(11 އެޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ) ދެން، މުހިއްމު ރަސްމިއްޔާތުތަކަށް ބަލާއިރު، އީދުތަކުގައި ރަނިކަމަނާ އާއްމުންގެ ތެރެއަށް ނުކުމެވަޑްއިިގަތުން ހިމެނެއެވެ. އެކަމަނާ ސަވާރުވެވަޑައިގެން އަދި އެކަމަނާގެ ފަަހަތުގައި ބާންދީން ސަވާރުވެގެން އެކަމަނާ ފުރިހަމަ ލިބާސްކޮޅުގައި ނީލަގެރި އެތާއި، ދިދަތަކާއި ދުންމާރިތަކާއެކު ނުކުމެވަޑައިގަންނަވައެވެ. އަދި އެކަމަނާގެ ފިރިކަލުންނާއި ވަޒީރުން ތަންކޮޅެއް ދުރުން އެކަމަނާގެ ފަހަތްޕުޅުން ނުކުމެވަޑައިގަންނަވައެވެ. އެކަމަނާ ވަޑައިގަންނަވާ މަގު ފަށުވީގެ ބާވަތްތަކުން ޒީނަތްތެރިކުރެވޭއިރު، އެކަމަނާ ތުރުކުރައްވައިގެން ހުންނަވަނީ ރިވެތި ހެދުންކޮޅެކެވެ. އެދުވަހު އެކަމަނާގެ އަމިއްލަފުޅު ފައިސާއިން ފަޤީރުންނަށް ހޭދަކުރައްވައެވެ. ރަނިމަކަމަނާގެ ބޮޑުވަޒީރަށްވެސް މިފަދަ ރަސްމިއްޔާތު ބޭއްވެއެވެ. ޚާއްސަކޮށް ފިޠުރު ޢީދާއި އަޟްޙާ ޢީދުގައްޔާއި، ހުކުރުނަމާދަށް ވަޑައިގަތުމުގައެވެ.
އައްދީބަޖާތުގައި ކުޑަ ލަޝްކަރެއް އޮވެއެވެ. އިބްނު ބަޠޫޠާ ވިދާޅުވެފައިވަނީ އެ ލަޝްކަރުގެ އަދަދަކީ ދެހާސް ކަމުގައެވެ. އެ ލަޝްކަރުގައި ގިނައީ ބިދޭސީންނެވެ. ބޮޑަށް ލަފާކުރެވެނީ އެއީ ހިންދުކަރައާއި ސަރަންދީބުން އައިސް ތިބި މީހުން ކަމުގައެވެ. އެ ދެތަން އެރަށްތަކާއި ކައިރިކަމުންނެވެ. އެރަށްތަކުގެ އަސްލު ވަޒަންވެރިން ލަޝްކަރުގައި ވަރަށް މަދެވެ. އެބައިމީހުންނަށް މަހު މުސާރައިގެ ގޮތުގައި ލިބެނީ ހަނޑުލެވެ. އެބައިމީހުންގެ ހަތިޔާރަކީ ކަނޑިއާއި އައްޑަނައާއި ލަޓިބުރިއެވެ. އެރަށްތަކުގެ ދާޚިލީ ހާލަތަށް ބަލާއިރު އެކި ދުވަސްވަރު ވާދަވެރި މީހުންގެ މެދުގައި ޖެހޭ މައްސަލަތައް ފާހަގަކުރެވެއެވެ. މިފަދަ އަރައިރުންތައް ބޮޑަށް ހިނގަނީ ވަޒީރުންނާއި، އަތޮޅުތަކުގެ ވެރިންނާއި، ރަނިކަމަނާގެ އަރިސް މީހުންގެ ތެރެއިން ވާދަވެރި މީހުންގެ މެދުގައެވެ. އެފަދަ މީހުން ހުއްޓުވަނީ 'ސުވޭދު' އަށް (ސުވާދީވަށް) ނުވަތަ 'ހަލްދުއްމަތީ' އަށް (ހައްދުންމައްޗަށް) އަރުވާލައިގެންނެވެ. ދެން އެބައިމީހުން ގަތުލުކޮށް އެބައިމީހުންގެ ފުށުން ސަލާމަތްވާނެ ބަޔަކު ފޮނުވައިގެންނެވެ. މިފަދަ ވާދަވެރި ބައެއް މީހުން ވަނީ ހިންދުކަރައިގެ ދެކުނުގެ ރަސްރަސްކަލުންނާ ގުޅެން މަސައްކަތްކޮށްފައެވެ. އެފަދަ މަސައްކަތްތައް ނިމުނީ އެބައިމީހުންގެ ބަޣާވާތް މައިތިރިކޮށް، އެބައިމީހުން އުފެއްދި ހަމަނުޖެހުންތައް ހުއްޓުވައިގެންނެވެ. އަނެއްކޮޅުން ހިންދުކަރައިގެ ލަޝްކަރުތަކާއި ކުރިމަތިލުމަކަށް ނުދިއުމަށް އައްދީބަޖާތުން އަބަދުވެސް މަސައްކަތްކޮށްފައި ވެއެވެ. އެހެންކަމުން އެރަށްތަކާ ހިންދުކަރައާ، އަދި ސަރަންދީބާ ދެމެދު އަބަދުވެސް ސުލްހަވެރި ގުޅުމެއް އޮވެއެވެ. އަދި ހިންދުކަރައިގެ ކަނޑުފޭރޭ މީހުންވެސް އައްދީބަޖާތުގެ ރަށްތަކާ ދިމާނުކުރާކަމަށް ވެއެވެ.
އައްދީބަޖާތުގެ ވަސީލަތްތަކާ އިޤްތިޞާދީ ހަރަކާތްތައް
އައްދީބަޖާތުގައި ދަނޑުވެރިކަމުގެ ހަރަކާތްތައް އޮންނަނި ވަރަށް ކުޑަ ބިންކޮޅެއްގައި، މަދު ރަށްތަކެއްގައެވެ. މިކަމުގެ ސަބަބެއް ކަމުގައި އަލްބައިރޫނީ ބަޔާންކުރައްވަނީ "އޭގެތެރޭން ބައެއް ރަށްތައް ދުވަސްވެ ގިރިގެންގޮސް ލޮނުގަނޑާ ހަމަވެ، ކަނޑުގެ އަޑިއަށް ދަނީއެވެ. ދެން ދޮންވެލި ގަނޑެއްގެ ގޮތުގައި އާރަށެއް ފާޅުވެ ބޮޑުވެ އުސްވަނީއެވެ. ދެން އަޑިއަށް ދިޔަ ރަށުގެ މީހުން އާރަށަށް ބަދަލުވަނީއެވެ." (އަލްބައިރޫނީ އެހެން ވިދާޅުވިޔަސް، ދިވެހިރާއްޖޭގެ ރަށްތައް ގިރިގެން ގޮސް އާރަށްތައް އުފެދުމަކީ އެހާ ހަލުވިކޮށް ހިނގާ ކަމެއް ނޫނެވެ. =މުތަރްޖިމު=) އިސްވެދިޔަ ބަސްކޮޅުން އެނގޭ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ދިޔަވަރު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްތައް އަޑިޔަށް ދިއުމުން އެރަށްރަށުގެ ދަނޑުވެރިން އެހެން ރަށްރަށް ބަދަލުވެއެވެ. އަދި މިގޮތަށް ބަލަދުވާއިރު އެމީހުން އަލުން އާބާދުވާ ރަށްރަށަށް ރުއްގަސް ގެންދެއެވެ. އެރަށްތަކުގައި ދަނޑުވެރިކަން ދަށްކަމަށް އިޝާރާތްކުރައްވަމުން އިބްނު ބަޠޫޠާ ވިދާޅުވަނީ "މިއިން އެއްވެސް ރަށެއްގައި ދަނޑުވެރިކަމެއް ނެތެވެ. ސުވޭދު ސަރަހައްދު (ސުވާދީވް އަތޮޅު) ފިޔަވައެވެ." އެ އަތޮޅުގައި ދަނޑުވެރިކަން ރަނގަޅުވީ ކީއްވެގެން ކަމެއް އިބްނު ބަޠޫޠާ ބަޔާންކުރައްވާފައި ނުވެއެވެ.
ކަންހުރީ އެހެންނަމަވެސް، އެމީހުންގެ ދަނޑުވެރިކަމުގެ ތެރޭގައި އުއްދަނޑި ހެއްދުން ހިމެނެއެވެ. އެރަށްތަކުގައި ހައްދާ ގިނަ އުއްދަނޑި ހުންނަނީ ކަޅުކުލައިގައެވެ. އަދި ދިވެހި ރުއް ހެއްދުމަކީވެސް އައްދީބަޖާތުގެ މީހުން އިސްކަންދީގެން ކޮށް އުޅުނު ކަމެކެވެ. ސުލައިމާނުއް ތާޖިރު ވިދާޅުވެފައިވާ ފަދައިން "އެރަށްތައް އޮންނަނީ ރުކުން ފުރިފައެވެ." އިބްނު ބަޠޫޠާވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެރަށްތަކުގައި މައިގަނޑު ގޮތެއްގައި ހެދެނީ ދިވެހި ރުކެވެ. "ދިވެހި ރުކުގައި އަހަރަކު ބާރަ އިހާ ނުކުމެއެވެ. ކޮންމެ މަހަކު އިހަލެކެވެ. އޭރުން، ބައެއް އިހަލުގެ އެއްޗެތި ކުދިކޮށް ހުއްޓާ އަނެއްބައި އިހަލުގައި ބޮޑެތި އެއްޗެތި، ހިކި އެއްޗެތި، އަދި ފެހި އެއްޗެތިވެސް ހުންނާނެއެވެ." ގަސްގަހުން ގޮފި ކަނޑައި އިންދައިގެން ހެއްދުމަކީ މުލަކުގައި ވަރަށް ގިނައިން ކޮށްއުޅުނު ކަމެކެވެ. (މި މުލަކަކީ ފުވައްމުލައް ކަމެއް ނުވަތަ މުލަކަތޮޅު މުލައްކަމެއް ސާފު ނުވެއެވެ. =މުތަރްޖިމު=) އިބްނު ބަޠޫޠާ ވިދާޅުފައިވަނީ "އެއީ އެންމެ ފެހި، އެންމެ ހިތްގައިމު ރަށެވެ. އެރަށުން ފެނުނު އަޖާއިބެއް ފަދަ އެއްކަމަކީ، ގަހުން ގޮފި ކަނޑާފައި ބިމުގައި ޖެހުމުން ފަތްނުކުމެ ހެދިގެން ގަހަކަށް ވުމެވެ. އަދި މުޅި އަހަރު ތެރޭގައިވެސް އަންނާރު ހުސްނުވާކަން ފާހަގަކުރެވުނެވެ." މީގެ އިތުރަށް، ގޮނޑު ދޮށާއި ކައިރި، ފެންގަނޑު އޮންނަ ހިސާބުތަކުގައި ހަނޑޫ ހައްދައެވެ. ހަނޑުލަކީ ގަސް ފެޅީއްސުރެ ކަނޑަންދެން ފެން ބޭނުންވާ އެއްޗަކަށް ވާތީއެވެ. އަދި ބިލަތާއި، ފަތް ކޭލާއި، ލުނބޮޔާއި، ނިޔަނދުރު ފަދަ ތަކެތި ވެސް ހައްދައެވެ. ހުނވަދުލުމަށް ބޭނުންކުރެވޭ ބާވަތް ބާވަތުގެ ގަހާއި، ހަވާދުގެ ބާވަތްތައް ވެސް އެރަށްތަކުގައި ހައްދައެވެ. އެ ރަށްތަކުގައި ހައްދާ ގަސްތަކުގެ ތެރެއިން ފެއްފޯއް ރުއް ފާހަގަކޮށްލެވެއެވެ. އޭގެ ގަސްގަނޑު ދިގުވެފައި ފަންތައް ދިގެވެ. އެ ފަންތައް އޭގެ މޭވާގެ އިހާތައް އަތްވާއި، ހޫނާއި، ގަދަ ވައިން ރައްކާތެރިކުރެއެވެ. އެ ރުއް ހައްދަނީ ފެން ލިބޭ ހިސާބުތަކުގައެވެ.
އައްދީބަޖާތުގެ ގަސްތަކުގެ ތެރެއިން އިބްނު ބަޠޫޠާ ބަޔާންކުރައްވާފައިވާ ގަސްތަކުގެ ތެރޭގައި ކެލާ ގަސް ހިމެނެއެވެ. އޭގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ރަތް ކެލާ (ކަނަހަނދުން) އަދި ރީނދޫ ކެލައެވެ. ރަތް ކެލަޔަކީ ލަކުޑިގަނޑު ހަރު، ވަހެއް ނުހުންނަ އެއްޗެކެވެ. ވަޑާމުގެ މަސައްކަތާއި، ތަސްބީހަ ފަދަ ތަކެތި ހެދުމުގެ މަސައްކަތުގައި އޭގެ ލަކުޑި ބޭނުންކުރެވެވެ. އެލަކުޑި ހަރުވެފައި ރީތިވީމައެވެ. ރީނދޫ ކެލާ ބޭނުންކުރެވެނީ އަތަރާއި، ހާރާއި، ބޭސް ހެދުމަށެވެ. އަދި ހައިވަކަރުގަހާއި، އަލައާއި، ދިރި ގަސް ވެސް އެރަށްތަކުގައި ހެދެއެވެ. މިގަސްތަކުގެ ބޭނުން ކެއުމުގައްޔާއި، ވިޔާފާރީގައްޔާއި، ބޭސް ފަދަ ތަކެތި އުފެއްދުމުގައި ކުރެވެ.
އައްދީބަޖާތުގެ ޖަނަވާރުތަކާއި ބެހޭގޮތުން ދައްކާނެ މުހިއްމު ވާހަކައެއް ނެތެވެ. އެރަށްތަކުގެ ޖަނަވާރުތަކާ ބެހޭ ގޮތުން އައިސްފައި ހުރި ވާހަކަތައް މަދުކަމުންނެވެ. ކަނޑުގެ ދިރުމުގެ ވާހަކަ ފިޔަވައެވެ. އެރަށްތަކުގައި އެއިން މާވަހަރު ނަގާ ބޮޑުމަސް ވަރަށް ގިނައެވެ. އައްސޭރިއާއި ކައިރި ހިސާބުތަކުގައި އުޅޭ ކުދި މަސް ކާން ބޮޑު މަސްތައް އާދެއެވެ. އެ މަސްތަކުން ނެގޭ މާވަހަރު ހިމެނެނީ އެންމެ ފެންވަރު ރަނގަޅު މާވަހަރުގެ ތެރޭގައެވެ. ދެން އެރަށްތަކުގެ ކަނޑުގައި އުޅޭ ތަކެތީގެ ތެރޭގައި ބިޔަ ކަނޑު ހަރުފަ ހިމެނެއެވެ. އެއަށް ކިޔައި އުޅެނީ 'ރާނީގެ ހަރުފަ' އެވެ. (ލަފާކުރެވެނީ އެއީ ވެން ކަމުގައެވެ. = މުތަރްޖިމު = ) އެއިން ތެޔޮ ނަގައިގެން އެތެޔޮ ތަފާތު ބަލިބައްޔަށް ބޭސްކުރުމަށް ބޭނުންކުރެވެއެވެ. މިއީވެސް އައްސޭރިފަށުގައި އުޅޭ އެއްޗެކެވެ. އަދި ހަމަ އެ ހިސާބުތަކުގައި އައްދީބަޖާތުގެ ކުލަ ރީތި ވެލާވެސް އުޅެއެވެ. ފާހަގަކޮށްލެވޭ މަސްތަކުގެ ތެރޭގައި މިޔަރު ހިމެނެއެެވެ. އެއީ މީހުންނާއި ޖަނަވާރަށް ހަމަލާދީ ކައިއުޅޭ މަހެކެވެ. އަދި ކަޅުބިލަމަސް ވެސް ހުރެއެވެ. އަދި އެނޫނަސް ތަފާތު ވައްތަރުގެ މަސް ހުރެއެވެ.
އެ ރަށްތަކުގައި ކޮންމެވެސް ވަރަކަށް ނީލަގެރި އެތް އުޅެއެވެ. ދޫންޏަށް ބަލާއިރު، ކާޅު އުޅޭ ކަމަށް އިބްނު ބަޠޫޠާ އިޝާރާތް ކުރައްވާފައި ވެއެވެ. އޭނާ ކުޑަ ރަަށަކަށް ވަޑައިގަތް އިރު އެރަށުން "ކާޅު ފިޔަވައި އެހެން ދޫންޏެއް ނުފެންނަ" ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ. އަދި އެ ރަށްތަކުގައި ގިނަ އަަދަދަކަށް ކުުކުޅު އުޅެއެެވެ. އައްދީބަޖާތުގެ ބިމުން ނެގޭ ތަކެއްޗަށް ބަލާއިރު ޔާގޫތު ފަދަ އަގުހުރި ހިިލައިގެ ބާވަތްތައް ހިމެނެއެވެ. އަދި އިންޑިޔާ ކަނޑުގައި އެ ރަށްތަކުގެ ކައިރީގައި ގިނަ އަދަދަކަށް ރަންމުތް ހުރެއެވެ. އަދި އެ އައްސޭރީގައި ގިނަ އަދަދަކަށް ބޮލި ހުރެއެެވެ. މީގެ އިތުރަށް ލޮއި ވެސް އެރަށްތަކުން ފެނެއެވެ. (ނުނިމޭ)