސް ހިތްޕުޅަށް އަރައިވަޑައިގަތް ކަހަލައެވެ. އެކަމާ ވިދިގެން رسول اللّه صلّى اللّه عليه وسلّم އެކަލޭފާނާ މުޚާޠަބުކުރައްވައި ޙަދީޘް ކުރެއްވިއެވެ.
"هَل تُرْزَقُونَ وَتُنْصَرُونَ الاَّ بِضُعَفَائِكُم" (بخارى، كتاب الجهاد)
"ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ ތިޔަބައިމީހުންގެ ބަލިކަށި މީހުންގެ ސަބަބުންނެވެ."
މި ރިވާޔަތު މިދަންނަވާ ލަފުޒުތަކުންވެސް އައިސްފައިވެއެވެ.
"إِنَّمَا يَنْصُرُ اللَّهُ هَذِهِ الْأُمَّةَ بِضَعِيفِهَا بِدَعْوَتِهِمْ وَصَلَاتِهِمْ وَإِخْلاَصِهِمْ" (نسائى، كتاب الجهاد)
"އަރަހުށި މާތް اللّه މި އުންމަތަށް މަދަދުކުރައްވަނީ މި އުންމަތުގެ ބަލިކަށި މީހުންނަށްޓަކައެވެ. އެބައިމީހުންގެ ދުޢާތަކާއި ނަމާދާއި އެބައިމީހުންގެ އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ."
އިތުރު ސާހިބާގެ މި ބަސްފުޅުން ފިލާވަޅު ލިބޭ ގޮތުގައި ހަމައެކަނި ޚާއްޞަ އަފުރާދުންނެއް ނޫނެވެ. ކާމިޔާބީއާއި ނަޞްރު ލިބުމުން މުޅި އުންމަތްވެސް ވިސްނަން ޖެހޭނީ އެ ނަޞްރަކީ ނިކަމެތީންނާއި ބަލިކަށި މީހުންގެ ސަބަބުން ލިބުނު ނަޞްރެއް ކަމުގައެވެ. ޙާޞިލުވި ކާމިޔާބީއެއް ކަމުގައެވެ. އެބަޔެއްގެ ހިތްވަރާއި ފަންވަރު އެ ކާމިޔާބީގެ ބޭރުފުށުގެ ސަބަބެއްގެ ގޮތުގައި ފެންނާން ހުންނަ މީހުންވެސް ބޮޑާވެ ކިބުރުވެރިވެގެން ނުވާނެއެވެ. ތިމާމެންނަކީ މުޖުތަމަޢުގެ ބަލިކަށި މީހުންނާއި ނިކަމެތީންނަށްވުރެ މަތީ ޙައިޘިއްޔަތެއްގެ ބަޔެއްކަމަށް ދެކެގެން ނުވާނެއެވެ. އަދި ކީއްތޯއެވެ. ހަނދާންކުރަން ޖެހޭނީ އެ ނިކަމެތި ބަލިކަށި މީހުން ތިމަންމެންނަށްވުރެ މާތް اللّه ގެ ޙަޟްރަތުގައި މާލޮބުވެތިކަމެވެ. ނަޞްރާއި ކާމިޔާބީ ލިބެނީ އެބައިމީހުންގެ ރުއިމާއި ދުޢާގެ ސަބަބުންނެވެ. أبو الدّرداء رضى اللّه عنه ވިދާޅުވެފައިވެއެވެ.
"ابْغُونِي الضُّعَفَاءَ، فَإِنَّمَا تُرْزَقُونَ وَتُنْصَرُونَ بِضُعَفَائِكُم" (أبو داؤد، كتاب الجهاد، نسائى، كتاب الجهاد)
"ބަލިކަށި ނިކަމެތީން ހޯދައިގެން އަހުރެމެންގެ ގާތަށް ގެންނާށެވެ. ތިޔަބައިމީހުންނަށް ރިޒުޤު ދެއްވައި، މަދަދުކުރައްވަނީ ތިޔަބައިމީހުންގެ ނިކަމެތި ބަލިކަށި މީހުންގެ ސަބަބުންނެވެ."
އިތުރު ސާހިބާގެ މި ބަސްފުޅު އެހެން ރިވާޔަތެއްގައި އައިސްފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
"ابْغُونِي فِى ضُّعَفَائِكُمْ، فَإِنَّمَا تُرْزَقُونَ وَتُنْصَرُونَ بِضُعَفَائِكُم" (ترمذى، أبواب فضائل الجهاد)
"ތިޔަބައިމީހުންގެ ބަލިކަށި މީހުންގެ ތެރެއިން އަހުރެން ހޯދާށެވެ. އެހެނީ ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީވެސް މަދަދުކުރައްވަނީވެސް އެބައިމީހުންގެ ސަބަބުންނެވެ."
މަތީގައިވާ ބަސްފުޅުތަކުގެ މަޠުލަބަކީ ބަލިކަށި ނިކަމެތިން ހޯދާށެވެ. އެބައިމީހުންގެ ޙައްޤު އަދާކުރާށެވެ. ތިޔަބައިމީހުން އެއުރެންނަށް ކާންބޯންދެނީއޭ ހީނުކުރާށެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުންނަށް ލިބޭ ތަކެތި ލިބެނީ އެބައިމީހުންގެ ސަބަބުންނެވެ.
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އަމިއްލަފުޅަށް އަބަދުވެސް ނިކަމެތީންނާއި ބަލިކަށި މީހުންގެ ޙާލުއަޙްވާލު ބައްލަވައެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ފެންނާނީ ނިކަމެތީންނާއި ބަލިކަށި މީހުންގެ ތެރެއިންނޭ، ތިމަންކަލޭގެފާނު ހޯދާނަމަ އެފަދަ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ހޯދާށޭ، ޙަދީޘްކުރެއްވިއެވެ. މުއްސަނދީންނާއި ބޮޑުން ސާހިބުންގެ ތެރެއަކުން ތިމަންކަލޭގެފާނެއް ނުފެންނާނެއޭ ވިދާޅުވިއެވެ.
ޙަޤީޤަތުގައި އިސްލާމްދީން މުސްލިމުންގެ ކިބައިގައި އުފައްދަން ބޭނުން ވިސްނުން އުފެދިއްޖެނަމަ ނިކަމެތިންނާއި ބަލިކަށި މީހުންނަށް އެހީތެރިވެ ހަމްދަރުދީވުމަކީ ތިމާމެން ކުރާ ބަޚްސީސެއް ކަމަށާއި އިޙްސާންތެރިކަމެއް ކަމަކަށް އެކަކުވެސް ނުދެކޭނެއެވެ. އަދި ކީއްތޯއެވެ. އެކަމާމެދު ދެކޭނީ ވާޖިބެއް އަދާކުރަނީ ކަމުގައެވެ. އަބަދުވެސް ތިބޭނީ އެކަން ފުރިހަމަ ނުކުރެވޭކަމުގެ ފިކުރުގައެވެ.
ކީރިތި ޤުރްއާނުގައި އީމާންކަމުގެ އަހުލުވެރީންގެ ސިފަތަކުގެ ތެރެއިން އެއް ސިފައެއް ކަމުގައި ވަޙީކުރައްވައިފައިވަނީ އެބައިމީހުންގެ މުދަލުގައި ސަލާންޖަހާ މީހުންނާއި މަޙްރޫމްވެފައިވާ މީހުންގެ ޙިއްޞާއެއް އެކުލެވިފައިވުމެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ (الذّاريات: ١٩)
"އަދި سؤال ކޮށް އެދޭ މީހުންނަށާއި، ނިކަމެތި محروم ންނަށް އެއުރެންގެ މުދަލުގައި حقّ އެއްވެއެވެ."
އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ * لِّلسَّائِلِ وَالْمَحْرُومِ (المعارج: ٢٤ – ٢٥)
މާނައީ: "އަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حقّ އެއްވާ މީހުންނެވެ."
ސުވާލުކުރާ މީހުން ކަމުގައި އަންގަވައިފައި އެވަނީ ތިމާމެންގެ މުހުތާދުގެ ވާހަކަ ބަޔާންކޮށް އެހީއަށް އެދި އަތްދިއްކުރާ މީހުންނެވެ. މަޙްރޫމުންނަކީ ޙަޔާތުގެ ވަސީލަތްތަކުން މަޙްރޫމުވެފައި ވުމާއެކުވެސް ސަލާންޖެހުމުގެ ގޮތުން އަތްދިއްނުކުރާ މީހުންނެވެ. ސަލާންޖަހާ މީހުންނާއި މަޙްރޫމުންގެ ތެރޭގައި މުސްކުޅިންނާއި، ބަލިކަށި މީހުންނާއި، ގުނަވަންތައް ފުރިހަމަ ނޫން މީހުންނާއި، ނުކުޅެދޭ މީހުންނާއި، ވާރިޘަކު ނެތް ކުޑަކުދީންނާއި މިފަދަ އެންމެން ހިމެނެއެވެ. އެފަދަ އެންމެންގެ ބޭނުންތައް ފުއްދައިދީ އެބައިމީހުންގެ ނުފުދުންތެރިކަން ނިމުމަކަށް ގެނައުމަކީ އިސްލާމްދީން، ސަރުކާރުތަކަށްވެސް މަތިކޮށްފައިވާ ޒިންމާއެކެވެ.
ށ. ފޯކައިދޫ ޢުދަރެސްފިލާ އެވެ
ކުޖެ ޖެއްސި ވަގުތު ހޭލާ ގޮތަށް ވަނީ ނިންމާފައެވެ އެ މައްސަލަ ދެ ބޭފުޅުންގެ