އަބްދުﷲ ރިޔާޒުގެ އާއިލާއިން ހޯމްމިނިސްޓަރަށް ބޮޑު ތުހުމަތެއް

ބަންދުގައި މިހާރު ހުންނެވި ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އާއިލާއިން ހޯމްމިނިސްޓަރ އަޒުލީން އަހުމަދަށް ބޮޑު ތުހުމަތެއް ކޮށްފައެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި، އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒު ބުނީ ޖަލުގައި އަބްދުﷲ ރިޔާޒަށް ލިބެންވާ ހައްގުތައް ފުރިހަމައަށް ނުލިބެނީ ހޯމްމިނިސްޓަރު އަޒުލީންގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަބްދުﷲ ރިޔާޒު މިހާރު ހުންނެވީ ކަރެކްޝަންސް ގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައެވެ. "އަބްދުﷲ ރިޔާޒު ޖަލަށްލި ފަހުން އާއިލާއަށް ލިބިފައިވަނީ ޖުމްލަ ދެބައްދަލު. އެއީވެސް ވަރަށް މަސައްކަތުން ލިބުނު ދެ ބައްދަލުވުން. އޭގެ އިތުރަށް އޭނާ ބަލިވެގެން ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ކަރެކްޝަނުގެ ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައި. އެކަމަކު އަދިވެސް އެކަމެއް ނުކޮށްދޭ،" ރިޔާޒު ބުންޏެވެ.

އޭގެ އިތުރަށް އޭނާ ބަހައްޓައިފައިވާ ގޮޅީގެ ހާލަތު ވަރަށް ދަށްކަމަށާއި، އެތަނުގައިވާ ފަންކާގެ އަޑުގަދަކަމުން ނިދާނުލެވޭ ކަމަށް އަބްދުﷲ ރިޔާޒާ އެންމެފަހުން ބައްދަލުވި ފަހަރު ވިދާޅުވި ކަމަށް އަހުމަދު ރިޔާޒު ބުންޏެވެ. އޭނާ ބުނީ ޖަލުގައި ތިބި މީހުންނާ މެދު ވަރަށްބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި އަފަދަ ތަފާތު ކުރުންތައް ގެންގުޅުމަކީވެސް އާއިލާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. ވަކީލުންގެ ބައްދަލުވުން ތަކަށްވެސް ފުރުސަތު ދެނީ ހިތަށްއެރި ދުވަހަކު ހިތަށްއެރި ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ.

"ރޭވެސް 8:00 ގައި ވަކީލުންނަށް ގުޅާފައިބުނީ ރޭ 10:00 އަށް ވަކީލު ބައްދަލުވުމަށް މާފުށްޓަށް އަންނާށޭ. އަބްދުﷲ ރިޔާޒުގެ ވަކީލަކީ ހިސާން ހުސައިން، ކިހިނެއް އެގަޑީގައި ހިސާން ދާނީ. މިއީވެސް މައްސަލައެއް. އެހެން މީހުންގެ ވަގުތަށްވެސް ބަލަން އެބަޖެހޭ،" އަހުމަޒު ރިޔާޒު ބުންޏެވެ.

އޭނާ ބުނީ ޖުމްލަ ގޮތެއްގައި އަބްދުﷲ ރިޔާޒާމެދު ހުރި ކަންބޮޑުވުންތަކަކީ، ބަރާބަރަށް ސިއްހީ ފަރުވާ ނުލިބުމާއި، އާއިލީ އަދި ވަކީލުންގެ ބައްދަލުވުންތަކަށް ދަތިވުމާއި ބަހައްޓާފައިވާ ގޮޅީގެ ހާލަތުގެ ގޮތުން އޭނާއަށް ރަނގަޅަށް ނުނިދުމުގެ މައްސަލަ ކަމަށެވެ.

"މިހުރިހާ ކަމެއް މިހެން މިދަނީ ހޯމްމިނިސްޓަރު އަޒުލީން އަހުމަދުގެ ނުފޫޒުން ކަމަށް އަޅުގަނޑު ތުހުމަތުކުރަނީ. އުންމީދު ކުރަނީ މިހުރިހާ ކަމެއްވެސް ރަނގަޅުވެ ހަމަހަމަކަމާއެކު އެންމެންނަށް ވެސް ކަންކަން ފަހިވުން،" އަހުމަދު ރިޔާޒު ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.