އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް ގައިދީންނާމެދު އަމަލުކޮށްދީ: އަދާލަތު

ސިޔާސީ ބޭނުންތަކަށް ޖަލަށްލައިފައިވާ ބޭފުޅުންނާއި ޖަލުގައިތިބި އެހެން މީހުންގެ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް އަމަލުކޮށް ދެއްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އެޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު މިކަމަށް ގޮވައިލެއްވީ "އިސްލާހީ މަސައްކަތް" ކުރައްވަމުން ގެންދެވި އެތަށް ބަޔަކާމެދު "ތުހުމަތު ތަކެއް އުފައްދައި" އެބޭފުޅުން ޖަލުގައި ބަންދުކޮށް އެމީހުންނަށް ލިބެންވާ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ މިއަދު ދެއްކެވި ވާހަކަގައެވެ.

އެމައްސަލައިގައި ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް އެތަނަށް ވަޑައިގެންފައި ބައްދަލު ނުވުމުން މީޑިއާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކުށެއް ސާބިތުނުވެ ތުހުމަތުގައި ބަންދު ކުރެއްވިފައިވާ އެތައް ބަޔަކު ކަރެންޝަންސްގެ ބެއްލެވުމުގެ ދަށުގައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިގޮވާލަނީ އިންސާނީ ކަރާމާތާ އެއްގޮތަށް އަދި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އަދި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރާށޭ. އެއްވެސް ހާލެއްގައި ކުށެއްގެ ތުހުމަތުގައި ހުންނަ މީހާ ބަންދުކުރަން ކޯޓުން މިއަމުރު ކުރަނީ ގިނަފަހަރަށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވައިފާނެތީވެ،" އޭނާ ވިދާޅުވިއެވެ.

އެހާލަތުގައި އެމީހާ ބަންދު ކުރެވެންވާނީ އެކަން ނުކުރެވޭނެ ގޮތަށް އެކަނި ކަމަށާއި އޭނާއަށް އިތުރު އަދަބެއް ލިބޭނެ ގޮތަށް ބަންދު ނުކުރެވޭނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

"މިހާރު ޖަލުގައި ބަންދު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ބައިތިއްބާފައި އެތިއްބަވަނީ އެއްވެސް އިންސާނެއްގެ ހިލަމެއްވެސް ނުވާގޮތަށް ހަމަ މުޅިން އެކަހެރިކުރެވިފައި. މިއީ އެގޮތަކަށްވެސް

ގާނޫނުތައް ހުއްދަކުރާ ކަމެއްނޫން. އެބޭފުޅުންނަށް ތުހުމަތު ކުރެވިފައިވާ ކަންކަމާއި ބަންދުކުރެވިފައިވާ ގޮތަށް ބަލާއިރު އެބޭފުޅުންނާ މެދު އެގޮތަށް އަމަލު ކުރެވިގެން ނުވާނެ،" އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖުޑިޝަން އެޑުމިނިސްޓްރޭޓަރ ހަސަން ސައީދާއި، ގާސިމް އިބްރާހީމްގެ ދަރިކަލުން، ސިޔާދު ގާސިމާއި، ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމަށް އާއިލީ ބައްދަލުވުން ލިބުމުގައި ތަފާތުތަކެއްވެސް އެބަހުރި ކަމަށެވެ. ބައެއް ބޭފުޅުންނަށް ގޮޅީގެ ހާލަތު ފުރިހަމަވެފައި އެހެން ބޭފުޅުންނަށް ވަރަށް ދެރަވަރު ކަމަށްވެސް ވިދާޅުވިއެވެ. ބައެއް ބޭފުޅުން ފަންކާއެއްވެސް ލިބުނީ މިއަދު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެއްތުހުމަތެއްގައި އެއްކަމެއްގައި އެއްގޮތަކަށް އެއްހާލަތެއްގައި ތިއްބެވި ބޭފުޅުން އެހެންނަމަވެސް އެބޭފުޅުންނާމެދުވެސް ތަފާތުހުރި މިންވަރު މިދަންނަވާލީ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ވަޑައިގަންނަވަން ޖެހުނު ކޮންމެ ތަނަކަށް ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.