އައްދީބަޖާތު: އިހުގެ ޢަރަބި ލިޔުންތަކުގައި ދިވެހިރާއްޖެ- 6

(18 އެޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އައްދީބަޖާތުން ލިބޭ ވަސީލަތްތަކުން އެތަނުގައި ބައެއް ބާވަތްތަކުގެ ސިނާއަތު ޤާއިމްވެފައި ވެއެވެ. އޭގެ ތެރޭގައި އުއި ފޭރާމުގެ މަސައްކަތް ހިމެނެއެވެ. އެހެނީ "އެމީހުންނަށްވުރެ މޮޅަށް ގަމީހާއި، ފަގުޑިއާއި މުންޑު ވިޔެއުޅޭ ބަޔަކު ނުތިބޭނެއެވެ. އަންނުވައިރީ އެމީހުން ސިފަކުރައްވާފައި ވަނީ "ވިޔުމުގައި އެންމެ ހުނަރުވެރި މީހުން" ކަމުގައެވެ. އެމީހުންނަކީ އުޅަނދު ބަނުމުގައި ވެސް ކުޅަދާނަ ބައެކެވެ. އެކަމަށް އެމީހުން ބޭނުންކުރަނީ ލަކުޑިއާއި ރޯނެވެ. އިންޑިޔާ ކަނޑާއި ބެހޭގޮތުން ލިއުއްވަމުން އަލްބަކްރީ ވަނީ އެކަމުގެ ސަބަބު ބަޔާންކުރައްވާފައެވެ. "މި ކަނޑުތަކުން ދަގަނޑު ވިރުވާލާ، އޮޑިފަހަރުގެ މޮހޮރު ހަލާކުކޮށްލައެވެ. އެހިސާބުގެ މީހުން އޮޑިފަހަރު ބަންނަނީ ހައިވަކަރުންނެވެ. މޮހޮރުގެ ބަދަލުގައި ބޭނުންކުރަނީ ރޯނެވެ." ބެލެވޭގޮތުގައި އޮޑިފަހަރު ބަނުމުގައި ދަގަނޑާއި ލޮއިގެ ބަދަލުގައި ރޯނު ބޭނުންކުރަނީ އިންޑިޔާ ކަނޑާއި އަރަބި ކަނޑުގައި މުރަކަތައް ގިނަވުމުންނެވެ. އަދި އައްދީބަޖާތުގެ ގިނަ ރަށްތަކުގެ އައްސޭރިފަށުގައި ގާ ގިނަވުމުންނެވެ. އަދި ލޮނުގެ ސަބަބުން މޮހޮރުތައް ނެއްޓި އޮޑިފަހަރު ހަލާކުވެ ޣަރަޤުވާތީއެވެ. އަދި އެކަމުގެ އެހެން ސަބަބެއްވެސް ވެދާނެއެވެ. އެއީ އިންޑިޔާ ކަނޑުގައިވާ ދަގަތްފާނުގެ ބާރަށް ދެމުމާ ދުރުވުމެެވެ. އެހެންނަަމަވެސް އަަހަރުމެން އެއީ ސަބަބެއް ކަމުގައި ނުބަަލަމެވެ. އެހެނީ، ކިތަންމެ ނަވެއް، ކަނޑިފަދަ ތަކެއްޗާއިގެން އެ ސަރަހައްދުން ދަތުރުކޮށްފައި ވާއިރު، ދަގަތްފާނަށް ދަމާފައި ނުވެއެެެވެ. އައްދީބަޖާތަށް އަންނަ ގިނަ އުޅަނދުތައް، އެއީ އިންޑިޔާގެ، ނުވަތަ ޢައްބާސީ ދައުލަތުގެ، އަދި ވަކިން ޚާއްޞަކޮށް ޔަމަނު އުޅަނދު ކަމުގައި ވިޔަސް، ހުންނަނީ އެ މިންގަނޑަށް ބަނދެފައެވެ.
އެއްރަށުން އަނެއް ރަަށަށް ދަތުރުކުރަން އެބައިމީހުން ވަރަށް ކުޑަ އުޅަނދު ބަނދެފައި ހުރެއެެވެ. "އަދި އެބައިމީހުން ދަނޑިންވެެސް އުޅަނދު ބަނދެއެވެ." އަދި "ރާނީގެ ހަރުފަަ"އިގެ ހަމުން، އެކަތި އަނެކައްޗަށް ގުޅުވައިގެން އެބައިމީހުން ދޫލަ ހަދައެވެ. ކުނާ ވިޔެފައި ހުންނަނީ ރުކުގެ ފަނުންނެވެ. އަދި އެބައިމީހުންގެ އެހެން އުފެއްދުންތަކުގެ ތެރޭގައި ކަހަނބު ފަތުން ގަހަނާާާއާއި ފުނާ ފަދަ ތަކެތި ހެދުން ހިމެނެއެވެ. އެެއި ކުލަކުލައިގައި ވަރަށް ސާފުކޮށް ހުންނަ އެއްޗެކެވެ. އަދި ލޮއިން ކަންވާރު (ތެލިތަށި ފަދަ ތަކެތި) ހެދުމާއި، ޣާލިޔާ އަތަރު އުފެއްދުން ހިމެނެއެވެ. އައްދީބަޖާތުގެ ޤުދުރަތީ ވަސީލަތަކާއި އެރަށްތަކުގެ ސިނާއީ މަސައްކަތްތަކުގެ ސަބަބުން އެރަށްތަކާއި، ތަފާތު ޤައުމުތަކާ ދެމެދު ވިޔަފާރި ބަދަލުކުރުން އިތުރުވެގެން ގޮސްފައި ވެއެވެ. އެހެންކަމުން އައްދީބަޖާތުގެ އެންމެ މަޝްހޫރު ބަނދަރުތަކާއި ބާޒާރުތައް ހުރީ ބޮޑެތި ރަށްތައް ކަމުގައިވާ 'މަހަލް' (މާލެ) އާއި، 'މުލޫކް' (މުލައް) އާއި 'ސުވޭދު' (ސުވާދީވް) ގައެވެ. އެ ވިޔަފާރި ބަދަލުކުރެވެނީ ދެ އުސޫލެއްގެ މަތިންނެވެ. ފުރަތަމަ އުސޫލަކީ ނަގުދު ދީފައި ގަތުމެވެ. "އެބައިމީހުންގެ ނަގުދު ފައިސާއަކީ ބޮއްޔެވެ." އެބައިމީހުން އަތުގައި ބޮލި ވަރަށް ގިނައެވެ. މީގެ ހެއްކަކީ އަލްއިދްރީސީގެ މިވާހަކަ އެވެ. "އަދި އެބައިމީހުންގެ ރަސްގެފާނު އޭނާގެ ޚަޒާނާގައި ބޮލި ރައްކާކުރެވެ. އެއީ ވަރަށް ގިނަ އެއްޗެކެވެ." ދެވަނަ އުސޫލަކީ މުދަލަށް މުދާ ބަދަލުކުރުމެވެ.
އަރަބިންނާއި އެރަށްތަކާ އޮތް ގޮޅުން
ޢަރަބި ރަށްތަކާއި އައްދީބަޖާތުގެ ރަށްތަކާ ދެމެދު އޮތް ގުޅުން ދެނެގަތުމަށްޓަކައި އެރަށްތައް އޮތީ ބައިނަލް އަޤްވާމީ ވިޔަފާރީގެ މަގުގައިކަން ދެނެގަތުން މުހިއްމެވެ. އެރަށްތަކާއި އަރަބިންގެ ރަށްތަކާ ދެމެދު މިކަމުގެ ސަބަބުން ގުޅުންތައް އިތުރުވެފައި ވެއެވެ. ފަހެ، ދެފަރާތް ގުޅުވައިދޭ ވިޔަފާރީގެ ތަފާތު މަގުތައް އެނގިފައި ވެއެވެ. އޭގެތެރެއިން އެއް މަގަކީ ބަސްރާއިން ފެށިގެން އައްސޭރި ފަށާ ކައިރިން އިންޑިޔާގެ ދެކުނުގައި އޮންނަ ކާލީކަޓަށް ގޮސް، އެތަނުން އައްދީބަޖާތަށް ދެވޭ މަގެވެ. އަދި ސީދާ އައްދީބަޖާތައް ދެވޭ މަގެއްވެސް އޮވެއެވެ. އެއީ ބަސްރާއިން ފުރައިގެން އައިސް މަސްޤަޠުގައި ބަނދަރުކޮށް، ކާބޯތަކެއްޗާއި ފެން ލައިގެން ސީދާ އައްދީބަޖާތަށް ދަތުރުކުރުމެވެ.
މިގުޅުމުގެ މުހިއްމުކަން ހާމަވެގެން ދަނީ އިރާގާއި، އަރަބިކަރައާއި، އަދި ވަކިން ޚާއްޞަކޮށް ޔަމަނާއި، އޮމާނާއި، މަޣުރިބުގެ މީހުންނާއި، އަރަބި ނޫން މުސްލިމުން ކަމުގައިވާ ސީރާފު މީހުން ފަދަ މީހުން (ސީރާފަކީ މިހާރު އީރާނުގައި އޮންނަ ބަންދަރު ސީރާފެވެ. =މުތަރުޖިމު=) އެރަށްތަކުގައި ވަޒަންވެރިވެ ތިބުމުންނެވެ. އެއީ ވިޔަފާވެރިވެރިންނާއި، އެމީހުންގެ އެޖެންޓުންނާއި، ދަތުރުވެރިންނެވެ. އަދި އެއަށްފަހު ވިޔަފާރީގެ ގުޅުމާއި ކައިވެނީގެ ގުޅުމުގެ ސަބަބުން އައްދީބަޖާތުގެ މީހުން އިސްލާމްވުމަށް ފަހު، މިފަދައިން ވަޒަންވެރިވީ މީހުން ވަނީ އައްދީބަޖާތުގެ އަހުލުވެރިންނާ މަސްހުނިވެފައެވެ. އައްދީބަޖާތުގެ ރަށަކާ ބެހޭގޮތުން އިބްނު ސަޢީދު ވިދާޅުވެފައިވާ މިވާހަކައިން އެކަން އެނގެއެވެ. "މިރަށުގެ ވަޒަންވެރިންގެ ތެރެއިން ގިނަ މީހުންނަކީ އަރަބިންނެވެ. އެއީ މުސްލިމުންނެވެ. އިންޑިޔާއަށްދާ ދަތުރުވެރިން އެރަށަށް ފައިބައި މަޑުކުރެއެވެ." އައްދީބަޖާތުން އެނބުރިއައި، މާވަހަރުގެ ވިޔަފާރިކުރާ އޮމާނާއި ސީރާފުގެ ބަޔަކާ އަލްމަސްޢޫދީއާއި ބައްދަލުވެފައި ވެއެވެ. ހަމަ އެފަދައިން ހިޖުރައިން 774 ވަނަ އަހަރު ޔަމަނާއި އޮމާނުގެ އިލްވެރިންގެ ބަޔަކާ އައްދީބަޖާތުން އިބްނު ބަޠޫޠާއާއި ދިމާވެފައި ވެއެވެ. އެ ބޭފުޅުންގެ ތެރޭގައި ޢީސާ އަލްޔަމަނީއީއި މުޙައްމަދު އައްޡިފާރީ ހިމެނެއެވެ. މީގެ އިތުރަށް އަރަބި ދަރިކޮޅުން އައިސްފައި ތިބި ފަނޑިޔާރުންނާއި، އިމާމުންނާއި، ޚަޠީބުން އެރަށްރަށުގައި ތިއްބެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ އިސް މަޤާމުތައް ފުރާފައިވެސް ވެއެވެ. އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީއަކީ މީގެ މިސާލެކެވެ. އަދި އިބްނު ބަޠޫޠާ ވެސް އައްދީބަޖާތުގައި ހުންނެވިއިރު ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރެއްވިއެވެ. (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.