މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އިންސާފުވެރި ކަމާއި މިނިވަން ކަމާއެކު ބޭއްވުމަށް އޮތް ހަމައެކަނި ހުރަހަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އަރިއަތޮޅު އުތުރުބުރި (އއ) ރަސްދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި ކުރިއަށްއޮތް ފަސް އަހަރަށް ބަހައްޓާނެ މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބު މިއަހަރު އޮންނާނެ ކަމަށް އިލެކްޝަނުން ވިދާޅުވެފައިވާ ކަމަށެވެ.
އެ އިންތިޚާބު ބާއްވަން ތައްޔާރު ވަމުން ގެންދާއިރު އެއީ އިންސާފުވެރި އެހާމެ މިނިވަން އިންތިޚާބަކަށް ހަދަން އެންމެންވެސް ބޭނުންވާ ކަމަށާއި އެހެންނަމަވެސް އެކަމައޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ޔާމީން ކަމަށެވެ.
"ކުރިއަށް އޮތް ފަސްއަހަރަށް ވެރިކަން ކުރާނެ މީހަކު ހޮވަން އެބަޖެހޭ. ނަމަވެސް މިނިވަން އިންސާފުވެރި އިތިޚާބަކަށް އޮތް އެންމެބޮޑު ހުރަހަކީ ރައީސް ޔާމީން،" އިބޫ ވިދާޅުވިއެވެ.
މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭނުން ކަމަށްވާނަމަ ރައީސް ޔާމީން ވެރިކަމުން ދުރުކުރައްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ކުރެވޭނެ ގޮތް ގާނޫނު އަސާސީގައި އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިންސާފުވެރި މިނިވަން އިންތިޚާބެއް އަޅުގަނޑުމެން ބޭނުން ކަމަށްވާނަމަ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އެބަޖެހޭ. އެކަން ކުރަންވީގޮތް ގާނޫނު އަސާސީގައި އެބައޮތް. ރައްޔިތުން ކަމަކަށް އެދި ގޮވާލީމާ، ރައްޔިތުން ކަމެއް ބޭނުންވީމާ ރައްޔިތުން ކަންތައްތަކެއް ހަވާލުކޮށްފައިތިބޭ މީހުންނަށް ފަހަތަކަށް ނުޖެހެވޭނެ. އަޅުގަނޑުމެން ޖެހޭނީ ނުކުމެ އެކަން ކުރެވޭތޯ ބަލަން އަދި އެކަން ކުރަން،" އޭނާ ވިދާޅުވިއެވެ.
މިހިސާބަށް އައިއިރުވެސް އިނތިޚާބަށް ކުރިމަތިލާނެކަން އިއުލާން ކުރައްވައިފައިވަނީ ރައީސް ޔާމީން އެކަންޏެވެ. އެހެންނަމަވެސް އެމަނިކުފާނަކީ ކޮން ބޭފުޅެއްތޯ ވަރަށް ރަނގަޅަށް ރައްޔިތުން ބަލަންޖެހޭ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ދެހާސް ތޭރައިގައިވެސް މިއަހަރުވެސް އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޔާމީނަށް ރައްޔިތުން އަޣުލަބިއްޔަތު ވޯޓެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ނުދޭނެ ކަމަށް ވިދާޅުވިއެވެ.
"ދެހާސް ތޭރަ ވަނަ އަހަރުވެސް ރައްޔިތުން އިންތިޚާބުކުރީ އަބްދުﷲ ޔާމީނެއް ނޫން. ރައްޔިތުން އިންތިޚާބުކުރީ ގުޅިފައިއޮތް ކޯލިޝަނެއް. އޭގެ ވެރިއަކަށް ވެވަޑައިގެން އަބްދުﷲ ޔާމީން ހުންނެވީ. އެހެންނަމަވެސް އަޅުގަނޑުމެން ސުވާލުކޮށްލަން ރައްޔިތުން އިންތިޚާބުކުރި ވެރިކަން އެބައޮތްތޯ. އަޅުގަނޑަކަށް ނުފެނޭ. ރައީސް ޔާމީނަށް އޭރުވެސް ލިބިވަޑައިގެންނެވީ 25 ޕަސެންޓް،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބަކާ ހަމައަށް ދާއިރު ވެރިކަމުގައި ހުންނަވައިގެން ރައީސް ޔާމީން ކުރައްވަނީ ކޮންކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. "އިންތިޚާބަކަށް ދާއިރު ވެރިކަމުގައި ހުންނަވައިގެން ރައީސް ޔާމީން ކުރައްވަނީ ކޮންކަމެއްތޯއާއި ދެން ކުރައްވަން އުޅުއްވަނީ ކޮންކަމެއްތޯ ބަލަންޖެހޭ. ފެންނަމުންދާނީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ޚިޔާނާތް އެންމެބޮޑު ވައްކަން ރައްޔިތުންގެ ފައީސާއިން ކޮށްފިކަން. އަމިއްލަ ގެއަށްވެއްދީ ހަލާލު ފައިސާ ނޫންކަމަށް ރައީސް ޔާމީންވަނީ އިއުތުރާފުވެފައި،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަންވަނީ އިންތިހާއަށް ގޮސްފައި ކަމަށެވެ. އަނިޔާ ނުލިބޭ އާއިލާއެއް، ރަށެއް، ފަރުދެއް ނެތާ ބުންޏަށް ރަނގަޅުވާނެ ކަމަށެވެ. މިސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި މަރައިލީ ނުވަތަ ޝަހީދުވެގެންދިޔައީ ކިތައް މީހުންތޯ އިބޫ ސުވާލު ކުރެއްވިއެވެ. "ކޮބައިތޯ ޔާމީން ރަޝީދުގެ ގާތިލުން. ކޮބައިތޯ ރިޟްވާން ގެއްލުވައިލި މީހުން. އަދި އަދަށް ދާންދެން މިއިން އެއްވެސް ކަމަކަށް އިންސާފެއް ނިބިފައެއްނެތް. އަނިޔާކުރުމުގައި ތިމާގެ އާއިލާގެ މިހެއް، ރައްޓެއްސެއްމ ގާތްމީހެއް، އެކުވެރިއެއް ރައްޔިތެއް ބެލުމެއްނެތް، އިންތިހާއަށް އަނިޔާ މިވަނީ އިތުރުވެގެން ގޮސްފައި،" އިބޫ ވިދާޅުވިއެވެ.