ހަތްހާހަށްވުރެ ގިނަ ތާއީދު ފޯމާއެކު ނަޝީދުގެ ފޯމްހުށަހަޅުއްވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ފޯމު މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މި ފޯމް ހުށަހެޅުއްވީ އެމަނިކުފާނުގެ ކެންޕޭން މެނޭޖަރު ހިތަދޫ އުތުރުދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު އަސްލަމެވެ. އޭނާ އެފޯމް ހުށަހަޅުއްވަން އެމްޑީޕީ އޮފީހަށް ވަޑައިގެންނެވި އިރު އަރިހުގައި ރައީސް ނަޝީދަށް ތާއިދު ކުރާ ބައެއް މިހުންވެސް ދިޔައެވެ.

އެމްޑީޕީގެ ފަރާތުން އެ ފޯމާ ހަވާލުވެ ވަޑައިގެންނެވީ ޕާޓީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފެވެ. އެ ފޯމާއެލު 7739 ތާއީދު ފޯމުވެސް ހުށަހެޅުއްވިއެވެ. އެމްޑީޕީގެ ގަވާއިދު ބުނާގޮތުން ފޯމާ އެކު ހުށަހަޅަން ޖެހެނީ މަދުވެގެން 500 ތާއިދު ފޯމެވެ.

ކުރިން އަސްލަމް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ޕްރައިމަރީއަށް ވާދަކުރެއްވުމުގެ ފޯމު ހުށަހަޅުއްވާއިރު ވީހާވެސް ގިނަ ތާއީދު ފޯމުވެސް ހުށަހަޅުއްވަން ބޭނުންވާ ކަމަށެވެ. އެކަން މިއަދު ހާސިލްވުމުން ޕާޓީގެ މެންބަރުން ކުރެއްވި މަސައްކަތް ދައްކުވައިދޭ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހު 30 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ކަށަވަރު ވެފައިވަނީ ހަމައެކަނި ރައީސް ނަޝީދެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދަށްވަނީ 13 އަހަރުގެ ޖަލު ހުކުމެއްވެސް ކޮށްފައެވެ. އެފަހުން ބޭސް ފަރުވާއަށް އެމަނިކުފާނު އިނގިރޭސީ ވިލާތަށް ވަޑައިގެން އެގައުމުން ހިމާޔަތް ހޯއްދަވައިގެން މިހާރު ހުންނަވަނީ އެގައުމުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.