މިއީ ޢިރާޤުގެ މޫސަލް ޔުނިވަރސިޓީގެ ޖާނަލް އެފް އެޑިޔުކޭޝަން އެންޑް ސައިންގައި 2011 ވަނަ އަހަރު ޢަރަބި ބަހުންޝާއިޢުކުރެވުނު ދިރާސާއެއްގެ ތަރުޖަމާއެވެ. އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ހިސްޓްރީ ޑިޕާޓްމަންޓުގެ ޑޮކްޓަރ ސުފްޔާން ޔާސީން އިބްރާހީމް ކުރައްވާފައިވާ މިދިރާސާގައި ބައްލަވާފައިވަނީ މެދުތެރޭ ޤަރުނުތަކުގައި (ހިޖުރީ 3 ވަނަ ޤަރުނާއި 8 ވަނަ ޤަރުނާއި ދެމެދު، މީލާދީ 9 ވަނަ ޤަރުނާއި 14 ވަނަ ޤަރުނާއި ދެމެދު) ލިޔެވުނު ޢަރަބި ފޮތްތަކުގައި ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ ވާހަކަތަގެ މައްޗަށެވެ. އުއްމީދަކީ ދިވެހި ތާރީޚަށް ޝަޢުޤުވެރިކަން ހުންނަ ބޭފުޅުންނަށް މި ތަރުޖަމާއި ފައިދާއެއް ކުރުމެވެ.
މުތަރުޖިމު: މުޙައްމަދު ޢަބްދުﷲ
ޚުލާޞާ
މި ދިރާސާގެ ބޭނުމަކީ އައްދީބަޖާތުގެ ޖަޒީރާތައް ދެނެގަތުމެވެ. އެތަނަށް ނަންކިޔުނު ގޮތާއި، ޖޯގްރަފީ ގޮތުން އެތަން އޮތް ތަން ދެނެގަތުމެވެ. އަދި އެތަނުގެ އަހުލުވެރިންގެ އިޖްތިމާއީ އަދި ދީނީ ސިފަތަކާއި، ވެރިކަންކުރުމުގެ ނިޒާމު އޮތްގޮތް ހޯދައި ބެލުމެވެ. މީގެެ އިތުރަށް އެރަށްތަކާއި އަރަބިކަރައިގެ ރަށްތަކާ ދެމުދު އެދުވަސްވަރު އޮތް ގުޅުންތައް ބަލައި، އެކަމުގެ ސަބަބުން ދެ ފަރާތުގެ ޙަޟާރަތު މުއްސަނދިވުމަށް މެދުވެރިވި އީޖާބީ ސަބަބުތައް ދެނެގަަނެ އަދި އެގުޅުންތަކުގެ ސަބަބުން އެރަށްތަކާމެދު ޢަރަބިންގެ މަޢުލޫމާތު މުއްސަނދިވީ ވަރު ހޯދުމެވެ.
މުޤައްދިމާ
އައްދީބަޖާތު (ދިވެހިރާއްޖެ) ގެ ރަށްތަކާއި، ޢަރަބިންނާ ދެމެދު އޮތް ގުޅުން ބެލެވިފައިވަނީ ޚާއްޞަ ގުޅުމެއްގެ ގޮތުގައެވެ. އެއީ އެރަށްތަކަށް ދަތުރުކޮށް އެރަށްތަކުގައި އިސްލާމްދީން ފެތުރުމުގައި ޢަރަބިން އަދާކުރި ދައުރުގެ ސަބަބުންނެވެ. އެހެންކަމުން އެރަށްތަކާ ބެހޭ ގިނަ މަޢުލޫމާތުތަކެއް އެބައިމީހުން ގެނެސްދީފައި ވެއެވެ. ޢަރަބިންނާ އެރަށްތަކާ ދެމެދު އޮތް ގުޅުންތައް ބިނާވެފައި އޮތީ ވަކިވައްތަރެއްގެ ގުޅުމެއްގެ މައްޗަކަށް ނޫނެވެ. ތަފާތު ވައްތަރުގެ ގުޅުންތައް އޮތެވެ. ކުރީގެ ޢަރަބި ފޮތްތަކުގައި، ވަކިން ޚާއްޞަކޮށް ރަށްތަކުގެ މަޢުލޫމާތު ގެނެސްދީފައިވާ ފޮތްތަކުގައި، އައްދީބަޖާތުގެ ތާރީޚުގެ ތެރެއިން ދިގު މުއްދަތެއްގެ ވާހަކަ އައިސްފައި ވެއެވެ. އެކަމުގެ ސަބަބަކީ ޢަރަބިންނަށް އެރަށްތަކާ މެދު އެނގިފައިވާ މަޢުލޫމާތު މުއްސަނދިވުން ކަމުގައިވެސް ވެދާނެއެވެ. އަދި އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ އެހާދިސާތަކުގެ ތެރޭގައި އުޅެ ހަމަލޮލުން ބެލުމަށް ފަހު ލިޔެފައިވާ ވާހަކަތަކެވެ. މީގެ މިސާލަކީ އިބްނު ބަޠޫޠާ (މ. 770ހ./1369) އެރަށްތަކާ ބެހޭގޮތުން ލިއުއްވާފައިވާ ވާހަކަތަކެވެ.
ދެެފަރާތުގެ މި ގުޅުމާ، ޙަޟާރީ މުޢާމަލާތްތަކުން ހާމަވެގެން ގޮސްފައިވަނީ ގަައުމުތަކުގެ ރައްޔިތުންގެ މެދުގައި އުފެދޭ ގުޅުންތަކުގެ އީޖާބީ އިންސާނީ ސިފަތަކެވެ. މީގެ އިތުރަށް އެހެން ގައުމުތަކުގެ މީހުންނާ މުޢާމަލާތްކުރުމުގައްޔާއި އެގައުމުތަކުގެ ސަޤާފަތް މުއްސަނދިކުރުމުގައި ޢަރަބިން އިސްދައުރެއް އަދާކޮށްފައި ވާކަމެވެ. އައްދީބަޖާތު (ދިވެހިރާއްޖެ) ގެ ރަށްތަކާ ޢަރަބި ކަރައިގެ ރަށްތަކާ ދެމެދު މެދުތެރޭ ޤަރުނުތަކުގައި (ހިޖުރީ 3-8 / މީލާދީ 9-14 ވަނަ ޤަރުނު) އޮތް ގުޅުން ދެނެގަނެ އެކަމާ ބެހޭގޮތުން އިތުރަށް ހޯދައި. އެރަށްތަކާ ބެހޭގޮތުން ޢަރަބިން ގެނެސްދީފައިވާ މަޢުލޫމާތުތައް ދެނެގަތުމުގެ މަސައްކަތްކުރުން މުހިއްމުވެގެން ދަނީ މިސަބަބަށްޓަކައެވެ.
މި ދިރާސާގައި ހިމެނިގެން ވަނީ މުޤައްދިމާއަކާ، އެރަށްތަކަށް ނަންދެވުނު ގޮތާ އެ ރަށްތައް ޖޯގްރަފީގޮތުން އޮތް ތަނާ، އެރަށްތަކުގެ މީހުންގެ އިޖުތިމާއީ އަދި ދީނީ ހަޔާތާއި، އެ ރަށްތަކުގެ ވެރިކަމާއި އިދާރީ ހިންގުމު ނިޒާމާއި، އެ ރަށްތަކުގެ ޤުދުރަތީ މުއްސަނދިކަމާއި އިޤްތިސާދީ ހަރަކާތްތަކާއި، އެރަށްތަކާއި ޢަރަބިންނާއި އޮތް ގުޅުމާއި ބެހޭ ހޯދުން ތަކެވެ. އަދި ބައެއް ޗާޓުތަކާއި، އެރަށްތަކުން ފެނުނު ލިއުމެއްގެ ނަކަލު ހިމެނިފައި ވާނެއެވެ.
މިދިރާސާއަށް މައިގަނޑު ގޮތެއްގައި މައުލޫމާތު ނަގާފައިވަނީ ތީރީޚީ، އަދި ޖޯގްރަފީ މަސްދަރުތަކުންނެވެ. މީގެ އިތުރަށް ޢަރަބި ބަހުން ލިޔެވިފައިވާ ނުވަތަ ޢަރަބި ބަހަށް ތަރުޖަމާކުރެވިފައިވާ އެހެން ފޮތްތަކާއި، ބޭރު ބަސްބަހުން ލިޔެވިފައިވާ ކަމާ ގުޅުން ހުރި ފޮތްތަކުން މައުލޫމާތު ހޯދާފައި ވާނެއެވެ.
އެ ރަށްތަކުގެ ނަމާއި ޖޯގްރަފީ ގޮތުން ރަށްތައް އޮންނަ ތަން
ދުނިޔޭގެ ރަށްތަކާ ބެހޭ ޢަރަބި އިސްލާމީ މަޞްދަރުތަކުގައި، މިހާރު ދިވެހިރާއްޖެ (جزر المالديف Maldive Islands ) އޭ ކިޔޭ ދީބަޖާތުގެ ( جزر الديبجات Deebajat Islands) ރަށްތަކަށް ތަފާތު ނަންނަން ކިޔާފައި ވެއެވެ. މިގޮތުން ސުލައިމާނު އައްތާޖިރު (ހިޖުރީ ތިންވަނަ / މީލާދާ ނުވަވަނަ ޤަރުނުގައި) އެރަށްތަކަށް އައްދީބަޖާތު ކިޔުއްވާފައި ވެއެވެ. ހަމަ އެދަފައިން އަލްހަމަދާނީ ވެސް (ހިޖުރީ ހަތަރުވަނަ / މީލާދީ ދިހަވަނަ ޤަރުނުގައި) އެ އެރަށްތަކަށް ދެއްވާފައި ވަނީ އެނަމެވެ. އެހެނަސް، އަލްމަސްޢޫދީ (މ. 346ހ./957މ.) އެރަށްތަކަށް ކިޔުއްވާފައިވަނީ ހިރްކިންދު ކަނޑުގެ ރަށްތަކެވެ.(جزر بحر هركند Islands of Hirkind Sea). އައްދީބަޖާތު، މިނަމުގެ މާނަ ބަޔާންކުރައްވަމުން އަލްބައިރޫނީ (މ. 440ހ./1048މ.) ވިދާޅުވެފައި ވަނީ 'ދީބު' (ديب) އަކީ އިންޑިޔާގެ ބަހަކުން ރަށް ކަމުގައެވެ. އެހެންނަމަވެސް 'ޖާތު' (جات) ގެ މާނަ އޭނާވަނީ ދޫކޮށްލައްވާފައެވެ. ސެންސްކްރިތު ބަހުގައި (Sanskrit Language) 'ޖާތު' އަކީ އެއްވައްތަރެއްގެ ސިފަތައް ލިބިފައިވާ، ތަފާތު ގްރޫޕެކެވެ. ނުވަތަ ޖަމާއަތެކެވެ. މިބަސް ފަހުން މަޝްހޫރުވީ އިންޑިޔާގައި ދިރިއުޅޭ ވަކި ދަރަޖައެއްގެ ބަޔަކަށެވެ. މިބަސް އަރަބި ބަހަށް ގެނެވިފައި ވަނީ 'زط' ގެ ގޮތުގައެވެ. މިފަހުގެ ދިރާސާއެއްގައި އެހެން ގޮތަކަށް އައިސްފައި ވެއެވެ. އޭގައި ވާގޮތުން 'جات' އަކީ ބިލަތެވެ. ނުވަތަ 'القات' އެވެ. ބިލަތަކީ އެރަށްތަކުގައި މަޝްހޫރު އެއްޗެކެވެ. އަދި މެހުމާނުން ދިއުމުން ވެސް ދީއުޅޭ އެއްޗެކެވެ. އިންޑިޔާގެ ޖާތު މީހުން އެއްވެސް އިރެއްގައި އެރަށްތަކުގައި އުޅުނުކަން އެނގިފައި ނެތަސް އެ ރަށްތަކުގެ ނަން ގުޅުވުން އެންމެ ރަނގަޅުކަމަށް އަހަރުމެންނަށް ފެނުނީ ސެންސްކްރިތު ބަހާއެވެ. އަދި ބިލަތާއި ނުވަތަ 'القات' އާއި އެނަން ގުޅިފައިވުމަކީ ދުރުކަމެއް ކަމުގައި އަހަރުމެން ދެކެމެވެ. އެއީ 'القات' އަކީ މާފަހުން އައިސްފައިވާ ބަހަކަށް ވާތީއެވެ. އަދި އައްދީބަޖާތުގެ ނަމާ 'القات' ނުވެސް ގުޅޭތީއެވެ.
އަލްބައިރޫނީގެ ފަހުން ރަށްތަކާ ބެހޭގޮތުން ލިއުނު ގިނަ ލިޔުންތެރިން އެ ރަށްތަކަށް ކިޔާފައި ވަނީ އައްދީބަޖާތު އެވެ. އަލްއިދްރީސީ (މ. 560ހ./1164މ.) ފިޔަވައެވެ. އޭނާ އެރަށްތަކަށް ކިއުއްވާފައި ވަނީ އައްދީބަޙާތު (الديبحات) އެވެ. ޙަޤީޤަތުގައި އަލްއިދްރީސީ ލިއުއްވަން އުޅުއްވީ އައްދީބަޖާތު ކަމަށް ވިދާޅުވެ މަޤްބޫލު އަޙްމަދު ވަނީ އެތަން އިސްލާހުކުރައްވާފައެވެ.(ނުނިމޭ)