މަރުވެފައިއޮތް މީހަކު ފިޔޯރީ މޫދުން ފެނިއްޖެ

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ފަޅުގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ލިޓަސް ނަމަކަށް ކިޔާ މަސްދޯންޏަކުން މަހަށްދާ ޒުވާނެކެވެ. އޭނާއަކީ ސ. ފޭދޫ ސްކައިނައިޓުގޭ އިބްރާހީމް ސައީދު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އޭނާ މޫދުގައި މަރުވެފައި އޮއްވައި ފެނިގެން ވަގުތުން ގެންދިޔައީ ފިޔޯރީ ސިއްހީ މަރުކަޒަށެވެ.

ފިޔޯރީ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ޝާކިރު ޑޮކްޓަރުންނާ ހަވާލާދީ ވިދާޅުވީ އުމުރުން 32 އަހަރުގެ މީހަކު މިއަދު އެތަނަށް ގެނައި ކަމަށެވެ. ގެނައިއިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލިޓަސް އެރަށު ބަނދަރަށްވަނީ މަސްވެރިކަމުގައި އުޅުމަށްފަހުއެވެ. އޭނާ ފެނިފައިވަނީ މޫދަށް ފޭބުމަށްފަހު ޚަބަރެއް ނުވެ ގިނައިރުވާން ފެށުމުން ހޯދަމުން ދަނިކޮށް މޫދުގެ އަޑިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އޭނާއަކީ ފިޓްޖެހޭ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފއިވެއެވެ. އެހެން ނަމަވެސް އަލީ ޝާކިރު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.