ރައީސް ނަޝީދުގެ މަގުސަދަކީ އެމްޑީޕީ މެންބަރުން ހިފެހެއްޓުން: ޖޭޔޫ

ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ބައިބައިވިޔަނުދީ މެންބަރުން ހިފެހެއްޓުމަށް ކަމަށް ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، އެންމެފަހު ވަގުތު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމަށް ލިބެމުންދާ ތަރުހީބާއި ތާއިދު ފެނިވަޑައިގެން އެމްޑީޕީ ބައިބައި ވިޔަނުދީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ.

"ރައީސް ނަޝީދަށް އެބަ ފެނިވަޑައިގަންނަވާ ރައީސް ޔާމީނަށް ތާއިދުއޮތް މިންވަރު. އެންމެފަހުން ތ. އަތޮޅުގައި ބޭއްވި ޖަލްސާއިންވެސް ރައީސް ޔާމީނަށް އޮތް ތާއިދު ވަނީ ރައީސް ނަޝީދަށް ފެނިވަޑައިގެންފައި. އެހެންވީމާ އެމްޑީޕީގެ މީހުން އިންތިޚާބާ ހަމައަށް ހިފަހައްޓާލުމަށް ގޮތެއް އޮތްތޯ ބެއްލުވުމަށް ނަޝީދު ޒާތްޒާތުގެ ޓްވީޓު އެކުރައްވަނީ،" ޖޭޔޫ ވިދާޅުވިއެވެ.

"ރައީސް ނަޝީދަށްވެސް އެބަ ފެނިވަޑައިގަންނަވާ އެމްޑީޕީ ބައިބައިވަމުންދާ މަންޒަރު. އަދި އެ މީހުންގެ ތެރެއިން އެތައް ބަޔަކު އައިސް ޕީޕީއެމާ ގުޅެމުންދާތަންވެސް ފެނިވަޑައިގަންނަވާ. އެއްވުމަކަށް ގޮވާލިޔަސް ނުކުންނަ ބަޔަކު ނުވޭ. މާލެއަކީ އެމްޑީޕީއަށް އެންމެ ބޮޑު ތަރުހީބު އޮތްތަން، މާލެގެ ސަޕޯޓަރުންވެސް ގަބޫލުކުރޭ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުގައި އެއްވެސް އޮއްޓަރެއްނެތްކަން،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވަނީ ހަމައެކަނި ވެރިކަން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވި ހިސާބުން ފެށިގެން އޭނާ ޕާޓީންވެސް ކަނޑާލި ކަމަށް ޖަމީލް ވިދާޅުވިއެވެ. އެފަދަ އެހެން ބޭފުޅުންނާމެދު ވެސް އަމަލު ކުރައްވަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ނަޝީދަށް ޕްރައިމަރީގައި ވާދަކުރެވޭނެ އެއްވެސް ފޯމިއުލާއެއް މިހާރުނެތް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ ރައީސް ނަޝީދަށް ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށެވެ. ވާދަކުރެވޭނެގޮތް ވެއްޖެކަމަށްވާނަމަ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.