މައުމޫނުގެ ހާލުކޮޅު ރަނގަޅުވަންދެން އަރިހުގައި ބަހައްޓަވައިދެއްވާ: ނަސްރީނާ

ވެރިކަން ވައްޓާލުމާއި ރިޝްވަތު ދިނުމުގެ ބޮޑު ތުހުމަތުކޮށް މިހާރު ޖަލުގައި ބަންދުކޮށްފައިވާ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ގޯސްވެފައިވާތީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަންދެން އަރިހުގައި ބަހައްޓަވައި ދެއްވުމަށް ރައީސް މައުމޫންގެ އަނބި ކަނބަލުން އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންފައިވަނީ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުއްވެވި ސިޓީފުޅެއްގައެވެ.

އެކަމަނާ ވިދާޅުވެފައިވަނީ ރައީސް މައުމޫނުގެ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނަށް އާއިލާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ގެއަށް ބަދަލުކޮށް ދެއްވުމަށް ވެސް އެކަމަނާ ވަނީ އެދި ވަޑައިގެންފައެވެ. އެހެން ނޫން ކަމަށް ވާނަމަ އެމަނިކުފާނުގެ ޒަރޫރީ ކަންކަން ހަމަޖައްސަވައި ދެއްވުމަށް އެ މަނިކުފާނުގެ އަރިހުގައި އިންނެވުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށްވެސް އެކަމަނާ ވަނީ އެދި ވަޑައިގެންފައެވެ.

ރައީސް މައުމޫނުގެ ހާލުކޮޅު ދެރެވަފައިވާތީ އެމަނިކުފާނު ގިނިކަންޏާ ނުބެހެއްޓެވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އާއިލާއިން ވަނީ ވިދާޅުވެފައެވެ. އެހެންވެ މައުމޫންގެ އަނބި ކަނބަލުން ނަސްރީނާ އިބްރާހީމް މައުމޫން އަރިހަށް ވަޑައިގަތުމުގެ ފުރުސަތު ތަންކޮޅެއް ގިނައިން ފުލުހުން ދެއްވާ ކަމަށް ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.